بســم اللّـه الرّحمـن الرّحيــم

މަހިބަދޫގެ އެކުވެރި ލޮބުވެތި ރައްޔިތުން

السّـلام عليـكم

އަޅުގަނޑުމެން ސަރުކާރު ހިންގުމާ ހަވާލުވުމަށްފަހު އެންމެ ފުރަތަމަ ކުރި ދަތުރުގެ ތެރޭގައި މަހިބަދޫއަށް އައިން. މަހިބަދޫއަށް އެރޭ އަޅުގަނޑުމެން އައިސް ކޮންމެވެސް ވަރަކަށް ތިޔަބޭފުޅުންނާ އެކީގައި ޙިއްޞާ ކޮށްލެވޭތޯ އަޅުގަނޑުމެން ބެލިން ސަރުކާރުން މިހާރު ހިންގަމުން ގެންދާ ބައެއް ކަންކަމުގެ މަޢްލޫމާތު. ޚާއްޞަ ގޮތެއްގައި މި ސަރުކާރުގެ ސިޔާސަތު ތަންފީޒުވެގެންދާއިރުގައި މަހިބަދޫއަށް އޮތީ ކޮންގޮތެއްތޯ، ވާނީ ކިހިނެއްތޯ، މަހިބަދޫއަށް ފުރިހަމަވާނީ ކޮންކޮން ކަންތައްތަކެއްތޯ.

އަޅުގަނޑު މިއަދު ދެވަނަ ފަހަރަށް މަހިބަދޫއަށް މިއައީ ޙަޤީޤަތުގައި މިދިޔަ ކުޑަދުވަސްކޮޅުގެ ތެރޭގައި އަޅުގަނޑުމެންނަށް ވަރަށްގިނަ ދުވަހު މަސައްކަތްތަކެއްގެ އިންތިޒާމު ރޭވުންތަކެއް ކުރިއަށް ގެންދެވިއްޖެ. އަޅުގަނޑުމެން އަމާޒުކުރާ ރަށެއް މަހިބަދޫއަކީ. ބޮޑުކޮށް ތަރައްޤީ ކުރުމަށް އަމާޒުކުރާ ރަށެއް މަހިބަދޫއަކީ. އެހެންވީމާ، އަޅުގަނޑުމެންނަށް ހަމަ ދޭތެރެ ދޭތެރެއިން އާދެވޭނެ. އަޅުގަނޑު މިކަން ކުރާން ބޭނުންވާ ގޮތަކީ، ކޮންމެ ފިޔަވަޅެއް އަޅާފައިވެސް ދެން މިހާރުވީ މިހެނޭ ރައްޔިތުން ކައިރީގައި ބުނެވޭތޯ ބެލުން. އަޅުގަނޑުމެން އޭރު ފުރަތަމަ ބަލާލިއިރުގައި އަޅުގަނޑުމެންގެ މައިގަނޑު މަޝްރޫޢުތައް ހިންގާން ފެށުމުގެ ކުރީގައިވެސް ތިޔަބޭފުޅުން މިހާރުން މިހާރަށް ކޮންމެހެން ބޭނުންވާ ކަންތައްތަކެއްގެ ވާހަކަތައް އެބަ ފާހަގަކުރައްވާ. އޭގެތެރޭގައި، ޚާއްޞަކޮށް މިރަށުގެ އޭރުގައިވެސް އަޅުގަނޑުމެންނަށް ފެނިގެންދިޔަ އަޅުގަނޑު ވަރަށް ބޮޑަށް ވަރަށް ގާތުން ބެލިން ކިހިނެއްތޯ ބަނދަރު ހަދަމުންދަނީ. އޭރު އަޅުގަނޑު ބަލާލިއިރުގައި ފެނިފައި އޮތީ ކުރީގައި އޮންނަނީ އަތޮޅުވެރިކަން ކުރާ ރަށެއްގައި ވެއްޖިއްޔާ 1200 ފޫޓުގެ ބަނދަރެއް ހެދުން. އަޅުގަނޑަށް މަޢްލޫމާތު ލިބިފައި އޮތީ ތިޔަބޭފުޅުން އެ1200 ފޫޓު ދެބަޔަށް ބަހާލައިގެން ރަށުގެ ދެކޮޅުގައި ދެބަނދަރު ހައްދަވާށޭ އުޅުއްވީ. ދެން އެހެންވީމާ، މިވާ އެއްޗަކީ އެއަކަށްވެސް ނުވަނީ މިއަކަށްވެސް ނުވަނީ. ދެބަނދަރުވެސް ކުޑަވަނީ. ދެން އަޅުގަނޑުމެން މީގައި ހެދެން އޮތް ގޮތެއް ބަލާފައި ސަރުކާރުން އަޅުގަނޑު ހިތުން ކުރީދުވަހު ޕަބްލިކް ވާރކްސް މިނިސްޓްރީންވާނީ ތިޔަބޭފުޅުންނަށް އެމަޢްލޫމާތު އަރުވާފައި. އެއީ މިދެބަނދަރުވެސް އަޅުގަނޑުމެން ބޮޑުކޮށްދިނުން. އިރާދަކުރެއްވިއްޔާ ތޔަބޭފުޅުންގެ ބަނދަރު އަޅުގަނޑުމެން ބޮޑުކޮށްދޭނެ. ދެބަނދަރުވެސް އަޅުގަނޑުމެން ހަދާދޭނީ ބޮޑުކޮށް.

އަޅުގަނޑުމެންގެ މައިގަނޑު މަޝްރޫޢުތަކެއް ނުވަތަ ޚާއްޞަ ގޮތެއްގައި އަޅުގަނޑުމެން އަމާޒުކުރާ އަދި އަހަންމިއްޔަތުކަންދޭ ވަކި މަޝްރޫޢުތަކެއް ހުރޭ. އޭގެތެރޭގައި އެންމެ މުހިންމު އެއްކަމަކީ، ފެނާއި ނަރުދަމައާއި ކަރަންޓުގެ ޚިދްމަތް ރާއްޖޭގެ ރަށްތަކަށް އިތުބާރުހުރި ގޮތުގައި ދެވޭނެ ނިޒާމެއް ޤާއިމުކުރުން. އެކަން ކުރުމަށްޓަކައި ސަރުކާރުން މިއުފެއްދީ ފެނާއި ނަރުދަމައާއި ކަރަންޓު ނުވަތަ އަސާސީ ޚިދްމަތްދޭ 7 ކުންފުނި. ޔުޓިލިޓީ ކުންފުނީގެ ނަމުގައި އަޅުގަނޑުމެން މިހެދީ. އެއީ 7 ޕްރޮވިންސަށް ހެދުނު 7 ކުންފުނި. އެކުންފުނިތަކުން އަމާޒު މިކުރަނީ މިސާލަކަށް މިއަތޮޅުގައި ވެއްޖިއްޔާ ސަރުކާރުން މަސައްކަތް ކުރަނީ ރިޒޯޓު ހިންގާ މީހުންނާ ވާހަކަ ދައްކައިގެން އެމީހުންގެ ރަށްރަށުގެ ފެނާއި ނަރުދަމައާއި ކަރަންޓުގެ ޚިދްމަތް ދިނުންވެސް މިކުންފުންޏަށް ބަދަލު ކުރަން. އަދި އޭގެ އިތުރުން، ސަރުކާރުން އެކުންފުންޏަށް މިދެނީ ބިމުގެ މުއްސަނދި ކަމެއް. މިސާލަކަށް އެކުންފުންޏަށް ސަރުކާރުން މިދެނީ ރަށެއް ނުވަތަ ބިމެއް. އެއީ މިއަތޮޅަށް. މިއަތޮޅުގެ ފެނާއި ނަރުދަމައާއި ކަރަންޓުގެ މަސައްކަތް ހިންގުމަށް. މިގޮތުން އަޅުގަނޑުމެން މިބަލަނީ އެކުންފުންޏަށް މިރަށުގައި ބިންބޮޑު، މީސްކޮޅުމަދު އދ. ދަނގެތި، ދިގުރަށް ޚާއްޞަކޮށް. އެރަށުން މިކުންފުންޏަށް ބިން ދެވޭނެ ގޮތެއް އިންތިޒާމު ކުރަން.

އެބިމުގެ ބޭނުމުގައި ނުވަތަ އެބިމުގެ ވިޔަފާރީގައި ދެކަމެއް ކުރެވޭ. ފުރަތަމަ ކަމަކީ، ރޒޯޓުތަކުގެ ފެނާއި ނަރުދަމައާއި ކަރަންޓު، އެކުންފުންޏަށް ފުރޮޅާލުމަށްޓަކައި އެކުންފުނިން އެބިމުގެ ވިޔަފާރި ރިޒޯޓާއެކީގައި ކުރެވޭ. ކުރެވުނީމާ ރިޒޯޓުގެ ފެނާއި ނަރުދަމައާއި ކަރަންޓު އެކުންފުންޏަށް ލިބުނީމާ އޭގެއިތުރުން، މިރަށްރަށުގެ ފެނާއި ނަރުދަމައާއި ކަރަންޓު އެކުންފުނިން ހިންގަން ފެށީމާ، ދފެން ބައިނަލްއަޤްވާމީ ބޮޑެތި ކުންފުނިތަކަށް އެއީ ފައިދާހުރި ވިޔަފާރިއެއްގެ ގޮތުގައި ވިސްނޭ، ފެނޭ. އަދި އެވިޔަފާރީގެ ދެކޮޅުވެސް ޖެހޭ. މާލޭގެ އަގުގައި މިރަށުގައި ކަރަންޓުވެސް ފެންވެސް އަދި ނަރުދަމާގެ ޚިދްމަތްވެސް ދެވޭނެ. މިގޮތަށް މިކަން ހިންގުމަށްފަހު ސަރުކާރުން އިޢުލާނު ކުރީ މިދެންނެވި ކުންފުނިތަކާ ޙިއްޞާވާނެ ބައިނަލްއަޤްވާމީ ބޮޑެތި ކުންފުނިތަކެއް ހޯދަންް. އެކަން އެހެން ކުރީމާ، އަޅުގަނޑު ހަނދާންވަނީ 14 ބޮޑެތި ބައިނަލްއަޤްވާމީ ކުންފުނި އެބައޮތް ޝައުޤުވެރިކަން ހާމަކޮށްފައި. މެއި މަހު 1ވަނަ ދުވަހުއްސުރެ ފެށިގެން ސަރުކާރުން އެކުންފުނިތަކަށް ދަޢުވަތު ދިނީ ރާއްޖެ އައިސް މިރަށްރަށް ބަލަމުން ދިޔުމަށް. އެއް ކުންފުންޏެއް އެބައޮތް ޚާއްޞަ ގޮތެއްގައި މެދުގެ ޕްރޮވިންސާ އުތުރުގެ ޕްރޮވިންސް މިދެތަނަށް ޝައުޤުވެރިކަން ހާމަކޮށްފައި. އެމީހުން ވަރަށް ބޮޑަށް ދަނީ މިކަން ބަލަމުން. އަދި ސަރުކާރުގެ ކުންފުންޏާ ގުޅެންވެސް އެމީހުން ތިބީ ތައްޔާރަށް. އަދި އެހެން ކުންފުނިތައްވެސް އަޅުގަނޑުމެން ފުރުސަތު ދިނީމާ އެކަން ކުރަން ތިބީ ތައްޔާރަށް. މިހާރު ސަރުކާރުން ކޮންބަޔަކާތޯ ސަރުކާރުގެ ކުންފުންޏާ ގުޅުވާނީ އެނިންމުން ނިންމަން އޮތީ. އެނިންމުން ނިންމުމަށް އަޅުގަނޑުމެންނަށް މަހެއްހާ ދުވަސް ނަގާނެ. އެ އެއްމަސް ދުވަހުގެ ތެރޭގައި އެ ނިންމުން ނިންމުނީމާ ހަމަ އެމުއްދަތުގެ ތެރޭގައި ސަރުކާރުން މިރަށްރަށުގެ އިންޖީނުގެތައް، ކުށް ކަމަށް ނުވަންޏާ އަޅުގަނޑު ހަނދާންވަނީ މިރަށުގައި އޮންނަނީ ސްޓެލްކޯގެ އިންޖީނުގެއެއް. ރައްޔިތުންގެ އިންޖީނުގެއެއް. ސްޓެލްކޯގެ އިންޖީނުގެ ތަކުގެ އިތުރުން ރައްޔިތުންގެ އިންޖީނުގެތައް ހުރި ރަށްރަށުގެ އިންޖީނުގެތައް މިދަންނަވާ ކުންފުންޏަށް ބަދަލު ކުރުމަށް އެކުންފުނިން ރައްޔިތުންގެ ކިބައިން އެދޭނެ. ރައްޔިތުން އެކުންފުންޏަށް އިންޖީނުގެ ވިއްކަވާންވީ. އެހެންނޫނިއްޔާ ބޮޑު ކުންފުނީގައި ޙިއްޞާވާގޮތަށް ތިޔަބޭފުޅުން އެކުންފުންޏާ ބައިވެރިވެލައްވަންވީ.

އަޅުގަނޑު ދަންނަވާނީ ބުއްދިވެރިގޮތަކީ ޙިއްޞާވާގޮތަށްބައިވެރިވުމޭ. އެއީ ވަރަށްބޮޑު އަސާސީ ޚިދްމަތްދޭ ކުންފުންޏެއް. އޭގެ ފައިދާވެސް ބޮޑުވާނެ. އެހެން މިއަތޮޅުގެ ހުރިހާ އިންޖީނުގެތައް މިކުންފުންޏަށް ބަދަލުކުރެވި ރިޒޯޓުގެ އިންޖީނުގެތަކާ ނަރުދަމައާއި ފެނާއި ކަރަންޓުވެސް ބަދަލުކުރެވި އެކަން ނިމިގެންދާނެ އަޅުގަނޑުމެން މިއުންމީދުކުރާ ގޮތުގައި އޯގަސްޓް މަހުގެ ތެރޭގައި. އެހެންވީމާ، އެހިސާބުން އަޅުގަނޑުމެންނަށް އިރާދަކުރެއްވިއްޔާ މިރަށުގެ މިހާރު ނަރުދަމާ ހަދާ ނިމިފައި މިއޮތީ. އެނަރުދަމާވެސް މިދެންނެވި ކުންފުންޏާ ހަވާލުވާނެ. ދެން އަޅުގަނޑުމެން އޮންނާނީ މިރަށަށް ފެނުގެ ޚިދްމަތް ދިނުން. އެހެންވީމާ، އިރާދަކުރެއްވިއްޔާ އޯގަސްޓް މަހުގެ ތެރޭގައި މިރަށުގައި ފެނުގެ ޚިދްމަތް ދިނުމުގެ މަސައްކަތް ފަށައިގަނެވޭނެ. އަޅުގަނޑަށް ލަފާކުރެވޭ ގޮތުގައި އެމީހުން ބުނަނީ 8 މަސް 9 މަސް، އަހަރެއްހާ ދުވަހުގެ ތެރޭގައި އެމަސައްކަތް ނިންމޭނެއޭ. އެހެންވީމާ، އެމަސައްކަތް ނިމި އިރާދަކުރެއްވިއްޔާ އިތުބާރާއެކީގައި މިރަށުގައި ފެނާއި ނަރުދަމައާއި ކަރަންޓުގެ ޚިދްމަތް ދެވެންޖެހޭނެ.

މިކަން އަޅުގަނޑުމެން މިހެން ކުރަނީ ވަރަށްބޮޑު ބޭނުމެއްގައި. ސަރުކާރަށް ވިސްނޭ އިޤްތިޞާދީ ތަރައްޤީ ޙަޤީޤަތުގައި ގުޅިފައި އޮންނަނީ ކަރަންޓާކަން. އެއީ ޢިމާރާތެއް ކުރަންވިޔަސްވެސް. ވަޑާން ކުރަންވިޔަސްވެސް. ވެލްޑް ކުރަންވިޔަސްވެސް. ފަހަންވިޔަސްވެސް. އަދި ގަހަކަށް ފެންދޭންވިޔަސްވެސް. ކޮންމެ ކަމެއް ކުރަންވިޔަސްވެސް. އެންމެ ބޮޑަށް ބޭނުންކުރާ އެއް ވަސީލަތަކީ ކަރަންޓު. ކަރަންޓުގެ އަގު އިންތިހާއަށް ބޮޑުވެފައި ހުރީމާ، ބައެއް ރަށްރަށުގައި ބައެއް ފަހަރަށް އެބަހުރޭ މިސާލަކަށް ރަށު މަދަރުސާއަށް 16 ރުފިޔާއަށް ނުވަތަ 10 ރުފިޔާއަށް 15 ރުފިޔާއަށްވެސް ކަރަންޓް ދީފައި. އެހެންވީމާ، މަދަރުސާގެ ބަޖެޓްގެ ދެބައިކުޅަ އެއްބަޔަށް މިދަނީ ކަރަންޓު. ހެލްތް ސެންޓަރަށްވެސް އޮންނަނީ ހަމަ މިދަތުރު ޖެހިފައި. އެހެންވީމާ، މިކަރަންޓުގެ އަގު މިހާ ބޮޑުކޮށް ހުއްޓާ ވަރަށް އުނދަގޫ ތަރައްޤީގެ އެއްވެސް މަޝްރޫޢެއް ކުރިއަށްގެންދަން. ފެން އުފެއްދުމަށް ބޭނުންކުރާ ހަކަތައިގެ 80 ޕަސެންޓަކީ ކަރަންޓު. އެހެންވީމާ، ކަރަންޓު އަގުހެޔޮ ނުވަންޏާ ފެނެއްވެސް ހަދާފައި ރައްޔިތުންނަކަށް ނުދެވޭނެ. ލާހިކު ގޮތުގައި އެކަމެއް ނުވާނެ. އަޅުގަނޑުމެންނަށް ވަރަށް މުހިންމު މިކަރަންޓުގެ މަޝްރޫޢު ވީހާވެސް އަވަހަކަށް ބާރަށް ގެންދިޔުން. މިއަދު އުފަލާއެކީގައި އަޅުގަނޑަށް ތިޔަބޭފުޅުންނަށް ދެންނެވެން އެބައޮތް، ކުރީ ދުވަހަށްވުރެ އަޅުގަނޑުމެންގެ އިތުބާރާ ޔަޤީންކަން ބޮޑޭ. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންނަށް މިމަޝްރޫޢުތައް މިރަށުގައި ކުރިއަށް ގެންދެވޭނެ.

އަޅުގަނޑުމެންނަށް މިރަށުގެ ދަތުރުފަތުރުކުރުމުގެ ނިޒާމު އެއީ، ސަރުކާރުން ހަމަ ވަރަށް އިސްކަންދޭ ކަމެއް އަދި ވަރަށް މުހިންމު ކަމެއްގެ ގޮތުގައި ދެކޭ ކަމެއް. ވިޔަފާރި ކުރިއަކަށްނުދާނެ ދަތުރުފަތުރުގެ ނިޒާމު ޤާއިމު ނުކުރެވޭހާ ހިނދަކު. އަދި ރައްޔިތުންނަށް ވަޒީފާ އަދާކޮށްނިމި އަލުން އަނބުރާ އައިސް ރަށުގައި އަނބިދަރިންނާ އެކީގައި ދިރިއުޅެވޭނެ ގޮތެއްވެސް ހަމަ ދަތިވާނެ ދަތުރުފަތުރު ކުރުމުގެ ނިޒާމު ރަނގަޅަށް ހަމަޖެހިފައި ނެތިއްޔާ. އެކަމަށްވެސް ސަރުކާރުން މިދެނީ ރާއްޖޭގެ އަގުބޮޑު ބިން. އެކަމަށް ޝައުޤުވެރިވާ ކުންފުނިތަކަށް ސަރުކާރުން މިހުށަހަޅަނީ ގެސްޓްހައުސް ހިންގުމަށް. ހެދުމަށް. ބިމުގެ ފުރުސަތު އެކިއެކި ރަށްރަށުން ދޫކުރާނެ. ދޫކުރީމާ އެބިމުގެ ވިޔަފާރީގެ ބޭނުމުގައި ދަތުރުފަތުރުކުރުމުގެ ނިޒާމު އެބަ ފޫބެދޭ. އަދި ވިޔަފާރީގެ ގޮތުން 20، 15 ރުފިޔާއަށް ދަތުރެއް ކުރެވުނީމާވެސް، ވިޔަފާރީގެ ގޮތުން އެއީ ހަމަޖެހޭ އުޞޫލަކަށް ނުވަތަ ހަމަޖެހޭ ވިޔަފާރިއަކަށްވެސް ވެގެން އެބަދޭ. މިހުރިހާ ކަމަކާވެސް ޙަޤީޤަތުގައި ގުޅިފައި މިއޮތީ ދިވެހިރާއްޖޭގެ އަގުބޮޑު ބިމާ އިނގޭތޯ. ބިމުގެ ވިޔަފާރީގައި މިކަމެއް މިހިނގަނީ.

ދެން އޮތީ ގެދޮރު އެޅުން. އަޅުގަނޑުމެން ނިންމާފައި މިއޮތީ އެންމެ މަދުވެގެން މިރަށުގައި 100 ގެ އަޅާފައި ރައްޔިތުންނަށް ދިގުމުއްދަތުގައި ފައިސާ ދައްކާ ޚަލާޞްކުރާ އުޞޫލުން ދޫކުރުމަށް. އެކަން ކުރުމަށްޓަކައި ސަރުކާރުން ނިންމީ ދިހަހާސްގެ ޢިމާރާތް ކުރުމަށް. ދިހަހާސްގެ ޢިމާރާތް ކުރުމަށް ސަރުކާރުން އެއާ ގުޅުވީ، އެއްހާސް ބޮޑެތި ތިރީސްހާސް އަކަފޫޓުގެ ބިން. އެ ބިން މިދޫކުރަނީ ބޭރުގެ ފަރާތްތަކަށް ދިގުމުއްދަތަށް. އެއީމ އެމީހުންގެ ޗުއްޓީ ގެ ގޮތުގައި ގެއެއް އަޅައިގެން އަހަރުގެ ދެމަހު ތިންމަހު އެމީހުން އެގޭގައި އުޅޭނެ. މިއަތޮޅުގައި އަޅަން މުޅި ޖުމްލަ މި ނަރުދަމާގެ މަސައްކަތަށާއި އަދި ގެ އެޅުމުގެ މަސައްކަތަށް އެބަ ބޭނުންވޭ މިދަންނަވާ ބޮޑުމިނުގެ 30 ބިން. އެބިން ނެގުމަށް އަޅުގަނޑުމެން މިހާރު މިފިކުރު މިކުރަނީ ދިގުރަށުންނާއި، އެއީ ބޮޑުކޮށް މިއަތޮޅުގައި ބިން އޮތް އެއް ތަން. އަދި އެހާ މީހުންގިނަ ރަށެއްވެސް ނޫން. އެތަނުގައި އެބިން ހަމަޖެހުނީމާ، އެކަމުގެ ޝައުޤުވެރިކަމުގައި ގެ އެޅުމަށް މީހުން އެއްބަސްވޭ.

މިދެންނެވި އުޞޫލުން ގެދޮރު އަޅާދިނުމަށް ދިހަހާސްގެ އަޅާދިނުމަށް އެދި ސަރުކާރުން އިޢުލާނު ކުރީމާ، އެކަމަށްވެސް އެބައޮތް 16، 17 ފަރާތުން ޝައުޤުވެރިކަން ހާމަކޮށްފައި ތިމަންނާމެން އެމަސައްކަތް ކުރަން ބޭނުމޭ. އެހެންވީމާ، އަޅުގަނޑުމެންނަށް އެކަމުގައިވެސް އޮތީ ދެން ހަމަ ކަމަށް އެންމެ އެކަށީގެންވާ ފަރާތެއް ހޯދާފައި އެފަރާތަކާ އެމަސައްކަތް ހަވާލުކުރަންވީ އެބިމާ އެކީގައި. އޭރަށް ފްލެޓް ނުވަތަ ގެ، ފްލެޓް އަޅާނީ މާލެއާ އެހިސާބުގައި. ގެ އަޅަންޖެހޭ ތަންތަނުގައި ގެ އެޅުމުގެ މަސައްކަތް އިރާދަކުރެއްވިއްޔާ ފަށައިގަނެވޭނެ. އަޅުގަނޑުމެން މިދެކެނީ އެކަންވެސް ހަމަ އޯގަސްޓް މަހުގެ ތެރޭގައި ފަށައިގަނެވޭނެ ކަމަށް.

އަޅުގަނޑުމެން އަމާޒު ކުރަމުން އައީކީއެއް އިންތިޚާބަކަށެއް ނޫން. އަޅުގަނޑުމެން އަމާޒު ކުރަމުން އައީ އޯގަސްޓް 12، 13އަށް. ވަރަށް ކުރީއްސުރެ ފަށައިގެން އަޅުގަނޑުމެން އަމާޒު ކުރާ ދުވަހެއް އެއީ އޯގަސްޓް 12، 13. އެއީ އަޅުގަނޑުމެންގެ މި އިޞްލާޙީ ޙަޔާތުގައި އަޅުގަނޑުމެންނަށް ފާހަގަވާ ދުވަހެއް. އަޅުގަނޑުމެންގެ ނަޒަރުގައި ދުނިޔެ ދިވެހިރާއްޖޭގައި ބަދަލުވާން ފެށީ އެދުވަހާ ގުޅިގެން. އެހެންވީމާ، އަޅުގަނޑުމެންނަށް ބިމުގެ މަޝްރޫޢުވެސް، އިރާދަކުރެއްވިއްޔާ ގެދޮރުގެ މަޝްރޫޢުވެސް އޯގަސްޓް މަހުގެ ތެރޭގައި ޢަމަލީގޮތުން މިރަށުގައި ފަށައިގަނެވޭނެ.

މިހުރިހާ ކަމެއްވެސް ހިނގާނީ ރައްޔިތުންގެ މަޖިލިސް މެދުވެރިކޮށް. މަޖިލީހުގެ ގޭގެ ރުހުމާއި އެމީހުންގެ އެއްބާރުލުމާ ނުލާ މިސަރުކާރަކުން ގަސްދެއްނުކުރޭ އެއްވެސް ކަމެއް ކުރާކަށް. ދެފުށް ފެންނަ ގޮތަށް ސާފުކޮށް އަޅުގަނޑުމެންގެ ކަންތައް ހުންނަން ޖެހޭނީ. އެކަން ކުރާއިރުގައި މަޖިލީހުގެ ރުހުމާއި މަޖިލީހުގެ ހެޔޮ ދުޢާ، ހެޔޮ އެދުން އެކަމެއްގެ ތެރޭގައި ހިމެނެންޖެހޭނެ. އެހެންވީމާ، އަޅުގަނޑުމެން ހުރިހާ ކަމެއްވެސް މަޖިލީހަށް ފޮނުވާނެ. ހަމަ ކޮންމެ ކަމެއްގެ ކޮންމެ ދެދޭތެރެއަކުންވެސް. އެކަން މަޖިލީހުން އެހިސާބުން ފާސްވީމާ، ދެން އޭގެ އަނެއް ފިޔަވަޅަށް އަޅުގަނޑުމެން ދާނީ. އެހެންވީމާ، އަޅުގަނޑުމެންނަށް މިޤާނޫނީ ޙިއްޞާ މުހިންމުވެގެންދަނީ.

އަޅުގަނޑަށް ދެން ހަމަ ވަރަށް އުދަނގޫ ޤަބޫލު ކުރަން މިދިޔަ ދިގު 30 އަހަރު މިޤާނޫނުތައް ހެދުމަށް ހުރަސްއެޅި އަދި މިކަންކަމަށް އެއްވެސް ވަރަކަށް ބާރެއްނުދީ ހުއްޓުވުމަށް މަސައްކަތް ކުރެއްވި ބޭފުޅުން މިއަދު ކުއްލިއަކަށް އަޅުގަނޑުމެންގެ ވަޢުދު ފުއްދަން މަޖިލީހުގައި ރައްޔިތުންނަށް އެހީތެރިވެދޭނެ ކަމަށް ދެކެން ވަރަށް އުނދަގޫ. އަޅުގަނޑަކަށެއް ނުފެނޭ އެކަން އެހެން ވެދާނެ ކަމަކަށް. އަޅުގަނޑުމެން ފެށުނީއްސުރެ ފަށައިގެންވެސް، މިމަސައްކަތް ފެށުނީއްސުރެ ފަށައިގެން މިމަސައްކަތް ފެށީއްސުރެ ފަށައިގެން ދެގޮތެއްނުވާ އިތުބާރުހުރި މީހުންތަކެއް މިމަސައްކަތުގައި އުޅެމުންއައި. އޭގެތެރެއިން އެއްބޭފުޅެއް ތިޔަބޭފުޅުންގެ ކެންޑިޑޭޓަކީ، ރުޤިއްޔާ މުޙަންމަދަކީ. އަޅުގަނޑުމެން މިމަސައްކަތް ފަށައިގަތީއްސުރެ ފަށައިގެން އެކިއެކި މަރުޙަލާގައި އެކިއެކި ތަންތަނުގައި ތަފާތު ގިނަގޮތްގޮތަށް މިމަސައްކަތުގައި ޢަމަލީގޮތުން ބައިވެރިވެ އުޅުއްވި ބޭފުޅެއް. އަޅުގަނޑުމެންނަށް އެނގޭ. އަޅުގަނޑުމެންނަށް އިތުބާރު ބޮޑު. އަޅުގަނޑު ނުޖެހޭނެ އޭނަ އައިސް މަހިބަދޫގެ ބަނދަރު ދެބަނދަރުވެސް ބޮޑުކުރަންވީނޫން ހެއްޔޭ އެއީއޭ ބުއްދިވެރި ގޮތަކީ ކިޔާ އެވާހަކަ އެބޭފުޅާ ދައްކަވަން ފެށީމާ އަޅުގަނޑަކަށެއް ނުޖެހޭނެ މިސާލަކަށް އެބޭފުޅާގެ ބޭންކް އެކައުންޓަށް މިއިން ބައެއްދޭތޯ ބަލާކަށްވެސް ވިސްނާކަށް. އަޅުގަނޑަށް އެ އިތުބާރު އޮންނާނެ. އެހެންނޫނިއްޔާ އަޅުގަނޑު ވަރަށް ބިރުގަނޭ.

އަޅުގަނޑުގެ ނަޒަރުގައި، އަޅުގަނޑަށް ފެންނަ ފެނުމުގައި މިރާއްޖެއަށް ލިބޭ ކޮންމެ ފައިސާ ފޮއްޗަކީވެސް މިދަޢުލަތުގެ ހުރިހާ މުއްސަނދިކަމަކީވެސް މިރާއްޖޭގެ ހަމަ ކޮންމެ ހަތަރުއަނާއަކީވެސް ޙަޤީޤަތުގައި ތިޔަބޭފުޅުންގެ ފައިސާ. ރައްޔިތުންގެ ފައިސާ. އަޅުގަނޑުމެންނާ ތިޔަބޭފުޅުން ޙަވާލުކޮށްފައި މިވަނީ އެފައިސާ އަމާނާތްތެރިކަމާއެކީގައި ބެލެހެއްޓުމަށް. އަޅުގަނޑު އިރާދަކުރެއްވިއްޔާ އެކަން ކުރާނަން. އަޅުގަނޑު އިރާދަކުރެއްވިއްޔާ ތިޔަބޭފުޅުންނަށް ޔަޤީންކޮށް އަރުވަން، ނާޖާއިޒު ފައިދާއެއް މި ސަރުކާރުގެ ތެރެއިން އެއްވެސް ވަޒީރަކަށްވެސް އަދި އެހެން ބޭފުޅަކަށްވެސް ނުނެގޭނެ. ކަމެއްގެ ކުޑަޝައްކެއް އަޅުގަނޑަށް ހިނގިޔަސްވެސް އެކަން ކޮރަޕްޝަން ބޯޑުންވެސް ބައްލަވަން ޖެހޭނެ. އަދި ވަކިން ސަރުކާރުންވެސް އެކަން ތަޙުޤީޤުވެސް ކުރާނެ. ޝަރީޢަތްވެސް ކުރާނެ. ޙައްޤު އަދަބުވެސް ދޭނެ. އެހެންވީމާ، ހަމަ އަޅުގަނޑަށް ހަމަ އެ އިތުބާރު ތިޔަބޭފުޅުން ބޭއްވެވުމަށް އަޅުގަނޑު ވަރަށްބޮޑަށް އެދެން.

މިއަދާ ހަމައަށްވެސް އަޅުގަނޑުމެންގެ ނަޒަރުގައި ދެސަބަބަކަށްޓަކައި ރާއްޖެ ތަރައްޤީވުމަށް ހުރަސް އެޅިފައި އޮތީ. ފުރަތަމަ ސަބަބަކީ ކޮރަޕްޝަން ނުވަތަ ނާޖާއިޒު ފައިދާ އެކިއެކި ބޭފުޅުން ނެންގެވުން. އެހެންވާން ފެށީމާ، އެހީދޭ ޖަމާޢަތްތަކުންވެސް ފަހަތަށްޖެހޭ ގޮތްވަނީ. އަދި އެހެން މަސައްކަތްތަކަށްވެސް ބައިވަރު އެތައްއެތައް ހުރަހެއް އެޅިގެންދަނީ. އެއްވެސް މަސައްކަތަކީ ހެޔޮ މަސައްކަތެއް ނޫން. އަގުހެޔޮ ކަމެއްވެސް ނޫން. މިއިން ބަނދަރެއް ހަނދަންވެސް އެބަދޭ އިނގޭތޯ 40 ، 50 މިލިއަން ރުފިޔާ. އެހެންވީމާ، އަޅުގަނޑުމެންނަށް ހަމަ ބަލާނުލާ އޭގެ ޚަރަދުބަރަދު ހިނގާގޮތް ނޭނގި ނުވަތަ ފައިސާ ބަދަލުވާގޮތް ނޭނގި ކަންކަން ކުރުމަކީ ބުއްދިވެރި ކަމެއް ނޫން. އިރާދަކުރެއްވިއްޔާ މި ސަރުކާރުން ހިންގާ ހުރިހާ ކަމެއްވެސް ހިނގާނީ ދެފުށް ފެންނަ ގޮތަށް، ރައްޔިތުންނާ މަޝްވަރާ ކުރަމުން.

އަޅުގަނޑު މިރަށަށް ދެފަހަރު އައިމާ، ފަހަރެއްގައި ތިޔަބޭފުޅުން އެއްޗެއް ހީފުޅު ކުރައްވަފާނެ. އެކަމު އަޅުގަނޑު ހަމަ ތިޔަބޭފުޅުންނަށް ޔަޤީންކޮށް އަރުވަން އިރާދަކުރެއްވިއްޔާ މިއަންނަ މަހުވެސް އަޅުގަނޑު އަންނާނަން އަނެއްކާވެސް. ދެން ގޮސްފައި ހުރި ހިސާބެއްވެސް ބަލާލަން. ދެން ހަދާނެ ގޮތެއްވެސް ހޯދަން. އަޅުގަނޑުމެންގެ އަމާޒެއް އެބައޮތް. އަޅުގަނޑުމެންގެ ވިސްނުމެއްވެސް އެބައޮތް. އަޅުގަނޑުމެންގެ އުންމީދެއްވެސް އެބައޮތް. އަޅުގަނޑުމެންގެ އަމާޒަކީ މިރާއްޖެ ތަރައްޤީ ކުރުން. އިރާދަކުރެއްވިއްޔާ މިފަސް އަހަރު ދުވަހުގެ ތެރޭގައި އޭގެ ބިންގާ ނުވަތަ އެކަން އަޅުގަނޑުމެންނަށް ފަށައިގަނެވޭނެ. ދެން އަޅުގަނޑެއް އޭގެ އިތުރަކަށެއް މިކަން ކުރާކަށެއް ނޫޅެން. އެކަމު މިބަދަލު އިރާދަކުރެއްވިއްޔާ ގެނެސް، ރަނގަޅު އަމާން ބަނދަރަކަށް ބަނދަރު އަޅުގަނޑު ކޮށްދޭނަން. އެކަން އަޅުގަނޑު ކުރަން ނުކުމެ މިހުރީ. އަދި އަޅުގަނޑު ހަމަ ވަރަށް އުފަލާއެކީ މިދަންނަވަނީ އަޅުގަނޑުމެންނާއެކީގައި އެމަސައްކަތް ކުރުމުގެ ޓީމް މިހާރު ތިޔަބޭފުޅުން ބައްލަވާލެއްވިޔަސްވެސް މާލޭ މުނިސިޕަލްޓީގެ ރައީސަށް ބެއްލެވިޔަސް އަދި ނަޢީމަށް ބެއްލެވިޔަސް އަސްލަމް ޝާކިރުވެސް އަދި ތިޔަބޭފުޅުންގެ ހަމަ މިރަށު އުފަން ދަރިއެއް، ފަރުޙަތު، އެބޭފުޅާވެސް އެހުންނެވީ އަޅުގަނޑުމެންނާއެކީގައި. އަޅުގަނޑު ބޭނުން މިރަށު މީހަކު، ހަރު ރަނގަޅު މިރަށު ރައްޔިތުން އިތުބާރުކުރާ ޤަދަރުވެރި ބޭފުޅަކު އަޅުގަނޑުމެންގެ ޓީމުގައި ހިމަނަން. އެއީ، އަޅުގަނޑުމެން މިރަށަށް އަމާޒުކުރާތީވެ. މިއީ، ތަރައްޤީ ކުރަން އަޅުގަނޑުމެން ބޭނުންވާ ރަށަކަށްވާތީވެ. އަޅުގަނޑަށް މިޓީމާ އަދި އަޅުގަނޑުމެންނާއެކީގައި ވަޒީރުންގެ މަޖިލީހުގެ އެންމެހާ ބޭފުޅުންނާއެކީގައި މިމަސައްކަތްތައް ވާނެ ކަމާމެދު ކުޑަވެސް ޝައްކެއްނެތް.

ތިޔަބޭފުޅުން މަޖިލީހަށް ބޭފުޅުން އިންތިޚާބު ކުރައްވާއިރުގައި ހަމަކުޑަކުޑަ ކަމަކަށް ވިސްނަވާލެއްވުން އެދެން. ގިނަޕާޓީ އެކުލެވޭ ސިޔާސީ ނިޒާމެއް މިހާރު ރާއްޖޭގައި ހިނގަމުންމިދަނީ. މިނިޒާމުގައި މިސާލަކަށް ތިޔަބޭފުޅުން މަހިބަދޫއިން މަހިބަދޫ ދަރިއެއް މަޖިލީހަށް އިންތިޚާބު ކުރުން އެއީ، ވަކި ޕާޓީއަކަށް ނިސްބަތްނުވާ ބޭފުޅެއް މިސާލަކަށް. ވީމާ އޭނާ މަޖިލީހުގައި އިންނައިރުގައި އިންނާނީ އެކަނި މީހެއްގެ ގޮތުގައޭ. ޕާޓީއެއްގެ މީހެއްވެއްޖިއްޔާ އޭނާގެ ޕާޓީގެ އެހެން މެންބަރުން އޭނާއަށް އަބަދުވެސް އެހީތެރިވެދޭނެ. އަބަދުވެސް ބާރުލާނެ. ބާރުއަޅާދޭނެ. އަޅުގަނޑު އިނީމޭ އިނގޭތޯ މާލޭ މެންބަރެއްގެ ގޮތުގައި ދުވަސްކޮޅަކު ރައްޔިތުންގެ މަޖިލީހުގައި. ހަމައެއްކަމެއްވެސް ނުވި. އެއީ، އަޅުގަނޑަށް ވާގިދޭނެ، އަޅުގަނޑާ ބައިވެރިވާނެ އެއްވެސް މީހަކު އެތަނަކު ނެތް.

ރައްޔިތުންގެ މަޖިލީހުގައި އަޅުގަނޑުމެން 2005ވަނަ އަހަރު 19 މެންބަރުން އެކުވެފައި މިއީ، ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ މެންބަރުންނޭ އެމް.ޑީ.ޕީ. މެންބަރުންނޭ ބުނި ދުވަހު ޙަޤީޤަތުގައި މިރާއްޖެ ބަދަލުވާންފެށީ. އެދުވަހުއްސުރެ ފެށިގެން ހަމަ ޓީމެއް ކުޅޭހެން މަޖިލީހުގައި ކުޅެގެން. އެކަކު އަތަށް ބޯޅަދިނީމާ އޭނާ އަނެކަކަށް ދީފައި އަނެކަކަށް ދީފައި ގެންގޮސް ގޯލްޖެހޭނެ. އަޅުގަނޑުމެން 19 މެންބަރުންނާއެކީގައި އެ 50 މެންބަރުންގެ މަޖިލީހެއްގައި 19 މެންބަރުންނާއެކީގައި ވަރަށް އެކަށީގެންވާ ކާމިޔާބެއް އެއޮތީ ހޯދާފައި. އަދި ޚާއްޞަކޮށް ޚާއްޞަ މަޖިލީހުގައި އަޅުގަނޑު ހަނދާންވަނީ އެންމެ ރަނގަޅަށް ދާދުވަސް ދުވަހު 34 މެންބަރުން އަޅުގަނޑުމެންގެ ތިބީ. ފަހުން އައިސް 55 އަށް ބަދަލުވެ އަޅުގަނޑުމެންނަށް އޭގައި އަޣްލަބިއްޔަތު ލިބި ޤާނޫނުއަސާސީ އިޞްލާޙްވެ މިހުރިހާ ކަމެއް އަޅުގަނޑުމެންނަށް މިވީ ގިނަޕާޓީ އެކުލެވޭ ސިޔާސީ ނިޒާމުގެ ތެރެއިން. ހެޔޮވެރިކަން ކުރާކަށް އިންސާނީ ތަޖުރިބާ ދައްކާފައެއްނެތް މިއަށްވުރެ ވަކި ރަނގަޅު ނިޒާމެއް. އެ ނިޒާމު ދެމެހެއްޓުން އެއީ، އަޅުގަނޑުގެ ޤާނޫނީ ވާޖިބެއް. އަދި އެނިޒާމު ބިނާކުރުންވެސް އެއީ، އަޅުގަނޑުގެ ޤާނޫނީ ވާޖިބެއް.

އަޅުގަނޑު ތިޔަބޭފުޅުންގެ ކިބައިން އެދޭނަން، ޕާޓީއެއް ބިނާކުރަން. އަޅުގަނޑު ބޮޑަށް އެދޭނީ އަޅުގަނޑުގެ ޕާޓީއާ ގުޅުމަށް. އަޅުގަނޑަކީ ފުރަތަމަ އެމް.ޑީ.ޕީ.ގެ ރިޔާސީ ކެންޑިޑޭޓެއްގެ ގޮތުގައި އިންތިޚާބުގައި ބައިވެރިވެގެން ތިޔައިގެ ތެރެއިން ގިނަ ބޭފުޅުން ވޯޓު ދެއްވީތީވެ އިންތިޚާބުވެފައި ހުރި މީހެއް. އެހެންނަމަވެސް، އަދި އަޅުގަނޑު ޕާޓީ ނޫނަސްވެސް އަޅުގަނޑު އެދޭނީ ޕާޓީއަކާއޭ ގުޅިވަޑައިގަންނަވަންޖެހޭނީ، ސިޔާސީ ކަމެއްގައި ޙަރަކާތްތެރިވެވަޑައިގަންނަވަން ބޭނުންފުޅުވާ ބޭފުޅުން. ސިޔާސީ އެބޭފުޅަކީ ވާންޖެހޭނެ ހަމަ އޭނާގެ މުސްތަޤްބަލް އެއީ، ސިޔާސީ ކަންކަމުގައި ހޭދަކުރަން ބޭނުންވާ މީހަކަށް. އަޅުގަނޑުމެން މިދެކެން ބޭނުންވާ މަންޒިލަކީ، އިރާދަކުރެއްވިއްޔާ އަދި އަންނާނެ ރަށު ކައުންސިލް އިންތިޚާބު. އެ އިންތިޚާބު އޮންނަންޖެހޭނެ. ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އޮންނަންޖެހޭނެ. ރިޔާސީ އިންތިޚާބު އޮންނަންޖެހޭނެ. އަތޮޅު ކައުންސިލް އިންތިޚާބު އޮންނަންޖެހޭނެ. މިހުރިހާ އިންތިޚާބުތަކެއްގައި މީހުން ބައިވެރިވަމުން ވަމުން އައިސް މީހަކު ތަނަކަށް މިނުކުންނަނީ.

އެގޮތަށް އެކަންކަން ނެތްއިރުގައިވެސް އަޅުގަނޑު ބައިވެރިވިން. އަޅުގަނޑަކީ ގަލޮޅު އަވަށްކުރިއަރުވާ ކޮމިޓީގެ ހިންގާ ސެކްރެޓަރީއެއްގެ ގޮތުގައި ތަންކޮޅެއް ކުރީގައި އަޅުގަނޑު ހަމަ އެއިންތިޚާބުގައި ބައިވެރިވެގެން އިންތިޚާބުވީ. އަޅުގަނޑު މާލޭ މެންބަރެއްގެ ގޮތުގައި އިންތިޚާބުވީން. އަޅުގަނޑު އެމް.ޑީ.ޕީ.ގެ ޗެއަރޕަރސަނެއްގެ ގޮތުގައި އިންތިޚާބުވީން. އަޅުގަނޑު އެމް.ޑީ.ޕީ.ގެ ރިޔާސީ ކެންޑިޑޭޓެއްގެ ގޮތުގައި އިންތިޚާބުވީން. އަޅުގަނޑު ދެން އެއަށްފަހު އައިސް މިއަދާ ހަމައަށް މިއީ، އަޅުގަނޑު މިހާރު މި އެންމެފަހު އިންތިޚާބަށް ދިޔައިރުގައި އެއީ، އަޅުގަނޑުގެ 15ވަނަ އިންތިޚާބު. މާތްރަސްކަލާނގެ އިރާދަފުޅުން އަޅުގަނޑަށް ކާމިޔާބުވޭ. ކާމިޔާބުވަނީ ނުހުއްޓި މަސައްކަތް ކުރާތީ. އަޅުގަނޑުމެންގެ އަމާޒު ގެއްލުވާނުލާތީ. ޙިކްމަތްތެރިކަމާއި ވިސްނުންތެރިކަމާއެކީގައި ބަލައިގެން މަސައްކަތް ކުރާތީ. އަޅުގަނޑު އެދޭނީ ތިޔަބޭފުޅުންވެސް ހަމަ ތިޔަބޭފުޅުން ކުރައްވާ ކަންތައްތަކުގައިވެސް އެގޮތަށް މަސައްކަތް ކުރެއްވުން. ވިސްނުންތެރިކަމާއެކީގައި ޙިކްމަތްތެރިކަމާއެކީގައި ކެތްތެރިކަމާއެކީގައި އަޅުގަނޑުމެން ބުނެއުޅެނީ އަޅުގަނޑުމެންނަކީ ހަކުޅި ކުރިއަށް ވިސްނާބައެކޭ. އެހެންނުވިސްނަންޏާ އަބަދުވެސް އޮންނާނީ ސައިވެފައި. އަޅުގަނޑުމެންނަށް އެސައިވެފައި ހުންނަ ތަންތަން ވަރަށްގިނައިން ފެނޭ. މިތާ ބަނދަރުވެސް ސައިވެފައި ޙަޤީޤަތުގައި މިއޮތީ. އެއީ، އަޅުގަނޑުމެންނަށް ހަކުޅި ކުރިއަށް ނުވިސްނުނީމާ.

އަޅުގަނޑުމެން ކުރާ ކަންކަން ކުރަންޖެހޭނީ ބޮޑު މަންޒިލަށް ބަލައިގެން. އެކީ އެކައްޗަކަށް ބަލައިގެން. މިރާވާ އެއްޗެއް ތިޔަބޭފުޅުންނަށް ފެންނާނެ ބައެއް އަޅުގަނޑުމެންގެ އެމް.ޑީ.ޕީ ޕޯސްޓަރުގައި. އޭގެން އެންމެ ތަންކޮޅެއް އެއީ. އެތަންކޮޅަށް އެކަނި ވިސްނައިގެނެއް އަޅުގަނޑުމެންނަކަށް މުޅި ރާވާއެތި ރާވައެއް ނުލެވޭނެ. އެނގިވަޑައިގަންނަވާނެ ރޯދައަށް އެހަދާއިރު 1000 އެތިކޮޅު އެބައޮވޭ. އެހެންވީމާ، އެއްތަންކޮޅަށް ވިސްނައިގެނެއް އަދި މިކަމެއް ނުވާނެ. އަޅުގަނޑަށްވެސް އެނގޭ ހަމަ ތިޔަބޭފުޅުން ވިސްނަވާނީ ހަމަ ރަށުގެ ގޮނޑުދޮށާ ހަމައަށްކަން. އެކަމު އަޅުގަނޑު މިއެދެނީ ހަމަ ތަކުރާރުކޮށް މިއެދެނީ ރަށުގެ ގޮނޑުދޮށުން ބޭރަށް އަތޮޅު ދުނިންވެސް ބޭރަށް އަދި ރާއްޖޭގެ އަސްދަނޑިންވެސް ބޭރަށް ތިޔަބޭފުޅުންގެ ވިސްނުން ގެންދަވާށޭ. ހުޅުވާލެވޭނެއޭ. އޭރުންނޭ އަޅުގަނޑުމެން މިއެދޭ އަޅުގަނޑުމެން މިބޭނުންވާ ތަރައްޤީ އަޅުގަނޑުމެންނަށް ހޯދޭނީ.

އަޅުގަނޑު ހަމަ މިއަދު މިހުރީ ކުރީ ދުވަހަށްވުރެ އަދި މާ އިތުބާރާއެކީގައި. މާބޮޑު ޔަޤީންކަމާއެކީގައި. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން މިއެދޭ ބަދަލުތައް އަޅުގަނޑުމެންނަށް ގެނެވޭނެ. އަޅުގަނޑު ތިޔަބޭފުޅުންގެ ކިބައިން އެދޭނީ ހަމަ އެންމެ ކަމަކަށް. ހަމަ އެންމެ ކަމަކަށް. ތިޔަބޭފުޅުން ތިޔަ ހިތަށްއަރަނީ އަޅުގަނޑު އެދެން މިއުޅޭ ކަމެއްނޫން. ހަމަ ޔަޤީން ތިޔަ ހިތަށްއަރަނީ އަޅުގަނޑު މިއެދެން އުޅޭ ކަމެއްނޫން. އަޅުގަނޑު އެދޭނީ ތިޔަބޭފުޅުންގެ އުންމީދު ނަގާނުލުމަށް. އުންމީދު ކުރެއްވުމަށް. އަޅުގަނޑުމެންނާއެކީގައި އެއުންމީދު ކުރުމަށް. އެ މަންޒިލް ދުށުމަށް. އެކަންވާނެ އިނގޭތޯ. ގަދައަޅާ މަސައްކަތް ކުރީމާވާނެ. އަޅުގަނޑަކީ އޭގެ އެންމެ ރީތި ރަނގަޅު މިސާލު. އަޅުގަނޑު ކައިރީ ކިތަންމެ ބަޔަކު ބުނި ނަޝީދުއޭ ތިޔަކަމާ ދެން އުޅޭނެކަމެއް ނެތޭ. ތީކީ ވާވަރު ކަމެއްނޫނޭ. އެއޮތް ބޮޑު ސަރުކާރުން އެހާ ގިނަދުވަސް އެމީހުން ވެއްޖެއޭ އެކަމުގައި. މިއަދު އެބޭފުޅުންނާ އަޅުގަނޑާ ދިމާވީމާ ކުޑަކޮށް ލަދުން ތިބެނީ. މިކަން ވެފައި އޮތީމާ. އަޅުގަނޑުމެންނަށް މިރަށުގައި ނަރުދަމާ ނޭޅޭ، މިރަށަށް ފެން ނުދީ މިއޮތީ. އެކަމު މިކަން ނުވާނޭ ތިޔަބޭފުޅުން ނުބުނުއްވާށޭ. އޭރުން ފަހުން ލަދުގަންނާނެ. އަޅުގަނޑުމެން އެކަން އިރާދަކުރެއްވިއްޔާ ކުރާނަން. އަޅުގަނޑުމެން ކުރީމާ ފަހުން ލަދުގަނެ އެހެންވުމުގެ މާނައެއްނެތް.

އަޅުގަނޑު އެދެނީ ތިޔަބޭފުޅުން އަޅުގަނޑުމެންގެ ކައިރީގައި ކޮންއިރަކުންހޭ އެކަންވާނީ ނާއްސަވަން. ނާއްސަވާފައި އަޅުގަނޑު ކައިރީގައި އައްސަވަން ކިހިނެއްތޯއޭ ތިޔަކަން ކުރަން ތިޔައުޅެނީ އަދި ތިޔަކުރާން ތިޔައުޅޭ ކަމެއްގައި ތިމަންނާއަށް ބައިވެރިވެވޭނީ ކިހިނެއްހޭ. އަޅުގަނޑުމެން ކުރާން މިއުޅޭ ކަންތައް ކުރާން މިއުޅެނީ ތިޔަބޭފުޅުން ބައިވެރިކޮށްގެން ކުރެވޭތޯ. އެބައޮތް ބައިވެރިވެވޭނެ ކިތަންމެ ގޮތެއް. އަޅުގަނޑުމެން މިކަން ކުރާން މިއުޅޭ ގޮތުގެ ކުރު ޚުލާޞާއެއް އަޅުގަނޑު މިދެންނެވީ. އެއަށް ބައިނަލްއަޤްވާމީ ދުނިޔޭގައި މިކިޔަނީ ޕީ.ޕީ.ޕީ.އޭ. ޕަބްލިކް ޕްރައިވެޓް ޕާޓްނަރޝިޕޭ. ޕަބްލިކަކީ ސަރުކާރު. ޕްރައިވެޓަކީ ބައިނަލްއަޤްވާމީ ކުންފުނިތައް. ޕާޓްނަރޝިޕަކީ ގުޅިގެން.

މީގެކުރީގައި ސަރުކާރުން މަޝްރޫޢުތައް ހިންގަމުން ގެންދިޔައީ މިސާލަކަށް މިބަނދަރުވެސް ހަދާފައި މިއޮތީ ސަރުކާރު ބަޖެޓުގައި ހިމަނައިގެން. ސަރުކާރު ބަޖެޓުގައި ހިމަނައިގެން އަހަރެއްގެ މައްޗަށް ނުހިންގޭ އެއްބިލިއަން ރުފިޔާގެ މަސައްކަތްވެސް. އެއީ، ސަތޭކަ މިލިއަން ޑޮލަރުގެ މަސައްކަތްވެސް ނުހިންގޭ. އަޅުގަނޑުމެންނަށް އަހަރެއްގެ މައްޗަށް މިލިބެނީ ރަނގަޅު އަހަރު އަހަރަކު 7 ބިލިއަން ރުފިޔާ. ހަތްހާސް މިލިޔަން ރުފިޔާ. އަޅުގަނޑުމެންނަށް ޚަރަދުވޭ އެބަ މުސާރައަށް އެކަނި 3 ބިލިއަން ރުފިޔާ. މުސާރައަށް އެކަނި. ދެން ތަރައްޤީގެ މަސައްކަތަށް، ޢާންމު ހިންގުމަށް ކަނޑާފައި ދެން ކޯޗެއްތޯ އޮންނާނީ؟ އެކަމެއް ނުވާނެ އެގޮތަކަށް.

މިއަދުން މިއަދަށް މިރާއްޖެއަށް އެބަބޭނުންވޭ މަދުވެގެން 500 މިލިއަން ޑޮލަރުގެ ފެނާއި ނަރުދަމައާއި ކަރަންޓާ. އެއީ، ރާއްޖޭގެ މައިބަދައަކީ. އެހޮޅިތައް. އެނަރުތައް. ފެނާއި ނަރުދަމައާއި ކަރަންޓުގެ ނަރުތައް އެއީ، ޤައުމެއްގެ މައިބަދައަކީ. އަޅުގަނޑުމެން މީގެކުރީގައި ބުނަން މަސްވެރިކަމަކީ ލޭނާރޭ. ވެދާނެ. މަސްވެރިކަމަކީ އަޅުގަނޑުމެންނަށް ވަރަށްގިނަ ބޮޑު އާމްދަނީއެއް ލިބޭ އެއްޗެއް. އެހެންނަމަވެސް، ޤައުމެއް ޙަޤީޤަތުގައި ނަގަހައްޓާ ހިފަހައްޓަނީ މިދަންނަވާ އަސާސީ ޚިދްމަތްތައް ދޭ އޮނިގަނޑުން. މިއޮނިގަނޑު ޤާއިމުކުރުމަށް އަޅުގަނޑުމެން މިމަސައްކަތް މިކުރަނީ. އަދި އަޅުގަނޑުމެންނަށް ވަރަށްބޮޑު ޔަޤީންކަމެއް މިއޮތީ އަޅުގަނޑުމެންނަށް އިރާދަކުރެއްވިއްޔާ އެކަންވާނެއޭ. އެކަންކުރުމަށްޓަކައި ރައްޔިތުންގެ މަޖިލީހުން އެބަ ފާސްކުރަންޖެހޭ 64 ޤާނޫނު. ދެން މިއަދު ކިހިނެއްތޯ އަޅުގަނޑު ގަބޫލުކުރާނީ ހަމަ މިއޮތްހާ ދުވަހު ކޮންމެ ވާހަކައެއް ދައްކާލާއިރަށް ބުރަމަސައްކަތާއެކު ޖަލަށް ލަމުން އައި ބަޔަކު ދެން އެކަމުގައި އަރުވާޖަހާ އަޅުގަނޑުމެންނާއެކީގައި އެކަން ކުރާކަށް ނޫޅޭނެ އިނގޭތޯ. އަޅުގަނޑުމެންވެސް ބުއްދި ފަސްވެފައެއް ނޫންވިއްޔަ މިތިބީކީ. މިކަން ކުރެވޭނެގޮތަކަށް މިކަން ކުރެވޭތޯ އުޅެން ޖެހޭނީ.

އަޅުގަނޑަށް އެނގޭ ތިޔަބޭފުޅުން ތިޔަ ތިއްބެވީ މިކަން ކުރާންކަން. އަދި އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކީގައި ހެޔޮހިތުން މިދަންނަވަނީ އިނގޭތޯ، އަޅުގަނޑުމެންގެ ހަމަގައިމުވެސް އަޅުގަނޑުގެ ރުޅިވެރިކަމެއް ހަމަ އެއްވެސް ބޭފުޅަކަށް ނޯންނާނެ. ހަމަ މިއަދުވެސް ތިޔަބޭފުޅުން އަޅުގަނޑުގެ ކުޑަވެސް މައްސަލައެއް ނެތް، ބައެއް ފަހަރަށް ރުޅިދުރުވީމާ، ކަންބޮޑުވީމާ، ޕްރެޝަރަށް އައީމާ އަޅުގަނޑާ ދިމާއަށް ކުޑަކޮށް އެއްޗެހި ކިޔާލައްވާ. އަޅުގަނޑަށް ފާޑުވެސް ކިޔާ މަލާމާތްވެސްކޮށް އެއްޗެތިވެސް ގޮވާ ހައްދަވާ. އަޅުގަނޑަށް ވިސްނޭނެ. އަޅުގަނޑެއް ރުޅިއެއް ނާންނާނެ. އަޅުގަނޑަށް އެނގޭ ދަތްފަޅާއިރު ތަދުވާނެކަން. ޑިމޮކްރަސީއަށް އަޅުގަނޑުމެން މި ތަޢާރަފްވަމުންދާއިރުގައި އަޅުގަނޑު މިއަދު ދިޔަ ރަށެއްގައި އެހެރީ "އިސްތިޢުފާއޭ" ޖަހާފައި. އަޅުގަނޑު ވަރަށް އުފާވި. މީގެކުރީގައި ރައީސުލްޖުމްހޫރިއްޔާ އިސްތިޢުފާއޭ ބުނިމީހާ އަދިވެސް ނުފެނޭ. އޭނާއަށް ވީގޮތެއްވެސް ނޭނގުނު. އަޅުގަނޑުމެން އެބިރު ތިޔަބޭފުޅުން ގަންނަވާކަށް ނެތިން. އެބިރުވެރިކަމުން ނެއްޓެންވީ. ތިޔަބޭފުޅުންގެ ސިކުނޑި ހުޅުވެންވީ. ބިރުނުގަނެ ކަންކަމާ ފާޑުކިޔާ ވިސްނާހެދެންޏާ ވިސްނުން ރަނގަޅުވާނެ. ހަމަ ކުރިއަށްދެވޭނެ. ފުރުސަތުތައްވެސް ލިބޭނެ. އަޅުގަނޑުހަމަ ދިގުކޮށް ވާހަކަ ދައްކާހިތް އެބަވޭ. ތިޔަހުރިހާ ބޭފުޅުން ކޮޅަށް ތިޔައްބެވީ. ދެން އަޅުގަނޑުމެން މި ސިޔާސީ މީސްމީހުން މައިކު ކައިރިއަށް އައިމާ ނުހުއްޓި ދައްކާނެ އިނގޭތޯ. މިކަމުން ދުރަށްޖައްސަންޖެހޭނީ.

އަޅުގަނޑު ދައްކާލަން ބޭނުންވާ އަނެއް ވާހަކައަކީ ހަމަ މަޖިލީހުގެ ވާހަކަ އިނގޭތޯ. މިއީ އިޞްލާޙު ކުރެވުނު ޤާނޫނުއަސާސީ. މިޤާނޫނުއަސާސީގެ ދަށުން ރައްޔިތުންގެ މަޖިލީހުގެ މުހިންމުކަން ވަރަށް މުހިންމު. އަދި ރައްޔިތުންގެ ރުހުން ސަރުކާރަކަށް އޮތުން ވަރަށް މުހިންމު. އެ ނެތިއްޔަކާއެއް އަޅުގަނޑުމެންނަކަށް ނުތިބެވޭނެ، ނުވެސްތިބޭނަން. އެ ރުހުން ރަމްޒުކޮށްދެނީ މަޖިލީހުގެ ގޮނޑިތަކުން. ރުޤިއްޔާ ނުހޮވުނަކަސް އަޅުގަނޑުގެ މުސާރައިން ހަތަރުއަނާއެއްވެސް ނުދާނެ. އެކަމު އަޅުގަނޑުމެން ކުރަން މިއުޅޭ ކަންތަކެއް އޭރުންނެއް ނުވާނެ. އަޅުގަނޑުމެންގެ ވަޢުދެއް ނުފުއްދޭނެ. މި ސަރުކާރު ދެމިއޮންނަނީ ހަމަ އެންމެ ބޭނުމަކަށްޓަކައި. އެއީ، އަޅުގަނޑުމެންގެ ވަޢުދު ފުއްދުމަށްޓަކައި. އަޅުގަނޑު ވަރަށް ބޮޑަށް އުންމީދުކުރަން ތިޔަބޭފުޅުން މިކަންކަމަށް ވިސްނަވާނެ ކަމަށް.

ދެން މިއަދު އަޅުގަނޑުމެންނާ އެކީގައި ހަމަ ތިޔަބޭފުޅުންގެ ޕްރޮވިންސް މިނިސްޓަރުވެސް ވަޑައިގެން އެބަހުންނެވި. އަދި މާލޭ މުނިސިޕަލްޓީގެ ރައީސްވެސް ވަޑައިގެން އެބަހުންނެވި. އަޅުގަނޑު އެދެބޭފުޅުންގެ ކިބައިން ވަރަށްބޮޑަށް އެދެން، ކުޑަކުޑަ އެއްޗެއް ނަމަވެސް ވިދާޅުވުމަށް. ދެން އަޅުގަނޑު އުންމީދުކުރަން އެބޭފުޅުން އެހާދިގުނުކުރައްވާނެ ކަމަށް. އަޅުގަނޑުހާ މި މައިކަށް ދޯޅުވެގެން ނުހުންނަވާނެކަމަށް. ކުޑަކުޑަ އެއްޗެއް އެބޭފުޅުންގެ ކިބައިން އަޅުގަނޑު އެދެން. ތިޔަބޭފުޅުން އަޅުގަނޑުމެންނަށް ތިޔަދެއްވާ ތަރުޙީބާ އަދި ބަހައްޓަވާ ގާތްކަމަށް އަޅުގަނޑު ނިހާޔަތަށް ޝުކުރުވެރިވަން. އިރާދަކުރެއްވިއްޔާ އަޅުގަނޑުގެ އުންމީދަކީ މާދަމާ ވެގެންދާނީ މަހިބަދޫއަށް އިއްޔެއަށްވުރެ އަދި މާއުފާވެރި ދުވަހަކަށޭ. އަޅުގަނޑުގެ ދުޢާއަކީ އަޅުގަނޑުމެންނަށް ދެދުނިޔޭގެ ބާއްޖަވެރިކަން ލިބުން.

والسّـلام عليـكم. والحمد للّـه. ވަރަށްބޮޑަށް ޝުކުރިއްޔާ!