އިންޑިޔާ ސަރުކާރާއި ދިވެހި ސަރުކާރާއި ދެމެދު މުހިންމު 4 އެއްބަސްވުމެއް ބަދަލުކުރައްވައިފިއެވެ.
މިއަދު ހަވީރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ބޭއްވެވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސާލިޙާއި އިންޑިޔާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީ ބައިވެރިވެ ވަޑައިގެންނެވިއެވެ. އަދި ދެ ލީޑަރުން ވަނީ މިއަދުގެ ރަސްމިއްޔާތުގައި ދެ ޤައުމުގެ މެދުގައި ބަދަލުކުރެވުނު އެއްބަސްވުންތަކާ ބެހޭގޮތުންނާއި ދެ ޤައުމުގެ ރަހުމަތްތެރި ގުޅުމާބެހޭގޮތުން ވާހަކަފުޅު ދައްކަވާފައެވެ.
ކޯސްޓްގާޑަށް "ކާމިޔާބު" ކަނޑު އުޅަނދު ހަދިޔާކުރެއްވުން
މި ރަސްމިއްޔާތުގައި ފުރަތަމަ އޮތީ އިންޑިޔާއިން ރާއްޖޭގެ ކޯސްޓްގާޑަށް ހަދިޔާކުރި ކަނޑު އުޅަނދު " ކާމިޔާބު" ދިވެހި ސަރުކާރާ ހަވާލުކުރުމެވެ. މި އުޅަނދާގުޅޭ ލިޔެކިއުންތަކާއި ދިވެހި ސަރުކާރުގެ ފަރާތުން ހަވާލުވެ ވަޑައިގެންނެވީ ދިފާޢީ ވަޒީރު އަލް އުސްތާޛާ މާރިޔާ އަޙްމަދު ދީދީ އެވެ. އިންޑިޔާ ސަރުކާރުގެ ފަރާތުން މި ލިޔުން ހަވާލުކޮށްދެއްވީ އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ސަންޖޭ ސުދީރެވެ. ދިގުމިނުގައި 28 މީޓަރު ހުންނަ މި އުޅަނދަކީ ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބެލެހެއްޓުމަށް ފަސޭހަކަން ލިބިގެންދާނެ އަދި ޒަމާނީ ޓެކްނޮލޮޖީގެ ވަޞީލަތްތައްވެސް ޤާޢިމުކުރެވިފައިވާ އުޅަނދެކެވެ. މި އުޅަނދުގެ ކަންކަން ބެލެހެއްޓުމަށް ޚާއްޞަކުރެވިގެން އެމްއެންޑީއެފްގެ 7 ބޭފުޅަކު ވަނީ ތަމްރީނު ކުރެވިފައެވެ.
އައްޑޫ ސިޓީގެ 3 ރަށެއްގައި "ގޭދޮށު މަސް ޕްލާންޓް" ޤާޢިމުކުރުން
މި ރަސްމިއްޔާތުގައި ދެން ބަދަލުކުރެވުނީ އިންޑިއާ ސަރުކާރުގެ އެހީގައި އައްޑޫ ސިޓީގެ 3 ރަށެއްގައި "ގޭދޮށު މަސް ޕްލާންޓް" ޤާޢިމުކުރުމާގުޅޭ އެއްބަސްވުންތަކެވެ. މި ތިން އެއްބަސްވުމުގެ މަޤްޞަދަކީ އައްޑޫ ސިޓީގައި މަސް ޕްލާންޓްތައް ބަހައްޓައި، ކަނޑުމަސް ގަނެ، ޕްރޮސެސްކޮށް، އަގު އެއްކުރެވޭ ބާވަތްތައް އުފެއްދުމެވެ. އެގޮތުން މިއިން ކޮންމެ މަސްޕްލާންޓެއް ގާއިމުކުރެވޭނީ 20 ޓަނުގެ އައިސް އުފައްދައި 10 ޓަނުގެ މަސް ފިނިކޮށް ބެހެއްޓޭނެ ވަސީލަތްތައް ހިމެނޭގޮތަށެވެ. މި މަސްޕްލާންޓުތަކުން މަސް ކިރުމާއި ސާފުކުރުމާއި ފިނިކުރުމާއި ގަނޑުކުރުމާއި ވެކިއުމްޕެކް ކުރުމާއި ޕެކޭޖްކުރުމާއި ކޮލިޓީ ޓެސްޓުކުރުމާއި ތަފާތު ވައްތަރުގެ މަސް ޕްރޮސެސްކުރުމުގެ މަސައްކަތް ކުރެވޭނެއެވެ. މި މަސްޕްލާންޓުތައް ޤާއިމު ކުރުމުން 400 ޓަނާއި 800 ޓަނާއި ދެމެދުގެ އަދަދަކަށް މަސް ގަނެ ޕްރޮސެސް ކުރުމަށް މަގުފަހިވެގެންދާނެއެވެ.
މަސްޕްލާންޓުތައް ތައްޔާރުކޮށް ހިންގަން ފެށުމަށް 6 މަސް ދުވަސް ހޭދަވާނެކަމަށް ލަފާކުރެވޭއިރު، ގޭދޮށު މަސްޕްލާންޓަކީ މި ސަރުކާރުގެ މެނިފެސްޓޯގައި ފާހަގަކޮށްފައިވާ ޚާއްސަ މަޝްރޫޢެކެވެ. މި މަޝްރޫޢުގެ އަނެއް ބޭނުމަކީ މަސްވެރިންނަށް ލިބޭ އާމްދަނީ އިތުރުކުރުމާއި ވަޒީފާގެ ފުރުޞަތުތައް ފަހިކޮށްދިނުމާއި މަސްގަތުމާއި މަސް ޕްރޮސެސްކުރުމުގެ ވަސީލަތްތައް ރާއްޖޭގައި އިތުރުކުރުމާއި އަގު އެއްކުރެވޭ މަހުގެ އުފެއްދުންތައް އިތުރުކޮށް، ރައްޔިތުންގެ އާމްދަނީ އިތުރުކުރުމެވެ.
މިއަދު ބޭއްވެވި ރަސްމިއްޔާތުގައި މި އެއްބަސްވުންތައް ބަދަލުކުކުރުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ބައިވެރިވެ ވަޑައިގެންނެވީ ޚާރިޖީ ވަޒީރު ޢަބުދުﷲ ޝާހިދެވެ. އަދި އިންޑިޔާ ސަރުކާރުގެ ފަރާތުން ބައިވެރިވެ ވަޑައިގެންނެވީ އިންޑިޔާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ސަންޖޭ ސުދީރެވެ. މި އެއްބަސްވުންތަކުގައި ސޮއިކުރައްވާފައި ވަނީ މިއަހަރުގެ މާރިޗު މަހުގެ ތެރޭގައި އިންޑިޔާގެ ކުރީގެ މިނިސްޓަރ އޮފް އެކްސްޓަރނަލް އެފެއާޒް މަރްޙޫމާ ސުޝްމާ ސްވަރާޖް ރާއްޖެއަށް ކުރެއްވި ދަތުރުފުޅުގެ ތެރޭގައެވެ. އައްޑޫ ސިޓީ ކައުންސިލުގެ ބެލުމުގެ ދަށުން ހިންގެވުމަށް ހަމަޖެހިފައިވާ މި މަޝްރޫޢުތަކުގައި ހިމެނޭ ގޭދޮށު މަސްޕްލާންޓްތައް ޤާޢިމުކުރުމަށް ހަމަޖެހިފައި ވަނީ އައްޑޫސިޓީގެ ހިތަދޫ، ހުޅުދޫ-މީދޫ އަދި މަރަދޫގައެވެ.
ރާއްޖޭގައި އިންޑިޔާގެ ރުޕޭ ކާޑު ބޭނުންކުރެވޭ ގޮތަށް ހެދުން
މިއަދު ބޭއްވެވި ރަސްމިއްޔާތުގައި ތިންވަނައަށް ބަދަލުކުރެވުނު އެއްބަސްވުމަކީ ރާއްޖޭގައި އިންޑިޔާގެ ރުޕޭކާޑު ބޭނުންކުރުމާގުޅޭ އެއްބަސްވުމެވެ. މި އެއްބަސްވުން ބަދަލުކުރެވުނީ ބޭންކް އޮފް މޯލްޑިވްސްއާ އިންޑިޔާގެ ލީޑް އޮފް އިންޓަރނޭޝަނަލް އެލަޔަންސް އޮފް ނޭޝަނަލް ޕޭމަންޓްސް ކޯޕަރޭޝަނާއި ދެމެދުއެވެ.
މި އެއްބަސްވުމުގެ ސަބަބުން ދެ ޤައުމުގެ ދޭދޭ ފަރުދުންގެ ގުޅުންތައް ބަދަހިވުމަށް މަގުފަހިވެގެންދާނެއެވެ. އަދި މި އެއްބަސްވުމުގެ ސަބަބުން އިންޑިޔާއިން ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށް ރާއްޖޭގައި ފައިސާގެ މުޢާމަލާތްތައް ކުރުމުގައި އިތުރު ލުއިފަސޭހަކަން ލިބި އިންޑިޔާއިން ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު އިތުރުވެގެންދާނެއެވެ.
މާލޭގެ މަގުބައްތިތައް ލެޑްބޮކީގެ ބައްތިތަކަކަށް ބަދަލުކުރުމުގެ މަޝްރޫޢު
މިއަދު ބޭއްވެވި ރަސްމިއްޔާތުގައި ބަދަލުކުރެވުނު އަނެއް އެއްބަސްވުމަކީ މާލޭގެ މަގުބައްތިތައް ލެޑްބޮކީގެ ބައްތިތަކަކަށް ބަދަލުކުރުމުގެ މަޝްރޫއާބެހޭ އެއްބަސްވުމެވެ. މި މަޝްރޫޢުގެ ދަށުން މާލޭގެ މަގުބައްތިތައް ތިމާވެއްޓާ ރަހުމަތްތެރި ލެޑްބޮކީގެ މަގުބައްތިތަކަށް ބަދަލުކުރެވިގެންދާނެއެވެ. އެގޮތުން މިއެއްބަސްވުމުގެ ދަށުން 2500 މަގުބައްތި ލެޑުބައްތިއަށް ބަދަލުކުރެވޭނެއެވެ. މީގެ ސަބަބުން މާލޭގައި ހަކަތައަށް ކުރާ ހޭދައިގެ ތެރެއިން އަހަރަކު ގާތްގަޑަކަށް 0.8 މިލިޔަން ރުފިޔާ ސަލާމަތްކުރެވިގެންދާނެއެވެ. އަދި މީގެ ސަބަބުން ޖައްވަށް ބޭރުކުރާ ކާބަންޑައި އޮކްސައިޑުގެ ބޮޑު ޢަދަދެއް މަދުކުރެވިގެންދާނެއެވެ. ލެޑުބޮކީގެ މަގުބައްތި ހަދިޔާކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ މާލޭ ސިޓީ ކައުންސިލާ، އިންޑިއާގެ އެނަރޖީ އެފިޝަންސީ ސާވިސް ލިމިޓެޑާ އެކުގައެވެ.
ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް މިއަދު މި ބޭއްވެވި ރަސްމިއްޔާތަކީ ދިވެހި ސަރުކާރާ ދޭދޭ ޤައުމެއްގެ ސަރުކާރަކާއެކު މިގޮތަށް ބޭއްވެވި މިފަދަ ފުރަތަމަ ރަސްމިއްޔާތެވެ.