މި ޕޮޑްކާސްޓްގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ސުވާލު ދެންނެވީ، ރާއްޖޭގެ ޓީ.ވީ. ޕްރެޒެންޓަރެއް ކަމަށްވާ އަލްފާޟިލް އަޙްމަދު ޝަކީބް.
ޕްރެޒެންޓަރ:
السَّلامُ عَلَيْكُم.
"ރައްޔިތުންނާއެކު" މި ނަމުގައި އަޅުގަނޑުމެން ކުރިއަށް މިގެންދާ ޕޮޑްކާސްޓް ސިލްސިލާގެ 6 ވަނަ އެޕިސޯޑަށް މަރުޙަބާ އިނގޭތޯ.
އަޅުގަނޑުމެން ހަމަ މިއަދުގެ މައިގަނޑު ދާއިރާއެއް ކަމަށް ވިސްނާފައި މިއޮތީ، ޤާނޫނުއަސާސީއަށް ހުށަހަޅުއްވަން މަނިކުފާނު ޚިޔާލުފުޅު ކުރައްވާ، ނުވަތަ ސަރުކާރުން ޚިޔާލުފުޅު ކުރައްވާފައިވާ އިޞްލާޙުތަކެއްގެ ވާހަކައަށް.
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:
އާދެ!
ޕްރެޒެންޓަރ:
ދެން އަޅުގަނޑު ހިތަށްއަރަނީ، މީގައި ހަމަ އެންމެ ފުރަތަމަ، މި ނަމަށް ބަލައިލާފައިވެސް ހިތަށްއެރީ، ޑިމޮކްރަސީއެއްގައި ވެރިކަމުގެ ބާރުތައް ރައްޔިތުންގެ ފަރާތުންނޭ މި އަންނަނީ. ރައްޔިތުންގެ ކިބައިންނޭ މި އަންނަނީ. ރައްޔިތުން ކަނޑައަޅާ، ރައްޔިތުން އިންތިޚާބުކުރާ ބަޔަކާ ވެރިކަން މި ހަވާލުކުރަނީ ދޮގެއްތޯ؟ ރައްޔިތުންނަށް ބާރުތައް މި ލިބެނީ، ޤާނޫނުތަކުން. ޤާނޫނުއަސާސީން ނުވަތަ ޤާނޫނުތަކުންނޭ.
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:
އާދެ!
ޕްރެޒެންޓަރ:
އެހެންވީމާ، ޤާނޫނުއަސާސީއަށް ނުވަތަ ޤާނޫނީ އިޞްލާޙުތަކެއް ގެންނަވަން މަސައްކަތް ކުރައްވާ ކަމަށްވަންޏާ، އަޅުގަނޑު އެކަން ސިފަކުރާހިތްއޮތީ، އެއީ، ރައްޔިތުންނަށް ލިބެންޖެހޭ ބާރުތައް ފުރިހަމަގޮތުގައި، މިހާރަށްވުރެވެސް ފުރިހަމައަށް ފޯރުކޮށްދެއްވުމަށްޓަކައި ކުރެވޭ ކަމަކަށޭ، އެކަން ވާންވާނީ. ދެން މިގޮތަށް މިހެން ހުށަހެޅޭ އިޞްލާޙުތަކަށް ވިސްނާލާއިރުގައި، ބައެއް އިޞްލާޙުތަކަކީ، މިހާރު ހުރިގޮތުން، ރައްޔިތުންގެ ފެންނަ، ނުފެންނަ ވޯޓަކަށްވެސް ދާންޖެހޭ ކަހަލަވެސް ކަންތައްތައް ހުރި އިޞްލާޙުތައް ދޮގެއްތޯ؟
މިހާރު ދެން އަޅުގަނޑުމެންނާ ހިސާބަށް ތިލަވެފައި ހުރި ބައެއް ވާހަކަތަކަށް، މީޑިއާގެ ބައެއް ބައެއް ޚަބަރުތަކާއި، ވާހަކަތަކާ އެއްޗިއްސަށް ބަލައިލާއިރުގައި، މަނިކުފާނު ވިދާޅުވެފައި ހުރި ބައެއް ވާހަކަތަކަށް ބަލައިލާއިރުގައިވެސް، އަޅުގަނޑު ހަމަ އެންމެ ފުރަތަމަ ދެ ކަމެއް ފާހަކޮށްލާހިތްވޭ. އެއީ، މިހާރު މި އޮންނަ ރިޔާސީ އިންތިޚާބާއި، މަޖިލސް އިންތިޚާބާ، މިއީ މުޅިން ތަފާތު ދެ އިންތިޚާބެއް. އަބަދުވެސް މިއިން ކޮންމެ އިންތިޚާބެއް ނިމިގެން އަންނައިރުގައި، މީޑިއާގެ ތެރެއިން ފާހަގަކުރެވޭ އެއްކަމެއް އެއީ، ހަމަ ވަރަށް ކަންބޮޑުވާ އެއްކަމެއް. އެއީ، ރާއްޖެ ކަހަލަ ޤައުމެއްގައި ހާދަހާ ޚަރަދު ބޮޑު ކަމެކޭ މި ކުރަނީ އިނގޭތޯ. ދެން އެހެންނަމަވެސް، ކުރަންޖެހޭ ކަންތައްތައް ކުރަންވާނެ ދޮގެއްތޯ؟ އެހެންވީމާ، ކޮންކަހަލަ ވިސްނުންފުޅެއްތޯ މިކަމުގައި ގެންގުޅުއްވަނީ؟
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:
ވަރަށް ބޮޑަށް ޝުކުރިއްޔާ އިނގޭތޯ. ވަރަށް ރަނގަޅަށް ތި ފާހަގަކުރެއްވީ، މިކަމުގައި އޮތް މައްސަލަ. ނޫނިއްޔާ އަޅުގަނޑުމެން ވިސްނާގޮތް. އެއީ، ދިވެހިރާއްޖޭގައި ޑިމޮކްރަސީގެ މި އުޞޫލުތައް ތަންފީޛު ކުރަން އަޅުގަނޑުމެން މަސައްކަތް ކުރާއިރުގައި، އަޅުގަނޑު ވަރަށް ފުރިހަމައަށް ގަބޫލުކުރާ ކަމެއް، ޑިމޮކްރަސީގެ ހަމަތައް، ރައްޔިތުންގެ ބާރުވެރިކަން އިނގޭތޯ. ރައްޔިތުންގެ ބާރުވެރިކަން، ޤާނޫނީ ވެރިކަން، ދެފުށް ފެންނަ ނިޒާމެއް، މި ހުރިހާ ކަމެއް ފުރިހަމަކުރެވިގެން ދާންޖެހޭނެ. ޑިމޮކްރަސީގެ ކަންތައްތައް އަޅުގަނޑުމެންގެ ތެރެއަށް ތަޢާރުފްވެގެން އައިސް، މިއަދާ ހަމަޔަށް އައިއިރުގައި، އަދިވެސް އަޅުގަނޑުމެން ވަރަށްގިނަ ފިޔަވަޅުތަކެއް ކުރިއަށް އަޅަންޖެހޭ.
އެހެންވީމާ، އެގޮތުން ބަލާއިރުގައި، އަޅުގަނޑުމެންގެ މި ކުޑަ މުޖުތަމަޢުގައި، ބައި މިލިއަނެއްހާ މީހުންވެސް އަދި ހަމަނުވޭ. އެހެންވީމާ، މި ޤައުމަކީ އެއްބައެއްވަންތަ، އެއް ދީނަކަށް ނިސްބަތްވާ، އެއް ބަހަކުން ވާހަކަދައްކާ، ވަރަށް އެކުވެރި ޤައުމެއް މިއީ. ޑިމޮކްރެޓިކް މުޖުތަމަޢެއް އޮތް ޤައުމެއްގައި، ކަންތައްތައް ހުންނަންވާނީ، މި ޤައުމަށް އެންމެ އެކަށީގެންވާ ގޮތަށް ކަމަށް އަޅުގަނޑަށް ގަބޫލުކުރެވޭ. އަދި އަޅުގަނޑަށް ޔަޤީން، ރައްޔިތުންވެސް ގަބޫލުކުރައްވާނެ. އެހެންވީމާ، އެގޮތުން ބަލާއިރުގައި، އެންމެ މުއްސަނދި، އެންމެ ބޮޑެތި ޤައުމުތަކުގައި ހުންނަވަރުގެ، ވަރަށް ޚަރަދުބޮޑު ގޮތަކަށް ކަންތައްތައް ކޮންމެހެން ހުންނާކަށް ނުޖެހެއޭ. އެއަށްވުރެ މާރަނގަޅަށް، ސީދާ ރައްޔިތުންގެ ބާރުވެރިކަން ވަރުގަދަކުރެވޭ ގޮތަށް، ޔަޤީންކަން، ކަށަވަރުކަން އިތުރުވާގޮތަށް، އަޅުގަނޑުމެންނަށް ކަންކަން ބައްޓަން ކުރެވޭނެއޭ. އެއީ، މިކަމުގައި އަޅުގަނޑު ގަބޫލުކުރާގޮތަކީ.
އެހެންވީމާ، އެގޮތުން ބަލާއިރުގައި، މައިގަނޑު ދެ އިންތިޚާބު. ތިން އިންތިޚާބެއް އެބައޮވޭ. ކައުންސިލް އިންތިޚާބު، ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު. ރިޔާސީ އިންތިޚާބު. މީގެތެރެއިން، ރިޔާސީ އިންތިޚާބާއި، މަޖިލިސް އިންތިޚާބާ ދޭތެރޭގައި ގާތްގަނޑަކަށް މި ހޭދަވަނީ ހައެއްކަ މަސް. ހައެއްކަ މަސް ހޭދަވެގެންދާއިރުގައި، އަޅުގަނޑު ހިތުން ރައްޔިތުންނަށް ހަމަ އެންމެ ރަނގަޅު ގޮތަކަށް ވާނީ، ދެ އިންތިޚާބުވެސް އެކުގައި ބޭއްވިގެން ދިޔުން. ދެން މިއީ ހަމަ އަޅުގަނޑުމެން ރައްޔިތުންގެ ޚިޔާލަށް ދާނެ ކަމެއް. ރައްޔިތުންގެ ފެންނަ، ނުފެންނަ ވޯޓެއްވެސް ނަގަންޖެހޭ ކަމެއް. އަޅުގަނޑު ވަކިގޮތެއް މިއަށް ނިންމައިގެނެއް ނިންމޭނެ ކަމެއްވެސް ނޫން. އަދި ނުވެސް ނިންމާނަން، ނިންމެން އޮތަސް. އަޅުގަނޑު ބޭނުންވަނީ ހަމަ ރައްޔިތުންގެ ކިބައިން އަހައިގެން ގޮތެއް ނިންމަން. ރައްޔިތުންނަށްޓަކައި އަޅުގަނޑު ވެރިކަން ކުރަނީ. ރައްޔިތުންނާއެކު، ރައްޔިތުންނާ ގާތުން ހުރިހާ ކަމެއްވެސް މި ކުރަނީ. އަދި ޤާނޫނުއަސާސީވެސް އޮތީ އެހެން.
އެހެންވީމާ، ރިޔާސީ އިންތިޚާބާއި، މަޖިލިސް އިންތިޚާބާ އެކުއެކީގައި ބޭއްވީމާ، ރައްޔިތުންނަށް ލިބޭނެ ވަރަށްގިނަ ފައިދާތައް އެބަހުރި. ކޮންމެގޮތަކުން ބެލިޔަސް، އެތައް އެތައް މިލިއަން ރުފިޔާއެއް، ސަތޭކަ އެތައް މިލިއަން ރުފިޔާއެއް، ދުއިސައްތަ މިލިއަނެއްހާ ރުފިޔާ، ދެން ކޮންމެގޮތެއްވިޔަސް، ބޮޑު ޢަދަދެއް ސަލާމަތް ކުރެވޭ. އަދި ހުރިހާ ގޮތަކުން ބެލިޔަސް، މިއީ މާ އެފިޝަންޓް ގޮތަކަށް ވާނެ. ދެން އެހެންނަމަވެސް، ރައްޔިތުން ހަމަ މިކަން ނިންމާނީ އިނގޭތޯ.
ދެ އިންތިޚާބު އެކުގައި ބޭއްވީމާ، އަޅުގަނޑަށް ފެންނަނީ، އެއީ، މި ރާއްޖެއަށް އެންމެ އެކަށީގެންވާ ގޮތް ކަމަށް. އެހެންވީމާ، އެކަމުގައި ރައްޔިތުންގެ ފެންނަ، ނުފެންނަ ވޯޓަކަށް ދިޔުމާ ބެހޭގޮތުން އަޅުގަނޑުމެން މިހާރު މިވަނީ ވިސްނާފައި. އަދި އެކަމުގައި ޤާނޫނުތަކަށް ގެންނަންޖެހޭ ބަދަލާއި، ފެންނަ، ނުފެންނަ ވޯޓާ، އެ ފެނުމާބެހޭ ޤާނޫނެއްވެސް ފާސްކުރަންޖެހޭ. މަޖިލިސް ހުޅުވި، ދެވަނަ ދައުރަކަށް، ޖޫން މަހުގެ ތެރޭގައި މަޖިލިސް ހުޅުވިގެން ދިޔައިމަ، އެކަމާ ބެހޭ ބިލެއް ހުށަހެޅުމަށް މަސައްކަތްތަކެއް އެބަ ކުރެވޭ.
ދެން އެއާއެކީގައި، ދެންމެ ތިޔަ ވިދާޅުވިގޮތަށް، ދެ ބުރަށް މި އޮންނަނީ ރާއްޖޭގައި ވޯޓު ނެގުން ރިޔާސީ އިންތިޚާބުގައި. ދެ ބުރަށް ވޯޓު ނެގީމާ، އޭގައި އެބަހުރި ފައިދާވެސް. ގެއްލުމެކޭ ދެން ނުދެންނެވޭނެކަންނޭނގެ. އެކަން އެވޮއިޑް ކޮށްލީމަ، ކުރީމަ ވާނެ ފައިދާތައް ގިނަކަމަށް. ޕްރޯޒަންކޮންސް، އެހެން ގޮތަކަށް ދަންނަވަންޏާ އެބަހުރި.
ދެން ދުނިޔޭގެ އެކި ތަންތާނގައި އެކިގޮތަށް މި އޮންނަނީ ރިޔާސީ އިންތިޚާބުގައި ވޯޓުލުންވެސް. ދެން އަޅުގަނޑު ބޮޑަށް މި ވަކާލާތު ކުރަނީ، ޕްރިފަރެންޝަލް ވޯޓިންގ ސިސްޓަމޭ މި ކިޔާ ނިޒާމަށް ދާން. އޭރުން ދެވަނަ ބުރެއް ނުބާއްވައި، އެހެންނަމަވެސް، ސީދާ ރައްޔިތުންގެ ޗޮއިސް، ރައްޔިތުން ބޭނުންވާގޮތް، ރައްޔިތުން އެންމެ ބޮޑަށް ބޭނުންވާ މީހަކު ހޮވިގެންދިޔުމުގެ ޗާންސް، އެންމެ ގިނަ ރައްޔިތުންގެ ބައިވެރިވުމާ އެކީގައި އިނގޭތޯ. އެންމެ ގިނަ ރައްޔިތުންގެ ބައިވެރިވުމާ އެކީގައި ހޮވުމުގެ ފުރުޞަތު މާބޮޑުވާކަމަށް އަޅުގަނޑަށް ފެނޭ. ދެން އެހެންނަމަވެސް، މިކަމަކީވެސް ހަމަ ރައްޔިތުން ނިންމަވާނެ ކަމެއް. ދެން އެހެންވީމާ، މިކަމާވެސް މަޝްވަރާ ކުރުން އަޅުގަނޑު މިވަނީ ޕަބްލިކް ޑިބޭޓަށް ހުޅުވާލާފައި. އަޅުގަނޑު ބޭނުން، ވަރަށް ސީރިއަސްކަމާ އެކީގައި ރައްޔިތުން ވިސްނަވަން. މިއީ އަޅުގަނޑުމެންގެ މުސްތަޤްބަލް، އަޅުގަނޑުމެން ޑިސައިޑް ކުރަން މިއުޅެނީ. އަޅުގަނޑުމެންގެ ޤައުމުގެ ސިޔާސީ ނިޒާމު އަޅުގަނޑުމެންގެ ތެރޭގައި، ޑިމޮކްރަސީ ތަންފީޛު ކުރާނެގޮތް އަޅުގަނޑުމެން ނިންމާނީ ކޮންގޮތަކަށްތޯ؟ ސުވާލަކަށް މި ކުރިމަތި ކުރެވިގެން ދަނީ. ކައިރި ބައެއް ޤައުމުތަކުގައި އޮންނަ ގޮތް، ނޫނީވިއްޔާ ދުރު ޤައުމުތަކުގައި އޮތްގޮތް ކިހިނެއްތޯ، އަޅުގަނޑުމެންގެ ޤައުމަށް އެންމެ ފިޓްވާނެ ރަނގަޅު ގޮތަކީ.
އެހެންވީމާ، ދެ ބުރު، އެއް ބުރަކަށް ހަދައިގެން ނިންމާނީތޯ، ދެ އިންތިޚާބު އެކީގައި ބާއްވާނީތޯ، މި ދެ ކަންތައް އެކީގައި ކުރާ ކަމަށް ރައްޔިތުން ނިންމައިފިއްޔާ، މާނަޔަކީ ރިޔާސީ އިންތިޚާބާއި، މަޖިލިސް އިންތިޚާބު، އެއް ދުވަހެއްގައި، އެއްގަޑީގައި މި ލާ ވޯޓެއްގެ ތެރެއިން ނިމޭގޮތަށް އަދި ދެ ބުރަކަށް ރިޔާސީ އިންތިޚާބު ނުގޮސް، އެއް ބުރުން ނިމޭގޮތަށް ވެއްޖިއްޔާ، ރައްޔިތުން ވޯޓުލާން މިދަނީ އެއްފަހަރު. އެހެން ގޮތަކަށް ދަންނަވަންޏާ. ކުރިންވިއްޔާ ތިންފަހަރު.
ޕްރެޒެންޓަރ:
ކުރިއަށް އޮތް ފަސް އަހަރުގެ ނިންމުން ނިންމަން މިދަނީ އެހެންނޫންތޯ؟
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:
އެއްފަހަރާއޭ. އެއް ދުވަހަކުން އެއް ވަގުތަކު މި ނިންމަނީ. ޚަރަދުގެ ގޮތުން ކުޑަވޭ ވަރަށްބޮޑު ތަނުން. އަދި އެފިޝަންޓްވޭ. އެހެންނަމަވެސް، ހަމަ އަޅުގަނޑުމެންގެ ތެރޭގައި ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށްގެން މިކަމުގައި ގޮތެއް ނިންމާނީ.
ދެން ހަމަ އެއާއެކީގައި، އަޅުގަނޑު ދެން ހަމަ ތިކަމާ ބެހޭގޮތުން ސުވާލު ކުރެއްވީމަ. މިދޭތެރެއިން އުފެދުނު، ނޫނީ ބަޔަކު އުފައްދަން މަސައްކަތްކުރި ޝައްކެއް އެބައޮތް، އަޅުގަނޑުމެން މި "މޯލްޑިވްސް 2.0" ލޯންޗްކުރިއިރުގައި. އަޅުގަނޑުމެން މިއުޅެނީ ރިޔާސީ އިންތިޚާބުގައި، ނޫނިއްޔާ މަޖިލިސް އިންތިޚާބުގައި ވިޔަސް، އިލެކްޓްރޯނިކަލީ ވޯޓުލުމަށޭ. އެކަހަލަ އެއްވެސް ކަމެއް ކުރާކަށްވެސް ނޫޅެން އިނގޭތޯ. ނުވެސް ކުރާނަން. އެއީ، އެކަން ކުރާ ޤައުމުތަކުގައިވެސް އޮޕްޝަނަލީ އޮންނަ ކަމެއް. އަދި މިސާލަކަށް، އެސްޓޯނިއާގައި ވިއްޔާ، އެހެން ހުރިހާ ކަމެއް ޑިޖިޓަލައިޒްކޮށް ނިންމާފައި، އެންމެފަހު ކަމަކަށް އެކަންތައް، އެވެސް އަދި އޮޕްޝަނަލީ ހުޅުވާލާފައި އެއޮތީ.
ޕްރެޒެންޓަރ:
އިޚްތިޔާރު ދީފައި އޮންނަ ކަމެއް ދޮގެއްތޯ؟
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:
އެއްވެސްވަރަކަށް އެކަމާ ވިސްނާފައި އޮތް ކަމެއްވެސް ނޫން. ކުރަން ނިންމާފައި އޮތް ކަމެއްވެސް ނޫން. އެހެންވީމާ، އެކަންވެސް ހަމަ ސާފުކޮށްލަދިނީ، ތި ސުވާލުގެ ތެރެއިން.
ޕްރެޒެންޓަރ:
ދެންމެ ތި ވިދާޅުވިހެން، ދެން ބައެއްފަހަރު މިގޮތަށް މިހެން އިވޭ ވާހަކަތައް އަޑުއިވުނީމަ، އަޅުގަނޑުވެސް ހިތަށްއަރާ، ދެން މި ދެކެވޭ ވާހަކަތަކުގެ ތެރެއިން ނިންމާފައި ނުހުންނަ ކަންތައްތަކުގެ ވާހަކަ މި ދެކެވެނީ ކިހިނެއްބާވައޭ؟ ދެންމެ މަނިކުފާނު ވިދާޅުވި ވާހަކަފުޅުގެ ތެރެއިން، އަޅުގަނޑުވެސް ހަމަ ދަންނަވާލަން ބޭނުން އެއް ވާހަކައެއް.
ދުނިޔޭގެ އެކި ޤައުމުތަކުގައި އެކި ކަންތައްތައް ކުރުމުގައި ގެންގުޅޭ އެކި ނިޒާމު މި ހުންނަނީ ދޮގެއްތޯ؟ އަޅުގަނޑުމެންނަކަށް ކޮންމެހެން މަޖުބޫރެއް ނޫންތާއޭ، ވަކި ތަނެއްގައި ކުރާގޮތަކަށް ވަކި ކަމެއް ކުރާކަށެއް. އަޅުގަނޑުމެންގެ ނިޒާމު، އަޅުގަނޑުމެންގެ ސިސްޓަމަށް ނުވަތަ އަޅުގަނޑުމެންގެ ޙާލަތަށް ފެތޭ ކަހަލަ ނިޒާމެއް އަޅުގަނޑުމެންނަށްވެސް ހަމަ އުފެއްދެންވާނެތާއޭ. ރައްޔިތުންގެ މަޖިލިސްވެސް މިއީ އެކަހަލަ ގޮތަކަށް ވިސްނުން ގެންގުޅެންޖެހޭ ކަމެއް ދޮގެއްތޯ؟
ދެން އެއަށް މަނިކުފާނުގެ ޤާނޫނީ އިޞްލާޙުތަކުގެ ތެރެއިން އެބައި އެބައާދޭވެސްމެ. އަޅުގަނޑުމެން ހަނދާން ހުންނަން ފެށިއިރުގައި، ރައްޔިތުންގެ މަޖިލިސް އެކުލެވިފައި މި އޮންނަނީ ރާއްޖޭގެ ކޮންމެ އަތޮޅަކުން ދެ މެންބަރުންނާއި، ރައީސުލްޖުމްހޫރިއްޔާ ޢައްޔަން ކުރައްވާ މެންބަރުންތަކެއްގެ މައްޗަށް ދޮގެއްތޯ؟ އެހެން އޮއްވައި، ދެން މިހާރު އެ ބަދަލުވެފައި މި އޮންނަނީ، އާބާދީގެ ނިސްބަތުން ރައްޔިތުން ތަމްސީލުކުރާ މެންބަރުންތަކެއްގެ މައްޗަށް މަޖިލިސް މިހާރު މި އެކުލެވެނީ. ދެން މިހެން އޮންނަންޏާ، މި އިތުރުވަމުން އިތުރުވަމުން ގޮސް މި ހުއްޓުމެއްނެތި، މަޖިލިސް ބޮޑުވުމުގެ ފުރުޞަތު ހަމަ އޮންނާނެއޭ އަބަދަށް. އެވެސް އެއީ ގޮތެއް. އެކަމަކު މިނޫން ގޮތެއްވެސް އޮންނަންވާނެއޭ ދޮގެއްތޯ؟ މިކަމާ ދޭތެރޭގައިވެސް، ޤާނޫނީ އިޞްލާޙުތަކުގެ ތެރޭގައި އެބަ ހިމެނޭ ދޮގެއްތޯ؟ ކިހިނެއްތޯ މިކަމާ ދޭތެރޭގައި ވިސްނަވަނީ؟
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:
ތި ވިދާޅުވީ ހަމަ އިނގޭތޯ، މިކަމުގައި އަޅުގަނޑު ވިސްނާފައި އޮތް ގޮތަކީ. އެއީ، މެންބަރުންގެ ޢަދަދު 77ން ފެށުނީ އިނގޭތޯ. މި އާ ޤާނޫނުއަސާސީގެ ދަށުން. މިހާރު 93 އަށް މިދިޔައީ. އާބާދީ ހަމަ ބޮޑުވަމުންދާ ވަރަކަށް ދާއިރާތައް އިތުރުވަނީ.
ޕްރެޒެންޓަރ:
ދުވަސްކޮޅަކުން މަޖިލިސް އަޅަންޖެހިދާނެ ދޮގެއްތޯ؟
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:
އާދެ، އަޅަންވެސްޖެހޭނެ ދޮގެއްތޯ؟ ދެން އެހެންވެގެނެއް ނޫން. 93 މެންބަރުން މިހާރުވެސް މިތިބީ. ދެން އަޅުގަނޑަށް ހީވަނީ ރައްޔިތުން އެންމެ ބޮޑަށް ބޭނުންވެލައްވާނީ، މި ޢަދަދު ދެން އިތުރުނުވާން. މިހާރުވެސް ވަރަށް ބޮޑަށް އިތުރުވެއްޖެ. 77 ވެސް ގިނަ ޙަޤީޤަތުގައި. އެކަމަކު ހަމަ ގަބޫލުކުރަން، ރައްޔިތުންގެ ރިޕްރެޒެންޓޭޝަން އިތުރުކުރުމަކީ، ޑިމޮކްރަސީގައި ހަމަ ރަނގަޅު ކަމެއް. އެހެންނަމަވެސް، 93 މެންބަރުންނާ ހަމަޔަށް ގޮސްފައި މިއޮތީ.
ދެން އަޅުގަނޑު މި ހުށަހަޅާ އިޞްލާޙަކީ، އެހިސާބުން ދެން ހިނގާށޭ އިތުރުނުވާނެ ގޮތަށް މި ޤާނޫނުތަކަށް ބަދަލުގެންނަން. ރައްޔިތުންގެ މަޖިލީހުގެ ޢަދަދަކީ 93 ކަމަށް. އެއަށްވުރެ ގިނައެއް ނުވާނެއޭ. އެހެންވީމާ، 93 މެންބަރުންނަށް ލިމިޓްކުރާގޮތަށް، ޤާނޫނު އިޞްލާޙުކުރަން ހުށަހަޅާގޮތަށް މިއޮތީ އަޅުގަނޑު ނިންމާފައި. އިރާދަކުރެއްވިއްޔާ އެގޮތަށް ހުށަހަޅަން ޤަޞްދުކުރަން.
ދެން ހަމަ އެގޮތަށް އިނގޭތޯ ކައުންސިލްތައްވެސް. ސިޓީ ކައުންސިލްތަކުގައި، ނޫނިއްޔާ އެއް ރަށެއްގައި، އެއް ފަސްގަނޑެއްގައި ގިނަ ދާއިރާތައް އޮންނަ ރަށްރަށުގައި ކައުންސިލްތައް، ދާއިރާތައް އިތުރުވަނީވެސް އާބާދީއަށް ބަލައިގެން. މިސާލަކަށް، މާލޭގައި. މާލޭގައި އެންމެ ފުރަތަމަ ފެށުނީ، އަޅުގަނޑު ހަނދާންވަނީ 11 ކައުންސިލަރުންނޭ އިނގޭތޯ. މިހާރު 18 އެބަތިބި. އެއީވެސް ހަމަ އާބާދީ ބޮޑުވާތީ ވާގޮތެއް. ދެން އެހެންނަމަވެސް، އަޅުގަނޑުމެން އިޞްލާޙު މި ހުށަހަޅަނީ، މިހާރު އޮތް ޢަދަދަށްވުރެ ދެން އިތުރެއްނުވާނެއޭ. އެ 18 ގައި ހިފެހެއްޓޭނެއޭ.
ދެން އެގޮތަށް ހަމަ އެހެން ދިމަދިމާއިންވެސް އެގޮތަށް ހަމަޖެހިގެންދާން. އައްޑޫސިޓީ ކަހަލަ ތަންތާނގައި. ޢަދަދު އިތުރުނުވާނޭ ދެން އެއްވެސްވަރަކަށް.
ޕްރެޒެންޓަރ:
ދެން ކައުންސިލްގެ ވާހަކަ މިހާރު ދެކެވޭއިރު، ދެން މިއިން ކޮންމެ ކަމަކީވެސް ދޮގެއްތޯ، ކައުންސިލަކީވެސް، މި ދެންނެވީ ކުރިން އަޅުގަނޑުމެން ޢަމަލުކުރަމުން އައި އުޞޫލެއްގެ ތެރެއިން، އަޅުގަނޑުމެން އަލަށް ތަޢާރުފްކުރި އުޞޫލަށްދާއިރުގައި، ކުރިންވެސް ތި ވިދާޅުވިހެން، ކުރީގެ ނިޒާމުގައިވެސް، މިހާރުގެ ނިޒާމުގައިވެސް ރަނގަޅު ކަންތައްތަކާއި، އަދި އެންމެ ރަނގަޅަށް ނުހިނގާ ކަހަލަ ކަންތައްތައްވެސް ހުރެދާނެކަންނޭނގެ. އަޅުގަނޑުމެން ދުށިން، ރާއްޖޭގެ ކޮންމެ ރަށެއްގައި ކަތީބަކާއި، ކުޑަކަތީބަކާއި، މުދިމަކާ ތިބެގެން، ވެރިކަން ކުރި ދުވަސްވަރެއްވެސް. އެކަމަކު މިހާރު މިއީ އެ ޒަމާނެއް ނޫން. އެހެންނަމަވެސް، ކައުންސިލްތަކަށް ބަލާއިރު، މިސާލަކަށް، ކުޅުދުއްފުށި. އަޅުގަނޑު ދެން ތަޖުރިބާކުރި ކަމެއްގެ ވާހަކަ މި ދަންނަވާލަނީ. ކުޅުދުއްފުށީގައި އަޅުގަނޑުމެން ބޭއްވި ޙަރަކާތެއް ބޭއްވުމުގައި، ކުޅުދުއްފުށި ސިޓީ ކައުންސިލަކާއި، އަތޮޅު ކައުންސިލަކާ، އެއް ފަސްގަނޑެއްގެ މަތީގައި ތިބެގެން މަސައްކަތް ކުރަން ޖެހުމުގެ ސަބަބުން ކުރިމަތިވި، ހަމަ ޙައްލުކުރަން ވަރަށް އުނދަގޫވި މައްސަލަތަކެއް ފެންމަތިވެގެން އައި. މިއަށްވެސް ކޮންމެވެސް ޙައްލެއް އަންނަންވާނެ. މިހެން ހުންނަ ކަންތައްތަކަށްވެސް. އެހެންވީމާ، މިހާރުވެސް އެބަހުރޭ ނޫންތޯ، އަތޮޅު ކައުންސިލާއި، ރަށު ކައުންސިލާ ހަމަ އެކުއެކީގައި ހިނގާ ތަންތަން. އެ ކިހިނެއްތޯ؟
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:
އެއީވެސް ހަމަ ޙައްލުކުރަންޖެހޭ ކަމެއް އިނގޭތޯ. ދެން މި ޤާނޫނުއަސާސީއަށް އިޞްލާޙު ގެންނައިރުގައި ހުށަހަޅަން ވިސްނާފައި އޮތް ކަމެއް، އަތޮޅު ކައުންސިލް ކިޔާފައި ކައުންސިލެއް ބާއްވަން ނުފެންނަ ކަމަށް އިނގޭތޯ. ކުރީގައި އޮތް ނިޒާމު ދެން ރާއްޖެއަކަށް ނުގެންނާނެ. ރާއްޖޭގައި މިހާރު އޮންނާނީ ހަމަ ރައްޔިތުން ހޮވާ މީހުން ތިބެގެން، ވެރިން ތިބެގެން ހިންގާ ނިޒާމު. ދެން އެހެންނަމަވެސް، އަތޮޅު ހިންގަން އަނެއްކާ ވަކި ކައުންސިލެއް. މިހާރު މި އޮންނަނީ އަތޮޅު ކައުންސިލްގެ ރައީސަކު ހޮވާފައި، ހުރިހާ ރަށެއްގެ ރަށު ކައުންސިލް ރައީސުން އަތޮޅު ކައުންސިލަށް އަންނަ ގޮތަށް. ދެން މިއީ ކައުންސިލް. އަތޮޅުގެ ކައުންސިލް. ދެން މީގައި މިވާގޮތަކީ، އަތޮޅު ކަމެއްގައި މަޝްވަރާ ކުރަން ބައްދަލުކުރިޔަސް، އެ ރަށެއްގެ މަޞްލަޙަތު، އެ ރަށެއްގެ ކައުންސިލް ރައީސަށް މި އިސްކުރެވެނީ. އެހެންތާވާނީ، އޭނައަކީ ވަކި ރަށެއްގެ ކައުންސިލް ރައީސް. މުޅި އަތޮޅާ ބެހޭގޮތުން ވާހަކަ ދެއްކޭވަރު، އޮބްޖެކްޓިވްލީ ވަކިއަތަކަށް ނުޖެހި ދެއްކޭވަރު ކުޑަ.
ދެން އަނެއްކަމަކީ، ގިނަފަހަރަށް ބައްދަލުވުންތައް ބޭއްވެނީ އޮންލައިންކޮށް. އެއް ތަނަކަށް ނާދެވޭ. ދެން ވަރަށްގިނަ ނެގެޓިވް ކަންތައް އެބަހުރި. ޚަރަދުގެ ގޮތްގޮތުން ބެލިޔަސް. ދެންމެ ތި ވިދާޅުވި ކަންތައްތައްވެސް އެބަހުރި، ބައެއް ދިމަދިމާއިގައި އިނގޭތޯ. ތި މައްސަލަ އެބަ ދިމާވޭ.
ދެން މި ހުރިހާ ގޮތަކުން ބަލާއިރުވެސް، އަތޮޅު ކައުންސިލްތައް ނޯންނަގޮތަށް ހަދަން އަޅުގަނޑުމެން މި ހުށަހަޅަނީ. ދެން އެހެންނަމަވެސް، ރަށު ކައުންސިލްތަކާއި، ސިޓީ ކައުންސިލްތައް ހަމަ ހުންނާނެ. އާބާދީގެ ނިސްބަތުން ސައިޒް ކުޑަކުރާގޮތަށް އަޅުގަނޑުމެން މި ހުށަހަޅަނީ. އެއީ، ދެހާސް މީހުންނަށްވުރެ އާބާދީ ބޮޑުނޫން ރަށްރަށުގައި ތިބޭނީ ތިން ކައުންސިލަރުން. ދެން ދެހާސް މީހުންނަށްވުރެ އާބާދީ ބޮޑު ރަށްރަށުގައި ފަސް ކައުންސިލަރުން ތިބޭގޮތަށް. ދެން ސިޓީ ކައުންސިލްތަކަށް ބަދަލެއް ނާންނާނެ. ސިޓީ ކައުންސިލްތައް އިތުރަށް ބޮޑުނުވާނީ އިނގޭތޯ.
އެހެންވީމާ، މި ބަދަލު އެބަ ހުށަހަޅަން. މީގެ ސަބަބުންވެސް ވަރަށްބޮޑު ތަނުން އަޅުގަނޑު ހިތުން ހިންގުން ހަރުދަނާވާނެ. އަދި އޭގެއިތުރަށް، ރައްޔިތުންނަށް ޚިދުމަތް ދިނުމުގައި، މިހާރު ބައެއް ރަށްރަށުގައި ކައުންސިލަރުން ބޭކާރުވެފައި އެބަތިބޭ އިނގޭތޯ. މިސާލަކަށް، ރަށެއްގެ ނަން ނުކިޔަން. އެކަމަކު ރަށުގެ އާބާދީ، ރަށުގައި ޤާއިމުވެ ތިބޭ މީހުންގެ ޢަދަދު ސަތޭކަ ހަމަނުވާ ރަށްރަށުގައިވެސް ފަސް ކައުންސިލަރުން އެބަތިބޭ. މީގެތެރެއިން ގިނަ މީހުން ރަށުގައި ނުވެސް އުޅޭ. މަހަށްދާން، ނޫނިއްޔާ ކޮންމެވެސް ކަމަކު، އަމިއްލަ ވިޔަފާރިއެއްގައި އުޅޭނީ. ހަމަ ވަރަށް ޚަރަދު ބޮޑު ނިޒާމެއް މިއީ. އަދި ރައްޔިތުންނަކަށް އެއިން ކުރާ ފައިދާއެއްވެސް ނެތް. ޚަރަދު ކުރެވިދާނެ، އެއިން ފައިދާވަންޏާ. ވާންވާނެ ފައިދާ. އެހެންނަމަވެސް، ރައްޔިތުން މި ނިޒާމު ބަލައެއްނުގަނޭ. މިހާގިނަ ކައުންސިލަރުންތަކެއް ލައިގެން.
ހަމަ އެގޮތަށް، ޑަބްލިޔޫ.ޑީ.ސީ.، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއަކީވެސް ހަމަ މިގޮތަށް، ވަރަށް މުހިންމު ކޮމިޓީއެއް. އަޅުގަނޑުމެން އެންމެފަހުންވެސް މިވަނީ ކޮމިޓީގެ މެންބަރުންނަށް ހައިސިއްޔަތުތަކެއް ދީފައި ދޮގެއްތޯ؟ އަޅުގަނޑު ވަރަށް ގަބޫލުކުރާ ކަމެއް، އަންހެނުން ބާރުވެރިކުރުވުން. ރަށުގެ ކަންކަމުގައި މަތީ މަގާމުތަކުގައި މަސައްކަތް ކުރުމުގެ ފުރުޞަތު، ޤައުމީ ލެވެލްގައިވެސް އަންހެނުންނަށް ލިބިގެންދިޔުން.
އެހެންނަމަވެސް، ކައުންސިލްތައް ކުޑަވާގޮތަށް، ޑަބްލިޔޫ.ޑީ.ސީ.ތައްވެސް ހަމަ މި ދެންނެވި ގޮތަށް، ޑަބްލިޔޫ.ޑީ.ސީ. ތިން މެންބަރުންނަށް ނުވަތަ ޑަބްލިޔޫ.ޑީ.ސީ. ފަސް މެންބަރުންނަށް ކުޑަވުން. އޭގެއިތުރަށް، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސާއަކީވެސް، ރަށު ކައުންސިލްގެ ރައީސް، ނޫނީ ރައީސާ ގޮތަށް، ސީދާ އިންތިޚާބުކުރާ މީހަކަށްވާގޮތަށް ބަދަލުކުރުން.
އަޅުގަނޑަށް ތަޖުރިބާ ކުރެވިފައި ހުރި ކަމެއް މިއީ އިނގޭތޯ. މާލޭގައި، މާލޭ މޭޔަރަކަށް އަޅުގަނޑު ހުރިއިރުގައި، މާލޭގައި އޮތް ޑަބްލިޔޫ.ޑީ.ސީ.، މިހާރުވެސް އޮތް ޑަބްލިޔޫ.ޑީ.ސީ.ގައި، ތިން ހަތަރު ފަހަރު ރައީސާ ބަދަލުކުރޭ އެ ބޭފުޅުން. އެއަށްވުރެ، ރަނގަޅު ނޫންތޯ، ރައްޔިތުން ހޮވާފައި ހުންނަ ރައީސާއަކު ހުރިއްޔާ. މާރަނގަޅެއް ނޫންތޯ؟ އެހެންވީމާ، އެ އިޞްލާޙުވެސް ހުށަހަޅާ ގޮތަށް މި ވިސްނަނީ.
ޕްރެޒެންޓަރ:
އާދެ، ރައީސް ދެންމެ ތި ވިދާޅުވިހެން، ޤާނޫނުއަސާސީއަށް ހުށަހަޅުއްވަން ޚިޔާލުފުޅު ކުރައްވާ އިޞްލާޙުތަކެއްގެ ވާހަކަ މި ދެކެވިގެން މިދިޔައީ. ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ ބާރަކުން ބަދަލުކުރައްވަން އުޅުއްވާ ކަންތައްތަކެއް ނޫން. އެހެންވީމާ، އަޅުގަނޑު އުންމީދު މި ކުރަނީ، ދެންމެ ތި ވިދާޅުވިހެން، މިއިން ކޮންމެ ކަމަކާ ދޭތެރޭގައިވެސް ރައްޔިތުން ވިސްނަވައި، ޚިޔާލު ކުރައްވާފައި، މި އިޞްލާޙުތަކާ ދޭތެރޭގައި ރައްޔިތުންގެވެސް ޝުޢޫރުތައް ހުންނަ ގޮތަކަށް މި ބައްޓަންވެގެން އަންނާނެ ކަމަށް. ކޮންމެހެން ވަކިކަމެއް، ވަކިގޮތަކަށް ކުރަން މަޖުބޫރުކުރާ ކަމެއްގެ ގޮތުގައެއް ނޫނޭ.
ދެން ދެންމެ ތިޔަ ވިދާޅުވި ވާހަކަތަކުގެ ތެރެއިން، އަޅުގަނޑު ފަށަމުންވެސް ދަންނަވާލިން. ޤާނޫނުއަސާސީއަށް ނުވަތަ ޤާނޫނުތަކަށް އަޅުގަނޑުމެން ހުށަހަޅާ އިޞްލާޙުތަކުގައި، އަދި ޤާނޫނުތަކުގެ ބޭނުމަކީވެސް ޑިމޮކްރަސީއެއްގައި ރައްޔިތުން ބާރުވެރިކުރުވުމޭ. އެކަމަކު ރައްޔިތުންގެ ވަރަށްގިނަ ބައެއްގެ ކަންބޮޑުވުންތަކެއް އަންނަ ކަމެއް އެބައާދޭ. ވޯޓަކުން އިންތިޚާބު ކޮށްގެން، އެކި ފަށަލަ ފަށަލައަށް މި ކަނޑައަޅާ މީހުން، ނުވަތަ ކަނޑައަޅާ ބޭފުޅުން، އެ ދައުރު ހަމަވުމުގެ ކުރިން ދެން އެ ބައެއްގެ ގައިގައި އަތްލެވޭގޮތެއް ނޯވެއޭ. ދެން އެ ފަސް އަހަރު. މިސާލަކަށް، ފަސް އަހަރު ކަމަށްވަންޏާ، އެ ފަސް އަހަރަކީ، ދެން އެއޮތީ ދެން ހަމަ ބޭނުންގޮތަކަށް އުޅެންވީއޭ. ބޭނުންކަމެއް ކުރަންވީއޭ. ރައްޔިތުންގެ ބާރު އެހާހިސާބުން ކެނޑުނީއޭ. މިކަމަށް ރައްޔިތުން ބާރުވެރިވާ ހިސާބަކީ ކޮބައިހެއްޔޭ؟ މިއަށްވެސް ފަރުވާއެއް ހޯއްދަވަން މަނިކުފާނު އެބަ މަސައްކަތް ކުރައްވާ ދޮގެއްތޯ؟
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:
އާދެ، އެއީ، އަޅުގަނޑު މި ދަންނަވާ ވާހަކައަކީ. ރައްޔިތުން، ޙަޤީޤީ މާނައިގައި ބާރުވެރިކުރުވުމަށޭ އަޅުގަނޑު ބޭނުންވަނީ. ތި ވިދާޅުވިހެން، އިންތިޚާބެއް ވުމަށްފަހު، ދެން އޭނަ ގައިގައި އަތްލެވޭނެ ގޮތެއްނޯވޭ. ރައްޔިތުންނަށް އަތްލެވޭނެ ގޮތެއް. މި ދަންނަވަނީ ގޯސް ކަމެއް ކޮށްގެން. ކައުންސިލަރެއް ކަމުގައިވިޔަސް، މަޖިލިސް މެންބަރެއް ކަމުގައިވިޔަސް، އަދި އެއްވެސް މަގާމަކަށް ރައްޔިތުން އިންތިޚާބު ކޮށްފައި ހުންނަ މީހަކު، އެ މީހަކު ރައްޔިތުންނަށް ވަކިކުރެވޭނެ ގޮތެއް ނެތް އަދިއެއް އިނގޭތޯ. އަޅުގަނޑު މި ހުށަހަޅަނީ ރިކޯލް ވޯޓު. ނޫނިއްޔާ ރައްޔިތުން ގާތަށް އަނބުރާ ދާން، ސުވާލުކުރުމުގެ ފުރުޞަތު، ރައްޔިތުން އޭނަ ވަކިކުރަން ބޭނުންވަންޏާ، ވަކިކުރުމުގެ ފުރުޞަތު ލިބޭގޮތަށް ޤާނޫނަށް އިޞްލާޙު ހުށަހަޅަން. މާނައަކީ، މިސާލަކަށް، ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު ވަކިކުރަން، ނޫނިއްޔާ ކައުންސިލްގެ މެންބަރަކު ވަކިކުރަން ރައްޔިތުން ބޭނުންވަނީ. އަދި އެނޫން މަގާމެއްގައި، އިންތިޚާބު ކޮށްފައި ހުރި މީހެއް ކަމުގައިވިޔަސް، ވަކިކުރަން ބޭނުންވާ ކަމަށްވަންޏާ، އެއީ، އަޅުގަނޑުވެސް ހިމެނޭގޮތަށް އިނގޭތޯ. އިންތިޚާބު ކުރި މަގާމުން އެ މީހަކު ވަކިކުރަން ބޭނުންވަންޏާ، އެ އިންތިޚާބު ކުރުމަށްޓަކައި، އެ ވޯޓުލުމުގެ ޙައްޤު އޮތް މީހުން، އެ މީހަކު ހޮވުމުގެ ޙައްޤު އޮތް މީހުން. އެ މީހުންނަށް ފުރުޞަތު ލިބެއޭ އެބަ، އެ ވޯޓުލުމުގެ ޙައްޤު އޮންނަ މީހުންގެ ދެބައިކުޅަ އެއްބަޔަށްވުރެ ގިނަ މީހުން ބޭނުންވަންޏާ، އޭނަގެ މަގާމުން އޭނަ ދުރުކުރުން. ކުރުގޮތަކަށް ދަންނަވަންޏާ. އެ ފުރުޞަތު އެބަ ލިބެންޖެހޭ. އެހެންނޫނިއްޔާ ނެތް މިއަކު، ޙަޤީޤީ މާނައިގައި ރައްޔިތުން ބާރުވެރިކުރުވުމެއް. ޗެކް އެންޑް ބެލެންސެއް ނެތް. އެ މީހަކު ހަމަ ބޭނުންގޮތަކަށް އުޅެމުންދާންވީ. އެ މަގާމުގައި ހުންނާނެ ފަސް އަހަރު ވަންދެން. އެހެން ނޫންތޯ؟
އެހެންވީމާ، އެހެންވެގެން ނުވާނޭ. އަޅުގަނޑު ގަބޫލުކުރާ ގޮތުގައި، އެންމެ އިންޞާފުވެރި ގޮތަކީ، ރައްޔިތުންނަށް ޙަޤީޤަތުގައި އެންމެ ބާރު ލިބޭގޮތަކީ، ހަމަ ރައްޔިތުންގެ އަތަށް އެ ބާރު އަބަދުވެސް ލިބިފައި އޮންނަ ގޮތަށް އޮތުން. އެހެންވީމާ، އެގޮތަށް ބަދަލުކުރަން އަޅުގަނޑު އެބަ ހުށަހަޅަން.
ޕްރެޒެންޓަރ:
އަޅުގަނޑު ހަމަ ހަނދާނަށް އަންނަނީ، އަޅުގަނޑުމެންގެ ރާއްޖޭގައި އޮންނަންވީ، ވެރިކަމުގެ ކޮންކަހަލަ ނިޒާމެއްތޯ؟ ރިޔާސީ ނިޒާމެއްތޯ، ބަރުލަމާނީ ނިޒާމެއްތޯ؟ މިކަމާ ދޭތެރޭގައި ވާހަކަ ދެކެވުނު ދުވަސްވަރުގެ ހަނދާނެއް އަންނަނީ އިނގޭތޯ.
އަޞްލު ދަންނަވާލަން މިއުޅޭ ވާހަކައަކީ، އަޅުގަނޑަށް ގަބޫލުކުރެވެއޭ، ވަރަށް މަތިވެރި މަޤްޞަދެއްގައި، ވަރަށް ރަނގަޅަށް ހުށަހަޅުއްވަން މަނިކުފާނު ޚިޔާލުފުޅު ކުރައްވާ އިޞްލާޙުތަކެއްކަން މިއީ. އެހެންނަމަވެސް، ރައްޔިތުންނާ ހިސާބަށް އަޅުގަނޑުމެން މި ކަންތައްތައް ހިފައިގެންދާއިރުގައި، ރައްޔިތުންގެ ހިތްތަކުގައި އަޅުގަނޑުމެން މިކަމާ ގުޅޭގޮތުން ހޭލުންތެރިކަމުގެ ވަރަށް ވަރުގަދަ މަސައްކަތްތަކެއް ކުރިއްޔާ މެނުވީ، މި ކަންތައްތަކުގެ މާނަ އޮޅިދާކަހަލަ ކަންތައްތަކެއް މިއީ. މިހާރުވެސް އެކަހަލަ އަޑުތަކެއް އެބައިވޭ. މިއަށް ކޮންމެވެސް ކަމެއް ކުރައްވަންވާނެ ނޫންތޯ؟ މިއީ ރައްޔިތުންގެ ޙައްޤުގައި ކުރަންޖެހޭ ކަމެއް ކަމަށް އަޅުގަނޑު މި ދެކެނީ.
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:
އާދެ، ރައްޔިތުން ހޭލުންތެރިކުރުވުމަށް ހަމަ ސަރުކާރުން ވަރަށް އިސްނަގައިގެން ޕްރޮގްރާމްތަކެއް ހިންގާނަން. އަދި އަޅުގަނޑު އުންމީދު ކުރަން، ރައްޔިތުންގެ މަޖިލީހުންވެސް އަދި ޖުމްލަކޮށް ހަމަ ހުރިހާ މުއައްސަސާތަކުންވެސް މީގައި އެ ބޭފުޅުންގެ ދައުރު އަދާކުރައްވާނެ ކަމަށް. ޙަޤީޤަތުގައި، މިއީ ރައްޔިތުންގެ ވަރަށް މުހިންމު ޙައްޤުތަކެއްގެ ވާހަކަ މި ދައްކަނީ. ރައްޔިތުން އިތުރަށް ބާރުވެރިކުރުވާ ވާހަކަ މި ދައްކަނީ. އެހެންވީމާ، އެކަމުގައި ހަމަ ރައްޔިތުން ހޭލުންތެރިކުރުވުމަކީ، އަޅުގަނޑުމެން ކުރާނެ ކަމެއް. މިސާލަކަށް، ދެން ހަމަ އެއްކަމެއް ފާހަގަކޮށްލަން.
ކައުންސިލްތައް ބާރުވެރިކުރުވާ ވާހަކަ، ރައްޔިތުންގެ ބާރުވެރިކަން އިތުރުކުރުވުމުގެ ވާހަކަ ދައްކާއިރު، އަންހެން ކައުންސިލަރުން، ނޫނިއްޔާ އަންހެނުން ބާރުވެރިކުރުވުމަށް މި އޮންނަ ފުރުޞަތު އިތުރުކުރަންވެސް އަޅުގަނޑު ނިންމާފައި މިއޮތީ. 33 އިންސައްތަ، ކައުންސިލް މެންބަރުން، އަންހެނުންނަށް ވާންޖެހޭގޮތަށް. އަޅުގަނޑު މި ޢަދަދު 40 އިންސައްތައަށް އިތުރުކުރަން ނިންމާފައި މިއޮތީ. ދެން އެވެސް އެއީ، ހަމަ ވަރަށް މުހިންމު ބަދަލެއް. އޭގެ ސަބަބުންވެސް ފައިދާވާނެ ހަމަ. ޚާއްޞަކޮށް، އާބާދީ ބޮޑެތި ރަށްރަށުގައި.
ދެންހަމަ އެއާއެކީގައި، ކައުންސިލްތަކަށް ލިބޭ ފައިސާ މި ހޭދަކުރާގޮތް، ބްލޮކް ގްރާންޓްގެ ގޮތުގައި ލިބޭ ފައިސާ ހޭދަކުރާ ގޮތްވެސް. ރައްޔިތުންނަށް އެންމެ ފައިދާހުރި ގޮތަށްތޯ ހޭދަކުރަނީ ބެލޭނެ ނިޒާމެއްވެސް ގެންނަން. ފިނޭންސް މިނިސްޓްރީގެ ދައުރެއް އޮންނަ ގޮތަށް. މިހާރު ވާގޮތަކީ، ބްލޮކް ގްރާންޓް ނަގައިގެން ދަނީ ތަޖުރިބާ ދަތުރު ކިޔާފައި، ބެންކޮކަށާއި ތަންތަނަށް. މުޅި ކައުންސިލް އޮތްގޮތަށް އިނގޭތޯ. ރައްޔިތުންނަށް ކޮން ފައިދާއެއްތޯ އެއިން ކުރަނީ؟ އެއީއެއް ނޫނޭ ބްލޮކް ގްރާންޓް ބޭނުންކުރަން އޮންނަ ކަމަކީ.
ދެން އަދި ބައެއްފަހަރު، ބައެއް ކައުންސިލްތަކުގެ މެންޓަލިޓީ ހުންނަ ގޮތަކީ، އެ ދައުރު ނިމޭއިރުގައި، ބްލޮކް ގްރާންޓް ސޭވްކުރަން އެބަ ބޭނުންވޭ. ޚަރަދުނުކޮށް ބަހައްޓަން. ބްލޮކް ގްރާންޓް މިއީ، ޤާނޫނުގައި، ލާމަރުކަޒީ ޤާނޫނުގައި، ކައުންސިލްތަކުގެ މައްޗަށް މަތިކޮށްފައި އޮތް ހުރިހާ ޒިންމާއެއް އަދާކުރަން ދޭ ފައިސާ. ވަރަށްގިނަ ޒިންމާތައް ހުންނާނެ. އެކަންކަން ކުރަންދޭ ފައިސާވެސް ޚަރަދުނުކޮށް، ބެންކޮކަށް ދިޔުމާއި، ސޭވްކުރުން. ސޭވިންގ އެކައުންޓަކަށް ދެން އެ ފައިސާ ނުލެވޭނެ. ކޮންމެ ކައުންސިލެއްގައި އެކައުންޓެއް ހުޅުވީ، ވަކިން ފައިސާ އެއަށް ލައިދީފައި، އެ ފައިސާ ޚަރަދުކުރަން. ޤާނޫނުގައި ބުނެފައި އޮތް ކަންކަން ކުރަން. އެހެންވީމާ، ސޭވްވެސް ކުރަނީ. އަނެއްކާ ދަތުރުވެސް ދަނީ. އަމިއްލަ އުފަލަށް ދަތުރުދަނީ. ދެންގޮސް މިކަހަލަ ބޭކާރު ކަންތައްތައް ކުރާތީ، ބްލޮކް ގްރާންޓްވެސް މި ބޭނުންކުރަނީ، ރައްޔިތުން ޙަޤީޤަތުގައި ބާރުވެރިވާ ގޮތަށްތޯ، ރައްޔިތުން ބޭނުންވާ ގޮތަށްތޯ ބެލުންވެސް އެބައޮތް ހުށަހެޅުން. މި ހުރިހާ ކަމެއް ރައްޔިތުންނަށް އެނގެން އެބަޖެހޭ. އެހެންވީމާ، އަންގައިދިނުމުގެ މަސައްކަތްތަކެއް ކުރާނަން އިރާދަކުރެއްވިއްޔާ.
ޕްރެޒެންޓަރ:
އަޅުގަނޑުމެންގެ މި ވާހަކަތަކާ ދެން ގުޅުމެއް ނެތް ވާހަކައެއް. އެހެންނަމަވެސް، އަޅުގަނޑުމެންގެ ރާއްޖޭގައި މި އޮތް ރިޔާސީ ނިޒާމުގެ ތެރޭގައި ވަރަށް ޚާއްޞަ ކަމެއް ދޮގެއްތޯ، މި ނޮވެންބަރު 11 މިއީ. ދެން ނޮވެންބަރު 11 މިހާރު މިއޮތީ ބަދަލުވެފައި. ގެއްލިއްޖެ. ނޮވެންބަރު 11 އަށް އާ ހެދުން ފަހާ ކުދިންނަށްވެސް މިހާރު ނޮވެންބަރު 11 އަށް ހެދުން ފަހާލެވޭކަށްވެސް ނެތް. އެހެންނޫންތޯ؟ އަޅުގަނޑު އަޞްލު ފާހަގަކޮށްލަން މިއުޅެނީ، އަޅުގަނޑުމެންގެ ތެރޭގައި މި އިންތިޚާބަށް، ދެން ކުރީގައި ވާހަކަ ދެކެވުނުހެން، މި އިންތިޚާބުގެ ދެ ބުރެއްގެ ތެރެއިން ނުކުތް މައްސަލައެއް، މި މައްސަލައަކީވެސް ދޮގެއްތޯ؟ ރިޔާސީ ދައުރު ފެށޭ ތާރީޚަށް މިއައި ބަދަލު، އަނބުރާ ދެން އިޢާދަ ނުކުރެވޭނެތޯ؟
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:
ކުރެވޭނެ. ހަމަ އެވެސް ޤާނޫނުން ގެންނަންޖެހޭ ބަދަލެއް. ދެން އެވެސް ސީދާ ރައްޔިތުންގެ ފެންނަ، ނުފެންނަ ވޯޓުގެ ތެރެއިން އަހަންޖެހޭ އެއްޗެއްވިއްޔާ، އެ ދައުރު ބަދަލުކުރުން، ނޫނިއްޔާ ދައުރަށް އަންނަ ބަދަލެއް ކަމަށްވަންޏާ، ދެން ޤާނޫނީ ބޭފުޅުން، އެކަމަށް ގޮތެއް ނިންމަވާނީ. ކޮންމެގޮތެއްވިޔަސް، ޤާނޫނަށް އަންނަންޖެހޭ އިޞްލާޙެއް އެބައޮތް އޭގައި އިނގޭތޯ. ފަސް އަހަރު ހަމަވާން މިހާރު މި އޮންނަނީ 17 ނޮވެންބަރާ ހަމަޔަށް ގޮސްގެން. އެހެންވީމާ، ފަސް އަހަރު، ހަމަ އޭގެ ހަދުވަސް ކުރިން ހަމަވީކަމަށް ނިންމޭނީ ޤާނޫނުން ނޫންތޯ؟ ތި ވިދާޅުވިހެން ހަމަ ކުރީގައި ހިނގި ކަމެއްގެ ސަބަބުން އައި ބަދަލެއް އެއީ.
ޕްރެޒެންޓަރ:
އާދެ، ޖުމްލަ ގޮތެއްގައި ދެން އަޅުގަނޑުމެން މިއަދު ދައްކާލީ، ޤާނޫނުއަސާސީއަށް މި ހުށަހަޅުއްވާ އިޞްލާޙުތަކުގެ ވާހަކަ.
ދެން ހަމަގައިމުވެސް އަޅުގަނޑު ދެކޭގޮތުގައި، މިއިން ކޮންމެ ކަމަކާ ދޭތެރޭގައިވެސް، ފަށަމުންވެސް ދަންނަވާލިހެން، ރައްޔިތުން ވަރަށް ބޮޑަށް ވިސްނަންޖެހޭނެ. ރައްޔިތުން ބާރުވެރިކުރުވުމުގެ ބިންގަލެއްގެ މަތީގައި އުފެދިގެން އަންނަ ކަންތައްތަކެއް ކަމަށް އަޅުގަނޑުމެން ބަލަނީ.
އަޅުގަނޑުމެންގެ މިއަދުގެ ޕޮޑްކާސްޓަށްވެސް ދެއްވި ވަގުތުކޮޅު، އަޅުގަނޑު ވަރަށް ޝުކުރުވެރިކަމާ އެކީގައި ބަލައިގަންނަން. ކުރިއަށް އޮތް ބްރޯޑްކާސްޓްގައި، އަނެއްކާވެސް ތަފާތު އެހެން ވާހަކަތަކަކަށް ދޮގެއްތޯ؟
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:
އާދެ!
ޕްރެޒެންޓަރ:
ވަރަށް ބޮޑަށް ޝުކުރިއްޔާ އިނގޭތޯ.
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:
ޝުކުރިއްޔާ!