ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ދ. އަތޮޅުގެ ދެ ރަށަކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެއަތޮޅު ކުޑަހުވަދޫއަށް ވަޑައިގެން އަތޮޅު ކައުންސިލާއި، ކުޑަހުވަދޫ ރަށު ކައުންސިލާ ބައްދަލުކުރައްވައި މަޝްވަރާ ކުރައްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ކުޑަހުވަދޫއަށް ވަޑައިގަތުމުން އެ ރަށު ރައްޔިތުންވަނީ އެ މަނިކުފާނަށް ވަރަށް ހޫނު މަރުޙަބާއެއް ދަންނަވާފައެވެ. މިޒިޔާރަތުގައި ރައީސުލްޖުމްހޫރިއްޔާ ދ. އަތޮޅު ކައުންސިލާއި ކުޑަހުވަދޫ ރަށު ކައުންސިލަރުންނާ ބައްދަލުކުރެއްވީ، ދ. އަތޮޅު ކައުންސިލްގެ އިދާރާގައެވެ.
މި ބައްދަލުކުރެއްވުމުގައި ދ. އަތޮޅާއި ކުޑަހުވަދޫގެ ތަރައްޤީއަށް ރާވާފައިވާ މަޝްރޫޢުތަކާއި، ރައްޔިތުންނަށް ކުރިމަތިވެފައިވާ އެކި މައްސަލަތަކާއި ބެހޭ ގޮތުން ދ. އަތޮޅު ކައުންސިލަރުންނާއި، ކުޑަހުވަދޫ ކައުންސިލަރުންވަނީ ރައީސުލްޖުމްހޫރިއްޔާ އާއި މަޢުލޫމާތު ޙިއްޞާ ކުރައްވާފައެވެ. މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ކައުންސިލަރުންވަނީ، ކުޑަހުވަދޫއަކީ 4000 އަށްވުރެ ގިނަ މީހުންގެ އާބާދީއެއް އޮތް، އަދި އެކި ޚިދުމަތްތައް ހޯދަން އަތޮޅުގެ ގިނަ ބަޔަކު ޒިޔާރަތްކުރާ ރަށެއްކަން ފާހަގަކުރައްވާފައެވެ. 
ކުޑަހުވަދޫއަށް ކުރިމަތިވެފައިވާ ގޮންޖެހުއްތަކުގެ ތެރެއިން ކައުންސިލަރުން ފާހަގަކުރައްވާފައިވާ ބައެއް ކަންތައްތަކުގެ ތެރޭގައި، ބޮޑެތި ބަލިތަކަށް ފަރުވާ ހޯދަން ވައިގެ މަގުން ބަލި މީހުން މާލެއަށް ދަތުރުކުރުމުގައި ހުރި ގޮންޖެހުންތަކާއި، އަތޮޅުގެ މަސްވެރިންނަށް މަސް ކިރުވުމުގައި ހުރި ދަތިތަކާއި، ޒުވާނުންނަށް ވަޒީފާގެ ފުރުޞަތުތައް ހޯދައިދިނުމަށް ހުރި އުނދަގޫތައް ހިމެނެއެވެ. އަދި، ތަޢުލީމީ ދާއިރާއިން ހުރި ބައެއް ދަތިތަކާއި، ޒުވާނުންނަށް ކުޅިވަރު ކުޅުމުގެ ފުރުޞަތުތައް ފަހިކޮށްދިނުމަށް ހުރި ގޮންޖެހުންތަކުގެ މައްޗަށްވެސް ކައުންސިލަރުން އަލިއަޅުއްވާލެއްވިއެވެ.
މީގެ އިތުރުން، ކައުންސިލުން އިސްނަންގަވައިގެން ކުރައްވަމުން ގެންދަވާ ބައެއް މަސައްކަތްތައް ފާހަގަކުރައްވާ، ގޭބީސީތަކުން ކުނި ނެގުމުގެ މަސައްކަތް ކުރިއަށްދާ ގޮތުގެ މަޢުލޫމާތު ރައީސުލްޖުމްހޫރިއްޔާއާއި ޙިއްޞާ ކުރައްވާ، އެ މަސައްކަތް ދެމެހެއްޓެނިވި ގޮތެއްގައި ކުރުމަށް އޮތް ހުރަސްތަކުގެ މައްޗަށްވެސް ކައުންސިލަރުންގެ ވާހަކަފުޅުގައި އަލިއަޅުއްވާލެއްވިއެވެ.
މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާވަނީ، އަތޮޅުގެ ރައްޔިތުންނަށް ބޭނުންވާ އެކި ޚިދުމަތްތައް ފޯރުކޮށްދިނުމުގައި ކުޑަހުވަދޫގެ މުހިންމު ދައުރު ފާހަގަކުރައްވާ، ކުޑަހުވަދޫއަށް އިތުރަށް ތަރައްޤީ ގެނައުމުގެ މުހިންމު ކަމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. މިގޮތުން، ކުޑަހުވަދޫގެ ތަރައްޤީއަށް ރާއްވަވާފައިވާ ބައެއް މަޝްރޫޢުތަކުގެ މަޢުލޫމާތު ޙިއްޞާ ކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ، ކުޑަހުވަދޫ ބަނދަރު އިތުރަށް ތަރައްޤީ ކުރުމާއި އިތުރު މަގުތައް ހެދުމުގެ މަޝްރޫޢު އަންނަ އަހަރުގެ ބަޖެޓުގައި ހިމަނުއްވާނެ ކަމުގެ މަޢުލޫމާތުވެސް ޙިއްޞާ ކުރައްވާފައެވެ.
މީގެ އިތުރުންވެސް، ކައުންސިލަރުން ފާހަގަކުރައްވާފައިވާ ކަންތައްތައް ހައްލުކޮށްދެއްވުމަށް، ސަރުކާރުގެ ކަމާބެހޭ އިދާރާތައް މެދުވެރިކޮށް މަސައްކަތް ކޮށްދެއްވާނެ ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ. އަދި، ރައްޔިތުންނަށް ޚިދުމަތް ކުރެއްވުމުގައި އިޚުލާސްތެރި ކަމާއިއެކު ދެމިތިއްބެވުމަށް ރައީސުލްޖުމްހޫރިއްޔާ ކައުންސިލަރުންނަށް އިލްތިމާސް ކުރެއްވިއެވެ.