ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ފާދިއްފޮޅު އަތޮޅު ކައުންސިލުގެ ކައުންސިލަރުންނާ ބައްދަލުކުރައްވައި މަޝްވަރާކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން އޮތީ މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.
ކައުންސިލަރުން މި ބައްދަލުކުރެއްވުމުގައި ވަނީ އަތޮޅުގެ އެކި ސަރަޙައްދުތަކުން އެންވެރިކަން ކުރުމުގައި ބައެއް ފަރާތްތަކުން، އެއްވެރިކަމަށް ގެއްލުންހުރި ގޮތްތައް ބޭނުންކުރާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އަދި އެފަދަ އަމަލުތައް ހުއްޓުވުމުގައި އަތޮޅުގެ ބައެއް ސަރަހައްދުތަކަކީ ހިމާޔަތްކުރެވިފައިވާ ސަރަޙައްދުތަކެއްގެ ގޮތުގައި ކަނޑައެޅައިދެއްވުމަށް ކައުންސިލަރުން ރައީސުލްޖުމްހޫރިއްޔާއަށް ހުށަހެޅުއްވިއެވެ. މީގެ އިތުރުން އަތޮޅުގެ ބައެއް ރަށްރަށުގައި ކުނިމެނޭޖުކުރުމުގައި ހުރި ދަތިތަކާއި އެ މައްސަލަ އެންމެ ބޮޑަށް ކުރިމަތިވެފައިވާ ރަށްތަކާބެހޭ މަޢުލޫމާތު ކައުންސިލަރުން ރައީސުލްޖުމްހޫރިއްޔާއާ ޙިއްޞާކުރެއްވިއެވެ. މި ބައްދަލުކުރެއްވުމުގައި ކައުންސިލަރުން ވަނީ އަންނަ އަހަރުގެ ދަޢުލަތުގެ ބަޖެޓުގައި އަތޮޅުގެ ރަށްރަށަށް ބޭނުންވާ ތަރައްޤީގެ މުހިންމު މަޝްރޫޢުތައް ހިމެނިފައިވާތީ އެކަން ޝުކުރުވެރިކަމާއެކު ފާހަގަކުރައްވާފައެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި އަތޮޅު ކައުންސިލަރުން މަސައްކަތް ކުރައްވަން ވާނީ އަތޮޅުގެ ހުރިހާ ރައްޔިތުންގެ ލާބައާ މަންފާއަށްކަން ހާމަކުރައްވާފައެވެ. އަދި ކައުންސިލަރުން ފާހަގަކުރެއްވި ކަންކަމަށް ދައުލަތުގެ ކަމާބެހޭ އިދާރާތަކާ މަޝްވަރާ ކުރައްވައިގެން ޙައްލު ހޯއްދަވައިދެއްވުމަށް މަސައްކަތްޕުޅު ކުރައްވާނެ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.