މާލެސިޓީގެ މަގުމަތީގެ ތޮއްޖެހުން ކުޑަކުރުމާ ޕާކިންގެ މައްސަލައަށް ލުޔެއް ހޯދުމަށް ކަމާބެހޭ ފަރާތްތައް ގުޅިގެން ކުރަމުން އަންނަ މަސައްކަތުގެ ދަށުން، ބައެއް ކަންކަން ކުރިޔަށްގެންދެވުމަށް ޕްލޭންކުރެވިފައިވާ ސަރަޙައްދުތައް ބައްލަވައިލެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް އެ ސަރަހައްދުތަކަށް ޒިޔާރަތްކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު މިއަދު މެންދުރުފަހު ވަނީ ކުރީގެ ދަރުމަވަންތަ ސްކޫލުގެ އިމާރާތް ހުރި ސައިޓަށާއި، އަމީނިއްޔާ ސްކޫލަށް ޒިޔާރަތްކުރައްވާފައެވެ. އޭގެ އިތުރުން ގްރޭޓަރ މާލެ ބަސް ސްޓޭޝަން ސަރަޙައްދަށާއި ކުރީގެ ވެސްޓްޕާކް ސަރަޙައްދަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޒިޔާރަތްކުރައްވައި އެ ދެ ސަރަޙައްދުވެސް އެމަނިކުފާނު ބައްލަވައިލެއްވިއެވެ. ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މި ޒިޔާރަތްތަކުގައި މާލެސިޓީ ކައުންސިލުގެ އިސްވެރިންނާއި މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރގެ އިސްވެރިން ބައިވެރިވެ ވަޑައިގެންނެވިއެވެ