"ހޮޓެލް އޭޝިއާ އެގްޒިބިޝަން އެންޑް އިންޓަރނޭޝަނަލް ކަލިނަރީ ޗެލެންޖް 2019" ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަޞީމް މިއަދު ހަވީރު ބައްލަވައިލައްވައިފިއެވެ.
މިމަހުގެ 7 ވަނަ ދުވަހުން 9 ވަނަ ދުވަހުގެ ނިޔަލަށް ދަރުބާރުގޭގައި ކުރިއަށްދާ މި މައުރަޒު ބައްލަވާ ލެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ކުރެއްވި މި ޒިޔާރަތުގައި މައުރަޒުގެ އެކިއެކި ސްޓޯލްތަކަށް ޒިޔާރަތްކުރައްވައި އެސްޓޯލްތަކުން ލިބެންހުރި ފަތުރުވެރިކަމުގެ ދާއިރާގެ އެކިއެކި އުފެއްދުންތަކާއި ޚިދުމަތްތަކުގެ މަޢުލޫމާތު ހޯއްދެވިއެވެ.
މި މައުރަޒުގައި ރިޒޯޓްތަކާއި ހޮޓާތަކާ އަދި ފަތުރުވެރިކަމުގެ ދާއިރާގެ ތަކެތި ސަޕްލައި ކުރާ ފަރާތްތަކުން ޖުމްލަ 160 ސްޓޯލް ޤާއިމުކޮށްފައިވެއެވެ. މީގެއިތުރުން މި މައުރަޒުގެ ތެރެއިން ކުރިޔަށްގެންދާ އިންޓަރނޭޝަނަލް ކަލިނަރީ ޗެލެންޖް 2019ގައި 22 ގިންތިއަކުން 450 ޝެފުންގެ ހުނަރުތައް ދައްކާލެވިގެންދާނެއެވެ. މިއީ މި މައުރަޒު ބާއްވާ 15 ވަނަ ފަހަރެވެ. މި މައުރަޒުގައި ޖުމްލަ 45 ޤައުމެއްގެ އެކިފަރާތްތަކުގެ އުފެއްދުންތަކާ ޚިދުމަތްތައް ހިމަނާފައިވެއެވެ.