ޖަޕާނުގައި ހުންނަ ދިވެހި އެމްބަސީއަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްއާ އަނބިކަނބަލުން ފަޒްނާ އަޙްމަދު މިއަދު ޒިޔާރަތްކުރައްވައި އެތަނުގެ މުވައްޒަފުންނާ ބައްދަލުކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ދިވެހި އެމްބަސީއަށް ކުރެއްވި މި ޒިޔާރަތުގައި ދިވެހިރާއްޖެއިން ޖަޕާނަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އިބްރާހިމް އުވައިސްއާއި އެމްބަސީގެ މުވައްޒަފުންނާ ބައްދަލުކުރައްވާފައިވެއެވެ. އަދި މިޒިޔާރަތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ މެހުމާނުން ސޮއިކުރައްވާ ފޮތުގައި ސޮއިކުރައްވާފައެވެ. ރައީސުލްޖުމްހޫރިއްޔާގެ މި ޒިޔާރަތުގައި ޖަޕާނާ ރާއްޖެއާ ދެމެދު އޮންނަ ޒަމާންވީ އެކުވެރިކަމުގެ ގުޅުން ބަދަހިކޮށް ކުރިއެރުވުމަށާއި އަދި ރާއްޖޭގެ ތަރައްޤީއަށް އެމްބަސީން ކުރައްވަމުން ގެންދަވާ މަސައްކަތްތައް ފާހަގަކުރައްވައި އެމްބަސީގެ މުވައްޒަފުންނަށް ޝުކުރު އަދާކުރެއްވިއެވެ.