ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ސައުތު އޭޝިއަން ގޭމްސްގައި ދިވެހިރާއްޖެއަށް ރަން މެޑަލް ހޯދައިދިން ދުވުންތެރިޔާ ޙަސަން ސާޢިދަށް، ފޯނުން ގުޅުއްވައި މަރުޙަބާ ވިދާޅުވެއްޖެއެވެ.

ސާޢިދާއި ފޯނުން ގުޅުއްވައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި ސާޢިދު ހޯއްދެވި ކާމިޔާބީއަކީ މުޅި ރާއްޖެއަށް ލިބުނު ކާމިޔާބީއެއްގެ ގޮތުގައި ސިފަކުރައްވައި މިއީ ޤައުމަށް ލިބުނު ވަރަށް ބޮޑު ފަޚުރެއް ކަމުގައި ވިދާޅުވިއެވެ. އަދި، މިއީ މި މުބާރާތުން ރާއްޖެއަށް ރަން މެޑެއްޔެއް ލިބުނު ފުރަތަމަ ފަހަރުކަން ފާހަގަކުރައްވައި ރައީސުލްޖުމްހޫރިއްޔާ ވަނީ ޤައުމަށް ރީތި ނަން ހޯދައިދިނުމުގައި ސާޢިދު ދައްކަވަމުން ގެންދަވާ ހިތްވަރަށް ސާބަސް ދެއްވައި އޭނާ ކުރައްވާ ބުރަ މަސައްކަތަށް ޝުކުރު އަދާކުރައްވާފައެވެ.

އަދި، ސާޢިދު ކުރައްވަމުން ގެންދަވާ މަސައްކަތްތަކާއި މެދު ފަޚުރުވެރިވެވަޑައިގަންނަވާ ކަމުގައި ވިދާޅުވެ، އެމަނިކުފާނު ވަނީ މި ގޮތުގައި ދެމިހުންނެވުމަށް އިރުޝާދު ދެއްވައި ކުރިއަށް އޮތް ތަނުގައި ގަދައަޅައި މަސައްކަތް ކުރެއްވުމަށް އޭނާއަށް ހިތްވަރު ދެއްވާފައެވެ.

ސާޢިދު ރަން މެޑަލް ހޯދާފައިވަނީ 100 މީޓަރު ރިލޭ ދުވުމުގައެވެ. ސާކްގެ ހަތް ޤައުމުން އެތުލީޓުން ވާދަކުރާ 13 ވަނަ ސައުތު އޭޝިއަން ގޭމްސް ކުރިއަށްދަނީ ނޭޕާލްގައެވެ.