بســم اللّـه الرّحمـن الرّحيــم


މިނިސްޓަރ އޮފް އެޑިޔުކޭޝަން، ޕްރޮވިންސްގެ ސްޓޭޓް މިނިސްޓަރ، އަތޮޅު ކައުންސިލްގެ މެންބަރު، ރަށު ކައުންސިލްގެ މެންބަރު. އޭދަފުށީގެ ތަޢްލީމީ ދާއިރާގައި ޙަރަކާތްތެރިވެވަޑައިގަންނަވާ އެންމެހާ ބޭފުޅުން. އަދި ވަކިން ޚާއްޞަކޮށް، އޭދަފުށީގެ ލޮބުވެތި ރައްޔިތުން.

السّـلام عليـكم

އަޅުގަނޑުމެން މިއަދު މި ފާހަގަ މިކުރަނީ، ދުވަސްތަކެއް ވަންދެން ހިންގަމުން ގެންދެވުނު ޕްރޮގްރާމެއްގެ ކޮންމެވެސްވަރެއްގެ ފެށުން. 2004 ވަނަ އަހަރު ފަށައިގަނެވުނީ، އިންސާނީ ވަސީލަތްތައް ތަރައްޤީ ކުރުމާ ގުޅޭގޮތުން ތަފާތު އެކި މާލީ އިދާރާތަކާއި، އެހީވާ ޖަމްޢިއްޔާތައް ގުޅިގެން ހިންގާ ޕްރޮގްރާމެއް ހިންގުމަށް. އެއީ، ހިއުމަން ޑިވެލޮޕްމަންޓް ޕްރޮގްރާމެއްގެ ނަމުގައި މިމަސައްކަތް އެއިރުގައި ފަށައިގަނެވުނީ. އަޅުގަނޑުމެން ސަރުކާރު ހިންގުމާ ހަވާލުވީއިރުގައި، މިމަސައްކަތް އޮތީ ކުޑަ ތަންކޮޅެއް ވަޅުޖެހިފައި، ހުއްޓިފައި. އެހީދޭ ފަރާތްތަކުން އެކަމާ ޝަކުވާ ކުރަމުން ގެންދަނީ. އަދި މަސައްކަތް ނިންމާލައި، އޭގެ ފުރިހަމަ ބޭނުން އަވަހަށް ހިފުމަށް ހުރިހާ ފަރާތްތަކަކުން ސަރުކާރަށްވެސް ދިޔައީ އިލްތިމާސް ކުރަމުން.

އަޅުގަނޑުމެންނަށް މިމަރްކަޒުތަކުގެ ބޭނުންތެރިކަން ކިތަންމެ ރަނގަޅަކަށްވެސް ސާފުވޭ. އަޅުގަނޑަށް މަޢްލޫމާތު ލިބިފައި އޮތް ގޮތުގައި، މީގެކުރީގައި އަޅުގަނޑު މިރަށަށް އައި ދެތިންފަހަރަކު، އަޅުގަނޑަށް ބަލައިލެވުނުއިރުގައި، ތިންސަތޭކައެއްހާ ކުދިން، އަތޮޅުތެރެއިންނާއި އަދި އެހެން ތަންތަނުން އޭދަފުށީގައި ކިޔަވަން އައިސް ތިބޭ. އެކުދިންނަށް ތަޢްލީމު ދިނުމަށްޓަކައި، އޭދަފުށީ ރައްޔިތުންނާއި، އޭދަފުށީ މަދްރަސާތަކުގައި ހިނގަމުންމިދާ މަސައްކަތްތަކަކީ، އަޅުގަނޑަށް ޔަޤީން، މުޅި މިއަތޮޅާއި، ރާއްޖޭގެ ވަރަށްގިނަ ރައްޔިތުން އެކަމަށް ޝުކުރުވެރިވާނެކަމެއް. އަޅުގަނޑު މިއަދުގެ މުނާސަބަތުގައި، އެންމެ ބޮޑަށް ޝުކުރު ދަންނަވާން ބޭނުމީ، އޭދަފުށީ ރައްޔިތުން، މިއަތޮޅުގެ އެހެން ހުރިހާ ރަށްތަކުގެ ރައްޔިތުންނަށާއި، އަދި އަތޮޅުން ނޫން ކަމުގައިވިޔަސްވެސް، ރާއްޖޭގެ ކަންކޮޅުތަކުން ހުރިހާ ރައްޔިތުންނަށް ޚިދްމަތް ކޮށްދިނުމުގައި، ޒަމާނުއްސުރެ ފަށައިގެން މިރަށުގެ ކުދި ބޮޑު ރައްޔިތުން ތިޔަ ގެންގުޅުއްވާ ރިވެތި ނަމޫނާއާއި އަދި އަޚްލާޤު ދަމަހައްޓަވާ ކަމަށްޓަކައި ތިޔަބޭފުޅުންނަށް ސަރުކާރުގެ ފަރާތުންނާއި، އަޅުގަނޑުގެ އަމިއްލަ ނަމުގައި ނުހަނު ޝުކުރު ދަންނަވަން ބޭނުން.

މިއަދު މިހުޅުވޭ އާރު.އެލް.ސީ.އަކީ އެނގިވަޑައިގަންނަވާނެ، އެކިއެކި އަތޮޅުގެއާއި އަދި ސަރަޙައްދުގެ އެކިއެކި ކަންކޮޅުތަކުން ދަރިވަރުން އައިސް، ބެލެނިވެރިންގެ ބެލުމުގެ ދަށުން ބެލެހެއްޓުމާ އެކުގައި ކިޔެވޭނޭ ފުރްޞަތެއް ފަހިވެގެންދާ ކަމެއް. މިރަށުގެ، އޭދަފުށީ މަދްރަސާއަކީ ވަރަށް ރަނގަޅު މަދްރަސާއެއް. ނަތީޖާ އެހާމެ ރަނގަޅު ކުރަމުން އަންނަ މަދްރަސާއެއް. އަޅުގަނޑަށް ބަލައިލެވުނުއިރުގައި، އަޅުގަނޑުމެންގެ ޕާޓީގެ ފަރާތުން ވެފައިވާ ވަޢުދުގެ އަމާޒު އެންމެ ފުރަތަމަ ކާމިޔާބުކުރި އެއް މަދްރަސާއަކީ އޭދަފުށީ މަދްރަސާ. އަޅުގަނޑަށް މިކަމުން ލިބޭ އުފާ ވަރަށްބޮޑު. އަޅުގަނޑު އަބަދުވެސް ދަންނަވަން، ތަރައްޤީއަކީ ބޮޑުހިލަ ބަނދަރެއް ނޫނޭ. އެއްގަމު ތޮށްޓެއް ނޫނޭ. ސަހަރާ ވަށާ ފާރެއްވެސް ނޫނޭ. ތަރައްޤީއަކީ އަޅުގަނޑުމެން އިންސާނާއަށްވާ ކަމެކޭ. ތަރައްޤީވަނީ އޭދަފުށްޓެއް ނޫނޭ. ތަރައްޤީވަނީ އޭދަފުށީ މީހާއޭ. ތަންދޮރު އޮޅުންފިލާން މިޖެހެނީ އަޅުގަނޑުމެނަށް. އެނގޭން މިޖެހެނީ، އަޅުގަނޑުމެނަށް ވާނުވާ. އަދި ޢިލްމު ލިބެންވެސް މިޖެހެނީ މީހާއަށް. ސީދާ އިންސާނާއަށް.

އަޅުގަނޑުމެން ތަރައްޤީވެގެން ގޮސް، ދެން ކުރާ ކަމަކުން ރަށާއި މުޖަތަމަޢާއި ޤައުމު ބަދަލުވެ، ތަރައްޤީވެގެން ދަނީ. މިއަދު އަޅުގަނޑުމެންނަށް ރަނގަޅު ދަރިންނެއް، ދަރިންތަކެއް ރަނގަޅު ތަޢްލީމާ އެކީގައި އުފެއްދުނީމާ، ދެން ލިބޭ ތަރައްޤީގެ ކުރިއެރުން މާ ފަހިވާނެ. މިވާހަކަ އޭދަފުށީގައި ދެއްކުމަކީ، ބަޞަރާއަށް ކަދުރު ވިއްކުންފަދަ ކަމެއްކަން އަޅުގަނޑަށްވެސް އެނގޭ. އޭދަފުށީގެ، އެއްރަށެއްގައި ތަޢްލީމު މިހާވަރަށް ލިބިފައި ތިބި ބަޔަކު އުޅޭ ރަށެއް، މި ރާއްޖޭގައި މަދުވާނެ. އެހެންވީމާ، ރާއްޖޭގެ އެހެން ހުރިހާ ރަށަކަށްވުރެ ޢާންމު ޙާލަތުވެސް އަދި އެހެނިހެން ވަސީލަތްތައްވެސް މިރަށުގައި ރަނގަޅުވާނެ. މި ސަރުކާރު ފެށުނީ، އަޅުގަނޑުމެން މި ސަރުކާރު ހިންގުމާ ޙަވާލުވީ ފަހުން ރާއްޖޭގެ ރަށްތަކުގެ ތެރެއިން އެންމެ ގިނައިން ޚަރަދު ކުރެވިފައި އޮތް އެއްރަށަކީ އޭދަފުށި. އަޅުގަނޑު އެކަމާ ހިތްހަމަޖެހޭ. އެކަމާ އަޅުގަނޑު އުފާވޭ. އެކަން އެގޮތަށް ވަނީވެސް މިދެންނެވިހެން މިބިމުން އުފެދޭ ދަރިންގެ ހީވާގިކަމާއި އަދި ކުޅަދާނަކަމާއި، ވިސްނުންތެރިކަމާއި، ޙިކްމަތްތެރި ކަމުގެ ސަބަބުން، ދެން އެކުލަވައިލެވޭ އެހެން ހުރިހާ ވިސްނުމަކާއި މަޝްރޫޢެއްގައިވެސް އޭދަފުށި އަބަދުވެސް ކުލަގަދަކޮށް ގެތެމުން، ފެވެމުން އަންނަކަން.

އަޅުގަނޑު ތިޔަބޭފުޅުންނަށް ޔަޤީންކޮށް އަރުވަން ބޭނުންވަނީ، އަޅުގަނޑުމެން ވެފައިވާ ވަޢުދުތައް އިރާދަކުރެއްވިއްޔާ، އަލިފުން ޔާއަށް އޭދަފުށީގައި ފުއްދާނެކަން. އިރާދަކުރައްވައިގެން، އޭދަފުށީގެ ނަރުދަމާ އަޅައި މިވަނީ ނިމިފައި. އޭދަފުށީގެ ފެނުގެ މަސައްކަތް ހިންގުން މިއަހަރުވާނީ ބަޖެޓްވެފައި. އަދި އަޅުގަނޑަށްވެސް އަޅުގަނޑު ހިތުން ހުރިހާ ބޭފުޅުންނަށްވެސް ވަރަށް ބޮޑަށް ފާހަގަވާ އެއްކަމަކީ، އޭދަފުށީގެ ބިމުގެ ދަތިކަން. އޭދަފުށި ތޮއްޖެހިފައިވާ މިންވަރު. ބ.އަތޮޅުން އެއްރަށުގައި ވަރަށްބޮޑު ބިމެއް މިވަނީ އުފެއްދިފައި. ސަރުކާރުގެ މިހާރުގެ އަމާޒަކީ، އޭދަފުށީގެ ބިން، ވީ މިންވަރަކުން ބޮޑުކުރެވެން އޮތް މިންވަރަކުން ބޮޑުކޮށްދިނުން. އަޅުގަނޑުމެންނަށް، އަޅުގަނޑަކަށް ތިޔަބޭފުޅުންނަށް އޭދަފުށީ ރައްޔިތުންގެ އަރިހުގައި މިއަދު އަޅުގަނޑު އެކަން ފަށާނީ މިވެނި ދުވަހެކޭ، އަޅުގަނޑު މިއަދަކު ނުދަންނަވާނަން. އެހެން ނަމަވެސް، އަޅުގަނޑު ކެނޑިނޭޅި މަސައްކަތް ކުރަމުން މިދަނީ އެ މަގަށް. ބޮސްކާލިސް ކުންފުނީގެ ފަރާތުން ސަރވޭތައްކޮށް، ވެލި ނަގާނެ ސަރަޙައްދުތައް މިހާރު ވަނީ ފާހަގަކުރެވިފައި. އަދި އެކަމުގެ ބަޖެޓްގެ މަސައްކަތް މިހާރު މިދަނީ ކުރެވެމުން. އެކަމާ ގުޅޭގޮތުން އަޅުގަނޑު ފާހަގަކޮށްލަން ބޭނުންވާ ޙަޤީޤަތެއް އެބަވޭ.

އޭދަފުށި ހިއްކުމާއި އަދި އޭގެއިތުރަށް އިތުރު 14 ރަށެއް ހިއްކުމަށްޓަކައި ސަރުކާރުން ދަނީ މަސައްކަތް ކުރަމުން. އެކަން ކުރުމަށް ސަރުކާރުން ނަގާންޖެހެނީ ލޯނެއް. އެ ލޯނު ސަރުކާރަށް ލިބެން މިޖެހެނީ ވަރަށްކުޑަ އިންޓްރެސްޓްގައި، ދިގު މުއްދަތުގައި ދައްކާ ގޮތަށް. މިދެންނެވި ގޮތަށް ލޯނާއި އަދި ފައިސާއާއި އެހީތެރިކަން ފޯރުކޮށްދެނީ ބައިނަލްއަޤްވާމީ މާލީ އިދާރާތަކުން. ބައިނަލްއަޤްވާމީ މާލީ އިދާރާތަކުން މިދެންނެވި ކަންކަން ކޮށްދެނީ، އެޤައުމުތަކުގެ މާލިއްޔަތު ހަރުދަނާ ކަމުގައި އަދި ރަނގަޅު ގޮތުގައި ބެލެހެއްޓޭކަން، އެ މާލީ އިދާރާތަކަށް ފެނުނީމާ. ރާއްޖޭގެ މާލިއްޔަތު މިހާރު ކުރިއަށް މިގެންދެވެނީކީއެއް ރަނގަޅަކަށެއް ނޫން. އަޅުގަނޑުމެންނަށް ދައުލަތަށް ލިބޭ އާމްދަނީ މާ ކުޑަ. ހަތް ބިލިއަން ރުފިޔާ. ދައުލަތުން ކުރާ ޚަރަދު، ބާރަ ބިލިއަން ރުފިޔާއަށް އަރައިދޭ. މިއީކީއެއް އަޅުގަނޑުމެންނަކަށް އަބަދަކަށް ދެމި ގެންދެވޭނެ އުޞޫލެއް، ގޮތެއް ނޫން. މާލީ އިދާރާތަކުން އެދެނީ، ދައުލަތުގެ އާމްދަނީ އިތުރުކުރުމަށް. އެހެން ޤައުމުތަކެކޭވެސް އަދި ތަރައްޤީވަމުން އަންނަ، މެދު އާމްދަނީގެ ޤައުމުތަކެކޭ އެއްފަދައިން، އާމްދަނީ އިތުރުކުރުމަށްޓަކައި ޓެކްސްގެ ނިޒާމެއް ޤާއިމް ކުރުމަށް.

ސަރުކާރުން މިހާރުވާނީ ވަރަށްބޮޑު ޓެކްސްގެ ނިޒާމެއް، އިޞްލާޙްތަކެއް ރާއްޖޭގައި ގެނައުމަށްޓަކައި ރައްޔިތުންގެ މަޖިލީހަށް، ގިނަ ބިލްތަކެއް ހުށަހަޅާފައި. އަޅުގަނޑުމެންނަށް އެބިލްތައް ލިބުނީމާ، މާލީ އިދާރާތަކަށް ވަރަށް ސާފުކޮށް ފެނިގެންދާނެ، ރާއްޖޭގެ މާލިއްޔަތު ހަމައަށް އެޅެމުންދާކަން. އައި.އެމް.އެފް. އަށް، އެއީ ބައިނަލްއަޤްވާމީ ފައިސާގެ ފަންޑް. ދިވެހިރާއްޖެއަކީ އައި.އެމް.އެފް.ގެ މެންބަރެއް. އައި.އެމް.އެފް.އަށް ސާފުވާނެ، ރާއްޖޭގެ މާލިއްޔަތު، ކުރިއަށް އޮތް ތަނުގައި ދެމެހެއްޓެނިވި ހަމަ މަގަކަށް އަންނާނެކަން. އެހެންވީމާ، އައި.އެމް.އެފް.ގެ ޕްރޮގްރާމްގައި އަޅުގަނޑުމެންނަށް ބައިވެރިވެވުނީމާ، ބައިނަލްއަޤްވާމީ މާލީ އިދާރާތަކުންނާއި އަދި ތަރައްޤީއަށް އެހީތެރިވެދޭ ބޭންކްތަކުން ދިވެހިރާއްޖެއަށް ލޯނުދިނުން ފަސޭހަވާނެ. އެހެންވީމާ، އަޅުގަނޑުމެންގެ އަތްމަތީގައި އޮތީ މިކަން އަޅުގަނޑުމެން ކުރާނީ ކޮން މަގަކުންތޯ؟ އަޅުގަނޑަށް ޔަޤީން، އޭދަފުށީގެ ޢިއްޒަތްތެރި މެންބަރަށް އެނގިވަޑައިގަންނަވާނެކަން، މިދަންނަވާ ތަފްޞީލުތައް. މިދަންނަވާ ތަފްޞީލުތަކުގެ މައްޗަށް ބިނާވެ، އެ ތާއީދު އަދި އެ އެއްބާރުލުން ސަރުކާރަށް ނުލިބޭ ކަމަށް ވަނީވިއްޔާ، އަޅުގަނޑުމެންނަށް ހަމަ ކުރެވޭނެ އެއްކަމެއްވެސް ނޯންނާނެ. އޭދަފުށީގެ ބިމެއް ނުހިއްކޭނެ.

އަޅުގަނޑު ދަންނަވަން އޮތް ވާހަކަ އަޅުގަނޑު މިދެންނެވީ ވަރަށް ސާފު ބަހުން. އަޅުގަނޑުގެ ބޭނުމަކީ، އަޅުގަނޑުގެ މަސައްކަތަކީ، ރާއްޖޭގެ ރަށްރަށް ތަރައްޤީ ކުރުން. ރައްޔިތުންނަށް އުފާފާގަތިކަން ހޯދައިދިނުމަށް މަސައްކަތް ކުރުން. އެކަން އަޅުގަނޑުމެންނަށް ކުރެވެން އަންނަނީ، ހަމައެކަނި އަޅުގަނޑު ކޮންމެ ދުވަހަކު ހެނދުނު ފަތިހު 5 ޖެހީއްސުރެ ރޭގަނޑު 12 ޖަހަންދެން ހޭލާ ހުރެގެނެއް ނޫން. އެކަން އަޅުގަނޑުމެންނަށް ކުރެވެން އަންނަނީ، އިންތިޒާމެއްގެ ތެރެއިން، ހުރިހާ ބޭފުޅުންވެސް، އެއީ ރަށު ކައުންސިލްވެސް، އަތޮޅު ކައުންސިލްވެސް، ރައްޔިތުންގެ މަޖިލިސްވެސް އަދި ދެންވެސް ތިއްބެވި ހުރިހާ ބޭފުޅުންނެއްވެސް، މި ދާން މިއުޅޭ އަމާޒު އެނގި، އެ އަމާޒަށް އަޅުގަނޑުމެންނަށް ވާސިލްވުމަށްޓަކައި އެހީތެރިވެދެއްވީމާ.

އަޅުގަނޑު ތިޔަބޭފުޅުންނަށް ޔަޤީންކޮށް އަރުވަން، އަޅުގަނޑު ދުވަހަކުވެސް ރައްޔިތުންގެ މަޖިލީހުގެ އެއްވެސް ޢިއްޒަތްތެރި މެންބަރެއްގެ އަރިހަކުންނެއް، އަޅުގަނޑުގެ އެދުމެއްގެ ވާހަކައެއް ނުދަންނަވާނަން. އަޅުގަނޑު ބޭނުންވާ ކަމެއްވެސް ނޯންނާނެ. އަޅުގަނޑު ހަމައެކަނި މިއެދެނީ، އަޅުގަނޑުމެން ރާއްޖޭގެ ހުރިހާ ރައްޔިތުން ދުވަހަކުވެސް ނުދެކޭފަދަ ތަނަވަސްކަމާއި އުފާފާގަތިކަން އަދި ތަރައްޤީގެ ދުވެލި، އެތައް ގުނައަކުން ކުރިއަށް ގެންދެވެން އޮތް މިފަދަ ފުރްޞަތެއްގައި، ހުރިހާ ރައްޔިތުންވެސް އެކަމަށް މަސައްކަތް ކޮށްދެއްވުމަށް. މިހާތަނަށް އައިއިރުގައި، ރައްޔިތުންގެ މަޖިލީހުގެ ގިނަ ޢިއްޒަތްތެރި މެންބަރުން އަޅުގަނޑުމެންނަށް މި އެއްބާރުލުން ދެއްވައި އަދި މިމަސައްކަތް ބާރަށް ކުރިއަށް ގެންދަވާ. އަޅުގަނޑަށް ޔަޤީން، ކުރިއަށް އޮތް ތަނުގައިވެސް އަޅުގަނޑުމެންނަށް އެ އެހީތެރިކަން ލިބި، މިދެންނެވި ތަރައްޤީގެ މަޝްރޫޢުތަކަށް ބޭނުންވާ ކަންކަން އަޅުގަނޑުމެންނަށް ފަހިވަމުންދާނެކަން.

އަޅުގަނޑު ނިންމާލުމުގެ ކުރީގައި، އިތުރު ވާހަކައެއް ދަންނަވާލަން ބޭނުން. އަޅުގަނޑުމެން ދެކޭގޮތުގައި، ތަރައްޤީއަށް ކޮންމެހެން ބޭނުންވާ އެންމެ މުހިންމު ކަމަކީ، އަޅުގަނޑުމެންނަށް ތަންދޮރު އެނގުން. އަޅުގަނޑުމެންނަށް ރޯފިލުން. އަދި ހިތްވަރުގަދަ ޒުވާން ޖީލެއް، ތަޢްލީމު ލިބިތިބި ޒުވާން ޖީލެއް އުފެއްދުން. މިއަދު މި ސެންޓަރަށް އައިސް ތިބޭނޭ އަދި އަންނާނޭ ހުރިހާ ކުދިން އަންނާނީ، ރާއްޖޭގެ ވަރަށް ކުދިކުދި މަދްރަސާތަކުން. ގޮއިފުޅަ ފެހެންދޫން އަންނަ ކުދިން ނުވަތަ އެހެންވެސް މަދްރަސާތަކުގައި ރަނގަޅު ފުރިހަމަ ތަޢްލީމެއް ނުލިބޭ ކުދި ރަށްރަށުން އަންނަ ކުދިން.

ޝިފާއާއި އަދި އެޑިޔުކޭޝަން މިނިސްޓްރީގެ އޮފިޝަލުން، ޚާއްޞަކޮށް، އާދަމް ޝަރީފް އުޅުއްވައިގެން، އަޅުގަނޑުމެންނަށް މިވަނީ ވަރަށް ރަނގަޅު އެހެން ޕްރޮގްރާމެއް އެކުލަވައިލެވިފައި. އެއީ ކުޑަ މަދްރަސާއެއް ހިންގުމަށް އެންމެ ފުރިހަމަ ގޮތުގައި ހިންގުމަށް ގެންގުޅޭނޭ ސިޔާސަތުތަކަކީ ކޮބައިތޯ މިއަދު އަޅުގަނޑުމެން މިވަނީ އެކުލަވައިލާފައި. މާދަމާ އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެންނަށް ނ. އަތޮޅު ކުޑަފަރީގައި، މިދެންނެވި މަދްރަސާގެ މިސާލު ނުވަތަ އޭގެ ތަޢާރުފެއް އެރުވޭނެ. ތަޢްލީމް، އަޅުގަނޑުމެން އެންމެންނަށްވެސް ބޭނުންވޭ. ކުދި ސްކޫލްތަކުގައިވެސް ރަނގަޅު ތަޢްލީމެއް ކޮންމެހެން ދެވެންޖެހޭ. މި ސަރުކާރަކުން އެއްވެސް ހާލެއްގައި، އެއްވެސް ރަށެއްގެ އެއްވެސް ރައްޔިތެއްގެ ކިބައަކުންނެއް ނޭދޭނަން، ރަށް ބަދަލުވުމަކަށެއް. އެބޭފުޅުން، އެ ކާބަފައިން ޒަމާނުއްސުރެ ފަށައިގެން، އެތިއްބެވި ތަންތަނުގައި ތިއްބަވައި، ސަރުކާރަށްވީ މިންވަރަކުން ގޮތްގޮތް އަޅުގަނޑުމެން ހޯދައިގެން، މިދެންނެވި ރަށްރަށް ތަރައްޤީ ކުރެވޭނެ އުޞޫލުތަކެއް އަޅުގަނޑުމެން ހޯދާނީ. އެހެން ނަމަވެސް، އެއްރަށާއި އަނެއް ރަށާ އޮންނަ ގުޅުން އަދި ރަށަކީ، އޭދަފުށްޓަކީ އަޅުގަނޑު ދަންނަވަން އަބަދުވެސް، އޭދަފުށީ ގޮނޑުދޮށާ ހިސާބުން ނިމޭ ރަށެއްގެ ގޮތުގައި ދެކިގެން ނުވާނޭ. ސްޓޭޓް މިނިސްޓަރ ވަރަށް ސާފުކޮށް ވިދާޅުވެއްޖެ، މިއީ މާ ކުޑަ ޔުނިޓެކޭ ތަރައްޤީއަށްޓަކައި އަޅުގަނޑުމެން ބޭނުންކުރަން. އަޅުގަނޑުމެންގެ ވިސްނުން ދާންޖެހޭނެ، ރަށުގެ ގޮނޑުދޮށުން، އަތޮޅު ދުނިން އަދި ރާއްޖޭގެ އަސްދަނޑިންވެސް ބޭރަށް. އަޅުގަނޑުމެންނަށް ދިރިއުޅެވެން ޖެހޭނެ، ލާމެހިފައިވާ ދުނިޔެއެއްގައި، ލާހިފައިވާ، ލާމެހި ގުޅިފައިވާ ރާއްޖެއެއްގައި.

އެ ގުޅުވުން ގުޅުވައިދިނުމަށްޓަކައި ސަރުކާރުން ތަޢާރުފް ކުރަންފެށި އެންމެބޮޑު އެއް މަޝްރޫޢަކީ، ދަތުރުފަތުރު ކުރުމުގެ ނިޒާމް. ދަތުރުފަތުރު ކުރުމުގެ ނިޒާމެއް ތަޢާރުފް ކުރުމާއި، އެކަން ސަރުކާރުން ހިންގާން ބޭނުންވަނީ އަދި ވިސްނަނީ މިވެނި އެވެނި ގޮތަކަށްކަން އަޅުގަނޑުމެންގެ މެނިފެސްޓޯއެއްގައި ލިޔެ އަދި ޤައުމީ ތަރައްޤީގެ މަޝްރޫޢެއްގެ ގޮތުގައި އެ މަޝްރޫޢު އެކުލަވާލައި، އެމަޝްރޫޢު މިހާރު މިދަނީ އޭގެ ފުރަތަމަ ފިޔަވަހި ހިންގާން ފެށިފައި. ފަށައިގަނެވުނުއިރު، މާގިނަ ބަޔަކު ޤަބޫލުކުރާ ކަމެއް ނޫން. އަދި ވެދާނެ ކަމެއް ކަމަށްވެސް ދެކިތިބި ކަމެއް ނޫން. އެހެން ނަމަވެސް، މިއަދު އޭދަފުށީ ރައްޔިތުންނަށް އެނގޭނެ، ވިކުރާ އިތުރުވީވަރު. ދޯނި، ފެރީ ބޯޓް، ފެރީ ދޯނި މިރަށަށް އަންނަން ފެށިފަހުން، މިރަށު ފިހާރަތަކަށް ސާފުވާނެ، މިރަށުގެ ފިހާރަތަކުގައި ވިކުރާ އިތުރުވެގެންދިޔަ މިންވަރު. އަޅުގަނޑަށް ބަލައިލެވުނީ އެންމެފަހުންދިޔަ މަނަދޫގައި. މަނަދޫގައި ހުރީ ދެގުނަ، ތިންގުނަ އިތުރުވެފައި. އަޅުގަނޑު މިއަދު ފިހާރައަކުން ބަލައިލައިފިއްޔާ، އަޅުގަނޑަށް ހަމަކަށަވަރު، މިދެންނެވި ކަން، އޭދަފުށީގައިވެސް އޮންނާނީ ހިނގާފައި. ހަމައެހެންމެ، އޭދަފުށީ ހޮސްޕިޓަލަށް ވަނަސް، ބަލިމީހުންގެ ޢަދަދުވެސް އެތައް ގުނައަކުން މިހާރުވާނީ އިތުރުވެފައި. އެހެންވީމާ، މި އޭދަފުށީގެ ހޮސްޕިޓަލަށް ކުރަންޖެހޭ ޚަރަދުވެސް އެތައް ގުނައަކުން އިތުރުވާންޖެހޭނެ. ޚިދްމަތްދޭ މީހުންގެ ޢަދަދު އިތުރުވީމާ.

އަޅުގަނޑު ކުރުކޮށް ދަންނަވަންޏާ، މި ސަރުކާރުގެ ހުރިހާ ސިޔާސަތަކީވެސް، ޙަޤީޤަތުގައި އޭދަފުށި ބާވަތުގެ، މިބާވަތުގެ ރަށްރަށަށް ވަރަށް ފައިދާހުރި، ފަހިވާ ސިޔާސަތުތަކެކޭ. ތިޔަބޭފުޅުންގެ ރަށް، ތިޔަބޭފުޅުން ތަރައްޤީ ކުރައްވާން އެދިވަޑައިގަންނަވަނީނަމަ، އަޅުގަނޑުމެންގެ ވަލުގައި ހިއްޕަވާށޭ. އަޅުގަނޑުމެންނާ އެކީގައި ކުރިއަށް ވަޑައިގަންނަވާން ނިންމަވާށޭ. އަދި ތަކުރާރުކޮށް އަޅުގަނޑު ދަންނަވާނަން. އަޅުގަނޑެއް އަދި މި ސަރުކާރަކުން އަޅުގަނޑުމެންގެ އަމިއްލަ އެއްވެސް ވާހަކައެއް އިރާދަކުރެއްވިއްޔާ ނުދައްކާނަން. އަޅުގަނޑުމެންގެ ހައްތަހާވެސް ބޭނުމަކީ، އޭދަފުށީގެ ތަރައްޤީ. ބ. އަތޮޅުގެ ތަރައްޤީ. މުޅި ރާއްޖޭގެ ކުރިއެރުން.

އަޅުގަނޑުގެ އަބަދުގެވެސް ދުޢާއަކީ، އަޅުގަނޑުމެންނަށް މިއަދަށްވުރެ އަދި މާ ފާގަތި މާދަމައެއް ދެއްކުން. އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެންނަށް ދެދުނިޔޭގެ ބާއްޖަވެރިކަން ލިބުން.

والحَمْـدُ لِلّـهِ. والســّلام عليــكم.