މި ސަރުކާރުން އެންމެ އިސްކަންދޭ އެއް ކަމަކީ އިންޑިއާއާއި ރާއްޖޭގެ ރަހުމަތްތެރިކަމުގެ ގުޅުން ދެމެހެއްޓުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ އިންޑިއާ ސަރުކާރާއި ދިވެހި ސަރުކާރާއި ދެމެދު ވެފައިވާ މުހިންމު 4 އެއްބަސްވުމެއް ބަދަލުކުރުމަށް މިއަދު ހަވީރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ވީޑިއޯ ކޮންފަރެންސްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މިރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައި ރައީސުލްޖުމްހުރިއްޔާ ވަނީ އިންޑިއާއާއި ރާއްޖޭގެ ޒަމާންވީ ރަހުމަތްތެރިކަމުގެ ގުޅުން އަލުން ބަދަހިވެގެން ގޮސްފައިވާތީ އެކަމުގެ ހިތްހަމަޖެހުން ފާޅުކުރައްވާފައެވެ. އަދި ދެ ޤައުމުގެ ގުޅުން ކުރިމަގުގައި އިތުރަށް ބަދަހިވެގެން ދާނެކަމަށް އުންމީދުކުރައްވާކަމުގައި ވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ދެޤައުމުގެ ދެމެދުގައި މިއަދު ބަދަލުކުރެވުނު އެއްބަސްވުންތަކަކީ ރާއްޖެއަށް ވަރަށް މުހިންމު އެއްބަސްވުންތަކެއްކަން ފާހަގަކުރެއްވިއެވެ. އެގޮތުން މިއަދުގެ ރަސްމިއްޔާތުގައި އިންޑިއާ ސަރުކާރުން ރާއްޖޭގެ ކޯސްޓް ގާޑަށް ހަދިޔާކުރެއްވި ކަނޑު އުޅަނދަކީ ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބެލެހެއްޓުމަށް ވަރަށް މުހިންމު އެހީއެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މީގެ އިތުރުން އައްޑޫ ސިޓީގެ ތިން ރަށެއްގައި ގޭދޮށު މަސް ޕްލާންޓް ޤާއިމުކުރުމަށް އިންޑިޔާއިން ދޭ އެހީގެ އެއްބަސްވުމާ ބެހޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ އައްޑޫ ސިޓީގައި މިފަދަ ޕްލާންޓްތައް ޤާއިމުކުރުމަކީ މި ސަރުކާރުގެ މުހިންމު ވަޢުދެއްކަން ފާހަގަކުރައްވާފައެވެ. އަދި މިއީ މަހަށް ރަނގަޅު އަގު ހޯދައިދިނުމާއި ގިނަ ބަޔަކަށް ވަޒީފާގެ ފުރުޞަތު ފަހިވެގެން ދިއުންފަދަ އެތައް ފައިދާތަކަކާއި ގުޅިފައިވާ މަޝްރޫޢުތަކެއްކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. މީގެއިތުރުން މިއަދު ބަދަލުކުރެވުނު، މާލޭގެ މަގުބައްތިތައް ލެޑް ލައިޓަށް ބަދަލުކުރުމަށް އިންޑިއާއިން ދޭ އެހީގެ އެއްބަސްވުމަކީ ރާއްޖޭގެ ހަކަތައިގެ ދާއިރާ އިޢާދަކުރަނިވި ހަކަތައަށް ބަދަލުރުމާއި ޖައްވަށް ބޭރުކުރާ ވިހަގޭސް މަދުކުމަށް ރާއްޖެއިން ކުރަމުންދާ މަސައްކަތަށް ލިބުނު މުހިންމު ކުރިއެރުމެއްކަމުގައި ވެސް ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. މިއަދުގެ ރަސްމިއްޔާތުގައި ބަދަލުކުރެވުނު "ރުޕޭ ކާޑު" އެއްބަސްވުމަކީ ރާއްޖެއަށް ޒިޔާރަތްކުރާ އިންޑިއާގެ ފަތުރުވެރިންނަށް ފަހޭހަތަކެއް ލިބިގެންދާނެ އަދި އެކަމުގެ ސަބަބުން އިންޑިއާއިން ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު އިތުރުވުމަށް މަގުފަހިވެގެންދާނެ ކަމެއްކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
މިރަސްމިއްޔާތުގައި އިންޑިޔާގެ ބޮޑުވަޒީރު، ނަރެންދުރަ މޯދީ ދެއްކެވި ވާހަކަފުޅުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ރާއްޖޭގެ ވެރިކަމާ ހަވާލުވެވަޑައިގެންނެވިތާ އެއް އަހަރު ފުރުމުގެ މުނާސަބާގައި ރައީސުލްޖުމްހޫރިއްޔާއާއި ދިވެހި ސަރުކާރަށް ތަހުނިޔާއާ މުބާރަކު ބާދީ ވިދާޅުވިއެވެ. އަދި މި ފާއިތުވި އަހަރަކީ ރާއްޖޭގެ ޑިމޮކްރަސީ ހަރުދަނާވެގެންދިޔަ އަދި ރާއްޖެ ތަރައްޤީގެ މަގުގައިވެސް ކުރިއެރުންތަކެއް ޙާސިލުކުރި އަހަރެއްކަން ފާހަގަކުރައްވަމުން އިންޑިއާގެ ބޮޑުވަޒީރުވަނީ ފާއިތުވެދިޔަ އަހަރަކީ އިންޑިއާއާއި ރާއްޖޭގެ ގުޅުން ހުރިހާ ދާއިރާއަކުންވެސް ބަދަހިވެ ފުޅާވެގެންދިޔަ އަހަރެއްކަމުގައި ވިދާޅުވިއެވެ.
މިއަދުގެ ރަސްމިއްޔާތުގައި ބަދަލުކުރެވުނު އެއްބަސްވުންތަކުގެ މައްޗަށް އަލިއަޅުއްވާލައްވަމުން ބޮޑުވަޒީރު މޯދީ ވިދާޅުވީ ރާއްޖެއާއި އިންޑިއާއާއި ދެމެދު މިއަދު ބަދަލުކުރެވުނު އެއްބަސްވުން ތަކުގައި ހިމެނޭ މަޝްރޫޢުތަކަކީ ރާއްޖެއަށް އެންމެ ބޭނުންތެރި ކަމަށް ފާހަގަކުރެއްވާ ދާއިރާތަކާއި ގުޅޭ މަޝްރޫޢު ތަކެއް ކަމުގައެވެ.
ބޮޑުވަޒީރުގެ ވާހަކަފުޅުގައި އިންޑިއާއާއި ރާއްޖޭގެ ގުޅުން އެންމެ ބޮޑަށް އޮތީ ދެޤައުމުގެ ފަރުދުންގެ މެދުގައިކަން ފާހަގަކުރެއްވިއެވެ. އެގޮތުން މިހާރު ރާއްޖެއަށް ޒިޔާރަތްކުރާ އިންޑިއާގެ ފަތުރުވެރިންގެ އަދަދު ވަރަށް ބޮޑަށް އިތުރުވެގެން ގޮސްފައިވާކަން ފާހަގަކުރެއްވިއެވެ. ހަމަ އެހެންމެ ރާއްޖޭގެ ރައްޔިތުންގެ ފައިދާއާއި ލާބައަށްޓަކައި ދިވެހި ސަރުކާރުން ކުރިޔަށްގެންދަވާ މަޝްރޫޢުތަކުގައި ބައިވެރިވެ އެހީތެރިކަން ފޯރުކޮށްދެއްވުމަށް އިންޑިއާ ސަރުކާރުން އެދިވަޑައިގަންނަވާކަން ބޮޑު ވަޒީރު ހާމަކުރެއްވިއެވެ.
އިންޑިއާގެ ބޮޑު ވަޒީރުގެ ވާހަކަފުޅުގައި މިއަދު ބަދަލުކުރެވުނު އެއްބަސްވުންތަކުގެ އިތުރުން އިންޑިއާ ސަރުކާރުގެ އެހީގައި ކެންސަރަށް ފަރުވާދޭ ހޮސްޕިޓަލެއް ޤާއިމުކުރުމުގެ މަޝްރޫޢުގެ އިތުރުން ހުޅުމާލޭގައި ކުރިކެޓް ސްޓޭޑިއަމެއް ތަރައްޤީ ކުރުމަށް ހަމަޖެހިފައިވާކަން ފާހަގަކުރެއްވިއެވެ. މީގެ އިތުރުން ރާއްޖޭގެ 34 ރަށެއްގައި ފެނާ ނަރުދަމާ ނިޒާމު ޤާޢިމުކުރުމުގައިވެސް އިންޑިއާ ސަރުކާރުން އެހީތެރިކަން ދެއްވަން ހަމަޖެހިފައިވާކަން ބޮޑު ވަޒީރު މޯދީގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.
ވީޑިއޯ ކޮންފަރެންސްކޮށް މިއަދު ބޭއްވެވި މި ރަސްމިއްޔާތަކީ ދިވެހި ސަރުކާރާ ދޭދޭ ޤައުމެއްގެ ސަރުކާރަކާއެކު މިގޮތަށް ބޭއްވެވި ފުރަތަމަ ރަސްމިއްޔާތެވެ.