ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، އިލެކްޝަންސް ކޮމިޝަނުގެ މެންބަރުކަމަށް، މައްޗަންގޮޅި ތަޅަމުދިގެ ފުއާދު ތައުފީޤް އަދި ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނުގެ މެންބަރުކަމަށް، ވިލިމާލެ ދިވެތި ކާނަލް (ރިޓަޔަރޑް) އަޙްމަދު ޖިހާދު މިއަދު ޢައްޔަންކުރައްވައިފިއެވެ.

މި ބޭފުޅުން މަޤާމަށް ޢައްޔަންކުރައްވައި މަޤާމުގެ ލިއުން ހަވާލުކުރެއްވުމުގެ ރަސްމިއްޔާތު ބާއްވަވާފައި ވަނީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

މި ރަސްމިއްޔާތުގައި އިލެކްޝަންސް ކޮމިޝަނުގެ މެންބަރުކަމަށް ޢައްޔަން ކުރެއްވި ފުއާދު ތައުފީޤަށް ހުވައިލައިދެއްވާނީ، ސުޕްރީމް ކޯޓުގެ ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛު މަޙާޒު ޢަލީ ޒާހިރެވެ.

އިލެކްޝަންސް ކޮމިޝަނުގެ މެންބަރުކަމަށް މިއަދު ޢައްޔަންކުރެއްވި ފުއާދު ތައުފީޤަކީ 2008 އިން 2009އަށް އިލެކްޝަންސް ކޮމިޝަނުގެ މެންބަރުކަމުގެ މަޤާމު ފުރުއްވާފައިވާ ބޭފުޅެކެވެ. އޭގެ ފަހުން 2014 ވަނަ އަހަރުގެ މާރިޗު މަހާ ހަމައަށް ފުއާދު ތައުފީޤު ހުންނެވީ އެކޮމިޝަނުގެ ރައީސްގެ މަޤާމުގައެވެ. ފުއާދު ތައުފީޤު ސަރުކާރުގެ ވަޒީފާއާ ގުޅިވަޑައިގެންނެވީ ފެބުރުވަރީ 1973ގައެވެ. ފުރަތަމަ ވަޒީފާ އަދާކުރެއްވީ މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިންގައެވެ. އަދި 2007 ވަނަ އަހަރާއި ހަމައަށް ހުންނެވީ އެއިދާރާގެ އެސިސްޓެންޓް ޑިރެކްޓަރ ޖެނެރަލްގެ މަޤާމުގައެވެ.

އިންޓެގްރިޓީ ކޮމިޝަނުގެ މެންބަރުކަމަށް މިއަދު ޢައްޔަންކުރެއްވި ކާނަލް (ރިޓަޔަރޑް) އަޙްމަދު ޖިހާދު، އެންމެފަހުން މަސައްކަތް ކުރެއްވީ މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސްގައެވެ. ކާނަލް (ރިޓަޔަރޑް) އަޙްމަދު ޖިހާދު 1982 ގައި ދިވެހި އަސްކަރިއްޔާއާ ގުޅިވަޑައިގެންނެވުމަށްފަހު 2013 ވަނަ އަހަރާ ހަމައަށް އަސްކަރިއްޔާގެ އެކި މަޤާމުތައް ފުރުއްވާފައި ވެއެވެ. އޭނާ އެންމެ ފަހުން ހުންނެވީ ކޯސްޓްގާޑް މެރިން ރެސްކިއު ކޯޑިނޭޝަން ސެންޓަރުގެ ޑެޕިއުޓީ ސާޗް ކޯޑިނޭޓަރެއްގެ މަޤާމުގައެވެ.