ޤައުމެއް ޤައުމަކަށްވަނީ އަދި މުޖްތަމަޢެއް ކުރިއަރައިދަނީ އެ ޤައުމެއް ނުވަތަ އެ މުޖްތަމަޢެއްގެ ދޮށީ ޢުމުރުގެ ބޭފުޅުންނާ އަޅާލެވުނީމާ ކަމަށާއި، މިއަދު މިތިބި ހިސާބުގައި އަޅުގަނޑުމެންނަށް މިތިބެވެނީ، މާޒީގައި އެބޭފުޅުން ގިނަ މަސައްކަތްތަކެއް ޤައުމަށްޓަކައި ކޮށްދެއްވާފައިވާތީ ކަމުގައި ރައީސް މުޙަންމަދު ނަޝީދު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، މަންފާ ސެންޓަރ އޮން އޭޖިންގެ 5 ވަނަ އަހަރީ ދުވަސް ފާހަގަ ކުރުމުގެ ގޮތުން، ރޭ ދަރުބާރުގޭގައި ބޭއްވެވި ޙަފްލާގައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސް ނަޝީދު ވިދާޅުވިގޮތުގައި، އަޅުގަނޑުމެންނަށް މިއަދު ލިބިފައިވާ ތަރައްޤީއެއް އަދި ލިބިފައިވާ ކުރިއެރުމެއް ޙަޤީޤަތުގައި ލިބިފައި މިވަނީ، މާޒީގައި ދިރިއުޅުއްވި އެތައް ބޭފުޅުންނެއް ކުރެއްވި މަސައްކަތްތަކުގެ ސަބަބުންނެވެ. އަދި ޒުވާންކަމުގެ ޖޯޝްގައި އަޅުގަނޑުމެން ދުވަސްތައް ގުނަމުންދާއިރުގައި، މާޒީގެ މަތިން އަޅުގަނޑުމެން އެއްގޮތަކަށްވެސް ހަނދާންނައްތާލައިގެން ނުވާނެކަމުގައި ރައީސް ނަޝިދު ވިދާޅުވިއެވެ.

ރާއްޖޭގައި ތިބި ދުވަސްވީ އެންމެންނަށް އަޅާލެވޭނެ އިންތިޒާމެއް ހަމަޖެއްސުމަކީ، މުހިންމު ކަމެއް ކަމަށް މި ސަރުކާރު ދެކެވަޑައިގަންނަވާ ކަމަށާއި، 65 އަހަރުން މަތީގެ ދޮށީ ޢުމުރުގެ ރައްޔިތުންނަށް ޕެންޝަނެއް އެރުވުމަކީ، މިދެންނެވި މަސައްކަތުގެ ފެށުން ކަމުގައި ރައީސް ނަޝީދު ވިދާޅުވިއެވެ. މި ރޮނގުން ވާހަކަފުޅު ދައްކަވަމުން، ދަތި ހާލުގައި އުޅުއްވާ ދޮށީއުމުރުގެ އެންމެންނާވެސް ސަރުކާރުން އަޅުއްވާލައްވާނެ ކަމަށާއި، މި ސަރުކާރުން ބިނާކުރައްވާ ޢިމާރާތެއް، އަޅުއްވާ މިސްކިތެއްވެސް، އަދި ހައްދަވާ މަގެއްވެސް، ހައްދަވާނީ ދޮށީ ޢުމުރުގެ ބޭފުޅުންނަށް ދައްޗެއްނެތި ބޭނުން ކުރެއްވޭ ގޮތަށް ކަމުގައި ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދުގެ ވާހަކަފުޅުގައި، މަންފާ ސެންޓަރުން މިހިންގަވާ މަސައްކަތަކީ ޤައުމަށް ވަރަށް ބޭނުންތެރި މަސައްކަތްތަކެއް ކަމުގައި ވިދާޅުވިއެވެ. އަދި މިފަދަ އަމިއްލަ ޖަމާޢަތްތަކުން ހިންގަމުން ގެންދާ މަސައްކަތްތަކަށް މި ސަރުކާރުން އެހީތެރިވެދެއްވާނެ ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.