އާޖެންޓީނިއަން ރިޕަބްލިކާއި ރިޕަބްލިކް އޮފް ސައިޕްރަސްގެ އިތުރުން ދަ ކިންގްޑަމް އޮފް ދަ ނެދަލޭންޑްސް ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައެޅި އާ ސަފީރުން އެބޭފުޅުންގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށް މިއަދު އަރުވައިފިއެވެ. ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތުތައް ބާއްވަވާފައިވަނީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.
ފަތްކޮޅުއެރުވުމުގެ ރަސްމިއްޔާތަށްފަހު ރައީސުލްޖުމްހޫރިއްޔާ ވަނީ އާޖެންޓީނާގެ އާ ސަފީރު ހިޒް އެކްސަލަންސީ މިސްޓަރ ޑެނިއަލް ޗުބޫރޫއާއި ސައިޕްރަސްގެ އާ ސަފީރު، ހިޒް އެކްސެލްނެސީ މިސްޓަރ އެގިސް ލޮއިޒޫ އަދި ނެދަލޭންޑްސްގެ އާ ސަފީރު، ހަރ އެކްސެލެންސީ އެމް. އެސް. ޓާންޔާ ހޮންހުރައިޕާއި ވަކިވަކިން ބައްދަލުކުރައްވާފައެވެ.
އާޖެންޓީނާގެ އާ ސަފީރު، ހިޒް އެކްސެލެންސީ ޑެނިއަލް ޗުބޫރޫ އާއެކު ރައީސުލްޖުމްހޫރިއްޔާ ބޭއްވެވި ބައްދަލުކުރެއްވުމުގައި، ސަރުކާރުން ދިވެހިރާއްޖޭގެ ތަރައްޤީއަށް ރާވާފައިވާ މަޝްރޫޢުތަކުގެ މައްޗަށް ރައީސުލްޖުމްހޫރިއްޔާ އަލިއަޅުއްވާލައްވާފައިވެއެވެ. އެގޮތުން ސަރުކާރުގެ ސްޓްރެޓީޖިކް އެކްޝަން ޕްލޭންގެ ތެރެއިން ނޫ އިޤްތިޞާދުގެ ލަނޑުދަނޑިތައް ހާޞިލްކުރުމަށް ކުރެވޭ މަސައްކަތްތަކުގައި އާޖެންޓީނާއާއި ރާއްޖެ ގުޅިގެން މަސައްކަތް ކުރެވިދާނެ ދާއިރާތަކާމެދު ދެބޭފުޅުން މަޝްވަރާކުރެއްވިއެވެ. އެގޮތުން ރާއްޖޭގެ ފަތުރުވެރިކަން ފުޅާކުރުމާއި ގްރީން އެނަރޖީގެ ޕްރޮޑަކްޓްތައް ތަޢާރަފް ކުރުމުގެ އިތުރުން އާޖެންޓައިން ފަންޑް ފޮރ ސައުތު-ސައުތު އެންޑް ޓްރޭންގިއުލަރ ކޯޕަރޭޝަންގެ ތެރެއިން ސައުތު-ސައުތު ކޯޕަރޭޝަން ޕްރޮމޯޓް ކުރުމާމެދު ދެބޭފުޅުން މަޝްވަރާކުރައްވާފައިވެއެވެ.
ސައިޕްރަސްގެ އާ ސަފީރު، ހިޒް އެކްސެލެންސީ މިސްޓަރ. އެގިސް ލޮއިޒޫ އާއެކު ރައީސުލްޖުމްހޫރިއްޔާ ބޭއްވެވި ބައްދަލުކުރެއްވުމުގައި، ދެޤައުމުގެ ދެމެދުގައި އެކި ދާއިރާތަކުން ގުޅުން ބަދަހިކުރުމަށް މަޝްވަރާކުރެވުނެވެ. އެގޮތުން، ވިޔަފާރިއާއި ޓޫރިޒަމްގެ އިތުރުން ތިމާވެއްޓާއި ތިމާވެށީގެ ދާއިރާއިން ދެޤައުމު ގުޅިގެން ކުރެވިދާނެ މަސައްކަތްތަކާ ބެހޭގޮތުން ދެބޭފުޅުން މަޝްވަރާކުރެއްވިއެވެ. މިބައްދަލުކުރެއްވުމުގައި ސައިޕްރަސްގެ އާ ސަފީރު ދެއްކެވި ވާހަކަފުޅުގައި، ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ފާހަގަކުރެއްވި ފަތުރުވެރިކަމާއި ތިމާވެށީގެ ދާއިރާގެ އިތުރުން މޫސުމަށް އަންނަ ބަދަލުތަކާގުޅޭގޮތުން ރާއްޖެއަށް އެހީތެރިވެދިނުމަށް ޝައުގުވެރިކަން ފާޅުކުރައްވާފައިވެއެވެ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙު، ނެދަލޭންޑްސްގެ އާ ސަފީރު، ހަރ އެކްސެލެންސީ އެމް. އެސް. ޓާންޔާ ހޮންހުރައިޕާއިއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައި ދެޤައުމުގެ ދެމެދުގައިވާ ސިޔާސީ ގުޅުމަށް 40 އަހަރު ވެފައިވާކަން ފާހަގަކުރައްވާފައިވެއެވެ. މީގެއިތުރުން ދިވެހިރާއްޖެއަށް ޒިޔާރަތްކުރާ ނެދަލޭންޑްސްގެ ފަތުރުވެރިންގެ އަދަދު ކުރިޔަށްއޮތް ދުވަސްތަކުގައި އިތުރުވެގެންދާނެ ކަމަށް އުންމީދު ކުރައްވާކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. ރާއްޖެއާއި ނެދަލެންޑްސްއާއި ދެމެދުގައި އެއްގޮތް ގިނަ ކަންތައްތަކެއް ހުރިކަން ފާހަގަކުރައްވައި، މޫސުމީ ބަދަލުތަކާއި ތިމާވެއްޓަށް ކުރާ ނޭދެވޭ އަސަރުތަކާ ދެކޮޅަށް ކުރާ މަސައްކަތުގައި ދެޤައުމު ގުޅިގެން ކުރިޔަށް ދިއުމާއި، ވިޔަފާރީގެ ގުޅުން އިތުރަށް ހަރުދަނާކުރުމާ ގުޅޭގޮތުން ދެބޭފުޅުން މަޝްވަރާކުރެއްވިއެވެ.