ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ދ. އަތޮޅު ބަނޑިދޫ ރަށު ކައުންސިލާ ބައްދަލުކުރައްވައި، މަޝްވަރާ ކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން ބޭއްވެވީ މިއަދު މެންދުރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.


މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާވަނީ ބަނޑިދޫގެ ޙާލަތު އޮޅުއްފިލުއްވައި، ރަށުގެ ރައްޔިތުންނަށް މިވަގުތު ކުރިމަތިވެފައިވާ މައްސަލަތަކާއި، އެކަންތައްތައް ޙައްލު ކުރާނެ ގޮތްތަކާއި ބެހޭގޮތުން ކައުންސިލަރުންނާއި މަޝްވަރާ ކުރައްވާފައެވެ. ބަނޑިދޫގެ ރައްޔިތުންނަށް މިވަގުތު ކުރިމަތިވެފައިވާ ދަތިތަކުގެ ތެރެއިން ކައުންސިލަރުން ފާހަގަކުރައްވާފައިވާ ބައެއް ކަންތައްތަކުގެ ތެރޭގައި ފެނާއި ނަރުދަމާ ނިޒާމު ޤާއިމު ކުރެވިފައި ނެތުމުން ކުރިމަތިވާ މައްސަލަތަކާއި، ބަނޑިދުއަކީ މަސްވެރި ރަށަކަށްވެފައި މަސްވެރިންނަށް އައިސް ހޯދުމުގައި ހުރި އުނދަގޫތަކާއި، ބަނޑިދޫގައި ކަރަންޓުގެ ޚިދުމަތް އެންމެ ފުރިހަމައަށް ފޯރުކޮށްދިނުމުގައި ހުރި ގޮންޖެހުންތައް ހިމެނެއެވެ.


މީގެއިތުރުން، ތަޢުލީމީ ރޮނގުން ބަނޑިދޫއަށް ބޭނުންވެފައިވާ ބައެއް ކަންތައްތަކުގެ ތެރޭގައި ބަނޑިދޫ ސްކޫލަށް އިތުރު ކްލާސްރޫމްތަކަކާއި، އިތުރު ވަޞީލަތްތައް ބޭނުންވާކަން ފާހަގަކޮށް، ޞިއްޙީ ޚިދުމަތް އެންމެ އެކަށީގެންވާ ފެންވަރެއްގައި ފޯރުކޮށްދިނުމުގައި ބަނޑިދޫ ޞިއްޙީ މަރުކަޒަށް ކުރިމަތިވެފައިވާ ޖާގައިގެ ދަތިކަމާއި މުވައްޒަފުންގެ ދަތިކަން ކައުންސިލަރުން ފާހަގަކުރެއްވިއެވެ. ކައުންސިލަށް ކުރިމަތިވެފައިވާ އެންމެ ބޮޑު މައްސަލައަކީ މުވައްޒަފުންގެ ދަތިކަން ކަމަށާއި، އެހެނިހެން ޚިދުމަތްތައް ފޯރުކޮށްދިނުމުގައިވެސް މުވައްޒަފުންގެ ދަތިކަން ހުރިކަން ކައުންސިލަރުން ފާހަގަކުރެއްވިއެވެ. މީގެއިތުރުން ޒުވާނުންގެ ކުރިއެރުމަށް ބޭނުންވާ ބައެއް ކަންތައްތަކުގެ މަޢުލޫމާތު ކައުންސިލަރުންވަނީ ރައީސުލްޖުމްހޫރިއްޔާއާއި ޙިއްޞާ ކުރައްވާފައެވެ.


މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާވަނީ، ބަނޑިދޫގެ ތަރައްޤީއަށް ރާއްވަވާފައިވާ މަޝްރޫޢުތަކާއި ބެހޭ އެންމެ ފަހުގެ މަޢުލޫމާތު ކައުންސިލަރުންނާއި ޙިއްޞާ ކުރައްވާފައެވެ. މިގޮތުން، ބަނޑިދޫގެ ފެނާއި ނަރުދަމާގެ މަޝްރޫޢުގެ އަމަލީ މަސައްކަތް އަންނަ އަހަރުގެ ތެރޭގައި ފެށޭނެ ކަމަށް ވިދާޅުވިއެވެ. މީގެ އިތުރުން، މަސްވެރިންނަށް އައިސް ލިބުމުގައި ހުރި ދަތިތަކާއި، ރަށުގެ ރައްޔިތުންނަށް ކުރިމަތިވެފައިވާ އެހެނިހެން ދަތިތައް ޙައްލުކުރުމަށް ޚާއްޞަ އިސްކަމެއް ދެއްވައިގެން، ކަމާއިބެހޭ އިދާރާތަކާއި ގުޅިވަޑައިގެން މަސައްކަތްޕުޅު ކުރައްވާނެ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.