މިހާރުގެ ޤާނޫނު އަސާސީއާއެކު ރާއްޖޭގައި ކުރިން ހިފެހެއްޓިފައިހުރި ބައެއް މިނިވަންކަން ލިބިފައިވާކަމަށާއި ނަމަވެސް ބައެއް ފަރާތްތަކުން އެ މިނިވަންކަމުގެ ބޭނުން ނަހަމަ ގޮތުގައި ހިފަމުންދިއުމުގެ ނުރަނގަޅު އަސަރު ދިވެހި ޤައުމިއްޔަތަށާއި، އަދި ޢާންމު ދިރިއުޅުމަށް ވެސް މިހާރު ފޯރާފައިވާކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ދިވެހި ރާއްޖޭގެ ޤައުމީ ދުވަހުގެ މުނާޞަބަތުގައި މިރޭ ދަރުބާރުގޭގައި ބޭއްވެވި ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާ މިރޭ ދެއްކެވި ވާހަކަފުޅުގައި ބައެއް މީހުން މިނިވަންކަމުގެ ނަމުގައި، ދިވެހިންގެ ޤައުމިއްޔަތުގެ އެންމެ މުހިންމު ރުކުންކަމުގައިވާ، މާތްވެގެންވާ އިސްލާމް ދީނަށާއި، މިއުންމަތުގެ މާތް ނަބިއްޔާ (مُحَمَّدُ رَسُوْلُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ) އަށް ކުޑައިމީސްވާ ގޮތަށް، ކަނޑައެޅިގެން ބަސް ބުނަމުން ދާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި ދީނީ މިނިވަންކަން ނެތުމަކީ، އިންސާނީ ޙައްޤަކުން މަޙްރޫމް ކުރުން ކަމުގައި އެފަދަ ފަރާތްތަކުން ބުނަމުންދާކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. ހަމަ އެހެންމެ އަނެއް ބަޔަކު ދީނުގެ ނަމުގައި ހައްދުފަހަނައަޅާ ގޮސް، ހަރުކަށި ފިކުރަށް މީހުންގެ ވިސްނުން ބަދަލުކުރަމުން ދާކަމަށާ އަދި ދިވެހިންގެ ޒަމާންވީ އާދަކާދަ އާއި ޘަޤާފަތާ ބީރައްޓެހި ގޮތްތައް ޢާންމު ދިރިއުޅުމުގެ ތެރެއަށްވެސް އެފަރާތްތަކުން ވައްދަމުން އަންނަކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އެހެންކަމުން ދީނުގެ ދިފާއުގައި ކަމަށް ބުނެ، ޓެރަރިސްޓް ހަނގުރާމަތަކުގައި ބައިވެރިވެ، އަމިއްލައަށް މަރުވުމާއި، އެއް ދިވެއްސަކު އަނެއް ދިވެއްސެއްގެ ލޭ އޮހޮރުވައި، ޢާއިލާތައް ބިކަކުރުންފަދަ ކަންކަމަށް އެންމެން އެއް އަޑަކުން، ނޫނެކޭ ބުނަން ޖެހޭކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވިދާޅުވީ ރާއްޖޭގައި އިސްލާމް ދީނަށް ފުރައްސާރަކޮށް، މާތް ނަބިއްޔާ (مُحَمَّدُ رَسُوْلُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ) އަށް ކުޑައިމީސްވާ ގޮތަށް ވާހަކަ ދެއްކުމުގެ ފުރުޞަތު ސަރުކާރުން ނުދެއްވާނެކަމަށެވެ. ހަމައެފަދައިން އިސްލާމް ދީނުގެ ނަމުގައި ހަރުކަށިކަން އިސްކޮށް، ބިރުވެރިކަން އުފައްދައި، މީހުން މެރުމަށް ގޮވައި، ޓެރަރިސްޓް ހަނގުރާމަތަކުގައި ބައިވެރިވުމަށްވެސް، ސަރުކާރުން ފުރުޞަތު ނުދެއްވާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

މި ނޭދެވޭ ކަންކަން މީގެ އަހަރުތަކެއްގެ ކުރިން ފެށިފައިވާކަން ފާހަގަކުރައްވައި، މިކަންކަމާ ދެކޮޅަށް މިހާރު ޝުޢޫރު ފާޅުކުރައްވާ ބައެއް ސިޔާސީ ފަރާތްތަކަށް އެމަނިކުފާނު ވަނީ މެސެޖެއް ދެއްވާފައެވެ.

" އޭރު އެއްވެސް ފިޔަވަޅެއް ނާޅުއްވައި ދެލޯ މަރާލައިގެން ތިއްބެވި ސިޔާސީ ބޭފުޅުން، މިއަދު ފިޔަވަޅު އަޅަން ގޮވާލައި އިޙްތިޖާޖް ކުރަން ފެށްޓެވުމުން، މިއީ ޙަޤީޤަތުގައިވެސް، އިޚްލާޞްތެރިކަމެއް ހުރެގެން އުފުލާ އަޑުތަކެއްތޯ ސުވާލުކޮށްލަންޖެހޭ. މިއީ މިއަދު އަޅުގަނޑުމެން ކޮންމެ މީހަކުވެސް އަމިއްލައަށް ވިސްނާލަންޖެހޭ ކަމެއް." ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ސިޔާސީ ހުޅު ރޯކުރަން ބޭނުންކުރާ ދަރަކަށް ދީން ހެދުމަށް، އެއްވެސް ބަޔަކަށް ފުރުޞަތު ނުދެއްވައި އިސްލާމީ ޢަޤީދާގެ މަތިވެރިކަމާއި މޫރިތިކަމަށް ބުރޫއަރާ ފަދަ ކަންކަން، މީހުންގެ ސިކުނޑިތަކަށް ވެރިވުމަށް ފުރުޞަތު ނުދެއްވުމަށް ރާއްޖޭގައި ތިއްބެވި ދީނީ ޢިލްމުވެރިންގެ ކިބައިން އެމަނިކުފާނު މިރޭ ވަނީ އެދިވަޑައިގެންފައެވެ.
ޤައުމީ ދުވަހުގެ މައްޗަށް އަލިއްއަޅުއްވާލައްވައި ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ ޤައުމީ ޚިދުމަތްތެރިންގެ އަގު ވަޒަންކުރާއިރު، ދިވެހިންގެ ތެރެއިން އުވެމުން، ނެތެމުންދާ މަސައްކަތްތަކާއި ފަންނުތައް ދިރުވައި އާލާކުރެވޭނެ ގޮތްތަކަކީ ކޮބައިތޯ ބަލަންޖެހޭކަމަށާ ޒަމާނީ ވަސީލަތްތައް ބޭނުންކޮށްގެން އެފަދަ މަސައްކަތްތައް ދިރުވައި އާލާކުރުމަކީ، ރާއްޖޭގެ ޖަޒީރާވަންތަ ސިފަތައް ދެމެހެއްޓުމަށްޓަކައި ކުރަންޖެހިފައިވާ ވަރަށް ބޭނުންތެރި ކަމެއްކަމުގައެވެ.

މި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ މި ޖަލްސާގައި، ދިވެހި ދައުލަތުގެ މަތިވެރި ޢިއްޒަތް [ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިކަން] (ނ.ޢ.ޢ.ވ) އެރުވުނު ދެ ބޭފުޅުންގެ ޚިދުމަތް ފާހަގަކުރައްވައި އެ ދެ ބޭފުޅުންނަށް ތަހުނިޔާ ވިދާޅުވެފައެވެ. އަދި ޤައުމީ އިނާމާއި، ހިތްވަރު ދިނުމުގެ ޤައުމީ އިނާމު ލިބިވަޑައިގެންނެވި ބޭފުޅުންނަށް ތަހުނިޔާ ވިދާޅުވެ، މި އިނާމު އެރުވުނު ހުރިހާ ބޭފުޅުންވެސް، އެބޭފުޅުން އެ ކުރައްވާ ޚިދުމަތްތަކުގައި އިތުރަށް ކުރިއަށް ވަޑައިގެން، ޤައުމަށް ޚިދުމަތް ކުރެއްވުމުގައި ދެމިތިއްބެވުމަށް ރައީސުލްޖުމްހޫރިއްޔާ އިލްތިމާސްކުރެއްވިއެވެ.

ޤައުމީ ދުވަހާއި ޤައުމިއްޔަތާ ބެހޭގޮތުން ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ޤައުމިއްޔަތެއްގެ އެންމެ މުހިންމު ސިފައަކީ، ދާޚިލީ ގޮތުންނާއި ޚާރިޖީ ގޮތުން، އަދި ސިޔާސީ ގޮތުންނާއި އިޤްތިޞާދީ ގޮތުންވެސް، އަމިއްލަ ހައިސިއްޔަތުން ބަސްބުނެ، އަޑު އުފުލުމުގެ ފުރިހަމަ މިނިވަންކަން ލިބިފައި އޮތުންކަމުގައެވެ. ދިވެހި ޤައުމިއްޔަތުގެ މައިގަނޑު ބަހާތަކަކީ، މާތްވެގެންވާ އިސްލާމް ދީނާއި މާދަރީ ބަހާއި ދިވެހި މުއްސަނދި ސަގާފަތާއި ތަރިކަކަން ފާހަގަކުރައްވައި މިކަންކަން ހިމާޔާތް ކުރެއްވުމަށް މީގެ 460 އަހަރު ކުރިން އުތީމު ތިން ބެއިން ކުރެއްވި ޤައުމީ ޖިހާދުގެ މައްޗަށްވެސް އެމަނިކުފާނުގެ ވާހަކަފުޅުގައި އަލިއަޅުއްވާލެއްވިއެވެ.

ދުނިޔެއަށް ފެތުރުނު ސިޔާސީ އަޅުވެތިކަމާއި އިސްތިޢުމާރީ އޮއިވަރުގެ ތެރޭގައި، ރާއްޖޭގެ މިނިވަންކަންވެސް އެތައް ފަހަރަކު ގެއްލިގެން ދިޔަކަން ފާހަގަކުރައްވައި ޤައުމެއްގެ މިނިވަންކަން ގެއްލެން މެދުވެރިވާ އެންމެ ބޮޑު ސަބަބަކީ، އެބައެއްގެ ޤައުމިއްޔަތަށް އަރާ ލޮޅުންތައްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

"އަޅުގަނޑު ހިތަށް އަރަނީ، އުފާވެރިކަމާއެކު ހަމަޖެހިލައިގެން ދިރިއުޅުމަކީ އަޅުގަނޑުމެން ދިވެހިންނަށް ނެތް ޙައްޤަކީ ބާވައޭ! ޞުލްޙަވެރިކަން، އަޅުގަނޑުމެންނާ މިހާ ބީރައްޓެހިވެގެން މިއުޅެނީ ކީއްވެ ބާވައޭ! އަޅުގަނޑު މިއަދު ރާއްޖޭގެ ސިޔާސީ ބޭފުޅުންގެ އަރިހުން އަހާލަން ބޭނުންވަނީ، އަޅުގަނޑުމެންގެ ރައްޔިތުން ދުވަސްކޮޅަކަށް ނަމަވެސް، ހަމަޖެހިލައިގެން އުޅެން ފުރުޞަތު ދެއްވާކަށް ނުވޭތޯއޭ!" ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅު ނިންމަވާލައްވަމުން ވިދާޅުވިއެވެ.