بســم اللّـه الرّحمـن الرّحيــم

الحمـد لِلّـه ربّ العـالمـين، والصّـلاة والسّلام علـى خاتم الأنبياء وسيّدالمرسلين، وعلـى آلـه وأصـحابه أجمـعـين.

އާދެ، މިއަދު އަޅުގަނޑު ތިޔަބޭފުޅުންގެ ލޮބުވެތި ރަށް، ނައިފަރަށް އައުމުން މި އަތޮޅުގެ ޢިއްޒަތްތެރި އަތޮޅުވެރިންނާއި، އަތޮޅުއޮފީހުގެ އިސްވެރިންނާއި، މުވައްޒަފުންނާއި އަދި މި ރަށުގެ ވެރިންނާއި، ރަށުއޮފީހުގެ މުވައްޒަފުންނާއި، އަދި ކޮމިޓީތަކުގެ މެންބަރުންނާއި، އާންމު ރައްޔިތުންނާއި، ތިޔަ ހުރިހާ ބޭފުޅުން، ނައިފަރުގެ ލޮބުވެތި އެންމެހައި ރައްޔިތުން އަޅުގަނޑަށް ތިޔަ ވިދާޅުވި ވަރަށް ހޫނު މަރުޙަބާއަށްޓަކައި، ތިޔަ ހުރިހާ ބޭފުޅުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކު އަޅުގަނޑު ޝުކުރު ދަންނަވަން. ހަމައެއާއެކީގައި، މިތާނގައި އަޅުގަނޑަށް މަރުޙަބާ ވިދާޅުވުމުގެ ގޮތުން ވަރަށް ހެޔޮ ބަސްފުޅުތަކެއް ވިދާޅުވެދެއްވި މި އަތޮޅުގެ ޢިއްޒަތްތެރި އަތޮޅުވެރިޔާ އަލްފާޟިލް ޤާސިމް ޢަބްދުލްކަރީމަށް އަދި އޭނާގެ ފަހުން ވާހަކަފުޅު ދެއްކެވި އައްޝައިޙް މުޙަންމަދު ޤުބާދު އަބޫބަކުރު ދެއްކެވި ވާހަކަފުޅަށްޓަކައި، އެ ދެ ބޭފުޅުންނަށްވެސް އަޅުގަނޑު ވަރަށް ޚާއްޞަ ޝުކުރެއް ދަންނަވަން.

އާދެ، އަޅުގަނޑުމެން މިއަދު މިވަނީ މިހާރު އާ އަހަރަކަށް ކުރިމަތިލާފައި. މިއަދަކީ 2006 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ ދެވަނަ ދުވަސް. އަޅުގަނޑުމެން މިވަނީ މީލާދީ އާ އަހަރެއްގެ ތެރެއަށް މާތްﷲގެ ވާގިފުޅާއި، ރަޙްމަތްފުޅުން ވަދެފައި. އެހެންކަމުން، މީލާދީ އާ އަހަރު ފެށުމުގެ މުނާސަބަތުގައި، ނައިފަރުގެ ލޮބުވެތި ރައްޔިތުންނަށާއި، އަދި އާންމުކޮށް ފާދިއްޕޮޅުގެ ލޮބުވެތި ރައްޔިތުންނަށާއި އަދި އެއަށްވުރެވެސް އާންމުކޮށް ދިވެހިރާއްޖޭގެ އެންމެހައި ލޮބުވެތި ރައްޔިތުންނަށް އިޚްލާޞްތެރި ތަހުނިޔާއާއި މުބާރަކްބާދީ ދަންނަވަން. އަދި މި ފެށުނު. މީލާދީ އާ އަހަރަކީ، އަޅުގަނޑުމެންނަށް، ދިވެހިރާއްޖެއަށް، ދިވެހި ރައްޔިތުންނަށް ހުރިހާ ގޮތަކުންވެސް ފާގަތި، ކާމިޔާބު، އަދި އުފެއްދުންތެރި ތަރައްޤީގެ އަހަރެއް ކަމުގައި މާތްﷲ ލެއްވުން އެދި އެކަލާނގެ ޙަޟުރަތުގައި އަޅުގަނޑު ދުޢާ ދަންނަވަން.

އާދެ، އަޅުގަނޑު މި ރަށަށް މިއައީ، ވަރަށް ކުއްލިގޮތެއްގައޭވެސް ދެންނެވިދާނެ. އާދެ، އެއީ މި އަތޮޅުގެ އަތޮޅުވެރިންނަށްވެސް އަޅުގަނޑު މި ރަށަށް އަންނަ ވާހަކަ އެނގިވަޑައިގަތީ ރޭ. ހަމައެހެންމެ، އަޅުގަނޑުމެންގެ މިނިސްޓަރ އޮފް އެޓޮލްސް ޑިވެލޮމަންޓް އަލްފާޟިލް މުޙަންމަދު ވަޙީދުއްދީނަށްވެސް އެނގިވަޑައިގަތީ ހަމަ މީގެ އެއްދުވަސް ކުރިން. އެހެން އަޅުގަނޑު އެ ހެދީ، އެއްގޮތަކަށްވެސް އެބޭފުޅުންނަށް ކަމެއް ސިއްރުކުރުމުގެ ގޮތަކުންނޫން. އެހެންނަމަވެސް، އަޅުގަނޑު ބޭނުންނުވަނީ، އަޅުގަނޑު ރާއްޖެތެރޭގެ ނުވަތަ އަތޮޅުތަކުގެ އެއްވެސް ރަށަކަށް ދިޔައީމާ، އެ އަތޮޅުގެ ރައްޔިތުން ނުވަތަ އެ ރަށުގެ ރައްޔިތުން އަޅުގަނޑަށްޓަކައި، އަޅުގަނޑަށް މަރުޙަބާ ވިދާޅުވުމުގެ ގޮތުން މާބޮޑެތި މަސައްކަތްތަކެއް ކުރެއްވުމަށް. އެއީ އަޅުގަނޑަށް މާހިތަށް ފަސޭހަކަމެއް ނޫން. އަޅުގަނޑު ރަށަކަށްދާތީ، ރަށުގެ ރައްޔިތުން މާބޮޑެތި ތައްޔާރީތަކެއް ވެވަޑައިގެން މަސައްކަތްތަކެއް ކުރައްވައި، ޚަރަދުތަކެއް ކުރައްވާ މިހެން ހެއްދެވުމަކީ އަޅުގަނޑު އެދޭ ގޮތެއް ނޫން. އެހެންވީމާ، އަޅުގަނޑު މިގޮތަށް މި ދަތުރު މި ހަމަޖެއްސީ.

ކޮންމެއަކަސް، ނައިފަރަކީ މީގެކުރިން ވަރަށްގިނަފަހަރު އަޅުގަނޑު ޒިޔާރަތްކުރި ރަށެއްކަން، ތިޔައިގެ ތެރެއިން ވަރަށްގިނަ ބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ. ހަނދުމަފުޅުވެސް ހުންނާނެ. އެހެންނަމަވެސް، ބައެއް ކުޑަކުދިން، މިސާލަކަށް، އެކުދިން ހަނދާނެއް ނުހުންނާނެ. ނުވެސް އެނގޭނެ. އެއީ އެންމެފަހުން އަޅުގަނޑަށް ނައިފަރަށް ޒިޔާރަތް ކުރެވިފައި މިވަނީ މީގެ ހަތް އަހަރު ކުރިން. އާދެ، 1998 ވަނަ އަހަރުގެ އޮގަސްޓުމަހުގެ ފަންސަވީސް ވަނަ ދުވަހު. އޭގެފަހުން މިދިޔަ ހަތް އަހަރުގެ ތެރޭގައި އަޅުގަނޑަށް މިރަށަށް އައުމުގެ ފުރުޞަތު ލިބިފައެއްނެތް. އެހެންނަމަވެސް، ނައިފަރަކީ، އަޅުގަނޑު ވަރަށް ޒިޔާރަތްކުރާހިތްވާ، އަދި އަޅުގަނޑުގެ ހިތުގައި ޚާއްޞަ ޤަދަރެއް ދެވިފައިވާ ރަށެއްކަން، ތިޔަބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ، އަޅުގަނޑުގެ ކުރީގެ ދަތުރުތަކަށް ވިސްނުމެއް ބަހައްޓަވައިފިއްޔާ. އެއީ އަޅުގަނޑު ރައީސްކަމުގެ މަގާމާ ހަވާލުވިފަހުން މި ވޭތުވެދިޔަ 27 އަހަރުގެ ތެރޭގައި ނައިފަރަށް މީގެކުރިން އަޅުގަނޑު ވަނީ ދިހަ ފަހަރު ޒިޔާރަތްކޮށްފައި. އެހެންވީމާ، ނައިފަރަށް އާދެވިފައިވަނީ މަދެއްކޮށެއް ނޫން. ޙަޤީޤަތުގައި ރާއްޖޭގެ ރަށްތަކުގެ ތެރެއިން އެންމެ ގިނަފަހަރު އަޅުގަނޑު ޒިޔާރަތްކުރި އެއްރަށް ކަމުގައި ނައިފަރު ހިމެނިގެންދާނެ.

ހަނދުމަފުޅު ހުންނާނެކަންނޭނގެ، އަޅުގަނޑުމެން މިހާރު މި ޖަލްސާ ކުރަމުންދާ މަދްރަސަތުލް އިފްތިތާޙަށް 50 އަހަރު ފުރިގެންވެސް އަޅުގަނޑު އައިން. މިހާރު މި މަދަރުސާގެ އަލިމަސް ޔޫބީލް މިއޮތީ ފެށެން ކައިރިވެފައި. އަޅުގަނޑަށް އެނގިފައިވާގޮތުގައި، މަދްރަސަތުލް އިފްތިތާޙަށް ހިޖްރީގޮތުން 75 އަހަރުވަނީ މި ފެށެން ކައިރިވެފައި މިވާ 1427 ވަނަ އަހަރުގެ ޞަފަރު މަހުގެ 27 ވަނަ ދުވަހު. އެއީ މިހާރު އަޅުގަނޑުމެން ވޭތުކުރަމުންމިދާ 2006 ވަނަ އަހަރުގެ މާރިޗު މަހުގެ 27 ވަނަ ދުވަސް. އެ މުނާސަބަތާ ގުޅިގެން މިއަދު ވަރަށް ޚާއްޞަ ކަމެއް އެބަ ހިނގާ. އާދެ، އެއީ އެ މުނާސަބަތާ ގުޅިގެން ހުޅުވާ ފަންޑު. އެ ފަންޑު ހުޅުވައިދިނުމަކީ މިއަދު އަޅުގަނޑަށް ލިބޭ ވަރަށްބޮޑު އުފަލަކާއި، ޝަރަފެއް ކަމުގައި ދަންނަވާލަން.

އާދެ، ނައިފަރުގެ މަދްރަސަތުލް އިފްތިތާޙަކީ އަޅުގަނޑު އެ މަދަރުސާގެ ތަޢާރަފުގައި އެއްޗެއް ދަންނަވަންޖެހޭ މަދަރުސާއެއް ނޫން. އެއީ ތިޔަބޭފުޅުންނަށް ވަރަށް ރަނގަޅަށް އެ މަދަރުސާގެ ޚިދުމަތްތައް ފެނިވަޑައިގެންފައިވާ ނުވަތަ ދެކެވަޑައިގެންފައިވާ ނުވަތަ އައްސަވާފައިވާ މަދަރުސާއެއް. 75 އަހަރުގެ ދިގު ރާސްތާ، ތަޢުލީމީ މައިދާނުގައި ހޭދަކޮށްފައިވާ ވަރަށް މޮޅު ޢިލްމީ، ތަޢުލީމީ މަރުކަޒެއް. އާދެ، މަދްރަސަތުލް އިފްތިތާޙަކީ މިހާރު ސަރުކާރުގެ މަދަރުސާއެއް. ސަރުކާރުން ހިންގާ ތަނެއް. މި ތަނުގެ ހުރިހާ ޚަރަދެއް ކުރަނީ ސަރުކާރުގެ ބަޖެޓުން. ޝައްކެއްނެތްގޮތުގައި، އެއީ މި މަދަރުސާއަށްވެސް އަދި ނައިފަރަށްވެސް އަދި ނައިފަރު ފިޔަވައި އެހެން ރަށްރަށުން މި ތަނަށް ތަޢުލީމު ހާސިލުކުރުމަށްޓަކައި އައިސްފައިވާ ކުދިންނަށްވެސް ލިބޭ ވަރަށްބޮޑު ކުރިއެރުމަކަށްވާނެ.

އާދެ، އަޅުގަނޑުމެން މިހާރު މުޅި ޤައުމު މިވަނީ 2004 ވަނަ އަހަރު އަޅުގަނޑުމެންނާ ކުރިމަތިވި ސުނާމީ ކާރިސާގެ ގެއްލުންތައް ތަޙަންމަލުކުރުމުގެ މަރުޙަލާއެއްގައި. މާތްﷲގެ ރަޙްމަތްފުޅުން ނައިފަރަށް އެ ކާރިސާގެ ސަބަބުން މާބޮޑެތި ގެއްލުންތަކެއް ނުލިބުނު ކަމުގައިވިޔަސް، ރާއްޖޭގެ ވަރަށްގިނަ ރަށްރަށަށް ވަނީ ވަރަށްބޮޑެތި ގެއްލުންތަކެއް ލިބިފައި. އަޅުގަނޑުމެންގެ ލޮބުވެތި އަޚުންނާއި އުޚުތުންގެ ތެރެއިން ވަރަށްގިނަ ބަޔަކުވަނީ އަޅުގަނޑުމެންނާ ވަކިވެގެން ގޮސްފައި. އާދެ، 108 ދިވެހިން ނުވަތަ 108 މީހުން ވަނީ މި ހާދިސާގައި އަޅުގަނޑުމެންނާ ވަކިވެގެން ގޮސްފައި. ވަރަށްގިނަ ރަށްރަށުގެ ގެދޮރުވަނީ މުޅިން ހަލާކުވެގެން ގޮސްފައި. ނުވަތަ މަރާމާތުކުރަންޖެހޭ ފެންވަރަށް، އެ ގޭގޭގެ ފާރުފާރުގައި ރެނދުއަޅައި ނުވަތަ އެނޫން ގެއްލުންތައް ލިބިފައި. އަދި އޭގެއިތުރުން ރައްޔިތުން ދިރިއުޅުމަށް ކުރަމުން ގެންދާ މަސައްކަތްތަކަށްވެސް ވަނީ މި ކާރިސާގެ ސަބަބުން ވަރަށް ބޮޑެތި ގެއްލުންތަކެއް ލިބިފައި. އެތައް މަސްދޯނިފަހަރެއްވަނީ އުވިގެން ގޮސްފައި. އަދި ވިޔަފާރިކުރާ ތަންތަންވެސް ވަނީ ހަލާކުވެގެން ގޮސްފައި. ތަޢުލީމީ ޚިދުމަތާއި، ޞިއްޙީ ޚިދުމަތްދޭ ތަންތަނަށްވެސް ވަނީ ވަރަށް ބޮޑެތި ގެއްލުން ލިބިފައި. ވައިގެ ބަނދަރުތަކަށްވެސް އަދި ރަށްރަށުގެ ފަޅުފަޅަށްވެސް، ބަނދަރުތަކަށްވެސް، ފާލަންތަކަށްވެސް، ކަރަންޓު އުފައްދާ އިންޖީނުތަކަށްވެސް. މިހެންގޮސް ދަންނަވާފައި ނުދަންނަވާނެ ވަކިކަމެއް ނެތް. މި ހުރިހާ ކަންކަމަކަށްވަނީ ވަރަށްބޮޑެތި ގެއްލުންތަކެއް ލިބިފައި. އެ ކަންތައްތައް ފޫބެއްދޭތޯ މިހާރު ސަރުކާރުން މި ގެންދަނީ މަސައްކަތް ކުރަމުން. އެގޮތުން، ހިންނަވަރުގައި ހަލާކުވެފައި ހުރި ބައެއް ގެތައް މިހާރު ސަރުކާރުންވަނީ ބައެއް މަރާމާތުކޮށްދީފައި. ހަމައެހެންމެ، އަލަށް އިމާރާތް ކުރަން ޖެހިފައިވާ ބައެއް ގޭގެ ވަނީ ސަރުކާރުން އިމާރާތްކޮށްދީފައި. އަދި މިނޫން ރަށްރަށުގައިވެސް ވަރަށްގިނަ މިބާވަތުގެ މަސައްކަތްތައް ހިނގަމުން އެބަދޭ. ސަރުކާރުގެ ޢަޒުމަކީ، މާތްﷲގެ ވާގިފުޅުން، ސުނާމީ ކާރިސާގެ ސަބަބުން ރާއްޖެއަށް ލިބުނު ގެއްލުންތައް އިރާދަކުރެއްވިއްޔާ މުޅިން ފޫބައްދައި، ރާއްޖޭގެ ޙާލަތު، ކުރިން އޮތްވަރަށްވުރެވެސް ރަނގަޅު ޙާލަތަކަށް ގެންދެވޭތޯ މަސައްކަތްކުރުން.

އާދެ، ސުނާމީ ކާރިސާއިން ލިބުނު ގެއްލުންތައް ފޫބެއްދުމަކީ، ތިޔަބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ ފަދައިން، އަޅުގަނޑުމެންނަށް އެކަނި ކުރެވޭވަރުގެ ކަމަކަށްނުވޭ. އެއީ ގެއްލުމުގެ އަދަދު ބޮޑުކަމުން. ހަތަރުސަތޭކަ ހަތްދިހަ އެތައް މިލިޔަން ޑޮލަރެއްގެ ގެއްލުން ވަނީ ރާއްޖެއަށް ލިބިފައި. ރާއްޖެއަކީ ތިޔަބޭފުޅުންނަށްވެސް އެނގިވަޑައިގަންނަވާނެ ފަދައިން، ވަސީލަތްތައް މަދު، މުއްސަނދިކަން ކުޑަ ޤައުމެއް. އެހެންވީމާ، އަޅުގަނޑުމެންގެ ވަސީލަތްތައް ހުރިވަރުން މިފަދަ ބޮޑު ގެއްލުމެއް އަޅުގަނޑުމެން އަމިއްލައަށް ފޫބެއްދޭވަރެއްނުވޭ. އެހެންވީމާ، ވަރަށްގިނަ މަސައްކަތްތަކެއް ކޮށްގެން ބޭރުގެ އެހީ މިހާރު ލިބެމުން އެބަދޭ. ލިބުނު އެހީތަކުން ވަރަށްގިނަ މަސައްކަތްތައް މިހާރު ކުރެވެމުން އެބަދޭ. އެއީ ސަރުކާރުގެ ބަޖެޓުގެ އިތުރުން. ސަރުކާރުގެ ބަޖެޓުންވެސް ވަރަށްބޮޑެތި ޚަރަދުތަކެއް މިގެންދަނީ ކުރަމުން، ލިބުނު ގެއްލުންތައް ފޫބެއްދުމަށްޓަކައި. އެހެންނަމަވެސް، ލިބުނު ގެއްލުމުގެ ބޮޑުކަމުން މިހާތަނަށް ބޭރުން ލިބިފައިވާ ފައިސާއިން ފުއްދާލެވޭވަރުނުވާތީ، ބޭރުގެ އިތުރު އެހީ ސަރުކާރުން ބޭނުންވެގެން ބޭރުގެ ފަރާތްތަކާ ގުޅައިގެން މިހާރުވެސް މިގެންދަނީ މަސައްކަތް ކުރަމުން.

އާދެ، ނައިފަރަށް ދިމާވެފައިވާ އެންމެބޮޑު އެއް މައްސަލައަކީ، ގޯތިގެދޮރުގެ ދަތިކަން. އަޅުގަނޑަށް އެކަން ވިސްނޭ. އެހެންވީމާ، އެކަމަށް ޙައްލެއް ހޯދައިދެވޭތޯ މިހާރު މިވަނީ ނައިފަރުގެ ބިމުންވެސް ވަރަށްބޮޑު ބައެއް އަލަށް ހިއްކާފައި. އެ ބިމުން އިރާދަކުރެއްވިއްޔާ ނައިފަރުގެ ރައްޔިތުންގެ ގިނަބަޔަކަށް ގޯތި ލިބިދެވޭނެ. އެ މަސައްކަތް މިހާރު ގޮސްފައިވާ ހިސާބަކީ، އެ ބިން ބޭނުންކުރުމުގެ ޕްލޭނެއް ތައްޔާރުކުރަމުން ސަރުކާރުގެ ކަމާބެހޭ ފަރާތްތަކުން އެ ގެންދަވަނީ. އެއީ، ބިމެއް ހިއްކިޔަސް، އެ ބިން ބޭނުންކުރާނެގޮތް، ކުރިއްސުރެ ރޭވިފައި އޮންނަންޖެހޭނެ. އެއީ ގެދޮރު، އަދި ގެދޮރުގެ އިތުރުން ބައެއްކަހަލަ ވަސީލަތްތަކަށް ބޭނުންވާ ބިންވެސް ނަގަންޖެހޭނެ. އެއީ، އާބާދީ އިތުރުވިވަރަކަށް ސަރުކާރުން ދޭންޖެހޭ ޚިދުމަތްތައްވެސް ދާނީ އިތުރުވެގެން. އެހެންވީމާ، އެ ޚިދުމަތްތަކަށް ބޭނުންވާ އިމާރާތް ހެދުމަށްވެސް ބޭނުންވާނެ. މި ހުރިހާ ކަމެއް މިހެން އޮތީމާ، ބިން ހިއްކުމަކުން އަދި އެކަން މުޅިން ނިމުނީކީނޫން. ބިން ހިއްކާފައި، އެ ބިން ބޭނުންކުރާނެ އުސޫލުތަކެއް ކަނޑައަޅައި، ޕްލޭނެއް ރާވައިގެން، އޭގެދަށުން ގޯތި ދޫކުރަން ފެށޭނީ. އެހެންވީމާ، އެ މަސައްކަތް މިހާރު ސަރުކާރުގެ ކަމާބެހޭ ފަރާތްތަކުން ކުރައްވަމުން ގެންދަވާ ވާހަކަ، އަޅުގަނޑު މިއަދު ތިޔަބޭފުޅުންގެ މަޢުލޫމާތަށްޓަކައި މި ދަންނަވާލީ.

އާދެ، އަޅުގަނޑުމެންގެ ރާއްޖެއަށް މި ވަގުތު ދިމާވެފައިވާ ވަރަށްބޮޑު އެހެން މައްސަލައެއްގެ ވާހަކަވެސް ދަންނަވާލާނަން. އެއީ މަސްތުވާތަކެތީގެ ވާހަކަ. މަސްތުވާތަކެތީގެ ނުރައްކަލަކީ މުޅި ރާއްޖެއަށް އާންމުވެފައިވާ ނުރައްކަލެއް. އެކަން މި ރަށުގައިވެސް އެބައުޅޭ. އެކަން އަޅުގަނޑަށް އެނގޭ. އެންމެބޮޑު ހިތާމައަކީ، އަޅުގަނޑުމެންގެ ޅަދަރިން، ވަރަށް ޒުވާން އުމުރުގެ ކުދިންނާއި އަދި އެނޫން މީހުން މީގެތެރެއަށް ވަންނަމުންދާކަން. އެމީހުންނަކީ، މަސްތުވާތަކެތީގެ ޝިކާރައަކަށްވާކަން. އެއީ ވަރަށްބޮޑު ހިތާމައެއް. މިކަމަށް ޙައްލެއް ހޯދޭތޯ ސަރުކާރުން ވަރަށްގިނަ މަސައްކަތްތައް ކުރަމުން އެބަގެންދޭ. ތިޔަބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ، ޑްރަގް ރިހެބިލިޓޭޝަން ސެންޓަރެއް ޤާއިމުކޮށްގެން، އެތަނަށް މަސްތުވާތަކެތި ބޭނުންކުރާ މީހުން ގެންގޮސްގެން، އެމީހުންނަށް ފަރުވާ ދިނުމުގެ އިންތިޒާމުވެސް ރާވައިގެން، އެ މަސައްކަތްވެސް ކުރަމުން އެބަ ގެންދަން. އަދި މަސްތުވާތަކެތި އެތެރެވާ އެތެރެވުން ހުއްޓުވުމަށްޓަކައި އެޅެންހުރި ވަރަށްގިނަ ފިޔަވަޅުތަކެއްވެސް، މި ވޭތުވެދިޔަތާނގައިވެސް ހަމަ ސަރުކާރުން ވަނީ އަޅާފައި. މިހާރުވެސް އިތުރަށް އެ ފިޔަވަޅުތައް މިގެންދަނީ ހަރުދަނާކުރަމުން. އަދި މަސްތުވާތަކެތީގެ ނުރައްކަލާބެހޭ މަޢުލޫމާތު އާންމުކޮށް އެންމެންނަށް ފޯރުވައިދިނުމަށް ވަރަށްބޮޑެތި މަސައްކަތްތަކެއް ކުރެވޭ. އެކަމާބެހޭ ސަރުކާރުގެ ޚާއްޞަ އޮފީހެއްވެސް ޤާއިމުކުރެވިފައި އެބަހުރި. މިކަމުގައި ބޭނުންވަނީ، އެންމެންގެ އެއްބާރުލުން. އެންމެންގެ އެއްބާރުލުން. މައިންބަފައިންނާއި، ބެލެނިވެރިންނާއި، ޢާއިލާގެ މީހުންނާއި، ސްކޫލުތަކާއި، ހޮސްޕިޓަލްތަކާއި، އަދި އާންމު ފަރުދުންނާއި، އަމިއްލަ ޖަމާޢަތްތަކާއި، ޖަމުޢިއްޔާތަކާއި، ސަރުކާރުގެ ކަމާބެހޭ ފަރާތްތަކާ، ހުރިހާ ފަރާތެއް ވަރަށްބޮޑަށް ބައިވެރިވެގެން އަތުގުޅާލައިގެން އަޅުގަނޑުމެންނަށް މި ނުރައްކަލުން ސަލާމަތްވެވޭނެ މަގު ފެނިގެންދާނީ.

އެހެންވީމާ، މިކަމުގައި އަޅުގަނޑު އިލްތިމާސްކުރަނީ، ނައިފަރުގެ ލޮބުވެތި ރައްޔިތުން މިކަމަށް ވަރަށްބޮޑު ޚާއްޞަ ސަމާލުކަމެއް ދެއްވައިގެން، މި ރަށުން މަސްތުވާތަކެތީގެ ނުރައްކާތެރި ވަބާ ފިލުވައިލެވޭތޯ، ސަރުކާރާ ގުޅިވަޑައިގެން ވަރަށްބޮޑެތި މަސައްކަތްތަކެއް ކުރެއްވުމަށް.

އާދެ، ދެން ކުޑަ އެއްޗެއް އަޅުގަނޑު ދަންނަވާލާނީ، ދެންމެ އަޅުގަނޑުގެ ކުރިން ވާހަކަފުޅު ދެއްކެވި، އައްޝައިޚް މުޙަންމަދު ޤުބާދު އަބޫބަކުރު ވިދާޅުވި ވިދާޅުވުމަކާ ބެހޭގޮތުން. އާދެ، އޭނާ ވަރަށް ބަލާޣާތްތެރި ރީތި ބަހުރުވައަކުން އަޅުގަނޑުމެންގެ މެދުގައި އޮންނަންޖެހޭ އެއްބައިވަންތަކަމުގެ ވާހަކަ ވިދާޅުވެއްޖެ. ޝައްކެއްނެތް، ހުރިހާ ތަރައްޤީގެ އަޞްލަކީ އެއްބައިވަންތަކަން. އަމުދުން މުސްލިމު ޤައުމެއްގެ އޮންނަންޖެހޭނީ އެއްބައިވަންތަކަން. އަޅުގަނޑުމެންގެ މެދުގައި ޚިޔާލުތަފާތުވިޔަކަސް، އެއީކީ ފަހަރެއްގައިވެސް ބައިބައިވުމަށް މަގުފަހިކޮށްދޭ ކަމެއްކަމުގައި އަޅުގަނޑުމެން ބަލައިގެނެއް ނުވާނެ. އަދި އޭގެ ސަބަބުން ބައިބައިވުން އުފެދިގެނެއްވެސް ނުވާނެ. ދުނިޔޭގެ އެހެން ޤައުމުތަކެކޭ އެއްފަދައިން ރާއްޖޭގެވެސް ދީމުޤްރާޠީ ނިޒާމު ހަރުދަނާކުރުމަށްޓަކައި މިހާރު މިވަނީ ޕާޓީ ސިސްޓަމެއް ތަޢާރަފުކޮށްފައި. ރާއްޖޭގައި އެގޮތުން ގަވާއިދުން އުފެދިގެން ހިނގަމުންދާ ހަތަރު ޕާޓީ މިހާރު އެބައޮތް. މި ޕާޓީތައް މި އުފެދުނީ ރައްޔިތުންގެ ތެރެއިން، ރައްޔިތުން ބޭނުންވާ ކަންތައްތައް ކުރެވޭނެމަގު ތަނަވަސް ކުރުމަށްޓަކައި. ރައްޔިތުންގެ ޚިޔާލާއި މަޝްވަރާގެ އެހީގައި. އަދި ޤައުމުގެ އެންމެން ބައިވެރިވެގެން، އެންމެން ޙިއްޞާވެގެން ވާހަކަ ދައްކައިގެން، ޤައުމަށް އެންމެ ފައިދާހުރި ގޮތްތައް ކަނޑައެޅުމަށްޓަކައި. އެއީކީ ފަހަރެއްގައިވެސް ރައްޔިތުންގެ މެދުގައި ބައިބައިވުން އުފެއްދުމަށްޓަކައި ކުރެވޭ ކަމެއްނޫން. އެގޮތުގައި އަޅުގަނޑުމެން ތަޞައްވަރުކޮށްގެންނެއްވެސް ނުވާނެ. ހިތާމަޔަކީ، މި ނިޒާމަކީ، އަޅުގަނޑުމެންނަށް މުޅިން އާ ނިޒާމަކަށްވާތީ، އަޅުގަނޑުމެންނަށް އަދި އޭގެ ބޭނުން ރަނގަޅަށް ހިފަން ނުފެށެނީ. ރަނގަޅަށް ބޭނުންކުރާނެގޮތް އަދި އަޅުގަނޑުމެންނަށް ނޭނގެނީ. އެހެންނަމަވެސް، އޭގެ ބޭނުމަކީ ފަހަރެއްގައިވެސް އަޅުގަނޑުމެންގެ ތެރެއިން އެއްބަޔަކު އަނެއްބަޔަކާ ދޭތެރޭގައި އެކި ކަހަލަ ނޭދެވޭ ވާހަކަ ދެއްކުމެއް ނޫން. އެއްބަޔަކު އަނެއްބަޔަކު ފަޟީޙަތްކޮށް، އެއްބަޔަކު އަނެއްބައެއްގެ އަގުވައްޓާލަން މަސައްކަތް ކުރުމެއް ނޫން. ޙަޤީޤަތް އޮޅުވައިލުމެއް ނޫން. މީސްމީހުންނަށް ފޮނި ވަޢުދުތަކެއް ކޮށްދިނުމެއްވެސް ނޫން. އެގޮތަށް ކަންތައް ކުރަމުންދަންޏާ އެއީ ވަރަށްބޮޑު ގޯހެއް. އެކަމުން އަޅުގަނޑުމެން ރައްކާތެރިވާންޖެހޭނެ.

އެނގިވަޑައިގަންނަވާނެ، އަޅުގަނޑުމެންގެ ތެރޭގައި މިހާރު ވަރަށްބޮޑަށް އާންމުވެފައިވާ ކަމެއް، ތަފާތު ދޮގު ވާހަކަ ފެތުރުން. ސަރުކާރާ ބެހޭގޮތުންވެސް އަދި އަޅުގަނޑުގެ ޒާތާ ބެހޭގޮތުންވެސް އަދި އެނޫން ބޭފުޅުންނާ ބެހޭގޮތުންވެސް، ވަރަށްގިނަ ދޮގު މަޢުލޫމާތު މިހާރު މާލޭގައިވެސް، އަތޮޅުތަކުގައިވެސް ފެތުރެމުން އެބަދޭ. ބަޔަކު އެ މަޢުލޫމާތު އެބަ ފަތުރާ. ކަނޑައެޅިގެން ޙަޤީޤަތެއް ނެތް ވާހަކަތަކެއް. އެކަމަށް އަޅުގަނޑުމެން ސަމާލުވާންޖެހޭނެ. އެކަހަލަ ވާހަކަ އަޅުގަނޑުމެން އަޑުއަހައިގެން ނުވާނެ. އާދެ، އޭގެތެރެއިން އެއް ވާހަކައަކީ، މި ވޭތުވެދިޔަ ދިގު މުއްދަތުގެ ތެރޭގައި ސަރުކާރުން ރައްޔިތުންނަކަށް ކަމެއްކޮށްދީފައެއް ނެތޭ. އޭގެ ޖަވާބު އަޅުގަނޑު ދަންނަވާކަށް ނެތިން. ނައިފަރުގެ ރައްޔިތުންނަށް އެ ޖަވާބު އެނގިވަޑައިގަންނަވާނެ. ނައިފަރަށް މިދިޔަ މުއްދަތުގެ ތެރޭގައި، 27 އަހަރު ދުވަހުގެ ތެރޭގައި ނަމަވެސް އެ އައި ކުރިއެރުން. ނައިފަރުގެ ބަނދަރު ދެފަހަރެއްގެމަތިން އެއޮތީ ހެދިފައި. ނައިފަރުގެ ބިން މިހާރު އެއޮތީ ހިއްކިފައި. 24 ގަޑިއިރުގެ ކަރަންޓް ނައިފަރަށް ލިބޭ. ނައިފަރުގައި މިހިރަ އިމާރާތްތައް، މަދްރަސަތުލް އިފްތިތާޙު. ދެން ނައިފަރުގެ އަތޮޅުއޮފީހާއި، އަތޮޅުގެއާއި، ރަށު އޮފީހާއި، ރަށު ކޯޓާ، މި ހުރިހާ ތަނެއް މިހިރީ ހެދިފައި. އަދި މި ތާނގައި ބޭންކް އޮފް މޯލްޑިވްސްގެ ގޮތްޕެއްވެސް އެބަހުރި. އަދި ޓެލިފޯނުގެ ޚިދުމަތްވެސް އަދި ގޭގެއަށް ނުލިބުނު ކަމުގައިވިޔަސް، ޓެލިފޯނުގެ ޚިދުމަތްވެސް ލިބޭ. މޯބައިލްގެ ޚިދުމަތްވެސް ލިބޭ. މިހެންގޮސް ކިޔާފައި ނުކިޔާނެ ވަކިކަމެއްނެތް. އަޅުގަނޑުމެންނަކީ، ދުނިޔޭގައިވާ އެންމެ މުއްސަނދިކަން ބޮޑު ޤައުމެއް ނޫން. އަޅުގަނޑުމެންނަކީ، ވަރަށް ކުޑަކުޑަ ޤައުމެއް. ވަސީލަތްތައް މަދު ޤައުމެއް. ސަރުކާރުގެ ބަޖެޓަކީވެސް ވަރަށް ކުޑަކުޑަ އެއްޗެއް. އެހެންވީމާ، އެ ބަޖެޓް ތަންދިން މިންވަރަކުން ރައްޔިތުންނަށް ސަރުކާރުން ކަންތައްތައް ކޮށްދެމުން މިގެންދަނީ. މި ދެންނެވީ ހަމައެކަނި ނައިފަރުގެ ވާހަކަ. އެހެންނަމަވެސް، އަޅުގަނޑުމެން ސަރުކާރުން އެބަޔަކާ ދޭތެރޭގައި ވިސްނަންޖެހިފައި އޮތީ އެންމެ ރަށެއްގެ ބަޔަކާ ބެހޭގޮތަކުންނެއް ނޫން. ރާއްޖޭގައި މީހުން އުޅޭ 202 ރަށް އެބައޮތް. އެ 202 ރަށަށް ބޭނުންވާ ކަންތައްތައްވެސް ކޮށްދޭންޖެހޭނެ. އެހެންވީމާ، އެ ކަންތައް ހަމަ ވަރަށް ބާރާއެކު ކޮށްދެމުން މި ގެންދަނީ.

އަދި ތިޔަބޭފުޅުންނަށްވެސް އެނގިވަޑައިގަންނަވާނެ ފަދައިން، މި އަހަރަށް މި ކަނޑައެޅުނު ބަޖެޓަކީ، 2006 ވަނަ އަހަރަށް މި ކަނޑައެޅުނު ބަޖެޓަކީ މިހާތަނަށް ދިވެހިރާއްޖޭގެ ތާރީޚުވެސް ދެކެފައިނުވާފަދަ ވަރަށްބޮޑު ބަޖެޓެއް. އެ ބަޖެޓުގެ ބޮޑުބައި އެއޮތީ. އަތޮޅުތަކަށާއި، ރަށްރަށަށް ބޭނުންވާ ޚިދުމަތްތައް ފޯރުވައިދިނުމަށްޓަކައި. އޭގެތެރެއިން ވަރަށްބޮޑު ބައެއް ތަންފީޒުކޮށްދެއްވާނީ އަޅުގަނޑުމެންގެ އެޓޮލްސް ޑިވެލޮޕްމަންޓް މިނިސްޓަރ އަލްފާޟިލް މުޙަންމަދު ވަޙީދުއްދީން. އޭނާގެ ބެއްލެވުމުގެ ދަށުންވެސް ވަރަށްގިނަ މަސައްކަތްތައް ހިނގާނެ. ހަމައެހެންމެ، މިނިސްޓަރ އޮފް ޕްލޭނިންގއާއި އަދި ސަރުކާރުގެ އެހެން މިނިސްޓްރީތަކުގެ ދަށުންވެސް ވަރަށްގިނަ މަސައްކަތްތައް ހިނގަމުންދާނެ.

އެހެންވީމާ، ދަންނަވަން މިއުޅޭ ވާހަކައަކީ، އިރާދަކުރެއްވިއްޔާ ކުރިޔަށް މިއަހަރުވެސް ވަރަށްގިނަ ކަންތައްތަކެއް، އިރާދަކުރެއްވިއްޔާ އަތޮޅުތަކުގެ ރައްޔިތުން އެދޭގޮތަށް ވެގެންދާނެއޭ. އަދި މިއަންނަ އަހަރުވެސް އަދި އޭގެފަހު އަހަރުވެސް އިރާދަކުރެއްވިއްޔާ އެ ކަންތައްތައް ހިނގަމުންދާނެ. އެހެންވީމާ، ތިޔަބޭފުޅުންގެ ވިސްނެވުމާއި، ކަންތައްތައް ބަހައްޓަވަންޖެހޭނީ ޙަޤީޤަތާ އެއްގޮތަށް. ތިޔަބޭފުޅުން ޖެހޭނެ ޙަޤީޤަތް ޤަބޫލުކުރައްވަން. މާތްވެގެންވާ އިސްލާމްދީނުގައިވެސް މުއުމިނުން ސިފަކޮށްދެއްވާފައިވަނީ، ތެދުވެރި މުއުމިނުންނަކީ، ހެޔޮބަސްއަހާ، ހެޔޮބަސް ގަބޫލުކުރާ ބައެއްގެ ގޮތުގައި. ތިޔަބޭފުޅުންނަށް އިވިވަޑައިގަންނަވާ ވާހަކަތަކާއި، އަޑުތަކުގެތެރެއިން، ކޮބައިކަން ޙަޤީޤަތަކީ. ތިޔަބޭފުޅުންނަށް ބެއްލެވޭނެ. ބައްލަވާފައި، އެ ޙަޤީޤަތް ގަބޫލުކުރެއްވީމާ އެ ނިމުނީ. އެއީ ހެޔޮބަސް އެހުމަކީ، އަދި ހެޔޮބަސް ގަބޫލުކުރުމަކީ. އަޅުގަނޑުމެން މުސްލިމުން ވާންޖެހޭނީ އަބަދުވެސް ހެޔޮބަސްއަހާ ބަޔަކަށް. ހެޔޮބަސް ގަބޫލުކުރާ ބަޔަކަށް. އެއީ މާތްﷲ އަންގަވާފައިވާ އެންގެވުން.

ދެންމެ މި ތާނގައި، މި ޖަލްސާ ފެށުމުގެ ކުރިން ކީރިތި ޤުރްއާނުގެ ވަރަށް ބަރަކާތްތެރި އާޔަތްތަކެއް އަޅުގަނޑުމެންނަށް އިވިގެންދިޔަ. "يَا أَيُّهَا الَّذِينَ آمَنُوا اتَّقُوا اللَّـهَ حَقَّ تُقَاتِهِ وَلَا تَمُوتُنَّ إِلَّا وَأَنتُم مُّسْلِمُونَ" (آل عمران: ١٠٢) "އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން ﷲ އަށް ޙައްޤު ވެގެންވާގޮތުގައި ތަޤްވާވެރިވާށެވެ! އަދި ތިޔަބައިމީހުން މުސްލިމުންގެ ގޮތުގައި ތިބެގެން މެނުވީ މަރުނުވާށެވެ!" މަރުވާނެ ދުވަހެއް އެއްވެސް މީހަކަށް ނޭނގެ. އެހެންވީމާ، މާނައަކީ ދާއިމަށް އަބަދާއަބަދު އަޅުގަނޑުމެން ތިބެންޖެހޭނީ އީމާންކަންމަތީގައޭ. "وَاعْتَصِمُوا بِحَبْلِ اللَّـهِ جَمِيعًا وَلَا تَفَرَّقُوا" (آل عمران: ١٠٣) "އަދި ތިޔަބައިމީހުން ﷲ ގެ ދީނުގައި އެންމެން އެކަތިގަނޑަކަށްވެގެން ތިބެގެން ހިފަހައްޓާށެވެ!" "وَلَا تَفَرَّقُوا" "އަދި ތިޔަބައިމީހުން ބައިބައި ނުވާށެވެ!" މި އާޔަތްތަކުގައި، ވަގުތުގެގޮތުން ދެންހުރި ބައިތައް ނުދެންނެވި ނަމަވެސް އޭގެފަހުން އަންނަ ބައިތަކުގައި އެބައޮވޭ، ﷲ ގެ އެންގެވުމަށް ތަބާވާ މީހުންނަށް އާޚިރަތް ދުވަހުން ހުރި ޘަވާބާއި، ދަރުމައާއި، އެބައިމީހުންގެ މޫނުތައް އަލިވެގެންދާނެ ވާހަކައާއި، އެބައިމީހުންނަކީ ދާއިމީ ނިޢުމަތުގައި ތިބޭނެ ބައެއްކަމުގެ ވާހަކަ. ހަމައެހެންމެ، ބައިބައިވެގެންދާ މީހުންގެ މިސާލު ޖައްސަވައި ދެއްވާފައި އެވަނީ. އެބައިމީހުންނަށް އާޚިރަތް ދުވަހުން ވާނެގޮތަކީ އެބައިމީހުންގެ މޫނުތައް ކަޅުވެގެންދާނޭ، އެބައިމީހުންނަށް އޮންނާނީ ވަރަށް ގަދަފަދަ ވޭންދެނިވި ޢަޒާބެކޭ. މިކަންކަމުންވެސް އަޅުގަނޑުމެންނަށް އެނގޭ، އަޅުގަނޑުމެން މުސްލިމުން ވާންޖެހޭނީ އެއްބައިވަންތަ ބަޔަކަށް. އެކުވެރި ބަޔަކަށް، އުޚުއްވަތްތެރި ބަޔަކަށް. އަޅުގަނޑުމެންގެ މެދުގައި އެއްވެސް ސަބަބަކާހުރެ، ބައިބައިވުންތަކެއް އުފެދިގެންވެސް ނުވާނެ. ބަޔަކު އުފެއްދިޔަދީގެންނެއްވެސް ނުވާނެ. އެ ކަންތައްތަކަށް އަޅުގަނޑުމެން ތިބެންޖެހޭނީ ހޭލާ.

އާދެ، މިއަދު ނައިފަރަށް އައުމަކީ އަޅުގަނޑަށް ލިބުނު ވަރަށްބޮޑު އުފަލެއް ކަމުގައި ދަންނަވަން. ހަމައެއާއެކީގައި، ނައިފަރުގެ މި މަދްރަސަތުލް އިފްތިތާޙަށް 75 އަހަރު ވުމުގެ މުނާސަބަތުގައި މިބާއްވަވާ، އަލިމަސް ޔޫބީލާ ގުޅިގެން މި އުފައްދަވާ ފަންޑު މިއަދު އިފްތިތާޙުކޮށްދިނުމަކީވެސް އަޅުގަނޑަށް ލިބުނު ވަރަށްބޮޑު ޝަރަފަކާއި އުފަލެއް ކަމުގައި ދަންނަވަން.

މާތްﷲ އަޅުގަނޑުމެން އެންމެންނަށް ހެޔޮ ވިސްނުން ދެއްވާށި! މާތްވެގެންވާ އިސްލާމްދީނުގެ ސާފުސީދާ ތެދުމަގުގައި ވަރުގަދަ ޢަޒުމަކާއެކު، ފައިތިލަ ސާބިތުކޮށްގެން ތިބުމުގެ ހެޔޮ ތައުފީޤު އަޅުގަނޑުމެންނަށް ދެއްވާށި! މި ފެށުނު މީލާދީ އަހަރަކީ، ރާއްޖެއަށް ޞުލްޙަމަސަލަސްކަމާއި، އަމަންއަމާންކަމާއި، ކުރިއެރުމާއި ތަރައްޤީ ހިމެނިގެންވާ އަހަރެއް ކަމުގައި ލައްވާށި! އަދި ނައިފަރުގެ ލޮބުވެތި ރައްޔިތުންނަށާއި، ދިވެހިރާއްޖޭގެ ރައްޔިތުންނަށް ފުރިހަމަ ޞިއްޙަތާއި، ޢާފިޔަތު ދެއްވައި، ހެޔޮމަގުގައި ދަމަހައްޓަވާށި!

والســّلام عليــكم ورحـمــة اللّـه وبـركاتـه.