ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ޕްރޮސިކިއުޓަރ ޖެނެރަލްގެ މަގާމަށް، ހެންވޭރު ހިޔާކަން، އަލްއުސްތާޛު ޙުސައިން ޝަމީމު މިއަދު ޢައްޔަން ކުރައްވައިފިއެވެ.
މި ރަސްމިއްޔާތު ބާއްވަވާފައި ވަނީ މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

ޕްރޮސިކިއުޓަރ ޖެނެރަލްގެ މަގާމަށް، އަލްއުސްތާޛު ޙުސައިން ޝަމީމު އައްޔަން ކުރައްވާފައިވަނީ ޤާނޫނުއަސާސީގެ 221 ވަނަ މާއްދާ އާއި، ޕްރޮސިކިއުޓަރ ޖެނެރަލްގެ ޤާނޫނުގެ 3 ވަނަ މާއްދާގައިވާ ގޮތުގެމަތީންނެވެ. އަލްއުސްތާޛު ޙުސައިން ޝަމީމު ވަނީ އިނގިރޭސި ވިލާތުގެ ސަސެކްސް ޔުނިވަރސިޓީން، ކްރިމިނަލް ލޯ އެންޑް ކްރިމިނަލް ޖަސްޓިސްގެ ދާއިރާއިން މާސްޓާރސް ޑިގްރީ ޙާސިލުކުރައްވާފައެވެ. އަދި އަލްއުސްތާޛު ޙުސައިން ޝަމީމު ވަނީ މިސްރުގެ އަލް އަޒްހަރު ޔުނިވަރސިޓީން ޝަރީޢާ އެންޑް ލޯގެ ދާއިރާއިން ބެޗްލަރ ޑިގްރީ ޙާސިލުކުރައްވާފައެވެ.

މިއަދު ބޭއްވި ރަސްމިއްޔާތުގައި ޕްރޮސިކިއުޓަރ ޖެނެރަލްގެ މަގާމަށް، އައްޔަންކުރެއްވި އަލްއުސްތާޛު ޙުސައިން ޝަމީމުގެ މަޤާމުގެ ހުވައި ލައިދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑޮކްޓަރ އަޒްމިރާލްދާ ޒާހިރެވެ.