މުލިއާގެއަކީ މިރާއްޖޭގެ އެވޭލާ ރަސްމަތިފުށުގެ ތާރީޚާއި ގުޅިފައިވާ ސަގާފީ ތަރިކައިގެ ތެރޭގައި ހިމެނެންޖެހޭ ތަނެއްކަމުގައި ދެކެވަޑައިގަންނަވާކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ މުލިއާގެއަށް 100 އަހަރުފުރުމުގެ މުނާސަބަތުގައި މިރޭ މުލިއާގޭގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މުލިއާގެއަކީ ތާރީޚެއް އޮތްތަނެއް ކަމުގައި ވިދާޅުވެ ރައީސުލްޖުމްހޫރިއްޔާ ވަނީ މުލިއާގޭގައި ދައުލަތުގެ އެތައް ވުޒާރާއެއް ހިންގެވުމުގެ އިތުރުން ވަރަށް ގިނަ ޚިދުމަތްތަކެއް އެތަނަކާ ގުޅިފައިވާ ތަނެއްކަމަށް ވިދާޅުވިއެވެ. އެގޮތުން މުލިއާގޭގައި ރިޔާސީ ގަނޑުވަރާއި ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި ބޮޑުވަޒީރުގެ އޮފީހާއި ދާހިލީ ވުޒާރާއާއި ޙާރިޖީ ވުޒާރާގެ އިތުރުން ސުޕްރީމް ކޯޓާއި ރައްޔިތުންގެ މަޖިލީހުގެ ބައްދަލުވުމާއި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމާއި ވަލީ ކޮމިޓީ ހިންގުމުގެ އިތުރުން ދިވެހިރާއްޖެ އިނގިރޭސިންގެ އިސްތިޢުމާރުން މިނިވަންކުރުމުގެ މުހިއްމު ވާހަކަ ދެކެވުނީވެސް މުލިއާގޭގައިކަން ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ސަގާފަތާއި ތާރީޚް ރައްކާތެރިކުރުމަކީ ވަރަށް މުހިއްމު އަދި ބޭނުންތެރިކަމެއް ކަމުގައި ވިދާޅުވިއެވެ. އަދި ދިވެހިރާއްޖެއަކީ އެވޭލާ ޒަމާނުގެ މުއްސަނދި ސަގާފަތަކާއި ތަރިކައެއް އޮތް ތަނެއް ކަމުގައި ވިދާޅުވިއެވެ. އަދި އަޅުގަނޑުމެންގެ ސަގާފަތާއި ތަރިކަ ރައްކާތެރިކުރުމަކީ އަންނަން އޮތް ޖީލުތަކަށް، އަޅުގަނޑުމެންގެ ކާބަފައިން އުޅުނު ގޮތާ، ކުރި މަސައްކަތް ފޯރުކޮށްދިނުމަށްޓަކައި މިއަދު އަޅުގަނޑުމެންގެ ކޮނޑުގައި އެޅިފައިއޮތް ވާޖިބެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ސަގާފަތަކީ މިއަދުގެ ގޮތުންނަމަ އިޤްތިޞާދުގެވެސް ބައެއް ކަމަށާއި ދުނިޔޭގެ އެކި ޤައުމުތަކުން އެކި ރަށްރަށަށް ފަތުރުވެރިން ދަތުރުކުރާ އެންމެ މުހިއްމު އެއް ސަބަބަކަށްވެފައި އޮންނަނީ އެޤައުމެއްގެ ތަރިކައާއި އެޤައުމެއްގެ ސަގާފަތާއި އެޤައުމެއްގެ ދިރިއުޅުން ހުރިގޮތް ދެނެގަތުންކަމުގައި ވިދާޅުވިއެވެ. އަދި ޚާއްޞަކޮށް މި މިލޭނިއަމްގެ ކުދިން ދަތުރުކުރުމުގައި އެންމެ އިސްކަމެއްދޭ ކަމަކަށްވެފައި އޮންނަނީ ތަރިކައާއި ސަގާފަތް ދެނެގަތުން ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

މިސަރުކާރުން ދިވެހިރާއްޖޭގެ ތަރިކައާއި ސަގާފަތް ރައްކާތެރިކޮށް ދެމެހެއްޓުމަށްޓަކައި އިސްކަންދެއްވައިގެން ވަޒީރުންގެ މަޖިލީސް އެކުލަވާލިއިރުގައި މިނިސްޓްރީ އޮފް އާރޓްސް ކަލްޗަރ އެންޑް ހެރިޓޭޖްގެ ނަމުގައި އާވުޒާރާއެއް އުފައްދަވާފައިވާކަން ފާހަގަކުރެއްވިއެވެ. އަދި އޭގެ ފަހުން ސަގާފީ ތަރިކައާ ބެހޭ ޤާނޫނެއްވެސް މިސަރުކާރުން ވުޖޫދަށް ގެނެސްދީފައިވާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

މުލިއާގޭގެ އާ އިމާރާތަށް 100 އަހަރު ފުރިގެންދާ މި މުނާސަބާގައި، މުލިއާގޭގެ ތާރީޚު އެތައް އަހަރަކަށް ދެމިގެންދާކަން ހާމަކުރައްވާ، މިގޯތީގައި އިމާރާތެއް ހުންނަތާ މިހާރު 300 އަހަރުވެފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

“އެއީ މުލީ ހަތީބު މުޙައްމަދު ތަކުރުފާނު، މީގެ 300 އަހަރު ކުރިން ހުޅަނގު ދެކުނުކޮޅުގައި އެޅި ކުޑަކުޑަ އިމާރާތެއް. ބިންގަލެއް އަޅާ، ރާނާ އޭގެމަތީގައި މެއްލަޖަހާ ހެދި ގެއެއް. އެގެ ވާރުތަވަމުންއައިސް ހަސަން އިއްޒުއްދީން. އަޅުގަނޑުމެންގެ ދޮންބަންޑާރައިންނަށް މައިފުށުން އެގެ ވާރުތަވެގެންދިޔައީ. އެއަށްފަހު އައްސުލްޠާން އިބްރާހިމް ނޫރައްދީނަށް އެގެ ވާރުތަވުމަށްފަހުގައި އެގެ، އެރަސްގެފާނުގެ ދޮށީ މަނިއްޕުޅު ޝަމްސުއްދީން ތިނަކަށް އެގެ ވާރުތަވެގެންދިޔަ. އެއަށްފަހު އެރަދުން ރަސްކަމުގައި ހުންނަވާ، އެރަދުންގެ ދޮށީ ދަރިފުޅު އަދި ހަމައެކަނި ހުންނެވި ފިރިހެން ދަރިފުޅު ޕްރިންސް އިއްޒުއްދީނަށް މިގެ ހައްދަވާދެއްވީ. މިއަދު އަޅުގަނޑުމެންނަށް މިފެންނަ އިމާރާތަކީ އެއީ” މުލިއާގޭގެ ތާރީޚަށް ނަޒަރު ހިންގަވާލައްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މިރޭގެ ރަސްމިއްޔާތުގައި، މުލިއާގެއަށް ވިހި އަހަރަށްވުރެ ދިގު މުއްދަތަށް ޚިދުމަތްކޮށްދެއްވި ބޭފުޅުންގެ އަގުވަޒަންކުރުމުގެ ގޮތުން 29 ބޭފުޅަކަށް ހަނދާނީ ފިލާ ދެއްވާފައިވެއެވެ.

މުލިއާގެއަށް ދިގު މުއްދަތަކަށް ޚިދުމަތްކުރެއްވި ދެބޭފުޅުން އުމްރާގެ މަތިވެރި އަޅުކަމަށް ފުރާވަޑައިގެންފައިވާތީ މިވަގުތު މާލޭގައި ވަޑައިގެން ނޫޅުއްވި ނަމަވެސް 49 އަހަރު މުލިއާގެއަށް ޚިދުމަތްކުރެއްވި އިބްރާހިމް ޒަކީގެ އިތުރުން 42 އަހަރު މުލިއާގެއަށް ޚިދުމަތްކުރެއްވި އިބްރާހިމް ހަލީމްގެ ނަންފުޅު ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ވަކިން ފާހަގަކުރައްވާ، އެދެބޭފުޅުންނަކީ ދެވަނަ ޖުމްހޫރިއްޔާގެ 6 ރައީސުންނާއެކު ވަރަށް އިޚްލާސްތެރިކަމާއެކު މަސައްކަތް ކުރެއްވި ދެ ބޭފުޅުން ކަމުގައި ވިދާޅުވެ އެދެބޭފުޅުންނަށް ޝުކުރުއަދާކުރައްވާފައިވެއެވެ.

މިރޭގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމްގެ އިތުރުން ކުރީގެ ރައީސް މައުމޫން ޣަބްދުލްޤައްޔޫމާއި ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ބައިވެރިވެވަޑައިގެންނެވިއެވެ.