ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަޤާމަށް ފަތުޙުﷲ ޖަމީލް، ޑެޕިއުޓީ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަޤާމަށް އަސްމާ ޝަފީޢު އަދި އިންފޮރމޭޝަން ކޮމިޝަނަރުގެ މަޤާމަށް ޙުސައިން ފިޔާޒު މޫސާ މިއަދު އައްޔަން ކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ މި މަޤާމުތަކަށް ބޭފުޅުން އައްޔަން ކުރައްވާފައިވަނީ މިއަދު މެންދުރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ރަސްމިއްޔާތެއްގައެވެ.

ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަޤާމަށް މިއަދު އައްޔަން ކުރެއްވި ފަތުޙުﷲ ޖަމީލަކީ ޓެކްސް އަދި އޮޑިޓާ ގުޅޭ އެކި މަޤާމުތަކުގައި 2003 ވަނަ އަހަރުން ފެށިގެން މަސައްކަތް ކުރައްވާފައިވާ ބޭފުޅެކެވެ. ފަތުޙުﷲ ޖަމީލް އެންމެ ފަހުން އަދާކުރައްވާފައިވަނީ ދިރާގުގެ މެނޭޖަރ ޓެކްސް، ރިސްކް އެންޑް ކޮމްޕްލަޔަންސްގެ މަޤާމެވެ. އޭނާ ވަނީ އޮކްސްފޮޑް ބްރޫކްސް ޔުނިވަރސިޓީގައި އެޕްލައިޑް އެކައުންޓިންގެ ދާއިރާއިން ބެޗެލަރސް ޑިގްރީ ހާޞިލްކުރައްވާފައެވެ. މީގެ އިތުރުން ފަތުޙުﷲ ޖަމީލަކީ ފެލޯ ޗާޓަރޑް ސަރޓިފައިޑް އެކައުންޓަންޓްސް (އެފް.ސީ.ސީ.އޭ)ގެ އިތުރުން އެސޯސިއޭޝަން އޮފް ޗާޓަރޑް އެކައުންޓަންޓްސް (އޭ.ސީ.ސީ.އޭ)ގެ މެމްބަރެކެވެ.

ޑެޕިއުޓީ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަޤާމަށް މިއަދު ޢައްޔަން ކުރެއްވި އަސްމާ ޝަފީޢު ވަނީ 1999 ވަނަ އަހަރުން ފެށިގެން މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގައި އޮޑިޓާއި އެކައުންޓިންއާއި ގުޅޭ އެކި މަޤާމުތަކުގައި ޚިދުމަތް ކުރައްވާފައެވެ. މިގޮތުން އަސްމާ އެންމެ ފަހުން އަދާކުރައްވާފައިވަނީ މީރާގެ ޑިރެކްޓަރ ޖެނެރަލް، ޕްލޭނިންގް އެންޑް ޑިވެލޮޕްމަންޓުގެ މަޤާމެވެ. އޭނާ ވަނީ އޮކްސްފޮޑް ބްރޫކްސް ޔުނިވަރސިޓީގައި އެކައުންޓިންގ އެންޑް ފައިނޭންސްގެ ދާއިރާއިން ބެޗެލަރސް ޑިގްރީ ހާޞިލްކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ މިއަދު އިންފޮރމޭޝަން ކޮމިޝަނަރުގެ މަޤާމަށް ޢައްޔަން ކުރެއްވި ޙުސައިން ފިޔާޒު މޫސާއަކީ، 2000 ވަނަ އަހަރުން ފެށިގެން ނޫސްވެރިކަމުގެ ދާއިރާގެ އެކިފަންތީގެ މަޤާމުތައް އަދާކުރައްވާފައިވާ ބޭފުޅެކެވެ. މިގޮތުން ފިޔާޒު އެންމެފަހުން އަދާކުރައްވާފައިވާ ވަޒީފާއަކީ ރާއްޖެޓީވީގެ ޗީފް އޮޕަރޭޓިންގ އޮފިސަރގެ މަޤާމެވެ. ފިޔާޒު ވަނީ މާސް ކޮމިއުނިކޭޝަންގެ ދާއިރާއިން ބެޗެލަރްސް ޑިގްރީ ހާޞިލްކުރައްވާފައެވެ.

މި މަޤާމުތަކަށް ބޭފުޅުން ޢައްޔަން ކުރައްވާފައިވަނީ މިހާރު ހިނގަމުންދާ 19 ވަނަ ރައްޔިތުންގެ މަޖިލީހަށް ނަން ހުށަހަޅުއްވައި މަޖިލީހުން ރުހުން ހޯއްދަވައިގެންނެވެ.

ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ އިތުރުން ޑެޕިއުޓީ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަޤާމަށް ބޭފުޅުން ޢައްޔަން ކުރައްވާފައިވަނީ ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނަށް 2 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނު ތަޞްދީޤު ކުރެއްވުމާ ގުޅިގެންނެވެ. އަދި އިންފޮމޭޝަން ކޮމިޝަނަރުގެ މަޤާމަށް ބޭފުޅަކު ޢައްޔަން ކުރައްވާފައިމިވަނީ ކުރީގެ އިންފޮމޭޝަން ކޮމިޝަނަރުގެ ދައުރު ހަމަވުމާއި ގުޅިގެންނެވެ.