ޔުނައިޓެޑް ޢަރަބި އެމިރޭޓްސް ސަރުކާރުން ރާއްޖެއަށް ކަނޑައަޅާފައިހުންނަވާ ސަފީރު ހިޒް އެކްސެލެންސީ ޑރ. ސަޢީދު މުހައްމަދު ޢަލީ އަލްޝަމްސީ، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމްގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ. މިބައްދަލުކުރެއްވުން އޮތީ، މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

މިބައްދަލު ކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބާއި ޔޫ.އޭ.އީ.ގެ ސަފީރު ދެއްކެވި ވާހަކަފުޅުގައި ރާއްޖޭގައި އެޤައުމުގެ އެމްބަސީއެއް ހުޅުވިގެންދިއުމުން ދެޤައުމުގެ ދެމެދުގައި މިހާރު އޮތް ގުޅުން އިތުރަށް ބަދަހިވެގެންދާނެކަން ފާހަގަ ކުރައްވައި އެ މަސައްކަތް ކުރިއަށްދާ ގޮތް އޮޅުންފިލުއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ސަފީރު ދެއްކެވި ވާހަކަފުޅުގައި، ރާއްޖޭގެ ގިނަ ބަޔަކު މިހާރުވެސް ޔޫ.އޭ.އީ.ގެ އެކި ދާއިރާތަކުގައި ވަޒީފާ އަދާކުރާކަން ފާހަގަކުރެއްވިއެވެ. އަދި ރާއްޖޭގައި ޤާއިމު ކުރާ އެޤައުމުގެ އެމްބަސީގެ މަސައްކަތް ފެށިގެންދިއުމާއެކު ދެޤައުމުގެ ދެމެދުގައި ވިޔަފާރިއާއި ވައިގެ އުދުހުންތަކުގެ ދާއިރާ އިތުރަށް ފުޅާވެ، ރާއްޖޭގެ ފަތުރުވެރިކަމަށްވެސް އެކަމުގެ މަންފާ ކުރާނެ ކަމަށް އުއްމީދު ކުރައްވާ ކަމުގައި ވިދާޅުވިއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ދެއްކެވި ވާހަކަފުޅުގައި، ތަޢުލީމީ ދާއިރާއާއި ޞިއްޙީ ދާއިރާގެ ޚިދުމަތްތަކުގައި މާލެއާއި އަތޮޅު ތެރޭގައި އޮތް ފަރަގު ނައްތާލުމަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތައް ފާހަގަ ކުރެއްވިއެވެ. މީގެއިތުރުން ރައްޔިތުންގެ މެދުގައި ކުލުނާއި ލޯބި އާލާކޮށް، އުމުރުން ދުވަސްވީ މީހުންނާއި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާމެދު ލޯތްބާއެކު ކަންކުރުމުގެ ސަޤާފަތެއް އާލާކުރުމަށް މިސަރުކާރުން ކުރައްވާ މަސައްކަތް ތަކުގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ. މިގޮތުން އުމުރުން ދުވަސްވީ ފަރާތްތައް ބަލަހައްޓާ މަރުކަޒެއް ތަރައްޤީކުރުމުގެ މުހިއްމުކަމުގެ މައްޗަށް ވެސް އަލިއަޅުއްވާލައްވާފައިވެއެވެ.

މި ބައްދަލުކުރެއްވުމުގައި ދެބޭފުޅުން ވަނީ ރާއްޖެއާއި ޔޫ.އޭ.އީ.އާއި ދެމެދު އިތުރު ދާއިރާތަކުން ގުޅުން ބަދަހިކުރެއްވޭނެ ގޮތްތަކާއިމެދުވެސް މަޝްވަރާކުރައްވާފައެވެ.