ބޭރު ޤައުމުތަކަށް ކުރައްވާ ދަތުރުފުޅު ތަކުގެ އެންމެ މުހިންމު ބޭނުންފުޅަކީ ރާއްޖޭގެ ތަރައްޤީގެ މަޝްރޫޢުތަކަށް ތަފާތު ދާއިރާތަކުން އެހީތެރިކަން ހޯއްދެވުމާއި ބޭރުޤައުމުތަކުގައި ދިރިއުޅޭ ދިވެހިންނަށް އެޤައުމުތަކުން ރަނގަޅު ފެންވަރުގެ ޚިދުމަތްތަކެއް ލިބޭނެ މަގު ތަނަވަސްކޮށްދެއްވުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ޖަޕާނަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން ޖަޕާނުގައި ދިރިއުޅޭ ދިވެހިންނާ ބައްދަލުކުރެއްވުމަށް ބޭއްވެވި ޚާއްޞަ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ޖަޕާނުން ރާއްޖޭގެ ތަރައްޤީއަށް ވެދޭ ދީލަތި އެހީތެރިކަން ފާހަގަކުރައްވައި ޖަޕާނުގެ ސަރުކާރާ ރައްޔިތުންނަށް، ދިވެހިސަރުކާރާއި ރައްޔިތުންގެ ނަމުގައި ޝުކުރު އަދާކުރައްވާފައެވެ. އަދި ވަކިން ޚާއްޞަކޮށް ރާއްޖޭގެ ތަޢުލީމީ ދާއިރާއަށާއި މޫސުމީ ބަދަލުތަކުން ލިބޭ ގެއްލުންތައް ފޫބެއްދުމަށް، ޖަޕާނުގެ ވަރަށް ގިނަ އެހީތަކެއް މިހާރުވެސް ލިބެމުންދާކަން ރައީސުލްޖުމްހޫރިއްޔާ ޝުކުރުވެރިކަމާއެކު ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ޖަޕާނާ ރާއްޖެއާ ދެމެދު އޮތް ޒަމާންވީ ބަދަހިގުޅުން އިތުރަށް ހަރުދަނާކޮށް ބަދަހިކަމާއެކު ކުރިޔަށްގެންދިއުމުގައި އެޤައުމުގައި ދިރިއުޅޭ ދިވެހިންގެ ދައުރު ބޮޑުކަން ފާހަގަކުރެއްވިއެވެ. އަދި މިދަތުރުފުޅުގެ މުހިންމު އެއް ބޭނުންފުޅަކީ ވެސް ދެ ޤައުމުގެ ދެމެދުގައި އޮތް ރަޙްމަތްތެރިކަމުގެ ގުޅުން، އާލާކޮށް ކުރިއެރުވުންކަމުގައި ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ މިރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައި ޤާނޫނުއަސާސީން ލިބިދީފައިވާ މިނިވަންކަމާއި ޙައްޤުތައްވެސް ކަނޑައެޅިފައި އޮންނަނީ، އެބައެއްގެ މެދުގައި ޞުލްޙަވެރިކަމާއި ހަމަޖެހުން ޤާއިމުކުރުމުގެ މައްޗަށްކަން ފާހަގަ ކުރެއްވިއެވެ. އެހެންކަމުން ޢާންމު މަޞްލަޙަތު ނުގެއްލޭ ގޮތަށް ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ޙައްޤުގެ ބޭނުން ހިފުމަށް ވެސް ރައީސުލްޖުމްހޫހޫރިއްޔާ އިލްތިމާސް ކުރެއްވިއެވެ. އެގޮތުން ރާއްޖެއިން ބޭރުގައި ދިރިއުޅުނު ނަމަވެސް ކޮންމެ ފަރާތަކުންވެސް މިކަންކަން ހަނދާނުގައި ބަހައްޓަންޖެހޭކަމާއި ކުދިން ތަރުބިއްޔަތު ކުރުމުގައިވެސް މިކަންކަމަށް އިސްކަންދިނުމުގެ މުހިންމުކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.