އިންޑިޔާއާއި ބަންގްލަދޭޝަށް އެރި ބާރުގަދަ ނަގޫރޯޅިއެއްގައި، އެތައް ބަޔަކު މަރުވެ، ބޮޑެތި ގެއްލުންތަކެއް ލިބިފައިވާތީ، އެކަމުގެ ހިތާމައިގައި، ރައީސް މުޙަންމަދު ނަޝީދު، އިންޑިޔާގެ ރައީސާ ޕްރަތީބާ ޕާޓިލަށާއި، ބަންގްލަދޭޝްގެ ރައީސް ޒިއްލޫރު ރަޙްމާނަށް، ހަމްދަރުދީގެ މެސެޖް ފޮނުއްވައިފިއެވެ.

ރައީސާ ޕްރަތީބާ ޕާޓިލަށާއި، ރައީސް ޒިއްލޫރު ރަޙްމާނަށް ރައީސް ނަޝީދު ވަކިވަކިން ފޮނުއްވި ދެ މެސެޖުގައި، އެ ދެޤައުމަށް ކުރިމަތިވެފައިވާ ހިތާމައިގެ މިދަނޑިވަޅުގައި، ދިވެހި ސަރުކާރާއި ރައްޔިތުންނާއި، އަދި ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަ ނަންފުޅުގައި، އެ ދެ ޤައުމުގެ ސަރުކާރަށާއި ރައްޔިތުންނަށް، އިޚްލާޞްތެރިކަމާއެކު ހަމްދަރުދީ ފޮނުއްވާފައިވެއެވެ. އަދި މިހާދިސާގައި މަރުވި މީހުންގެ ޢާއިލާތަކަށް ތަޢުޒިޔާ ރައްދުކޮށްދެއްވުމަށްވެސް ރައީސް ނަޝީދު އެދިވަޑައިގެންފައިވެއެވެ.