بســم اللّـه الرّحمـن الرّحيــم

އަޅުގަނޑުމެންނަށް ތިޔަބޭފުޅުންނާ ބައްދަލުކޮށްލުމުގެ ފުރްޞަތެއް ލިބުނީތީވެ، ހަމަ މިފުރްޞަތުގެ ބޭނުން އަޅުގަނޑުމެން ހިފަނީ. ދެން އަޅުގަނޑު އެހާ ގިނަ ވާހަކައެއް ނުދައްކައި، ތިޔަބޭފުޅުންގެ ސުވާލުތަކަށް އަޅުގަނޑު ފުރްޞަތު އަރުވާނަން. އެހެން ނަމަވެސް، ވަރަށް ކުޑައިރުކޮޅެއް މިހާރު ވާންއޮތީ. އަޅުގަނޑުމެންގެ އަޞްލު އައްޑުއަތޮޅު ހުރިހާ ރައްޔިތުންނާއެކީގައި އޮތް މަސައްކަތްތައް އޮތީ މާދަމާ. ދެން އެހެން ނަމަވެސް، މިރޭ މި ވަގުތުކޮޅުގެ ބޭނުން އަޅުގަނޑުމެން ހިފާނަން.

ނަޞްރުﷲ ހާދީ – ޓީ.ވީ.އެމް

ރާއްޖޭގެ އަތޮޅުތަކުގެ ތެރެއިން އެންމެ ގިނަ ޕްރޮޖެކްޓްތަކެއް އެންމެ ގިނަ މަސައްކަތްތަކެއް ފެށުމަށް ވިދާޅުވެފައިވަނީ އައްޑުއަތޮޅުގައި. މިހާތަނަށް އެ މަސައްކަތްތައް ގޮސްފައިވާ ހިސާބަކީ ކޮބައިތޯ؟

ރައީސް މުޙަންމަދު ނަޝީދު:

އަޅުގަނޑުމެން ހަމަ ރާއްޖޭގެ ހުރިހާ ތަނެއްގައިވެސް އެއް އުޞޫލަކުން މި މަސައްކަތްތައް ހިންގުމަށް މަސައްކަތް ކުރަނީ. އަޅުގަނޑުމެން އަބަދުވެސް ފާހަގަކުރަމުން މިދަނީ، ކިރިޔާވެސް އަޅުގަނޑުމެން ހަމައަކަށް އަންނަން އެބަ ބޭނުންވޭ 500 މިލިއަން ޑޮލަރަށްވުރެ ގިނަ ޑޮލަރުގެ، ރުފިޔާގެ އެއީ އިންފްރާސްޓްރަކްޗަރ ޕްރޮގްރާމް. އޭގެތެރޭގައި، ފެނާއި ނަރުދަމާއާއި، ކަރަންޓާއި، ރަށް ގިރުމުގެ ޙައްލާއި، ބަނދަރާއި މަގާ. އެއީ ޚާއްޞަ ގޮތެއްގައި ގެދޮރާ. މިހާރު އަޅުގަނޑުމެންނަށް އައްޑުއަތޮޅުގައި އެއްސެވީ ކިހާ ހިސާބަކަށްތޯ އަޅުގަނޑުމެންގެ މަސައްކަތްތައް ގޮއްސަ އޮންނާނީ؟ އައްޑުއަތޮޅުގެ ފެނާއި ނަރުދަމާއާއި ކަރަންޓްގެ މަސައްކަތް މިހާރު އިރާދަކުރައްވައިގެން، އަޅުގަނޑުމެން އުންމީދު މިކުރަނީ، ހަމަ އެއޮތް ޓައިމްޓޭބަލަށް. އަޅުގަނޑު މިހާރު ހަނދާނެއް ނެތް. ކުރީ ދުވަހު އަޅުގަނޑުމެން، ކުރީފަހަރު މިތަނަށް، އަޅުގަނޑުމެން އައްޑުއަށް އައި ދަތުރުގައި ވަރކްޝޮޕެއް ބޭއްވުނު. އޭގައި އެ ޓައިމްޓޭބަލް ދިން. އަޅުގަނޑު މިތަނަށް އައުމުގެ ދެހަފްތާއެއް ކުރިންވެސް އަޅުގަނޑު ބަލައިލާފައި މިއައީ. އަޅުގަނޑުމެން މިދެކެނީ އަދިވެސް ހަމަ އެ ޓައިމްޓޭބަލަށް އަޅުގަނޑުމެންނަށް ކަންތައްތައް ހިންގަމުން ގެންދެވޭނެ ކަމަށް.

ޙުސައިން ޝަރީފް – ދިވެހިރާއްޖޭގެ އަޑު:

އަޅުގަނޑަށް މަޢްލޫމާތު ލިބިފައިވަނީ، އައްޑުއަތޮޅުގައި އިންޓަރނޭޝަނަލް ފްލައިންގ ސްކޫލެއް އެޅުމުގެ ކަންތައް ކުރިއަށްދާ ކަމަށް. ބައެއް ބޯޓުތައްވެސް މާލެ ގެނެސްފައިވާ ކަމަށް މަޢްލޫމާތު ލިބިފައިވަނީ. ދެން މިހާރު އެކަންތައް ގޮއްސަ އޮތީ ކިހާ ހިސާބަކަށްތޯ؟

ރައީސް މުޙަންމަދު ނަޝީދު:

ހަމަ ވަރަށް ބާރަށް. އަޅުގަނޑު ހީކުރީ ތިޔަބޭފުޅުންނަށް ވަރަށް ރަނގަޅަށް އެނގޭ ކަމެއް ކަމަށް އެއީ. އިންޓަރނޭޝަނަލް ފްލައިންގ ސްކޫލެއް ހެދުމުގެ މަސައްކަތް އެބަދޭ. ދެން މިހާރު އެބޭފުޅުން މިތަނުގައި، ކުރީގައި އޮތީ މިތަނުގައި ހުރި ޢިމާރާތެއްގައި ހަދަން އިނގޭތޯ. ދެން އަޅުގަނޑު އޭރުގައި އުންމީދު ކުރީ، އެހެންވީމާ، ޢިމާރާތް އަޅަން ނުޖެހެންޏާ ތަންކޮޅެއް އަވަހަށް ހެދިދާނެއޭ. ދެން ވަކި ހިސާބަކަށް ގޮއްސަ، އަޅުގަނޑުމެންނަށް އެގޮތް އެބޭފުޅުންގެވެސް މަޝްވަރާއާއެކީގައި މުޅި އާ ޢިމާރާތެއް ކުރާ ގޮތަށް މި ނިންމުނީ. ދެން މިހާރު ހުރި ޢިމާރާތުގެ ރިނޮވޭޝަނެއް ހަދަންވިޔަސްވެސް ވަރަށްބޮޑު ކަމަކަށް ވެގެންދޭ. ދެން އެހެންވީމާ، ކުރީގައި ރޭވިފައި އޮތް މިންވަރަށްވުރެ ވަގުތުކޮޅު ދިގުވެގެންދިޔައީ. ދެން އެހެންނަމަވެސް، މިހާރު ހަމަ މަސައްކަތް ބާރަށް ހިނގަމުން އަންނަނީ. އަހަރު ނިމޭއިރުގައި އެކަންގޮތަކަށް ހަމަޖެހިގެންދާނެ ކަމަށް އަޅުގަނޑުމެން ދެކެނީ.

އަޙްމަދު އަދްޝަން – ހަވީރު ނޫސް:

ހަންކެޑެގެ މަސައްކަތް ގޮސްފައި އޮތީ ކިހާ ހިސާބަކަށްތޯ؟ ހަންކެޑެގައި ރިޒޯޓް ހޮޓަލެއް އެޅުމުގެ މަސައްކަތް ކޮންޓްރެކްޓް ކުރެވިފައި މިހާރުވާތީ، އެމަސައްކަތް ގޮސްފައި އޮތީ ކިހާ ހިސާބަކަށްތޯ؟ އަދި ކޯއްޓޭވެސް ޓޫރިޒަމަށް ހުޅުވާލުމުގެ މަސައްކަތަށް ޕްލޭން ކުރެވިފައިވާތީ، އެމަސައްކަތް ގޮއްސަ އޮތީ ކިހާ ހިސާބަކަށްތޯ؟

ރައީސް މުޙަންމަދު ނަޝީދު:

ނޫން. ހަންކެޑޭގެ ޕްރޮޖެކްޓްގައި ވެފައި މިއޮތް ގޮތަކީ އިނގޭތޯ. އަޅުގަނޑުމެން ސަރުކާރު ހިންގުމާ ޙަވާލުވެގެން މި ހުރިހާ ރަށްތަކަށް، ނުނިމި ހުރި މުއްދަތު ހަމަވެފައި ހުރި ހުރިހާ ރަށްތަކަށް އަޅުގަނޑުމެން ދިނިން އެއްއަހަރު ދުވަހުގެ މުއްދަތެއް. އެއީ، ދެން އިޤްތިޞާދީ ހީނަރުކަމާއި، ފައިސާ ހޯދުމުގެ ދަތިކަމާއި، އަދި އެ ރިޒޯޓުތައް ހެދުމަށް ސަރުކާރުން ހިންގަންޖެހޭ ކިތަންމެ ކަމެއްވެސް ނުހިންގާ ހުރުމާއެކުގައި، ދެން އެމުއްދަތު ހަންކެޑޭގެ މެނޭޖްމަންޓަށްވެސް ނުވަތަ ހަންކެޑޭގެ އެކަން ހިންގާ ފަރާތަށްވެސް ލިބިފައި އެވަނީ. ފާހަގަ ތިޔަކުރައްވަނީ، މިދިޔަ ސަރުކާރު ނިމިނިމި އޮތް ފަހު ހިނދުކޮޅު، ގަވާއިދާ ޚިލާފަށް ތަންތަނެއް ވަކިކުރި އިނގޭތޯ. ދެން އަޅުގަނޑުމެން ކެބިނެޓްގެ ބައްދަލުވުމެއްގައި އެކަމާ މަޝްވަރާ ކުރިން. ކޮށްފައި ކެބިނެޓަށް ފެނުނީ އެއީކީއެއް އެގޮތަށް ވަކިކުރެވެން އޮތް ކަމެއް ނޫންކަން. ބަޔަކު އަތުން މުދަލެއް މިނެގެނީ، ނުހަނު ގޮތްގޮތްވީމާ. މުދާ ހޯދުމާއި، މުދާ ލިބިގަތުމާއި، މުދަލުގެ ވިޔަފާރި ކުރުން އެއީ، ޤާނޫނުއަސާސީ އަޅުގަނޑުމެން ރައްޔިތުންނަށް ލިބިދޭ ޙައްޤެއް. މުދާ ޙިމާޔަތްކޮށްދިނުންވެސް. އެހެންވީމާ، ބަޔަކަށް މުދަލެއް ދައުލަތުންވިޔަސްވެސް، ކޮންމެ ތާކުންވިޔަސްވެސް މުދަލެއް ދީފައި އެ ދެން އެމުދަލަކާ ގުޅޭގޮތުން މުޢާމަލާތް ކުރަންޖެހޭނީ، އެ ދެވުނު އެގްރީމެންޓާއި ދެވުނު ކޮންޓްރެކްޓްގެ ޙުދޫދުގެ ތެރޭގައި. އެހެންވީމާ، އަޅުގަނޑުމެން މިދެކެނީ، ހަންކެޑެ ހަމަ ސަރުކާރުން ދެކެނީ، އެ ކުރީގައިވެސް ދެވިފައި އޮތް ފަރާތަކަށް ދެވިފައި އޮތް ކަމަށް. ހަމަ ފުރިހަމައަށް އެކަން އެގޮތަށް ހިނގަމުން އަންނަ ކަމަށް.

ދެން ކީއްވެތޯ އަދިވެސް އެތަނުގައި މަސައްކަތް ނުފެށި އެހުރީ. 60 ރިޒޯޓް މިދިޔަ ސަރުކާރުން 2005ން ފަށައިގެން މިދެވުނު 60 ރިޒޯޓްގެ ތެރެއިން އަދި މިހާތަނަށް ހެދެމުން މިއަންނަނީ 6 ރަށް. 60 ތަނުގެ ތެރެއިން. އެކިއެކި މައްސަލަތައް އެބަހުރޭ، އޭގެތެރޭގައި ހިމެނޭ. އެހެންވީމާ، އަޅުގަނޑުމެންނަށް މި މުއްދަތު ދީފައި މިއޮތީ އެބޭފުޅުންނަށް އެކަންކަން ހަމަޖައްސައިގެން ކުރިއަށް ގެންދިއުމަށް. ދެން އަޅުގަނޑު މި އުންމީދު ކުރަނީ، އެކަން ކުރިއަށްދާ ކަމަށް. އަދި ގެންދެވިދާނެ ކަމަށް އެބޭފުޅުންނަށް.

ދެން ފާހަގަކުރެއްވި ކޯއްޓޭގައިވެސް ޓޫރިޒަމަށް ހުޅުވާލުން. އަޅުގަނޑުމެން މިހިތަށްއަރަނީ، ދިވެހިރާއްޖޭގައި އިޤްތިޞާދީ މަސައްކަތަކީ ހަމައެކަނި ޓޫރިޒަމެއް ނޫން. އަދި ހަމައެކަނި ޓޫރިޒަމަށް މުޅި އަތޮޅުވެސް، މުޅި ރާއްޖެވެސް ބަރޯސާ ކޮށްގެން ކަންކަން ކުރުން އެއީކީއެއް ބުއްދިވެރި ކަމެއްވެސް ނޫން. އަޅުގަނޑަށް ހީވަނީ މިހާރު ހެރެތެރެއާއި، ވިލިނގިއްޔާއި، ހަންކެޑެއާ، ދެން އެއީ ހަމަ ވަރަށް އެކަށީގެންވާ ޢަދަދެއްގެ އެނދު އެ އުފެދުނީ މިއަތޮޅުގައި. އެހެންވީމާ، އަޅުގަނޑުމެން އިތުރު އެނދު މިއަތޮޅުގައި އުފައްދަންޏާ، އެކަމާ އިތުރަށް އެބަ ވިސްނަންޖެހޭ. ދިރާސާތަކެއް ކުރަންޖެހޭ. އެހެންވީމާ، ތިޔަ ވިދާޅުވިހެން ކޯއްޓޭއާ ގުޅޭގޮތަކުންނެއް އަދި އަޅުގަނޑުމެންގެއެއް ނެތް އެބާވަތުގެ ޕްރޮޖެކްޓެއް.

ރައީސް މުޙަންމަދު ނަޝީދު:

އާދެ! އިރާދަކުރެއްވިއްޔާ ހަމަ ޔަޤީނުންވެސް އަޅުގަނޑުމެން އެކަން ކުރިއަށް ގެންދާނެ. ދެން އެހެންނަމަވެސް، މިހާރު ހެރެތެރެ ހިނގައިގަތީމާ ޙަޤީޤަތުގައި ފްލައިޓް ޖެއްސެން އޮތީ. ދެން އަޅުގަނޑުމެން ހިސާބު ޖަހައިގެން ތިބީ، މި ވިންޓަރގައި، ނޮވެމްބަރުގައި އަޅުގަނޑުމެންނަށް އެކަން ކުރެވޭނެ ކަމަށް. އެހެންނަމަވެސް، ޝަންގްރިއްލާއަށް އެކަނި ވިލިނގިއްޔަށް އެކަނި ބޯޓު އަންނަން ކުޑަކޮށް ދަތި. އެހެންނަމަވެސް، ހެރެތެރެއާ ދެތަންވީމާ، އަޅުގަނޑުމެންނަށް ޔަޤީން ބޯޓް ގެނެވޭނެކަން. ދެން އެއަރ ސްޓްރިޕުން ތަންކޮޅެއް ދިގުކޮށްލުންވެސް އެއީ ވަރަށް މުހިންމު ކަމެއް.

އެކަމަކު ހަނދުމަފުޅު ބަހައްޓަވާތި އިނގޭތޯ. ވިލިނގިއްޔަށް މިއީ ވަރަށްބޮޑު އެޑްވާންޓޭޖެއް އެއީ، ޕްރައިވެޓް ޖެޓް ޖެއްސޭނެ އެހެން ނޫންތޯ ގަމުގެ އެއަރޕޯޓަށް. ޕްރައިވެޓް ޖެޓްގެ ވަރަށް ރަނގަޅު ޓްރެފިކެއް މާލޭގައި ހިނގާ. ދެން އެ ޓްރެފިކް، ހަމަ އޭގެ ވަރަށްބޮޑު އެއްޗެއް މިތަނަށް ލިބޭނެ. އެއީ ދެން އެކަމު އެއަރޕޯޓް ދާއިމީ ގޮތެއްގައި ބޭނުންކުރަން ފެށުމަށް އަޅުގަނޑުމެން އެބަޖެހޭ އެއަރޕޯޓްވެސް ރަނގަޅު ކުރަން. ދެން އެނގިވަޑައިގަންނަވާނެ، އަޅުގަނޑުމެންގެ މި ޕްރޮގްރާމްގެ ތެރެއިން ގަން އެއަރޕޯޓް ޑިވެލޮޕް ކުރުމަށް މިހާރު ސަރުކާރުން ޝޯޓްލިސްޓް ކޮށްފައި ތިބި ދެފަރާތެއް އެބަވޭ. އަޅުގަނޑު ހަނދާންވަނީ، އެއީ ޖީ.އެމް އާއި ބެންގަލޫރު އެއަރޕޯޓް ގެންގުޅޭ ފަރާތާ ޗަންގީ އެއަރޕޯޓާ ސިންގަޕޫރުގެ. ދެން އަޅުގަނޑުމެން އުންމީދު މިކުރަނީ، އެދެފަރާތުންކުރެ ކޮންމެވެސް އެއްފަރާތަކާ އެކީގައި މި އެއަރޕޯޓްގެ މެނޭޖްމަންޓްވެސް އިތުރު ޑިވެލޮޕްމަންޓްވެސް ކުރިއަށް ގެންދެވޭނެއޭ.

ދެން އަޅުގަނޑުމެންނަށް ހަމަ ވަރަށްބޮޑު އިތުބާރެއް އެބައޮތް. އަޅުގަނޑުމެން މިއެދޭ، އަޅުގަނޑުމެން މި އުންމީދުކުރާ ގޮތަށް، މިއަތޮޅު ހިންގަން ފެށޭނެ ކަމަށް. އެއާ ވިދިގެން އަޅުގަނޑުމެން މިދެކެނީ، މުޅި ރާއްޖޭގެ އިޤްތިޞާދާއި ތަރައްޤީއާއި ކުރިއެރުމަށް ހަމަ ވަރަށްބޮޑު ބަދަލެއް އަންނާނެ. އަޅުގަނޑުމެންގެ އަމާޒު، އައްޑުއަތޮޅަށް އަޅުގަނޑުމެންގެ އަމާޒު ކައްސައިގެނެއް ނުދާނެ. އެއީ، އެއްވެސްއިރެއްގައި އަޅުގަނޑުމެން އެކަން ކުރާނެ ގޮތެއް ނޫން. އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެންނަށް ކޮންމެ ދުވަހަކުން ދުވަހަކަށް މިކަން ކުރަމުން އެބަގެންދެވޭ. އެހެންވީމާ، އަޅުގަނޑުމެންނަށް އިރާދަކުރެއްވިއްޔާ އެކަން ކުރެވޭނެ.

ދެން ސަވާދަށް އަޅުގަނޑު ހަމަ ވަރަށް ފަށްފަށުން ޝުކުރު ދަންނަވަން އިނގޭތޯ. މި ޝަންގްރިއްލާ ނިމުމުގައި. އަޅުގަނޑުމެން ސަރުކާރު ހިންގުމާ ހަމަ ޙަވާލުވިތަނާ، އޭގެ އަނެއް ދުވަހު އަޅުގަނޑުމެން ގުޅިން މި ބޭފުޅުންނާ. ޝަންގްރިއްލާ ގްރޫޕާ އިނގޭތޯ. ދެން އަޅުގަނޑަށްވެސް ފާހަގަވެފައި އޮތީ، ސިންގަޕޫރު ވަރަށް ދުވަސްވީ ޢާއިލާއަކުން ހިންގާ ދެން މިހާރު ދެން ބޮޑު ޗޭނެއްހެން އެ ހިންގަނީ އިނގޭތޯ. ދެން މެޑަމް އެބަ ހުންނެވިއެއް ނޫންތޯ މިތާނގައި. އެއީ، އެބޭފުޅުންގެ އަޅުގަނޑަށް ހީވަނީ އެންމެ ދޮށްޓަށް ހުރި އަންހެން ބޭފުޅާހެން. ދެން އަޅުގަނޑުމެން މިބޭފުޅުންނާ ގުޅިން. އަދި ރާއޮ އަޅުގަނޑުމެންނާ އައިސް ބައްދަލުކުރި. އަޅުގަނޑުމެން އެދުނިން މި އާ ޝެޑިއުލްއަކަށް މިކަން ހިނގާށޭ ނިންމަން. ސަރުކާރުން ކޮށްދެވެން ހުރި ކަމެއް ވެއްޖިއްޔާ ކޮށްދޭނަމޭ. ދެން މިނިސްޓްރީ އޮފް ފިނޭންސުންވެސް އެހީތެރިވެދެއްވި. އިންޓަރނޭޝަނަލް ފަންޑިންގ. އައި.އެފް.ސީ.ގެ 53 މިލިއަން ޑޮލަރުގެ ލޯނެއް ޝަންގްރިއްލާއަށް ލިބިގެން. އެއީ، ދިވެހި ސަރުކާރުން ގަރަންޓީ ކޮށްދީގެނެއް ނޫން. ގަރަންޓީ ކުރާކަށް އަޅުގަނޑުމެންނަކަށެއް ނުވެސްޖެހޭ. އެކަމަކު ސަރުކާރުން ކޮމްފަޓްް ސިޓީއެއްދީގެން، އެ ފެސިލިޓޭޓް ކޮށްދީގެން އަޅުގަނޑުމެންނަށް މިކަން ކުރެވިފައި މިއޮތީ. އެހެންވީމާ، އަޅުގަނޑު ހަމަ މިކަމުގައި ސަވާދަށްވެސް އަދި ޢަލީ ހާޝިމަށްވެސް. ދެބޭފުޅުންވެސް ވަރަށް ނުހަނު މަސައްކަތް ކުރައްވައިގެން، ދެން ތިޔަބޭފުޅުންނަށް ހުރިހާ ބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ ނަޞީރު މިކަމުގައި އަވަދިނެތި ކުރެއްވި މަސައްކަތް.

ދެން ކުނިވެސްޖެހޭ. އަޅުގަނޑު ދަންނަވާނީ، ކުރިއަށް އޮތް ތަނުގައިވެސް ކުނި ޖެހޭނެއޭ. އަދިވެސް އިތުރު ކަންކަންވެސް ގޯސްވެގެންވެސްދާނެ. އެކަމަކުވެސް މިކަމެއްގެ ފޯކަސް ނުވަތަ މިކަން ދޫކޮށްލާކަށް އަޅުގަނޑުމެން ނުވާނެ. ދެން އަޅުގަނޑު އައްޑުއަތޮޅު ހުރިހާ ރައްޔިތުންގެ އަރިހުގައިވެސް ހަމަ ވަރަށް އިޚްލާޞްތެރިކަމާއެކު ދަންނަވަން އޮތް ވާހަކައަކީ، ކަންކަން ގޯހަށްދާނެއޭ. ވިލިނގިއްޔާ ގުޅޭ ކިތަންމެ ކަމެއްވެސް ގޯހަށްދާނެއޭ. ވަޒީފާގެ ފުރްޞަތުވެސް އެމީހާ ދެކޭ މީހާއަށްވުރެ އެހެން މީހާއަށް ލިބުމާއި، އަދި މުސާރަ ދިނުމުގެ ކޮންމެވެސް ކަމެއް ދިމާވުމާއި، އަދި ދަތުރުކުރުމުގެ ކޮންމެވެސް ކަމެއް ދިމާވުމާއި، އަދި ނިދާ ކައިބޮއި އުޅުމުގެ ކޮންމެވެސް ކަމެއް ދިމާވުމާއި، މިހެންގޮސް މިބާވަތުގެ ކިތަންމެ ކަމަކާ ދިމާވާނެއޭ. އެ ދިމާވީމާވެސް އަޅުގަނޑަށް ޔަޤީން، މިސާލަކަށް ހެރެތެރޭގެ އެ އައްޑުއަތޮޅު ރައްޔިތުންގެ ކެތްތެރިކަން. އެގޮތުގައި ހަމަ ތިއްބަވައިގެން، ދުރު ވިސްނަވައިގެން، މިކަން ކާމިޔާބު ކުރައްވާނެކަން އަޅުގަނޑަށް ޔަޤީން. އަޅުގަނޑު ދަންނަން އައްޑުއަތޮޅު މީހުންވެސް. އަޅުގަނޑު ދަންނަން މިއަތޮޅުވެސް. އަޅުގަނޑު ދަންނަން މިއަތޮޅުގެ އެކިއެކި ޝައުޤުވެރި ފަރާތްތައްވެސް. އެހެންވީމާ، އަޅުގަނޑުމެންގެ ވަރަށްބޮޑު އުންމީދެއް އެބައޮތް.

ދެން ވަރަށް ބޮޑަށް ޝުކުރިއްޔާ އިނގޭތޯ. އަޅުގަނޑުމެން މުޙިއްބުއްދީން ސްކޫލްގައި މާދަމާރޭ އެހެން ނޫންތޯ. ދެން މާދަމާ އަޅުގަނޑު އިރާދަކުރެއްވިއްޔާ އަތޮޅުގެ ހުރިހާ ރަށަކަށް ދެވޭތޯ ބަލާނަން. ގޮއްސަ މާދަމާރޭ އަޅުގަނޑުމެން މުޙިއްބުއްދީން ސްކޫލަށްދާނީ. ޝުކުރިއްޔާ އިނގޭތޯ.