މެލޭޝިއާގެ މިނިވަން ދުވަހުގެ މުނާސަބަތުގައި، އެ ޤައުމުގެ ރަސްގެފާނު ސުލްޠާން އިބްރާހީމަށާއި، ބޮޑުވަޒީރު އަންވަރު އިބްރާހީމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ތަހުނިޔާ ފޮނުއްވައިފިއެވެ.

ދެބޭފުޅުންނަށް ވަކިވަކިން ފޮނުއްވި ސިޓީފުޅުތަކުގައި، ރައީސުލްޖުމްހޫރިއްޔާ ވަނީ މެލޭޝިއާގެ ސަރުކާރަށާއި އަޚުވަންތަ ރައްޔިތުންނަށް، ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި ތަހުނިޔާއާއި ހެޔޮއެދުންތައް ފޮނުއްވާފައެވެ.

ރަސްގެފާނު ސުލްޠާން އިބްރާހީމަށް ފޮނުއްވި ސިޓީފުޅުގައި، ފާއިތުވި 50 އަހަރުގެ ތެރޭގައި ދިވެހިރާއްޖެއާއި މެލޭޝިއާއާ ދެމެދު އޮތް އެކުވެރިކަމާއި އަދަބުއިޙްތިރާމާއި އެއްބާރުލުމުގެ ވަރުގަދަ ބިންގަލުގެ މައްޗަށް ބިނާވެފައިވާ ހަރުދަނާ އަދި ގާތް ގުޅުން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. އަދި ދެޤައުމުގެ ރައްޔިތުންގެ ލާބައާއި މަންފާއަށްޓަކައި، މި ގާތް އެކުވެރި ގުޅުން އިތުރަށް ބަދަހިކުރައްވައި، ދެޤައުމުގެ ދެމެދުގައިވާ އެއްބާރުލުން އިތުރުކުރެއްވުމަށް މަސައްކަތްޕުޅު ކުރައްވާނެކަމުގެ ޔަޤީންކަން އެމަނިކުފާނު ދެއްވިއެވެ.

ބޮޑުވަޒީރު އަންވަރު އިބްރާހީމަށް ފޮނުއްވި ސިޓީފުޅުގައި، ދެޤައުމުގެ އިސްވެރިންގެ މެދުގައި ބޭއްވޭ މަތީ ފަންތީގެ ބައްދަލުވުންތަކާއި ދެޤައުމުގެ ރައްޔިތުންގެ މެދުގައި އޮންނަ ބަދަހި ގުޅުމުގެ ސަބަބުން، ދެޤައުމުގެ ދެމެދުގައި އޮތް އަޚުވަންތަ ގުޅުން އިތުރަށް ހަރުދަނާވެފައިވާކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. އަދި މީގެ ސަބަބުން އިޤްތިޞާދީ ކުރިއެރުމަށާއި މުހިންމު ދާއިރާތަކުން ގުޅުން ބަދަހިކުރުމަށް މަގުފަހިވެގެން ގޮސްފައިވާކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ސިޓީފުޅުގައި، މި އެކުވެރި ގުޅުން އިތުރަށް ބަދަހިވެ، އޭގެ ސަބަބުން ދެޤައުމުގެ އިޤްތިޞާދީ ގުޅުންތައް ފުޅާވެ، ދެޤައުމުގެ ރައްޔިތުންނަށް އިތުރު ފުރުޞަތުތައް ފަހިވެގެންދާނެކަމުގެ ފުރިހަމަ ޔަޤީންކަން އެމަނިކުފާނު ފާޅުކުރެއްވިއެވެ.

ސިޓީފުޅުތައް ނިންމަވާލައްވަމުން، ރައީސުލްޖުމްހޫރިއްޔާ ވަނީ މެލޭޝިއާގެ ވެރިންނަށް ފުރިހަމަ ޞިއްޙަތާއި ދުޅަހެޔޮކަމަށް އެދިވަޑައިގެން، މެލޭޝިއާގެ ރައްޔިތުންނަށް ދެމެހެއްޓެނެވި ސުލްޙަމަސަލަސްކަމާއި ކުރިއެރުމާއި ފާގަތިކަމަށް އެދިވަޑައިގެންފައެވެ.

މި ޝުޢޫރުތައް ތަކުރާރުކުރައްވައި، ރައީސުލްޖުމްހޫރިއްޔާ ވަނީ އެމަނިކުފާނުގެ ރަސްމީ އެކްސް އެކައުންޓުގައިވެސް ޕޯސްޓެއް ހިއްސާކުރައްވާފައެވެ.