ކުރިޔަށް އޮތް ދުވަސްތަކުގައި އެއްވެސް ކުޅިވަރެއް ތަފާތުކުރުމެއްނެތި، ރާއްޖޭގެ ކުޅިވަރު ކުރިއެރުވުމުގައި ސަރުކާރުން ދޭންޖެހޭ އެންމެހާ އެހީތެރިކަމަކާއި އެއްބާރުލުމެއް ދެއްވާނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ދެއްވައިފިއެވެ. އެމަނިކުފާނު މި ޔަޤީންކަން ދެއްވީ ސައުތް އޭޝިއަން ގޭމްސްގައި މެޑަލް ހޯދި އެތުލެޓިކްސް ޓީމާއި ޓޭބަލް ޓެނިސް (ޓީޓީ) ޓީމުގެ އެތުލީޓުންނަށް މަރުޚަބާ ވިދާޅުވުމަށް ބޭއްވެވި ބައްދަލުކުރެއްވުމުގައި ވާހަކަފުޅުދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި، އެމަނިކުފާނުގެ އަރިހުގައި، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަޞީމާއި ދައުލަތުގެ ބައެއް އިސް ވެރިން ބައިވެރިވެވަޑައިގެންނެވިއެވެ. އަދި، ރައީސުލްޖުމްހޫރިއްޔާ ވަނީ ސައުތް އޭޝިޔަން ގޭމްސްގައި މެޑަލް ހާސިލުކޮށް ރާއްޖެއަށް ރީތި ނަން ހޯދައިދިން ހުރިހާ ކުޅިވަރު ކުޅުންތެރިންނަށް މަރުޙަބާ ވިދާޅުވަފައެވެ.

މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ މިއަދަކީ ރާއްޖޭގެ ކުޅިވަރު ތާރީޚުގައިވެސް އައި ފާހަގަކޮށްލެވޭ ފަޚުރުވެރި އުފާވެރި ދުވަހެއްކަމުގައި ވިދާޅުވެ، މިއީ ދިވެހި އެތުލީޓަކު ސައުތު އޭޝިޔަން ގޭމްސް މުބާރަތެއްގައި ރަން މެޑަލެއް ހޯދި ފުރަތަމަ ފަހަރުކަން ފާހަގަކުރައްވާފައެވެ.

މިމޭރުމުން ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިގޮތުގައި، ބައެއް އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުން އަމާޒުވީ ނަމަވެސް، މި ސަރުކާރުން ކުޅިވަރު ކުރިއެރުވުމަށް މަސައްކަތްކުރަމުން ދަނީ ކުޅިވަރަކީ ޒުވާނުންނަށް އަދި ޤައުމަށް ނުހަނު ފައިދާކުރާ ދާއިރާއަކަށްވުމުންކަމުގައެވެ.

އެމަނިކުފާނުގެ ވާހަކަފުޅުގައި ކުޅިވަރުގައި ކާމިޔާބީ ހޯދުމަށް ކޮންމެހެން ބޮޑު ޤައުމަކަށް ވާކަށް ނުޖެހޭކަމަށާއި، ބޭނުންވަނީ ރަނގަޅު ޕްލޭނަކާއިއެކު ކުޅިވަރު ކުޅޭނެ ރަނގަޅު ވަޞީލަތްތަކެއް ޤާއިމުވެފައިވުންކަމުގައި ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ ވަނީ މިފަހުން ރާއްޖޭގެ ހުރިހާ ކުޅިވަރެއްގައިވެސް އަންހެން ކުޅިވަރު ކުޅުންތެރިންގެ ބައިވެރިވުން އިތުރުކަން އުފަލާއެކު ފާހަގަކުރައްވާ، އެއްވެސް އެތްލީޓަކު ތަފާތުކުރުމެއްނެތި ސަރުކާރުން އެހީތެރިކަން ފޯރުކޮށްދޭނެކަމުގައި ވިދާޅުވެފައެވެ.