އިނގިރޭސިވިލާތުގެ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރު، ހަރ އެކްސެލެންސީ ކެރަން ރޮހްސްލާ، އެކަމަނާގެ ސަފީރުކަމުގެ ފަތްކޮށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށް އަރުވައިފިއެވެ. މިއީ ރާއްޖޭގައި ޤާއިމުވެ ހުންނަވާ ގޮތަށް އިނގިރޭސިވިލާތުން ރާއްޖެއަށް ސަފީރަކު ކަނޑައެޅި ފުރަތަމަ ފަހަރެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ހެނދުނު ބޭއްވެވި މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ އިނގިރޭސި އާ ސަފީރާ ބައްދަލުކުރައްވާފައެވެ. މި ބައްދަލު ކުރެއްވުމުގައި އިނގިރޭސި އާ ސަފީރު ދެއްކެވި ވާހަކަފުޅުގައި ރާއްޖޭގައި އިނގިރޭސިވިލާތުގެ ސަފީރަކު ޤާއިމުވެ ހުންނެވުމުގެ ފައިދާ ރާއްޖެއަށް ކުރާނެ ކަމުގައި ވިދާޅުވިއެވެ. އަދި އެކި ދާއިރާތަކުން ދެޤައުމުގެ ދެމެދުގައި މިހާރު ގާއިމު ކުރެވިފައިވާ ގުޅުންތައް އިތުރަށް ހަރުދަނާކުރައްވައި ބަދަހި ކުރެއްވުމަށް މަސައްކަތް ކުރައްވާނެކަމުގެ ޔަޤީންކަން އާ ސަފީރު ރައީސުލްޖުމްހޫރިއްޔާއަށް އަރުވާފައިވެއެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި އެކި ދާއިރާތަކުން ރާއްޖެއަށް ފުރުސަތުތައް ފަހިކޮށްދިނުމުގައި އިނގިރޭސިވިލާތުން ފާހަގަކޮށްލެވޭ ފަދަ މުހިންމު ދައުރެއް އަދާކޮށްފައިވާ ކަމުގައި ވިދާޅުވިއެވެ. އަދި ރާއްޖޭގައި ޤާއިމްވެ ހުންނަވާގޮތަށް އިނގިރޭސި ވިލާތުން ސަފީރަކު ކަނޑައެޅުމުން ރާއްޖޭގެ ރައްޔިތުންނަށް އެކަމުގެ ލާބައާ މަންފާ އިތުރުވެގެން ދާނެކަމަށް އުއްމީދު ކުރައްވާކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.