بســم اللّـه الرّحمـن الرّحيــم

ގަދަކީރިތިވަންތަ اللَّـهُ سُبْحَانَهُ وَتَعَالَىٰގެ ކިބަފުޅަށް ޙަމްދާއި ޝުކުރުކުރަން. ކައު އިތުރު ނަބިއްޔާ مُحَمَّـد رســول اللّـه صـلّى الله علـيـه وسـلّمގެ ކިބައަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަން. އަދި މި ޞަލަވާތާއި ސަލާމުގައި އެކަލޭގެފާނުގެ އާލު އަޞްޙާބުން ޝާމިލުކުރަން.

ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ސަޢީދު މުޙައްމަދު، ދައުލަތުގެ ވަޒީރުން، މިއަދު މި ފެށޭ ސިމްޕޯޒިއަމްގެ އެންމެހައި ބައިވެރިން، ހާޒިރުވެވަޑައިގެން ތިއްބެވި އެންމެހައި ބޭފުޅުން؛

السَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.

އާދެ، އެންމެ ފުރަތަމަވެސް އަޅުގަނޑު ފާހަގަކޮށްލަން ބޭނުންވަނީ، ރައްޔިތުންނަށް މިފަދަ އަސާސީ ޚިދުމަތެއް ދިނުމުގައި ރެޔާއި ދުވާލު މަސައްކަތް ކުރައްވަމުން ގެންދަވާ އަދި ވަކިން ޚާއްޞަކޮށް، ރާއްޖޭގެ އެކި ރަށްތަކުގައި މި މަސައްކަތް ކުރައްވަމުން ގެންދަވާ އެންމެހައި ފަރާތްތަކާއި ތިޔަބޭފުޅުންނާ ބައްދަލުކޮށް އެއްޗެއް ދަންނަވާލުމުގެ ފުރުޞަތު އަޅުގަނޑަށް ލިބުނީތީ އާދެ، އެކަމާ އަޅުގަނޑު އުފާކުރާ ވާހަކަ ދަންނަވާލަން.

އާދެ، އެއްވެސް ޝައްކެއްނެތް، މިފަދަ މަހާސިންތާއެއް ނުވަތަ މިފަދަ މަސައްކަތު ބައްދަލުވުމަކީ މިއީ ވަރަށް މުހިންމު ކަމެއް. އަޅުގަނޑުމެންނަށް، އަޅުގަނޑުމެން ކުރަމުންދާ ކަންތައްތަކުގައި ދިމާވާ މައްސަލަތަކާ ގުޅޭގޮތުން ވާހަކަ ދެކެވިގެން ނޫން ގޮތަކަށް އެ ކަންތައްތައް ރަނގަޅު ކުރެވޭނޭ ގޮތެއް ނޯންނާނެ.

އާދެ، ތިޔަބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ، މިއަދުގެ ސަރުކާރުގެވެސް، ވަކިން ޚާއްޞަކޮށް، ރައީސުލްޖުމްހޫރިއްޔާގެ ވިސްނުންފުޅަކީވެސް، ރައްޔިތުންނަށް ދިމާވާ އެކި ކަންތައްތައް ސީދާ ރައްޔިތުންނާ ހަމައިން އެ ކަންތައްތައް އެނގިގެން، ދުވަހުން ދުވަހަށް އެކަންތައްތައް ތަރައްޤީކޮށް، ވީހާވެސް ރަނގަޅު ޚިދުމަތްތަކެއް ރައްޔިތުންނަށް ދެވޭތޯ މަސައްކަތް ކުރުން.

އެގޮތުން އަޅުގަނޑު ގަބޫލުކުރަނީ، މިއަދު މި ފެށިގެންދާ މި ބައްދަލުވުން، މި މަހާސިންތާގެ ތެރެއިން ތިޔަބޭފުޅުންނަށް ކުރެވޭ މަޝްވަރާއާއި، އެކަކު އަނެކަކުގެ ޚިޔާލާއި، ތިޔަބޭފުޅުންނަށް ވޭތުވެދިޔަ ދުވަސްތަކުގައި ދިމާވެފައި ހުރި ގޮންޖެހުންތަކާ، މި ކަންތައްތަކާމެދު ވާހަކަ ދެކެވިގެން، ކުރިއަށް އޮތް ތަނުގައި އާދެ، ރައްޔިތުންނަށް ރަނގަޅު ޚިދުމަތެއް ފޯރުކޮށްދިނުމަށްޓަކައި މި ކުރާ މަސައްކަތަށް އޭގެ ސަބަބުން ވަރަށްބޮޑު ލުއިކަމެއް، ވަރަށްބޮޑު ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް.

އާދެ، ކަރަންޓަކީ އަޅުގަނޑު ދަންނަވާނީ ވަރަށް މުހިންމު އެއްޗެކޭ. އާދެ، އަޅުގަނޑުމެންނަށް ކަރަންޓުގެ މުހިންމުކަން އެނގިގެން މިދަނީ ހަމަ އެންމެ މިނިޓަކަށްވެސް ކަރަންޓާ ނުލައި އަޅުގަނޑުމެން އުޅެން ޖެހިއްޖެ ކަމަށްވަންޏާ، އެކަމުގެ ދަތި، އެކަމުގެ އެ އިޙްސާސްތައް އަޅުގަނޑުމެން އެންމެން ކުރަމު.

އާދެ، ރާއްޖޭގެ ރަށްތައް އާބާދުވެފައި އޮތްގޮތުން، ކުދި ރަށްތަކެއްގެ މައްޗަށް އޮތުމުން، ކޮންމެ ރަށެއްގެ ރައްޔިތުންނަށްވެސް މި ޚިދުމަތް ދޭން އޮތުމުން، އޭގައި އާދެ، ކުދި ރަށްތަކަކަށްވީތީވެ ގޮންޖެހުންތަކެއް ހުރޭ. އެހެންނަމަވެސް، އަޅުގަނޑުމެން މިއަދު ގަބޫލުކުރަންޖެހޭ ޙަޤީޤަތަކީ، މިއީ އަޅުގަނޑުމެންގެ ދިވެހި ޤައުމު އޮތްގޮތް. އަޅުގަނޑުމެން ކުރާ ކޮންމެ ކަމެއް އަޅުގަނޑުމެން ބައްޓަންކުރަން މި ޖެހެނީ މި ހުރިހާ ކަމަކަށް ވިސްނައިގެން، އަޅުގަނޑުމެންނަށް ޚިދުމަތް ދެވޭނެފަދަ ގޮތްތަކެއް ހޯދުމަށްޓަކައި.

އާދެ، އަޅުގަނޑުމެންނަކީ ޤައުމު އޮތްގޮތުން ނުވަތަ ކުދި ރަށްތަކަކަށްވީތީވެ، އެކަމުގެ ބަހަނާ ދައްކާ ބަޔަކަށް، ކަމެއް ނުކޮށްވާނެ މަންޒަރުތައް ދައްކާ ބަޔަކަށްވެއްޖެ ކަމަށްވަންޏާ، އާދެ ރައްޔިތުންގެ މެދުގައި އަޅުގަނޑުމެންނަށް މި ޚިދުމަތްތަކެއް ނުދެވޭނެ.

އެހެންވީމާ، ފުރަތަމަ ކަމަކަށް މި ހުރިހާ ކަމެއް އަޅުގަނޑުމެން ބަލައިގެން، ހުރިހާ ރަށެއްގެ ރައްޔިތުންނަށް އާދެ، މިއަދުގެ ސަރުކާރުގެ ސިޔާސަތާއެކު، ވަކި ތަފާތުކުރުމެއްނެތި، ހަމަހަމަގޮތަކަށް ޚިދުމަތް ދެވޭތޯ އަޅުގަނޑުމެން މަސައްކަތް ކުރަންޖެހޭނެ.

އާދެ، ވޭތުވެދިޔަ ގާތްގަނޑަކަށް އަހަރެއްހާ ދުވަހަށް ބަލައިލާއިރު، އާދެ، ފެނަކައިން ގިނަ ކަންތައްތަކެއް ކޮށްފައި އެބަވޭ. އަޅުގަނޑަށް މަޢުލޫމާތު ލިބިފައިވާ ގޮތުން، ގާތްގަނޑަކަށް ސަތޭކަ ފަންސާސް ހަތަރުވަރަކަށް ރަށުގެ މި ކަރަންޓުގެ ކަންތައް، އާދެ، އިންޖީނުގެ ހިންގަމުން، ބަލަހައްޓަމުން ފެނަކައިން އެބަދޭ. މިއީ އެއްވެސް ހާލެއްގައި ކުޑަކުޑަ މަސައްކަތެއް ނޫން.

އާދެ، ހަމައެއާއެކު ތިޔަބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ، ވަރަށް ގިނަ ރަށްރަށުގައި އިންޖީނުގެ ހުރި ތަނުން ބަދަލުކުރުމާއި އަދި އިންޖީނުގެ ހުރި ފެންވަރު އާދެ، އެއީ މި ޒަމާނާ އެއްގޮތަކަށްވެސް ފިޓްވާކަހަލަ ގޮތަކަށް ނުވާތީވެ، އެ މަސައްކަތްވެސް ވަރަށް ބާރަށް ކުރިއަށް އެބަދޭ.

އާދެ، އަޅުގަނޑު މީގައި ފާހަގަކޮށްލަން ބޭނުންވޭ، މެނޭޖިންގ ޑިރެކްޓަރގެ ވާހަކައިގައި ފާހަގަކޮށްލެއްވި ކަމެއްގެ ފެށުމުގައި، އެ އަޅާ ބިންގާ ރަނގަޅު ގޮތުގައި އެ ބިންގާ އަޅައިގެން، އެ ހިސާބުން ފެށިގެން ރަނގަޅަށް ކުރެވިގެން އަންނަނަމަ ވަރަށް ރަނގަޅަށް ކަންތައްތައް ކުރިއަށް ގޮސްފައި އޮތީސް.

އާދެ، އަޅުގަނޑުމެން މިއަދު މާޒީވެދިޔަ ކަންތައްތަކުގެ ވާހަކަ، އެހާ ބޮޑަށް ދައްކާކަށް ޙަޤީޤަތުގައި ބޭނުމެއްނުވޭ. އަޅުގަނޑުމެން މިއަދު ބޭނުންވަނީ، މިއަދު އަޅުގަނޑުމެންނަށް މި ފެނުނު ކަންތައްތަކުން، މި ފެށި މަސައްކަތައިގެން ޙަޤީޤަތުގައިވެސް ބާރަށް ކުރިއަށްގޮސް ރައްޔިތުންނަށް ފުރިހަމަ ޚިދުމަތްތަކެއް ދިނުމަށް. އެހެންނަމަވެސް، އަޅުގަނޑު ހަމަ ފާހަގަކޮށްލަން ބޭނުންވަނީ، ވޭތުވެދިޔަ ދުވަސްތަކުގައި ވަކި ކަހަލަ ކަންތައްތަކަކަށް ހަމައެކަނި އަމާޒު ކުރެވިގެން ކަންތައްތަކެއް ކުރެވުނީ. އާދެ، އޭގެތެރޭގައި ވަކި ބަޔަކަށް، ވަކި ރަށްތަކަކަށް އިހްމާލުވެފައި އޮތްކަމީ، އެއީ މިއަދު އަޅުގަނޑުމެން ކަންތައްތައް ރަނގަޅަށް ކުރިއަށް ގެންދަން ވިސްނާ ބަޔަކު ކޮންމެވެސް މިންވަރަކަށް ފާހަގަކޮށްލަންޖެހޭ ކަމެއް.

އާދެ، އަޅުގަނޑު މިއަދު ދިވެހިރާއްޖޭގެ އެންމެހައި ލޮބުވެތި ރައްޔިތުންނަށް ޔަގީންކޮށް އަރުވަން އޮތީ، މި ސަރުކާރުން ރައްޔިތުންގެ މެދުގައި ތަފާތުކުރުންތަކެއް ނުގެންގުޅޭނެ. ދިވެހިރާއްޖޭގެ މިއަދުގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ ވިސްނުންފުޅަކީ، ރާއްޖޭގެ ރައްޔިތުންނަށް ލިބެންޖެހޭ އަސާސީ ޙައްޤުތަކާއި، އެ ޚިދުމަތްތައް ބަރާބަރަށް ރައްޔިތުންގެ ޝަކުވާއެއް އޭގައި ނޯންނާނެފަދަ، ހާމަކަން ބޮޑު ގޮތަކަށް އެ ކަންތައްތައް ކޮށްދިނުން. އާދެ، އެގޮތުން އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެންނަށް ފެނަކައިގެ ފަރާތުން ކުރިއަށް އޮތް ތާނގައިވެސް ރާއްޖޭގެ އިންޖީނުގެތައް ބަދަލުކުރުމާއި، އަދި އިންޖީނުގެތަކުގެ ސައިޒް ދެންމެ އެ ވިދާޅުވިގޮތަށް، ބޮޑު ކުރަންޖެހޭ ތަންތަނުގައި ކުރުމަށް ނެޓްވަރކްތައް ރަނގަޅު ކުރުމާ، މިއީ މެދުކެނޑުމެއްނެތި ކުރަމުންދާނެ މަސައްކަތްތައް. އާދެ، މިހާރުވެސް މިވީ އެއް އަހަރު ތެރޭގައިވެސް ފަސްދޮޅަހަށްވުރެ ގިނަ އިންޖީނު އެކި ރަށްރަށަށް ފޯރުކޮށްދެވިފައިވާކަން އަޅުގަނޑު ހަމަ އުފަލާއެކު ފާހަގަކުރަން.

އާދެ، ވިސްނާލަން އެބަޖެހޭ، ވަރަށްބޮޑު ހޭދައެއް ކުރަންޖެހޭ ގޮތަކަށް އަޅުގަނޑުމެންގެ ކަރަންޓު ދިނުމުގެ ކަންތައްތައް މިއޮތީ. އާދެ، ތިޔަބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ، ޑީސަލް އެންދުމުން މިއީ ކިހާބޮޑު ހޭދައެއް ކުރަންޖެހޭކަން. އާދެ، ހަމައެއާއެކު، އަޅުގަނޑުމެން ޑީސަލް މި އެންދުމުން ތިމާވެށްޓަށް ކުރާ ގެއްލުންވެސް މިއީ މިއަދު އަޅުގަނޑުމެން އެކަމެއް ބަލައި، ކުރިއަށް އޮތްތަނަށް އެނޫން ގޮތްތައް ހޯދަންޖެހޭ ކަމެއް.

އާދެ، ﷲ އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެންނަށް މިހާރު މި ސަރުކާރުގެ ސިޔާސަތުގެ ތެރެއިން ކުރިއަށް އޮތް ދުވަސްތަކުގައި އިޔާދަކުރުވަނިވި ހަކަތައިން ކަރަންޓު އުފެއްދޭނެ. އަދި ރާއްޖޭގެ ގިނަ ސަރަޙައްދަކަށް ބޮޑު ބަޔަކަށް ކަރަންޓު އުފެއްދިގެން، އޭގެ ފަސޭހަކަން އަޅުގަނޑުމެންނަށް ހޯދިގެންދާނެ. އަދި ހަމައެއާއެކު، ކަރަންޓުގެ އަގު ވީހާވެސް ރަނގަޅުވެގެން ދިޔުމަކީ އެއީ ދިވެހި އެންމެހައި ރައްޔިތުން ބޭނުންވާނެގޮތް. އަބަދުވެސް ސަރުކާރުން ބަލަމުން މިދަނީ ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތްތަކަކީ ވީހާވެސް ޚަރަދުކުޑަގޮތަކަށް، ރައްޔިތުންގެ ޖީބަށް ވީހާވެސް ލުއިގޮތަކަށް ކޮށްދެވޭނޭ ގޮތަކަށް އެ ކަންތައްތައް ބައްޓަން ކުރުމަށް.

އާދެ، މިއާއެކު އަޅުގަނޑުމެން އެނބުރިގަންނަން އެބަޖެހޭ، އަޅުގަނޑުމެންގެ ރާސްތާ އަޅުގަނޑުމެން ބަދަލުކޮށް، އާ ޓެކްނޮލޮޖީއަށް އަޅުގަނޑުމެން އަހުލުވެރިވާން. އާދެ، ދުނިޔޭގެ އެހެނިހެން ޤައުމުތައްވެސް ހޯދާފައިވާ ކާމިޔާބީތައް އަޅުގަނޑުމެން ހޯދަން ބޭނުންކަމަށްވަންޏާ، އަޅުގަނޑުމެން އެބަޖެހޭ، މިކަހަލަ މަގުތައް ހޯދައި، މިފަދަ ގޮތްތަކަށް އަޅުގަނޑުމެން އަހުލުވެރިވާން.

އާދެ، އަޅުގަނޑު ހަމަ ދަންނަވާލަން ބޭނުންވޭ، ތިޔަބޭފުޅުން ތިޔަ ތިއްބެވީ ރައްޔިތުންނަށް ޚިދުމަތް ދިނުމަށް. އަޅުގަނޑުމެން ކުރާ ކޮންމެ ކަމެއްގައިވެސް އަޅުގަނޑުމެން ވިސްނަން އެބަޖެހޭ، ރައްޔިތުންނަށް އެންމެ ފައިދާހުރި ގޮތްތައް އޭގައި ހޯދައިދިނުމަށް. އަޅުގަނޑުމެން ކުރާ ކޮންމެ ކަމަކުން ފައިދާ ނަގަން ފަށައިފި ކަމަށްވަންޏާ، އަޅުގަނޑުމެން އެ ބޭނުންވާ ޚިދުމަތްތަކެއް، އެ ބޭނުންވާ ފެންވަރުގައި ރައްޔިތުންނަށް ފޯރުކޮށެއްނުދެވޭނެ. އަޅުގަނޑުމެންގެ އިޚްލާޞްތެރިކަން، އަޅުގަނޑުމެންގެ ވަފާތެރިކަން އަޅުގަނޑުމެން ބަހައްޓަން އެބަޖެހޭ.

ދައުލަތަކީ، ސަރުކާރަކީ ރައްޔިތުންގެ ބެލެނިވެރި ފަރާތް. ރައްޔިތުންނަށްޓަކައި އެ ދޭ ޚިދުމަތްތަކަކީ، މި ދެންނެވި ގޮތަށް އަޅުގަނޑުމެންގެ އެންމެ އިޚްލާޞްތެރިކަމާއެކު ދެވޭނެ ޚިދުމަތަކަށްވާން އޮތީ، އަޅުގަނޑުމެން ސަރުކާރު ކުންފުނިތައް ހިންގުމުގައި، ހިންގުމުގެ ނިޒާމު ރަނގަޅުކޮށް، އާދެ، ހިނގަމުން އައި ކަންތައްތަކަށް އަޅުގަނޑުމެން މިއަދު ނޫނެކޭ ބުނެގެން.

އެހެންވީމާ، އަޅުގަނޑު މިއަދު ހުރިހާ މުވައްޒަފުންނަށް، ފެނަކަ ކޯޕަރޭޝަންގެ މުވައްޒަފުންނާއި، އަދި ރާއްޖޭގެ ރައްޔިތުންނަށް ޚިދުމަތް ދިނުމަށްޓަކައި، ސަރުކާރުގެ އެންމެހައި ކުންފުނިތަކުގެ މުވައްޒަފުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކު ދަންނަވާލަން އޮތީ، ފެށުންވެސް އާވެއްޖެއޭ. އާ އުންމީދުތަކަކާއެކު ރައްޔިތުން ވަރަށްބޮޑަށް، ވަރަށްގިނަ ފޮނި އުންމީދުތަކެއް ކުރަމުންނޭ، އަޅުގަނޑުމެންނާ މި ކަންތައްތައް ހަވާލުކުރެއްވީ. އެހެންވީމާ، ރައްޔިތުންގެ އެ އުންމީދުތައް ޙަޤީޤަތަކަށް ހެދުމަށްޓަކައި ޚާއްޞަކޮށް، ދައުލަތުން ދެވޭ މިފަދަ ޚިދުމަތްތައް ރަނގަޅުކޮށް، އެ ބޭކާރު ޚަރަދު، އާދެ، އިސްރާފު ކުރުމުގެ ކަންތައްތައް އަޅުގަނޑުމެން އެއްކޮށް ހުއްޓާލައި، ކޮރަޕްޝަނަށް އަޅުގަނޑުމެން މުޅިން ނޫނެކޭ ބުނަން އެބަޖެހެޔޭ. އެނޫން އެއްވެސް އެހެން ގޮތަކަށް އަޅުގަނޑުމެން ބޭނުންވާ ކާމިޔާބު، އަޅުގަނޑުމެން އެ ބޭނުންވާ ހަމަހަމަކަން، އަޅުގަނޑުމެން ބޭނުންވާ އުފާވެރިކަން، އަޅުގަނޑުމެންގެ ރައްޔިތުންގެ މޫނުމަތިން އަޅުގަނޑުމެންނަކަށް ދުވަހަކުވެސް ނުހޯދޭނެ.

އެހެންވީމާ، އަޅުގަނޑު ހަމަ ތަކުރާރުކޮށް ތިޔަބޭފުޅުންނަށް އެފިޝަންޓް ވުމަށާއި، ޕްރޮޑަކްޓިވް ބަޔަކަށް ވުމަށްޓަކައި އެކުގައި މަސައްކަތް ކުރުމަށް، ރަނގަޅު ގޮތްތައް ހޯދުމަށް، އަޅުގަނޑު އެންމެހައި މުވައްޒަފުންނަށް ތަކުރާރުކޮށް ދަންނަވާލަން.

އާދެ، ކަރަންޓުގެ ވާހަކަ ދައްކާއިރު، ވަރަށް މުހިންމު ކަމެއް އަޅުގަނޑުމެން، ކަރަންޓު ބޭނުންކުރާ ފަރާތްތަކުން އެބަޖެހޭ ވަރަށްބޮޑަށް ސަމާލުވާން. އާދެ، އިސްރާފު ކުޑަކުރަން އެބަޖެހޭ. އަޅުގަނޑުމެންގެ ފަރުވާތެރިކަން އަޅުގަނޑުމެން އިތުރުކުރަން އެބަޖެހޭ. އަޅުގަނޑުމެންނަށް ކަރަންޓު ބިލް މި ފެންނަނީ އަޅުގަނޑުމެންނާ ހަމައަށް ލިބުމުން. އަޅުގަނޑުމެން ބޭނުންކުރާ ކޮންމެ ވަގުތަކުވެސް ވިސްނަން އެބަޖެހޭ، އިސްރާފުގެ ގޮތުގައި މި އެއްވެސް ގޮތަކަށް މި ހަކަތަ ހޭދަވެގެން ނުދާނެފަދަ ގޮތަކަށް އަޅުގަނޑުމެންގެ އުޅުން ބައްޓަން ކުރުމަށް.

އާދެ، ބޭނުންނުވާ އެއްވެސް ވަގުތެއްގައި ސުވިޗްތައް ޖައްސާފައި ބެހެއްޓުމަކީ، ބޮކިތައް ދިއްލާފައި ބެހެއްޓުމަކީ މިއީ އަޅުގަނޑުމެން ވިސްނަންޖެހޭ ކަމެއް. މިއަދު އަޅުގަނޑުމެން މި ކަންތައްތަކަށް ސަމާލުވެގެން ނޫނީ، އަޅުގަނޑުމެންގެ ޅަދަރީންނަށް، ކުޑަކުދީންނަށް އަޅުގަނޑުމެންނަށް މި ކަންތައްތައް ދަސްކޮށެއް ނުދެވޭނެ.

އާދެ، އެނގިވަޑައިގަންނަވާނެ އަޅުގަނޑުމެންގެ ދީން އަޅުގަނޑުމެންނަށް އެންމެ ބޮޑަށް ބާރުއަޅާ ކަމަކީ، އިސްރާފު ނުކުރުން. އެހެންވީމާ، މިއަދު ޚާއްޞަ މަސައްކަތްތަކެއް އަޅުގަނޑުމެން ކުރަން އެބަޖެހޭ، އާދެ، ކަރަންޓް ބޭކާރު ގޮތުގައި ބޭނުންކުރުން ހުއްޓައި އިސްރާފު ކުޑަކުރުމަށް.

އާދެ، ހަމައެއާއެކު، ސަރުކާރުގެ އެންމެހައި އޮފީސްތަކަށާއި އާދެ، ދައުލަތުގެ އެންމެހައި އޮފީސްތަކާއި، އެންމެހައި ފަރާތްތަކަށްވެސް ދަންނަވަން އޮތީ، އަޅުގަނޑުމެންގެ މަސައްކަތުގައިވެސް މި ކަންތައްތަކަށް އަޅުގަނޑުމެން ސަމާލުކަންދީގެން، ޚަރަދު ކުޑަކުރުމަށްޓަކައި ބޭކާރުގޮތުގައި ބޭކާރުވެގެންދާ މިފަދަ ހުރިހާ އެނަރޖީއެއް އަޅުގަނޑުމެން ހުއްޓުވުމަށްޓަކައި، މިކަމާ އަޅުގަނޑުމެން މަސައްކަތް ކުރަމާ ހިނގާށޭ.

އާދެ، ތިޔަބޭފުޅުން މިއަދު މަސައްކަތު ބައްދަލުވުމަކަށް ވަޑައިގެން ތިއްބެވިއިރު، މީގައި ވިސްނާލަންޖެހޭ އެހެން ކަމެއްވެސް އެބައޮތް. އާދެ، މިއަދުވެސް އަޅުގަނޑުމެންނަށް ރައްޔިތުންގެ ޝަކުވާތައް ލިބެމުން މިދަނީ، ހެދިފައި ހުރި ކަންތައްތަކުން ވޭތުވެދިޔަ ދުވަސްތަކުގައި އަޅުގަނޑުމެންނަށް ދެން އެކި ގޮތްގޮތުން އައިސްފައި ހުރި ކަންތައްތަކުގެ ތެރޭގައިވެސް މައްސަލަތަކެއް ހުރި ވާހަކަ. އެބަޖެހޭ އެއީ ނަރުދަމާ އެޅިކަމުގައިވިޔަސް، ފެންހޮޅި ވަޅުލިކަމަށްވިޔަސް، އަދި އިންޖީނުގެ މަރާމާތުކޮށް، އާ އިންޖީނުގެތައް އެޅިކަމުގައިވިޔަސް، ސްޓޭންޑަޑެއްގައި އޮންނަން. މަސައްކަތްތައް ކުރާއިރު، ރަނގަޅު ކޮލިޓީގައި، މިއީ ރައްޔިތުންގެ ޙައްޤެއްކަން ދަނެ، މިއީ ރައްޔިތުންގެ ފައިސާ ހޭދަކޮށްގެން ކުރާ ކަމެއްކަން ދެނެ ތިބެގެން، އެކަމެއްގެ ފެންވަރު ރަނގަޅު ކުރުމަށްޓަކައި މަސައްކަތް ކުރަން.

އާދެ، ނަރުދަމާ އެޅުމަށްފަހު، ފެންބޮޑުވެގެން، އޭގެ ބޭނުން ހެޔޮގޮތުގައި ރައްޔިތުންނަށް ނުހިފިގެން، ބޮޑު ތަކުލީފަކަށް ބަދަލުވެގެން، އަނެއްކާވެސް ކުރީގައި ކުރި ހޭދަ ކުރަންޖެހުމަކީ، އެއީ ރައްޔިތުންނަށް ރަނގަޅު ޚިދުމަތް ދިނުމެއް ނޫން. އެއީކީއެއްނޫން ސަރުކާރެއްގެ ބޭނުމަކީ. ސަރުކާރެއް މި އޮންނަނީ ރައްޔިތުންނަށް ކޮށްދޭ ކޮންމެ ކަމެއް ރަނގަޅު ގޮތުގައި، އޭގެ ސްޓޭންޑަޑްގައި ރަނގަޅަށް ކުރުމަށް.

އާދެ، އަޅުގަނޑު މިހެން މި ދަންނަވާލަން ޖެހުނީ ސަބަބުތަކެއް ހުރީމާ. އަޅުގަނޑުމެން ރާއްޖޭގެ ރަށްރަށަށް މި ކުރާ ދަތުރުތަކުގައި، އަޅުގަނޑުމެންގެ ލޮލުގެ ކުރިމައްޗަށް އަޅުގަނޑުމެންނަށް މި ފެންނަ މަންޒަރުތަކުން. ރައްޔިތުން އެކުރާ ޝަކުވާތައް އަޅުގަނޑުމެންނަށް ފެންނާތީވެ. އަޑުއިވޭތީވެ.

އާދެ، މަސައްކަތެއްކޮށް ނިމޭއިރު، އަނެއްކޮޅުން އެ މަސައްކަތްކުރަން ޖެހިފައި މި އޮންނަނީ. އެހެންވީމާ، މި ސަރުކާރުން، އަޅުގަނޑު ކުރީގައިވެސް މި ދެންނެވި ގޮތަށް، ރައްޔިތުންގެ އެތައް އުންމީދުތަކެއް ހާސިލުކޮށް ދިނުމަށްޓަކައި، ރައްޔިތުން މިއަދު މި ގެނައި ސަރުކާރުން، މިއަދު އަޅުގަނޑުމެން ކުރާ މަސައްކަތްތައް އަޅުގަނޑުމެންނާ ވަރަށް ކައިރިން ބަލައި، ރައްޔިތުންނަށް އެންމެ އެދެވޭ، އެންމެ ހިތްހަމަޖެހޭ، އެންމެ ޚަރަދު ކުޑަކޮށް، އެންމެ ކޮލިޓީ ރަނގަޅުކޮށް އަޅުގަނޑުމެން އެ މަސައްކަތް ކުރަންޖެހޭނެ.

އެހެންވީމާ، އަޅުގަނޑު ހަމަ ތިޔަ ހުރިހާ ބޭފުޅުންނަށްވެސް ދަންނަވާލަން. މަސައްކަތް ކުރެވެމުންދާއިރުވެސް، އެކި ޕްރޮޖެކްޓްތައް ތަންތަނުގައި ހިންގަމުންދާއިރުވެސް، އެކަމުގެ ކޮލިޓީ ބަލައި، ރަނގަޅަށް މޮނިޓަރކޮށް، އެއީ ރަނގަޅަށް ކުރެވޭ ކަމެއްތޯ ޔަޤީންކުރުމަކީ، އެއީ މިއަދު އަޅުގަނޑުމެން ނުކޮށް ހަމަ އެއްގޮތަކަށްވެސް ދޫކޮށްލައިގެންވާނެ ކަމެއް ނޫން. އަޅުގަނޑުމެން އެއްވެސް ހާލެއްގައި ބޭނުމެއްނޫން، ރައްޔިތުންގެ ފަރާތުން، އަޅުގަނޑުމެން މި ސަރުކާރުން ކުރާ އެއްވެސް ކަމެއްގައި މިފަދަ ޝަކުވާތަކެއް އަންނާކަށް. މި ކަންތައްތަކަށް އަޅުގަނޑުމެން ގަބޫލުކުރަނީ އަޅުގަނޑުމެން މިހާރު ނިމުމެއް ގެނެސްފީމޭ.

އާދެ، އަޅުގަނޑު ކުރީގައިވެސް ދެންނެވި ގޮތަށް، މިއީ ވަރަށް މުހިންމު ބައްދަލުވުމެއް. އަޅުގަނޑުމެން ވިސްނާލަން އެބަޖެހޭ. މިއަދު ދިވެހިރާއްޖޭގެ ހުރިހާ ރަށެއްގައި ﷲ އިރާދަކުރެއްވިއްޔާ، ނަރުދަމާ، ފެން، އަދި އެހެނިހެން ގޮތްގޮތުންވެސް ޚިދުމަތްތައް ދެވިގެންދާއިރު، މި ކަންތައްތައް ބަލަހައްޓާނޭ ޓެކްނިކަލް މީހުން ތައްޔާރުވާން އެބަޖެހޭ.

އެހެންވީމާ، މިއަދު ސަރުކާރުން ވަރަށްބޮޑު ސަމާލުކަމެއްދޭ ކަމެއް، އާދެ، މޭންޕަވަރ ވަރުގަދަ ކުރުމާއި، ޓެކްނިކަލް މީހުން އުފެއްދުން. އިންޖިނިއަރުން އަޅުގަނޑުމެންގެ ތެރޭގައި، އަޅުގަނޑުމެންނަށް ބޭނުންވާ ފޯސް އަޅުގަނޑުމެންނަށް ރެޑީ ކުރެވެން އެބަޖެހޭ. އަޅުގަނޑުމެން ކޮންމެ ކަމެއް ތަޢާރަފު ކުރުމަށްފަހު، އާދެ، ޕްރޮޖެކްޓެއް ނިންމާފައި، އެކަން ހިންގުމަށްޓަކައި އަޅުގަނޑުމެންނަށް ބޭރުން މީހުންނެއް ނުގެނެވޭނެ.

އެހެންވީމާ، އަޅުގަނޑުމެންގެ ސްކޫލްތެރެއިން ފެށިގެން، އަޅުގަނޑުމެން އަމާޒުހިފަން އެބަޖެހޭ، އަޅުގަނޑުމެންނަށް ބޭނުންވާ ދާއިރާތަކަށް ވަކިން ޚާއްޞަކޮށް، އިންޖިނިއަރިންގ، ޓެކްނިކަލް މި ދާއިރާތަކަށް އަޅުގަނޑުމެންގެ ދިވެހި ޒުވާނުން ތައްޔާރުކުރުމަށްޓަކައި އަޅުގަނޑުމެން އެބަޖެހޭ، އަޅުގަނޑުމެންނާ ހަމައަށް އަލަށް ގުޅޭ ޒުވާނުންނާއި، މަސައްކަތު އަންނަ މީހުން ބަލައިގަނެ، އެމީހުންނަށް ކިޔައިދީ، ޝައުޤުވެރިވާނޭފަދަ މާޙައުލެއްވެސް އަޅުގަނޑުމެން އެބަޖެހޭ ކަށަވަރުކޮށްދޭން. މި ކަންތައް ނުކޮށެއް، އަޅުގަނޑުމެންނަށް އަޅުގަނޑުމެން ބޭނުންވާ ދުވަސް އަޅުގަނޑުމެންނަކަށް ހޯދައެއްނުދެވޭނެ.

އާދެ، ޤައުމެއްގެ ތަނަވަސްކަން އިތުރުވެގެން މި އަންނަނީ، ވަރުގަދަ ވަރކްފޯސްއެއް އުފެދިގެން. ޤައުމެއް ކުރިއަރައިދަނީވެސް އެ ޤައުމެއްގައި ރަނގަޅު މަސައްކަތްތެރިންތަކެއް އުފެދިގެން. އުފެއްދުންތެރި ބަޔަކު އުފެދިގެން. އެހެންވީމާ، މިއަދުގެ ސަރުކާރުގެ މުޅި ސިޔާސަތުގެ ތެރެއިން އަޅުގަނޑުމެން ޚާއްޞަ ސަމާލުކަމެއް ދޭން އެބަޖެހޭ، މި ދާއިރާތަކަށް، އާދެ، މީހުން ބިނާކޮށް، އެމީހުންގެ ފަރާތުން މުޅި ދިވެހި ޤައުމަށް، އާދެ، ޚިދުމަތްތަކެއް ލިބިގެން ދިޔުމަށް.

އާދެ، އަޅުގަނޑުގެ އުންމީދަކީ، އަޅުގަނޑުމެންނަށް މީގެ ތެރެއިން، މި މަސައްކަތު ބައްދަލުވުމުގެ ތެރެއިންނާއެކު، ރައްޔިތުންނަށް އިތުރު ޚިދުމަތްތަކެއް ފޯރުކޮށްދިނުމުގެ މަގުތަކެއް ހުޅުވިގެންދާނެ ކަމަށް. ތިޔަބޭފުޅުން ރެޔާއި ދުވާލު ކުރައްވާ މަސައްކަތަށް އަޅުގަނޑުވެސް ހަމަ ޙަޤީޤަތުގައިވެސް ޝުކުރު ދަންނަވަން ބޭނުންވޭ. ވަރަށް ކައިރިން، ވަރަށް ގާތުން އަޅުގަނޑަށްވެސް ފެނޭ ޚާއްޞަކޮށް، އިންޖީނުގެތައް ހިންގާ، އާދެ، ފެނަކަ ކޯޕަރޭޝަނުން އަދި އެނޫނަސް އަޅުގަނޑުމެންގެ ދިވެހިރާއްޖޭގައި ހުރި ކުންފުނިތަކުން އެ ކުރަމުންދާ ގިނަގުނަ މަސައްކަތް. އަޅުގަނޑު ތިޔަބޭފުޅުންނަށް ދަންނަވާލަން އޮތީ، ރައްޔިތުންނާ މިހާ ގުޅުންހުރި މިހާ މުހިންމު އަސާސީ ކަމެއް ކުރަމުންދާއިރު، ހިތްހެޔޮކަމާއެކު ތިޔަބޭފުޅުން ވީހާވެސް އެފިޝަންޓްކޮށް ރަނގަޅަކަށް ތިޔަބޭފުޅުން ރައްޔިތުންނަށް ފޯރުކޮށްދެއްވާށޭ. މީހުންނާ މުޢާމަލާތް ކުރުމުގައި، ރީތި ގޮތްތައް އަޅުގަނޑުމެން ދައްކަވައިދެމާ ހިނގާށޭ.

އަޅުގަނޑުމެންގެ މުސްތަޤުބަލަކީ، އަޅުގަނޑުމެންގެ ޅަދަރީން. އަޅުގަނޑުމެންގެ ތެރޭގައި މިއަދު މިތިބަ ކޮންމެ މީހަކުވެސް އަޅުގަނޑުމެންގެ މޫނުމަތިން، އަޅުގަނޑުމެންގެ ހަރަކާތްތަކުން އަޅުގަނޑުމެންގެ ޢަމަލުތަކުން އަޅުގަނޑުމެން ދައްކުވައިދިން އެއްޗެކޭ އަޅުގަނޑުމެންގެ ދަރީންނަށް ދަސްވެގެންދާނީ. އަޅުގަނޑުމެން ފަހަރުގައިވެސް ހީކޮށްގެން ނުވާނޭ، ހަމައެކަނި ދަރީންނަށް ދަސްވާ އެއްޗަކީ ކްލާސްރޫމް ތެރޭގައި މުދައްރިސް ކިޔަވައިދޭ އެއްޗެއްކަމަށް. އެއަށްވުރެ މާގިނަ އެއްޗެހި ކުދިން މި ދަސްކުރަނީ، ގޭތެރެއިންނާއި، މަގުމަތިންނާއި، އެކި ތަންތަނުން ކުދިންނަށް މި ފެންނަ މަންޒަރުތަކުން. ޓީ.ވީތަކުން އެކުދިން އަޑުއަހާ އަދި ފެންނަ މަންޒަރުތަކުން. އެހެންވީމާ، އަޅުގަނޑުމެންގެ ހުރިހާ ޢަމަލުތަކެއް މަސައްކަތުގެ މާޙައުލުގައިވެސް ބަހައްޓަންވީ، އަޅުގަނޑުމެންގެ މުޅި ޤައުމުގެ މުސްތަޤުބަލު ކަމަށްވާ އަޅުގަނޑުމެންގެ ދަރީންނަށް އަމާޒުކޮށްގެން.

އެހެންވީމާ، އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލުމުގެ ކުރިން، އަޅުގަނޑު ތިޔަބޭފުޅުންނަށް ދަންނަވަން އޮތީ، އެންމެން އެކުގައި އަޅުގަނޑުމެން މަސައްކަތް ކޮށްގެން، މި ބޭނުންވާ ނަތީޖާ ހާސިލުކުރުމަށްޓަކައި، އާ ހިތްވަރަކާއެކު، އާ ޢަޒުމަކާއެކު އަޅުގަނޑުމެން މަސައްކަތް ކުރަމާ ހިނގާށޭ.

އާދެ، އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެން އެންމެން އެކުގައި ކުރާ މަސައްކަތުން ރައްޔިތުންނަށް ލުއިފަސޭހަ ގޮތްތައް ހޯދުމަށްޓަކައި އަޅުގަނޑުމެން މި ކުރާ މަސައްކަތުގައި اللَّـهُ سُبْحَانَهُ وَتَعَالَىٰ ބަރަކާތް ލައްވައި އަޅުގަނޑުމެންނަކީ ފުރިހަމަ ޞިއްޙަތެއްގައި ތިބެ، ރަނގަޅަށް މަސައްކަތް ކުރެވޭ ބައެއްގެ ގޮތުގައި ކުރިއަށް ދިޔުމުގެ ހެޔޮ ތައުފީޤު މިންވަރު ކުރެއްވުން.

وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.