ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ނިލަންދެ އަތޮޅު އުތުރުބުރީ ނިލަންދޫ ކައުންސިލަރުންނާ ބައްދަލުކުރައްވައި، ރަށުގެ ތަރައްޤީއަށް ރާއްވަވާފައިވާ މަޝްރޫޢުތަކާބެހޭގޮތުން މަޝްވަރާކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން އޮތީ މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

މި ބައްދަލުކުރެއްވުމުގައި، ކައުންސިލަރުން ވަނީ ރަށުގެ ތަރައްޤީއަށް މުހިންމު ކަންކަމާބެހޭގޮތުންނާއި ނިލަންދޫ ރައްޔިތުންގެ ހުރި ބައެއް ކަންބޮޑުވުންތަކާބެހޭގޮތުން ރައީސުލްޖުމްހޫރިއްޔާއާ މަޝްވަރާކުރައްވާފައެވެ. އެގޮތުން ކައުންސިލަރުން ވަނީ އެރަށުގެ ތަރައްޤީއަށް ކުރިޔަށްގެންދާ މަޝްރޫޢުތައް ކުރިޔަށްގެންދިއުމުގައި ހުރި ހުރަސްތަކާބެހޭ މަޢުލޫމާތު ރައީސުލްޖުމްހޫރިއްޔާއާ ޙިއްޞާކުރައްވާފައެވެ.

މިބައްދަލުކުރެއްވުމުގައި ކައުންސިލަރުން ފާހަގަކުރެއްވި މުހިއްމު ބައެއް ކަންކަމުގެ ތެރޭގައި، ރަށުގެ ހިއްކާފައިވާ ސަރަޙައްދު ގިރަމުންދާ މައްސަލައިގެ އިތުރުން ބަނދަރު ސަރަޙައްދު ތަރައްޤީކުރުމާއި ރަށުގައި އުފެދޭ ކުނި ނައްތާލުމަށް ހުރި ގޮންޖެހުންތަކުގެ މަޢުލޫމާތު ރައީސުލްޖުމްހޫރިއްޔާއާ ހިއްޞާކުރެއްވިއެވެ. މީގެ އިތުރުން ނިލަންދޫއަކީ ދ. އަތޮޅުގެ ދެކުނު ބިތުގެ ރަށްރަށުގެ އިތުރުން ރިސޯޓްތަކުންވެސް ގިނަ އަދަދެއްގެ ބަޔަކު ޚިދުމަތް ހޯދުމަށް އަންނަ ރަށެއްކަން ފާހަގަކުރައްވައި، ރަށުގެ ޞިއްޙީ ޚިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށް މަޝްވަރާކުރައްވާފައިވެއެވެ.

މިބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ސަރުކާރުން ކުރިޔަށްގެންދަން ރާވާފައިވާ މަޝްރޫޢުތަކަކީ ދެމެހެއްޓެނިވި ގޮތެއްގައި ރައްޔިތުންނަށް އޭގެ އެންމެ ފުރިހަމަ މަންފާކުރާނެގޮތަށް ބައްޓަންކުރެވޭ މަޝްރޫޢުތަކެއްކަން ފާހަގަކުރައްވާފައިވެއެވެ. އަދި ލާމަރުކަޒީ ޤާނޫނާއެކު ކައުންސިލްތަކަށް ދެވޭ ބަޖެޓް ހޭދަކުރެވޭނެ ގޮތްތައް ކަނޑައެޅި، މިފައިސާ ޚަރަދުކުރެވެނީ ޒިންމާދާރު ގޮތެއްގައިކަން ޔަޤީންކުރެވިގެންދާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ނިލަންދޫ ކައުންސިލަރުންނާ ބައްދަލުކުރައްވައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ނިލަންދޫ ކައުންސިލަރުން ފާހަގަ ކުރެއްވި ކަންކަމުގެ ތެރެއިން ބައެއް މަޝްރޫޢުތަކާބެހޭ އެންމެފަހުގެ މަޢުލޫމާތު ކައުންސިލަރުންނާ ޙިއްޞާކުރެއްވިއެވެ. އަދި ކައުންސިލަރުން ފާހަގަކުރެއްވި ގިނަ ކަންކަމަކީ ލާމަރުކަޒީ ޤާނޫނު ތަންފީޒުކުރަން ފެށުމުން ޙައްލު ލިބިގެންދާނެ ކަންތައްތަކެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މީގެއިތުރުން ކައުންސިލުން ކަންބޮޑުވުން ފާޅުކުރެއްވި މައްސަލަތަކަށް ޙައްލެއް ހޯއްދަވައިދެއްވުމަށް ސަރުކާރުގެ ކަމާގުޅޭ އިދާރާތަކާ މަޝްވަރާކުރައްވައިގެން މަސައްކަތްޕުޅު ކޮށްދެއްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.