بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎

اللهُ سُبْحَانَهُ وَتَعَالَى އަށް ޙަމްދާއި ޝުކުރު ދަންނަވަން. މި އުންމަތުގެ މާތް ނަބިއްޔާ مُحَمَّدُ رَسُوْلُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ އަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަން. މި ޞަލަވާތާއި ސަލާމުގައި އެކަލޭގެފާނުގެ އާލު އަޞްޙާބުން ޝާމިލުކުރަން.

މިނިސްޓަރ އޮފް ހެލްތް ޢަބްދުﷲ އަމީން، މޯލްޑިވިއަން ނަރސަސް އެސޯސިއޭޝަންގެ ރައީސް އަލްފާޟިލާ ޢާޝިޔާ ރަޝީދު، މޯލްޑިވްސް ނަރސިންގ އެންޑް މިޑްވައިފްރީ ކައުންސިލްގެ ރައީސް އަލްފާޟިލާ މަރްޔަމް ރަޝީދާ، ޑަބްލިޔޫ.އެޗް.އޯ. އިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ރެޕްރެޒެންޓޭޓިވް ޑޮކްޓަރ އަރްވިންދް މާތުރު، ދައުލަތުގެ ވަޒީރުން، ދިވެހިރާއްޖޭގެ ހީވާގި ނަރުހުން، ވަޑައިގެން ތިއްބެވި އެންމެހައި ބޭފުޅުން، ރާއްޖޭގެ ލޮބުވެތި ރައްޔިތުން؛

السَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.

އާދެ، ދެންމެ މި އިފްތިތާޙް ކުރެވުނު ނަރސިންގ ނައު ކެމްޕޭނަކީ، ރާއްޖޭގެ މިހާރުގެ ޞިއްޙީ ޙާލަތަށް ބަލާއިރު، ވަރަށް މުހިންމު ކެމްޕޭނެއް ކަމަށް އަޅުގަނޑު ދެކެން. ކުރިއަށް އޮތް އަހަރަކީ، އަޅުގަނޑުމެންގެ ޢާންމު ޞިއްޙަތަށް ވަރަށްބޮޑު އިސްކަމެއް ދޭން ނިންމާފައިވާ އަހަރަކަށްވާތީ، މި ކެމްޕޭންގެ މުހިންމުކަން ވަކިން ބޮޑު. އަދި ރާއްޖޭގެ ޞިއްޙީ ޚިދުމަތުގެ ނިޒާމު ފުރިހަމަކޮށް ހަރުދަނާ ކުރުމަށް، ސަރުކާރުން ކަނޑައަޅާފައިވާ ސިޔާސަތު ތަންފީޒު ކުރުމަށްވެސް މިއީ ވަރަށް މުހިންމު ކެމްޕޭނެއް.

އެހެންކަމުން، މި ކެމްޕޭން ކުރިއަށް ގެންދިޔުމަށް ނިންމެވި ކަމަށްޓަކައި، ދިވެހި ނަރުހުންގެ ޖަމްޢިއްޔާ އާއި، ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާ އަދި، މޯލްޑިވްސް ނަރސިންގ އެންޑް މިޑްވައިފްރީ ކައުންސިލްގެ މެމްބަރުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކު އަޅުގަނޑު ޝުކުރު ދަންނަވަން.

މުޖްތަމަޢުގެ ޞިއްޙީ ޚިދުމަތުގެ ނިޒާމުގައި، ނަރުހުން އަދާކުރާ ދައުރަކީ، އޭގެ މުހިންމުކަމާމެދު، އިތުރު ސުވާލެއް ނުއުފެދޭހާ ފާޅުކަން ބޮޑު ދައުރެއް. ރާއްޖޭގައި މިޒަމާނުގެ ޑޮކްޓަރީ ޚިދުމަތް ރަސްމީ ސިފައެއްގައި ފެށުމުގެ އެތައް އަހަރެއް ކުރިން، ނަރުހުންގެ ޚިދުމަތް، ރާއްޖޭގެ ކަންކޮޅުތަކުގައި ފެށިއްޖެ. އޭރު ރާއްޖޭގައި ނަރުހުންގެ ޚިދުމަތް ދިން ބަޔަކީ، ބޭކެނބިންނާއި ކޮމިޔުނިޓީ ހެލްތު ވަރކަރުން. އެހެންވީމާ، ރާއްޖޭގެ ނަރުހުންގެ ޚިދުމަތަކީ، އޭގެ ފެށުން އެނގޭވަރަށްވުރެ މާ ދޮށީ ޚިދުމަތެއް.

އާދެ! މުޖްތަމަޢުގެ ދުޅަހެޔޮކަން އިތުރުކުރުމުގެ އެންމެ މުހިންމު ބައިވެރިންނަކީ ނަރުހުން. ރާއްޖޭގައިވެސް، ބަލިމީހުންނަށް ފަރުވާ ދިނުމުގަޔާއި، ޢާންމު ޞިއްޙަތާ ގުޅޭ އެންމެހައި ކަންކަން ކުރިއެރުވުމުގައި، ގިނަ ޢަދަދެއްގެ ނަރުހުން، ބުރަ މަސައްކަތްތަކެއް ކުރައްވާކަން އަޅުގަނޑު ޝުކުރުވެރިކަމާއެކު ފާހަގަކުރަން. އަދި އެ ހުރިހާ ނަރުހުންނަށް ޝުކުރުވެސް ދަންނަވަން.

ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތަކުގެ މައި އިންޖީނަކީ، އަދި ޞިއްޙީ ނިޒާމުގެ އެންމެ މުހިންމު ވަސީލަތަކީވެސް، އެ މުޖްތަމަޢެއްގެ ޞިއްޙީ ޚިދުމަތްތެރިން. އޭގެ ތެރެއިންވެސް އެންމެ މުހިންމު ބަޔަކީ ނަރުހުން. ޞިއްޙީ ޚިދުމަތުގައި ނަރުހުންގެ މުހިންމުކަން ބޮޑުވަނީ، ބަލިމީހުންނާ އެންމެ ގާތުން، އެންމެ ގިނަ ވަގުތު ޚިދުމަތްދޭ ބަޔަކީ، ނަރުހުން ކަމަށްވާތީ.

"ޔުނިވަރސަލް ހެލްތު ކަވަރޭޖް"ގެ އަމާޒުތަކަށް ބަލާއިރު، އެކަންކަންވެސް މައިގަނޑު ގޮތެއްގައި ބަރޯސާވެފައި މިއޮތީ ނަރުހުންގެ ޚިދުމަތުގެ މައްޗަށް. މިދެންނެވި ކަވަރޭޖްގެ އެންމެ މުހިންމު އަމާޒަކީ، މުޖްތަމަޢުގެ ކޮންމެ ފަރުދަކަށް ބޭނުންވާ ޞިއްޙީ ޚިދުމަތްތައް، އެއްވެސް ތަފާތުކުރުމެއްނެތި، ރައްޔިތުންނާ ގާތުން، އަދި މާލީ އެއްވެސް ގޮންޖެހުމަކާ ނުލައި، ލިބޭނެ އިންތިޒާމުތައް ހަމަޖެއްސުން.

ޔުނިވަރސަލް ހެލްތު ކަވަރޭޖުން ހާސިލުކުރަން ބޭނުންވާ އެންމެ މުހިންމު ކަންކަމަކީ، ޅަފަތުގައި ކުދިން މަރުވާ ނިސްބަތް ދަށްކުރުމާއި، ވިހެއުމުގެ ތެރޭގައި މައިންނާއި ކުދިން މަރުވާ ނިސްބަތް ދަށްކުރުމާއި، އުފަންވާއިރު ދިރިހުންނާނެ ކަމަށް ލަފާކުރެވޭ ޢުމުރުގެ ނިސްބަތް މަތިކުރުން. އަނެއް ކަމަކީ، ޕޯލިއޯ، ޓެޓްނަސް، މެލޭރިއާ، ފައިލޭރިއާ، މީސަލްސް، ފަދަ ގައިން ގަޔަށް އަރާ ނުރައްކާތެރި ބަލިތައް ނައްތައިލުން.

މިދެންނެވި ޞިއްޙީ ކަންކަމުގައި ރާއްޖެ ވަނީ، ވަރަށް ބޮޑެތި ކުރިއެރުންތަކެއް ހޯދާފައި. ޅަފަތުގައި ކުދިން މަރުވާ ނިސްބަތާއި، ވިހެއުމުގެ ތެރޭގައި މައިންނާއި ކުދިން މަރުވާ ނިސްބަތް ރާއްޖޭގައި ވަނީ ވަރަށް ބޮޑަށް ދަށްކުރެވިފައި. އަދި އުފަންވާއިރު ދިރިހުންނާނެ ކަމަށް ލަފާކުރެވޭ ޢުމުރުގެ ނިސްބަތް ވަނީ މަތިކުރެވިފައި. މިކަންކަން ހާސިލުކުރުމުގައިވެސް ދިވެހި ނަރުހުންގެ ދައުރު ވަރަށް ފާޅުކަން ބޮޑު ގޮތެއްގައި އެބަ ފެނޭ.

އަދި އަޅުގަނޑު ކުރިން މިދެންނެވި ގައިން ގަޔަށް އަރާ ބަލިތައް ނައްތައިލެވުނީ، އެ ބަލިތަކާމެދު ޢާންމު ރައްޔިތުން ހޭލުންތެރިކުރުމަށް، ދެމެހެއްޓެނިވި ގޮތެއްގައި ހިންގުނު ޕްރޮގްރާމްތަކުގެ ސަބަބުން. ހަމަ އެފަދައިން އެފަދަ ބަލިތައް ތަޙައްމަލް ކުރަމުންދިޔަ މީހުންނަށް ފަރުވާކުރުމުގަޔާއި، އެހެން މީހުން ބަލިތަކުން ރައްކާތެރިކުރުމަށް ކޮމިޔުނިޓީ ހެލްތު ވަރކަރުންނާއި ނަރުހުން ކުރި ބުރަ މަސައްކަތުގެ ސަބަބުން.

އަދި މިކަމުގައި އެންމެހައި ޞިއްޙީ ޚިދުމަތްތެރިންނާއި، ޞިއްޙީ ޚިދުމަތްދޭ، ސަރުކާރުގެ މަރުކަޒުތަކާއި، އަމިއްލަ މީހުންގެ ކްލިނިކްތަކާއި ހޮސްޕިޓަލްތައް ގުޅިގެން ކުރި މަސައްކަތްތައް ފާހަގަކޮށް، އެ ހުރިހާ ފަރާތްތަކަށްވެސް އަޅުގަނޑު ޝުކުރު ދަންނަވަން. ވަކިން ޚާއްޞަ ގޮތެއްގައި، ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާ (ޑަބްލިޔޫ.އެޗް.އޯ) އިން، ދިވެހިންގެ ޞިއްޙީ ދުޅަހެޔޮކަމަށްދޭ ސަމާލުކަމަށްޓަކައި، އެ ޖަމްޢިއްޔާއަށް ވަރަށް ޚާއްޞަ ޝުކުރެއް އަޅުގަނޑު ދަންނަވަން.

ނަރުހުންނަކީ ހަމައެކަނި ވަޒީފާއެއް އަދާކުރެއްވުމުގެ ގޮތުން އެ މަސައްކަތް ކުރައްވާ ބައެއް ނޫން. ނަރުހުން އެ ކުރައްވަނީ، އެއަށްވުރެ މާ މާތް، މާ މަތިވެރި މަސައްކަތެއް. އެއީ އިންސާނިއްޔަތުކަމުގެ އެންމެ މަތީ ދަރަޖައިގެ ޚިދުމަތެއް. ނަރުހުންނާއި ބަލިމީހާއާ ދެމެދު އޮންނަ ގުޅުމަކީ، މައިންނާއި ދަރިންގެ ކުލުނު. އެއީ އެއްބަނޑުއެއްބަފާ ކަމުގެ ކުލުނު. ނަރުހުންގެ ޚިދުމަތް ބިނާވެފައި އޮންނަނީ، އޯގާތެރިކަމާއި އެކުވެރިކަމާއި އަޅައިލުމުގެ މައްޗަށް.

މުޅި ދުނިޔެއަށް ބަލާއިރުވެސް، ޞިއްހީ ޚިދުމަތްތެރިންގެ 50 އިންސައްތައަކީ ނަރުހުން. ރާއްޖޭގައި މިވަގުތުވެސް، 3300 އަށްވުރެ ގިނަ ނަރުހުން ޚިދުމަތުގައި އެބަ ތިއްބެވި. މިއީ ރާއްޖޭގެ ޞިއްޙީ ޚިދުމަތްތެރިންގެ ގާތްގަނޑަކަށް 56 އިންސައްތައިގެ ނިސްބަތެއް. ނަމަވެސް މީގެ ތެރެއިން ގިނަ މީހުންނަކީ ބިދޭސީ ނަރުހުން.

ރާއްޖޭގެ އާބާދީ ބެހިފައިވާ ގޮތަށް ބަލާއިރު، މިހާރު ޚިދުމަތުގައި ތިއްބެވި ނަރުހުންގެ ޢަދަދުވެސް އެކަށީގެންވާ ވަރަށްވުރެ މާ މަދު. މިކަމާމެދު ޤައުމީ ފެންވަރުގައި އަޅުނގަނޑުމެން އިތުރަށް ސަމާލުވާން އެބަޖެހޭ. އަޅުގަނޑުމެންގެ ޞިއްޙީ ޚިދުމަތުގެ ނިޒާމު ފުރިހަމަކުރުމަށްޓަކައި، އަދި ރައްޔިތުންގެ އިތުބާރު ހޯދުމަށްޓަކައި، ގިނަ ޢަދަދެއްގެ ދިވެހިން މި ދާއިރާއިން ތަމްރީނު ކުރުމަކީ، ވަރަށް ބޮޑަށް އިސްކަންދޭން ޖެހިފައިވާ ކަމެއް.

ސަރުކާރުގެ ޞިއްޙީ ޚިދުމަތުގެ ސިޔާސަތު އަމާޒުކުރެވިފައިވާ މިސްރާބަށް ބަލާއިރު، ކުރިއަށް އޮތް ދެތިން އަހަރުގެ ތެރޭގައި، ވަރަށް ގިނަ ޢަދަދެއްގެ ނަރުހުން ބޭނުންވާނެ. ރާއްޖޭގެ 5 ސަރަޙައްދެއްގައި 5 ޓާޝަރީ ހޮސްޕިޓަލް ތަރައްޤީވާއިރު، އެ ސަރަޙައްދުތަކުގެ ކުދިން ނަރުހުންގެ ގޮތުގައި ތަމްރީނުވުމަކީ، ވަރަށް މުހިންމު ކަމެއް.

ޞިއްޙީ ޚިދުމަތް ދިނުމުގައި، އެ ދާއިރާގެ ފަންނީ ބޭފުޅުންނަށާއި، ފަރުވާ ހޯދަން ބޭނުންވާ މީހުންނަށް ކުރިމަތިވާ ގޮންޖެހުންތަކެއް އެބަހުރިކަން އަޅުގަނޑު ގަބޫލުކުރަން. އެއީ ގިނަ އަދި ބޮޑެތި ގޮންޖެހުންތަކެއް. މި ހުރިހާ ކަމެއްގެ ޙަޤީޤީ ސަބަބަކީ، ޞިއްޙީ މުހިންމު ޚިދުމަތްތައް، އެއް ތަނަކަށް ޖަމާވެފައި އޮތް އޮތުން. އެއީ ބޮޑު ކަމެއް ދިމާވެއްޖިއްޔާ، ދަތުރު ހަދާފައި މާލެ އަންނަންޖެހޭ ޖެހުން.

އަޅުގަނޑުމެން އަމާޒު ހިފައިގެން މިއުޅެނީ، ޞިއްޙީ ޚިދުމަތްތައްވެސް، ލާމަރުކަޒީ ނިޒާމަކުން ތަރައްޤީކުރުމަށް. އެމީހާ ހުރި ތަނަކުން އެމީހާއަށް ބޭނުންވާ ޞިއްޙީ ޚިދުމަތް ފޯރުކޮށްދިނުން. އަޅުގަނޑުމެންގެ އެކްޝަން ޕްލޭންގައިވާ ގޮތަށް، ކޮންމެ ރަށެއްގައިވެސް، ގޭގެއަށް ޒިޔާރަތްކޮށް، ހެލްތު ޗެކަޕް ހަދައިދީ، ހޭލުންތެރިކުރުމުގެ މަސައްކަތް ކުރާނެ، ވިލި ޞިއްޙީ ޚިދުމަތްތެރިން ތަމްރީނުވުމުން، މި ދެންނެވި ގޮންޖެހުންތަކުގެ، ވަރަށް ބޮޑު ބައެއް ޙައްލުވެގެންދާނެ.

ނަރުހުންނަށްވެސް އަމިއްލަ ބޯހިޔާވަހިކަމެއް ލިބުމާއި، މަސައްކަތު ގަޑީގައި ދަރިން ބެލޭނެ ނިޒާމެއް ހަމަޖެހިފައި އޮތުމަކީ، ޚިދުމަތުގައި ދެމިތިބުމަށްޓަކައި ވަރަށް މުހިންމު ކަމެއް. މިފަދަ ކަންކަމަކީ މި ސަރުކާރުން ޚާއްސަ އިސްކަމެއް ދީގެން ބަލާނެ ކަންކަން ކަމުގައި ދަންނަވަން. ތަފާތު ސަބަބުތަކާހުރެ، ޚިދުމަތުގައި ދެމިތިބުމަށް ދަތިވެފައިވާ ނަރުހުންނަށްވެސް ރަނގަޅު ގޮތްތަކެއް ހޯދައިދިނުމަކީވެސް ބޭނުންތެރި ކަމެއް. އެކަން ޙައްލުކުރުމަށްޓަކައި، ޕާޓްޓައިމްކޮށް ޚިދުމަތް ކުރެވޭނެ މޮޑެލްތަކެއް ބަލައި، ޢަމަލީ ސިފަ ގެނައުމަށް ސަރުކާރުން މި އަންނަނީ މަސައްކަތްތަކެއް ކުރަމުން.

އަޅުގަނޑު ރާއްޖޭގެ ހުރިހާ ނަރުހުންނަށް ކުރާ އިލްތިމާސަކީ، ތިޔަބޭފުޅުންނަކީ އިންސާނިއްޔަތުކަމުގެ ވަރަށް މަތިވެރި ޚިދުމަތެއްގައި ތިއްބަވާ ބޭފުޅުން ކަމަށްވާހިނދު، މި ދާއިރާއާ އަލަށް ގުޅިވަޑައިގަންނަވާ ނަރުހުންނަށް، ރިވެތި ނަމޫނާއަކަށް ވެވަޑައިގަތުން. ޞިއްޙީ ޚިދުމަތަށް ރައްޔިތުން ކުރާ އިތުބާރު ބިނާވެފައި އޮންނަނީ، ޚިދުމަތް ދެއްވާ ބޭފުޅުންގެ އޯގާތެރިކަމާއި، ހިތްހެޔޮކަމާއި، އެހީތެރިކަމުގެ މައްޗަށްކަން، އަބަދުވެސް ހަނދުމަފުޅު ބެހެއްޓެވުން.

އަޅުގަނޑުގެ ދުޢާއަކީ، ރާއްޖޭގެ ޞިއްޙީ ދާއިރާ ކުރިއަރުވައި، ރައްޔިތުންގެ ހަށިހެޔޮކަމާއި ދުޅަހެޔޮކަން އިތުރުކުރުމަށް، ސަރުކާރާއި އަމިއްލަ ފަރާތްތަކުން ކުރާ މަސައްކަތުގައި، މާތް ﷲ ބަރަކާތް ލައްވައި ކާމިޔާބު މިންވަރުކުރެއްވުން.

وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.