بســم اللّـه الرّحمـن الرّحيــم

ގަދަކީރިތިވަންތަ اللَّـهُ سُبْحَانَهُ وَتَعَالَىٰގެ ކިބަފުޅަށް ޙަމްދާއި ޝުކުރުކުރަން. ކައު އިތުރު ނަބިއްޔާ مُحَمَّدُ رَسُوْلُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَގެ ކިބައަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަން. އަދި މި ޞަލަވާތާއި ސަލާމުގައި އެކަލޭގެފާނުގެ އާލު އަޞްޙާބުން ޝާމިލުކުރަން.

މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް ޝިދާތާ ޝަރީފް، ދައުލަތުގެ ވަޒީރުން، މުއައްސަސާތަކުގެ ވެރިން، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އެކިގޮތްގޮތުން ޚިދުމަތްކުރާ އެންމެހައި ފަރާތްތައް، އަޅުގަނޑުމެންގެ ޚާއްޞަ ލޯތްބެއް ލިބިގެންވާ އަދި މި މައުރަޒު ޚާއްޞަކުރެވޭ ހިތްވަރުގަދަ ބައިވެރިން، އަދި އެކުދިންގެ ހިތްވަރުގަދަ މައިންބަފައިންނާއި، މި ޖަލްސާއަށް ހާޒިރުވެވަޑައިގެން ތިއްބެވި އެންމެހައި ބޭފުޅުން؛

السَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.

އާދެ، މިފަދަ ދުވަހެއް އަޅުގަނޑުމެން ފާހަގަކުރަމުންދާއިރު، އަޅުގަނޑުމެން އެންމެ ބޮޑަށް ވިސްނާލަންޖެހޭ ކަންތައްތަކަކީ، އާދެ، މިފަދަ ފަރާތްތަކަށް ކުރިމަތިވަމުންދާ ނުވަތަ ހުރި އެންމެ ބޮޑެތި ގޮންޖެހުންތަކުގެ މައްޗަށް. އާދެ، އެނގިވަޑައިގަންނަވާނެ، ރާއްޖެ އުފެދިފައި އޮތްގޮތުން، ތަފާތު އެކި ކަންތައްތައް ކުރުމުގައި ގޮންޖެހުންތަކެއް ހުންނަ ވާހަކަތަކަކީ، އެއީ އަޅުގަނޑުމެން އަބަދުވެސް ދައްކަމުން އަންނަ ވާހަކަ.

އެހެންނަމަވެސް، މިއަދު، މިއަދުގެ ސަރުކާރުން ވަކިން ޚާއްޞަކޮށް، ރައީސުލްޖުމްހޫރިއްޔާގެ އަމާޒުހުރީ، ދިވެހިރާއްޖޭގެ ހުރިހާ ރަށްތަކެއްގައި، އާދެ، ވަކިން ޚާއްޞަކޮށް، ރަށްރަށުގައި މިގޮތަށް ޚާއްޞަ އަޅައިލުމާއި، ޚާއްޞަ ލޯތްބާއި، އެހީތެރިކަން ހުންނަ ފަރާތްތަކަށް ވަކިން ބޮޑަށް ކަންތައްތަކެއް ކޮށްދިނުމުގެ މައްޗަށް.

އާދެ، މިއަދު އަޅުގަނޑުމެންނަށް ސްޓޭޖްތައް މަތީގައި ހަމައެކަނި ވާހަކަ ދައްކައިގެން ނިންމައިލެވޭކަށް ނެތް. މިއަދު އަޅުގަނޑުމެންގެ ކޮންމެ މީހެއްގެ ފުށުންވެސް ދައްކުވައިދޭންޖެހެނީ، ޢަމަލީގޮތުން އަޅުގަނޑުމެންނަށް އަނެކާގެ ޙަޔާތަށް، އަނެކާގެ ދިރިއުޅުމަށް، ވަކިން ޚާއްޞަކޮށް، މުޖުތަމަޢު ތެރޭގައި ތިބި، އަޅުގަނޑު ދަންނަވާނީ، މިއީ ވަރަށް ހިތްވަރުގަދަ ބަޔެކޭ. އަދި އެއަށްވުރެ ހިތްވަރުގަދައީ އަޅުގަނޑު ދަންނަވާނީ، އެކުދިންގެ މައިންބަފައިންނޭ. އެހެންވީމާ، މި ފަރާތްތަކަށް އަޅުގަނޑުމެން ޙަޤީޤީ މާނައިގައި ކަންތައްތަކެއް ކޮށްދޭން އެބަޖެހޭ.

ރަނގަޅު ވާހަކަފުޅެއް. އަބަދުވެސް ސަރުކާރުތަކުން، ކުރީގައިވެސް ކަންތައްތަކެއް ކުރަމުން އައިސްފައިވޭ. އެހެންނަމަވެސް، މިއަދު އެންމެ ފުރަތަމަ އަޅުގަނޑުމެން ތިބި ހިސާބު، އަޅުގަނޑުމެން އައި މަގު، އަޅުގަނޑުމެން ގަބޫލުކޮށްގެންނޫނީ، އަޅުގަނޑުމެންނަށް އިތުރަކަށް ކުރިއަކަށް ނުދެވޭނެ.

އެހެންވީމާ، މިއަދު އަޅުގަނޑުމެން ގަބޫލުކުރަންޖެހޭ ހެތްކަކީ، ޙަޤީޤަތަކީ، އަދިވެސް ގިނަ ކަންތައްތަކެއް އަޅުގަނޑުމެން ކުރަން އެބަހުރިކަން. އާދެ، އަޅުގަނޑު ދަންނަވާލާނަން، މިއަދު އަޅުގަނޑުމެންގެ މުޅި ސަރުކާރުގެ އަމާޒަކީ، އިރާދަކުރެއްވިއްޔާ، މި ދެންނެވި ގޮތްތަކަށް ބަލާފައި، ރާއްޖޭގެ ރަށްތަކުގައި ތިބެގެން ފަސޭހަކަމާއެކު، ހިތްހަމަޖެހުމާއެކު، އެކުދިން ގޮވައިގެން، އާދެ، އެކުދިންނަށް އިތުރު ފަރުވާއާއި، ހުނަރު ދެވޭނޭފަދަ ގޮތްތަކަކަށް ކަންތައްތައް ކުރުމަށް.

އަޅުގަނޑު މި ފުރުޞަތުގައި، ވަކިން ޚާއްޞަކޮށް، ޖެންޑަރ މިނިސްޓަރ އަދި ޖެންޑަރ މިނިސްޓްރީގެ މުވައްޒަފުން މި ކަންތައްތައް އިތުރަށް ރަނގަޅަށް ރަނގަޅުކޮށް، މި ކުދީންނަށް ބޮޑަށް އަޅައިލެވޭނޭ ގޮތްތަކަށް ކަންތައްތައް ފަހިކުރުމަށްޓަކައި ކުރައްވަމުން ގެންދަވާ މަސައްކަތްތައް ފާހަގަކޮށް، އެ ފަރާތަށް އަޅުގަނޑު ޝުކުރު ދަންނަވަން.

އަދި ހަމައެއާއެކު، އެއަށްވުރެ މާބޮޑަށް އަޅުގަނޑުމެން ފާހަގަކުރަންޖެހެނީ، އެއްވެސް އަމިއްލަ އެދުމެއްނެތި މުޖުތަމަޢުގެ ފައިދާއަށްޓަކައި ޒަމާނުއްސުރެ ފެށިގެން މިއަދާ ހަމައަށް ތަފާތު އެކި ގޮތްގޮތުން މި ދާއިރާގައި ތިބި ކުދީންނަށް، މައިންބަފައިންނަށް އެހީވުމަށްޓަކައި މަސައްކަތްކޮށްދޭ ފަރާތްތައް. އާދެ، އެ ފަރާތްތަކަށް އަޅުގަނޑުމެންގެ ހިތުގެ ފުންމިނުން، އެކަމުގެ އަގުވަޒަންކޮށް، ޚާއްޞަ ޝުކުރެއް އަޅުގަނޑުމެން ދަންނަވަންޖެހޭ.

އާދެ، އަޅުގަނޑު ފާހަގަކޮށްލަން. މިއަދު އަޅުގަނޑުމެންނަށް ތަޢުލީމީ ނިޒާމުގެ ތެރެއިންވެސް، ރާއްޖޭގެ ސްކޫލްތަކުގައި މި ކުދީންނަށް އެކިއެކި ތަމްރީނާއި، ފަރުވާދެވޭނެފަދަ ގޮތްތަކަށް ތަފާތު އެކި މަސައްކަތްތައް ކުރެވެމުން އެބަދޭ. އަޅުގަނޑު ދަންނަވާލަން އޮތީ، ރާއްޖޭގައި 214 ވަރަކަށް ސްކޫލް ހުރިއިރު، ނުވަތަ ރާއްޖޭގެ އެކި ރަށްރަށުގައި، އަޅުގަނޑުމެންގެ ލޯތްބާއި އަޅައިލުމަށް ބޭނުންވެފައި ތިބި މި ލޯބިލޯބި ކުދިން ތިބިއިރު، ޚާއްޞަ މަސައްކަތްތަކެއް، ކުރިއަށްވުރެ ބޮޑަށް ސަމާލުކަން ދެވިގެން، އެޑިޔުކޭޝަން މިނިސްޓްރީގެ ތެރެއިން މި ނިޒާމުގެ ތެރެއިން ކުރެވެންޖެހޭ. އަދި އަޅުގަނޑު އެ ފަރާތުން ކުރާ މަސައްކަތްވެސް ފާހަގަކޮށް، އެ ފަރާތަށްވެސް ޝުކުރު ދަންނަވަން.

އާދެ، މީގެ ވަރަށް ޚާއްޞަ ޝުކުރެއް ދަންނަވަންޖެހޭ ފަރާތެއް އެބައޮތް. އަޅުގަނޑުމެންނަށް ދެންމެ ސްޓޭޖްމަތިން ފެނިގެން ދިޔައީ އާދެ، އަޙްމަދު ޙިސާން. އާދެ، އަޅުގަނޑު ވަރަށް ރަނގަޅަށް ދަންނަން. އަޅުގަނޑުގެ ކުލާސްމޭޓެއް. އެހެންވީމާ، ސްކޫލް ދުވަސްވަރުން ފެށިގެންވެސް އަޙްމަދު ޙިސާނަކީ، ކޮންކަހަލަ ބޭފުޅެއްކަން އާދެ، އޭރު ކޮންކަހަލަ ކުއްޖެއްކަން އަޅުގަނޑަށް ވަރަށް ރަނގަޅަށް އެނގޭ. އަދި ފަހުގެ ދުވަސްތަކުގައި، އަޙްމަދު ޙިސާން ކޮށްފައިވާ މަސައްކަތްތަކަކީ، އެއީ ހަމަ ސީދާ މުޖުތަމަޢުގެ ފައިދާއާއި، ލާބައަށްޓަކައި ކޮށްދީފައިވާ، މި ކުދީންގެ ޙައްޤުގައި ކޮށްދީފައިވާ މަސައްކަތްތަކާމެދު އެއްވެސް ޝައްކެއްނެތް.

އާދެ، މިއަދު އަޅުގަނޑު އުފާކުރަނީ، އަޅުގަނޑުމެންގެ ސަރުކާރުން މިފަދަ ފަރާތްތަކުގެ އަގުވަޒަންކޮށް، އެފަދަ ފަރާތްތައް ކުރާ މަސައްކަތްތައް ބަލައިގަނެ، އިތުރަށް މިކަމައިގެން ކުރިއަށް ގެންދެވޭނޭ މަގު ފަހިކޮށް، އަޅުގަނޑުމެންނާ އެއްކޮށް ބައިވެރިކޮށްގެން ނުވަތަ ބައިވެރިވުމުގެ ފުރުޞަތު ހުޅުވައިލައިގެން ކުރިއަށްދާތީ.

އާދެ، އަޅުގަނޑު މިއަދު ޑިސްއެބިލިޓީ އޮނަރަރީ އެމްބެސަޑަރެއްގެ ގޮތުގައި އަޙްމަދު ޙިސާނު ކަނޑައެޅިގެން ދިޔައީތީވެ، ވަރަށް ހޫނު މަރުޙަބާއެއް އަޙްމަދު ޙިސާނަށް ދަންނަވަން.

އާދެ، މިއަދު މިފަދަ މައުރަޒެއް ބޭއްވިގެންދާކަމީ، އަޅުގަނޑުމެން ވަރަށް އުފާކުރާ ކަމެއް. އާދެ، ޙަޤީޤަތުގައިވެސް ހުނަރުވެރި ބަޔެއް. އަޅުގަނޑުމެންނަށް ހުނަރުތައް މިއަދުވެސް ފެނިގެން ގޮސްފި. އާދެ، ދާދި އިހަށްދުވަހު ބޭއްވިގެންދިޔަ މައުރަޒުންވެސް އަޅުގަނޑުމެންނަށް ފެނިގެންދިޔައީ އާދަޔާޚިލާފު، ވަރަށް އިނޮވޭޓިވް އައިޑިއާސްތަކެއް، އެ ކުދިންގެ ގައިގައި ހުރެގެން އެ ކަންތައްތައް ދައްކުވައިދިން ތަން.

އަޅުގަނޑުމެން ކުރިއަށް އޮތް ތާނގައި، ޙަޤީޤަތުގައިވެސް ދޭންޖެހެނީ އިތުރު ފުރުޞަތުތައް. އިތުރު މަގުތައް އަޅުގަނޑުމެން ހުޅުވައިލަން އެބަޖެހޭ. ކުރިއަށް ދެވެން އޮތް އެއްވެސް މަގެއް އަޅުގަނޑުމެން ބަންދުކޮށްގެންނެއް ނުވާނެ. ކުޑަ ނަމަވެސް އަޅުގަނޑުމެންނަށް ފުރުޞަތެއް ދެވެން އޮތް ކަމަށްވަންޏާ، އެ ފުރުޞަތު އަޅުގަނޑުމެން އެބަޖެހޭ ހުޅުވައިލަން.

އާދެ، އަޅުގަނޑު މައިންބަފައިންނަށް މިއަދު ދަންނަވާލަން އޮތީ، އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެން އިތުރު ބަދަލުތަކެއް، ހެޔޮ ބަދަލުތަކެއް ގެންނާނަމޭ. ރާއްޖޭގެ ރަށްތަކުގައި ތިބެގެންވެސް، ފަސޭހަކަމާއެކު ފަރުވާތައް އިތުރަށް ލިބޭނޭ ވަސީލަތްތައް ޤާއިމުކޮށް، އެ ކަންތައްތަކުގައި އަޅުގަނޑުމެން މެދުކެނޑުމެއްނެތި މަސައްކަތް ކުރާނަމޭ. އަޅުގަނޑަށްވެސް، އާދެ، މިނިސްޓަރ ވިދާޅުވިގޮތަށް ހަމަ ވަރަށްބޮޑަށް މި ކަންތައްތައް އިޙްސާސް ކުރެވޭ. ވަރަށް ގާތުން އިޙްސާސް ކުރެވޭ. އާދެ، މައިންބަފައިންގެ ނުވަތަ މަންމައެއްގެ ވަކިން ޚާއްޞަކޮށް، މިކަމުގައި އެ ހިތްވަރުގަދަކަމާއި، ކުރަންޖެހޭނެ އެ މަސައްކަތްތަކަކީ އެއީ އަޅުގަނޑަށްވެސް ހަމަ ވަރަށް ގާތުން ފެންނަ ކަންތައްތަކެއް.

އެހެންވީމާ، މިއަދު ދިވެހިރާއްޖޭގެ ލޮބުވެތި ރައްޔިތުންނާއި އަދި ވަކިން ޚާއްޞަކޮށް، އަޅުގަނޑުމެން ސަރުކާރުގެ އަދި އަމިއްލަ ކުންފުނިތަކަށް ދަންނަވާލަން އޮތީ، ތިޔަބޭފުޅުންނަށް ކުރެއްވެން އޮތް އެއްވެސް ކަމެއް ދޫކޮށްނުލައްވާށޭ. ޙަޤީޤީ މާނައިގައި، އަސްލުގޮތުގައި، އިޚްލާޞްތެރިކަމާއެކު މިފަދަ ފަރާތްތަކަށް ތިޔަބޭފުޅުންނަށް ކޮށްދެވެން އޮތް ކޮންމެ ކަމެއް ކޮށްދެއްވާށޭ. އަޅުގަނޑުމެންގެ ތެރޭގައި އެންމެ ބޮޑަށް ލޯތްބާއި އަޅައިލުން ބޭނުންވާ ފަރާތްތަކަކީ އެއްވެސް ޝައްކެއްނެތްގޮތުގައި މިއީ. އަދި އަޅުގަނޑުމެންގެ ހެޔޮހިތުން މިފަދަ ފަރާތްތަކަށް ކޮށްދޭ އެންމެ ކުޑަކުޑަ ޒައްރެއްގެ މިންވަރެއް ކޮށްދެވުނަސް، އެއީ އަޅުގަނޑުމެންނަށް އަގުނުކުރެވޭފަދަ ހެޔޮ ޘަވާބު އަޅުގަނޑުމެންގެ މައްޗަށް މިންވަރު ކުރައްވާނޭ ކަމެއް. އެހެންވީމާ، އަޅުގަނޑުމެން އެއްވެސް ގޮތަކަށް ވިސްނައިލާއިރު، މިއީ އަޅުގަނޑުމެން ހަނދާންނައްތާލަންވާނޭ ބައެއްނޫން.

އާދެ، އަޅުގަނޑު ކުންފުނިތަކަށް އަނެއްކާވެސް ހަމަ ދަންނަވާލަން. ވަޒީފާގެ ފުރުޞަތުތައް މިހާރުވެސް، ވޭތުވެދިޔަ އަހަރުތަކުގައިވެސް ވަޒީފާގެ ފުރުޞަތުތަކެއް ފަހިކޮށްފައި އެބަވޭ. އަދި މި އަހަރުވެސް، އަދި މިއަދުވެސް އަޅުގަނޑުމެން ޖެންޑަރ މިނިސްޓްރީގެ ފަރާތުން އިރާދަކުރެއްވިއްޔާ، އިތުރު ވަޒީފާތަކެއް މިފަދަ ފަރާތްތަކަށް ހަމަޖެހިގެންދާނެ.

އާދެ، އަޅުގަނޑުމެން މީގައި ވިސްނާލަންޖެހެނީ، ސްކޫލް ނިޒާމުގެ ތެރެއިން، ސްކޫލް ނިމުމުގެ ކުރިން އަޅުގަނޑުމެން އެބަޖެހޭ، މި ކުދީންނަށް މަސައްކަތްތަކެއް ދަސްކޮށްދޭން. އެ ކުއްޖެއްގެ ހުނަރު ހުރިކަން އަޅުގަނޑުމެންނަށް ސާބިތުވެގެން އެބަދޭ. އެހެންވީމާ، ޚާއްޞަ ސަމާލުކަމެއްދީގެން، އެ ކުދީންނަށް މަސައްކަތްތަކެއް ދަސްކޮށްދިނުމަކީ، އެއީ އަޅުގަނޑުމެން ވަރަށްބޮޑަށް ސަމާލުކަންދީގެން ކުރަންޖެހޭނެ ކަމެއް. ހަމައެއާއެކު، ކުންފުނިތަކުގައި މަސައްކަތް ކުރާއިރު، އެ ފަރާތްތަކަށް ޚާއްޞަ ސަމާލުކަމެއްދެވި، އެ ކަންތައް ބެލެހެއްޓޭނެ ގޮތަކަށް ގެންދިޔުމަކީ، އެއީ އަޅުގަނޑުގެ ވަރަށްބޮޑު އެދުމެއް.

އާދެ، އަޅުގަނޑު ގަބޫލުކުރަނީ، ކުރިއަށް އޮތް ތާނގައި، އަޅުގަނޑުމެން އެންމެން ކުރާ މަސައްކަތުން، އަޅުގަނޑުމެންނަށް ތަފާތު ބޮޑު ބަދަލެއް، ހެޔޮ ބަދަލެއް ﷲ އިރާދަކުރެއްވިއްޔާ، ގެނެވޭނެ ކަމަށް. އަޅުގަނޑުމެން ގަބޫލުކުރަންޖެހޭނެ، މި ކުދީންނަށް މުޖުތަމަޢުތެރޭގައި އާދެ، ހުރިހާ ކަމަކަށްވެސް، އަޅުގަނޑުމެންނެކޭ އެއްފަދައިން ވާސިލުވުމުގެ ފުރުޞަތުތައް އަޅުގަނޑުމެން ހޯދައިދޭން އެބަޖެހޭ. ޚިދުމަތްތައްދޭ ފަރާތްތަކަށާއި، މިސްކިތްތަކަށާއި، އޮފީސްތަކަށާއި، ފެރީތަކަށާއި، އެނޫން ތަންތަނަށްވެސް ފަސޭހަކަމާއެކު ދެވޭނޭ ގޮތްތައް އަޅުގަނޑުމެން މެދުވެރިކުރަން އެބަޖެހޭ. އެއްވެސް ކަމަކުން ބާކީނުކޮށް އަޅުގަނޑުމެންގެ މުޅި ނިޒާމު ބައްޓަންކުރުން އެއީ މިއަދު އަޅުގަނޑުމެންގެ މި ސަރުކާރުގެ، ރައީސުލްޖުމްހޫރިއްޔާގެވެސް އެންމެ ބޮޑު ވަޢުދަކަށް ވެގެންދަނީ. އަދި އަޅުގަނޑުމެން ގަބޫލުކުރަންޖެހޭނެ، ދިވެހިރާއްޖޭގެ ރައްޔިތުން މި ސަރުކާރުން އެދޭ އެންމެ ބޮޑު އެދުމަކަށް ވެގެން މިދަނީވެސް ތަފާތުކުރުމެއްނެތި، މުޖުތަމަޢު ތެރޭގައި އެންމެންނަށް ޝާމިލުވެ، ބައިވެރިވެވޭނޭ ގޮތްތައް ހޯދަން.

އާދެ، އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލުމުގެ ކުރިން، އަޅުގަނޑު ދަންނަވާލަން އޮތީ، ޚާއްޞަކޮށް މައިންބަފައިންނަށް، އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެންގެ މި ސަރުކާރުގެ އަމާޒު ހުރީ އާދެ، ރަނގަޅު ކަންތައްތަކަށް. ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ، ރައްޔިތުންނަށްވީ ވަޢުދުތަކަކީ، ރަނގަޅު ކަންތައްތައް ކުރުމަށްވީ ވަޢުދު. އެއްވެސް ބަޔަކު، އެއްވެސް މީހަކު ވަޢުދެއް ނުވާނެ، ނުބައި ކަމެއް ކުރާކަށް. ހުރިހާ ކަންތައްތަކަކީވެސް ރަނގަޅު ކަންތައްތައް ކުރުމަށް، އޭގެތެރެއިންވެސް އަޅުގަނޑުމެން އެންމެން އެބަ ގަބޫލުކުރަން، މިއީ އެންމެ ހެޔޮކަން ބޮޑުވެގެންވާ، އެންމެ ރަނގަޅު ކަންތައްތައްކަން.

އެހެންވީމާ، ނިންމާލުމުގެ ކުރިން، ތިޔަ އެންމެހައި ބޭފުޅުންނަށް ދަންނަވާލާނީ، އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެން އެއްކޮށް މަސައްކަތްކޮށް، ހެޔޮ ބަދަލެއް ގެނެސް، އަޅުގަނޑުމެން އެ ބޭނުންވާ އުފާވެރިކަން އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެން ހޯދާނަމޭ. ބެލެނިވެރިން ކުރައްވާ މަސައްކަތްތަކަށް އަޅުގަނޑުގެ ހިތުގެއަޑިން އެކަން ގަބޫލުކޮށް، އަޅުގަނޑު އެ ފަރާތްތަކަށް ޝުކުރު ދަންނަވަމުން ނިންމާލަނީ.

އަޅުގަނޑުގެ ދުޢާއަކީ، މި ކުދީންނަށް އުފާވެރި ބާއްޖަވެރި މުސްތަޤުބަލެއް މިންވަރު ކުރެއްވުން. އަދި ބެލެނިވެރިންނަށް ކެތްތެރިކަން ދެއްވައި، އިތުރަށް ސާބިތުކަން ދެއްވައި، އަޅުގަނޑުމެން އެންމެން އެކުގައި ރަނގަޅު މަސައްކަތްތަކެއް ކޮށްގެން، މި ކުދީންގެ ދިރިއުޅުން ހެޔޮގޮތުގައި ބަދަލުކޮށްލުމުގެ ހެޔޮ ތައުފީޤު މިންވަރު ކުރެއްވުން.

وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.