بســم اللّـه الرّحمـن الرّحيــم

ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި ރައީސް. އަދި އަޅުގަނޑުމެންގެ މުލަކުގެ އެންމެހާ ލޮބުވެތި ކެތްތެރި ރައްޔިތުން.

السّـلام عليـكم

މިއަދަކީ، އަޅުގަނޑަށްވެސް ވަރަށް އުފާވެރި ދުވަހެއް. ޚާއްޞަކޮށް މިދިޔަ ދިގު 4 އަހަރު ދުވަހުގެ ތެރޭގައި ދިވެހިރާއްޖެއަށް ހެޔޮ ވެރިކަމެއް ތަޢާރުފް ކުރުމުގައި، ރައްޔިތުންނަށްޓަކައި، ރައްޔިތުންގެ ރުހުމާއި ރައްޔިތުންގެ ބައިވެރިވުމާއެކުގައި ކުރެވޭ ވެރިކަމެއް ރާއްޖޭގައި ކުރަން ފެށުމަށްޓަކައި އަޅުގަނޑުމެން ހިންގަމުންއައި މަސައްކަތުގައި، ހަމަ ކޮންމެ ދުވަހަކަށްފަހު ދުވަހެއް، އެއްވާނެއްގައި މިރަށު ރައްޔިތުން، އެމަސައްކަތުގައި ބައިވެރިވަމުން އައިސް، ބޮޑުވަމުން ބޮޑުވަމުން އެންމެފަހުން، ތިޔަބޭފުޅުންގެ މިންނެތް މަސައްކަތުން މި ރާއްޖޭގެ ވެރިކަން ބަދަލުކުރައްވައި އަދި ރާއްޖޭގައި ޑިމޮކްރެޓިކް ސަރުކާރެއް މިހާރު މިއޮތީ، ތިޔަބޭފުޅުންގެ މަސައްކަތުން އެކުލަވާލެވިފައި. އެކަމަށްޓަކައި އަޅުގަނޑު ތިޔަބޭފުޅުންނަށް ނިހާޔަތަށް ޝުކުރުވެރިވަން. އަދި ނުހަނު މަރުޙަބާ ދަންނަވަން.

އަޅުގަނޑުމެން ސަރުކާރު ހިންގުމާ ޙަވާލުވުމުގެ ކުރީގައި، އިންތިޚާބުގެ މަރުޙަލާގައި، ތިޔަބޭފުޅުންނަށް އަޅުގަނޑުމެން ހުށަހެޅީމު، އަޅުގަނޑުމެންގެ ސަރުކާރެއްގައި ކަންކަން ހިނގާނެ ގޮތުގެ ތަޞައްވުރެއް، މަންޒަރެއް. އަޅުގަނޑުމެން ހުށަހެޅީމު، އަޅުގަނޑުމެންގެ ބަހުން އޭރުގައި އަދި މިހާރުވެސް ބުނަމުން މިއަންނަ މެނިފެސްޓޯ. މިއުފެދޭ ސަރުކާރު ގެންގުޅޭނީ، ކޮން ސިޔާސަތެއްތޯ ބަޔާންކޮށްދޭ ފިލްމް. އަޅުގަނޑަށް ގަބޫލުކުރެވޭ އަދި އަޅުގަނޑަށް ހަމަ ސާފުވެސްމެ. އޭރު އަޅުގަނޑުމެންގެ ތެރޭގައި މާ ގިނަ ބަޔަކަށް މިދަންނަވާ މެނިފެސްޓޯއަށް ބަލާލެވިފައި ނެތިދާނެ. އެހެންނަމަވެސް، މިއަދު މިއޮތީ ސުވާލެއް އަޅުގަނޑުމެންނަށް ކުރަން ޖެހިފައި. އެ ސިޔާސަތު ހިންގަމުންދާއިރުގައި މިރަށަށް އޮތީ ކޮން އެއްޗެއްހޭ؟ ކޮންމެ ރައްޔިތަކުވެސް އެބަ އަހަންޖެހޭ، ތިމަންނާއަށްވާނީ ކިހިނެއްހޭ؟ ތިމަންނާގެ އާއިލާއަށްވާނީ ކިހިނެއްހޭ؟ ތިމަންނާގެ ރަށަށްވާނީ ކިހިނެއްހޭ؟ ތިމަންނާގެ އަތޮޅަށް، މިރާއްޖެއަށްވާނީ ކިހިނެއްހޭ؟ އެހެންވީމާ، މިއަދު އަޅުގަނޑުހިތުން އަޅުގަނޑުމެންގެ ސިޔާސަތު ހިންގަމުންދާއިރުގައި މިރަށަށް ސީދާ އަޅުގަނޑުމެން ވިސްނާ ވިސްނުން، ތިޔަބޭފުޅުންނާއެކީގައި ޙިއްޞާކޮށްލަން ލިބޭ ދުވަހެއް. އެކަމަށްޓަކައި، މިޖަލްސާ މިގޮތަށް އިންތިޒާމުކޮށްދެއްވި ފަރާތްތަކަށް އަޅުގަނޑު ޝުކުރުވެރިވަން.

އަޅުގަނޑުމެންގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ތެރޭގައި އަޅުގަނޑުމެންގެ އެއް އަމާޒަކީ، ރާއްޖޭގައި ނުހަނު ގިނަ އަދަދަކަށް ގެދޮރު އިމާރާތްކުރުން. މިހާރު އަޅުގަނޑުމެން ސަރުކާރު ހިންގުމާ ހަވާލުވުމުގެ ކުރީގައި އަދި މިދިޔަ އަހަރުތަކުގެ ތެރޭގައި އެކަން ކުރެވެމުންއައީ، ވަރަށް މަދުން، ސީދާ ސަރުކާރު ބައިވެރިވެގެންކުރާ ކަމެއްގެގޮތުގައި. މި ސަރުކާރުން އިޢުލާނުކުރީ، ބޭނުމޭ މި ފަސްއަހަރުދުވަހުގެ ތެރޭގައި، 25,000 ގެދޮރު ހަދަން. އެގޮތުން އެންމެ ފުރަތަމަ ފިޔަވައްސެއްގެ ގޮތުގައި މިހާރު މިވަނީ، 10,000 ގެ އިމާރާތް ކުރުމުގެ މަޝްރޫޢެއް ފެށިފައި. އޭގެތެރެއިން އެ ސިޔާސަތު ހިންގާއިރުގައި، އެކަށީގެންވާވަރެއްގެ އަދަދެއްގެ ފްލެޓް މިރަށުގައި ބިނާކުރުމަށް ސަރުކާރުންވަނީ ނިންމާފައި. އެހެންވީމާ، އިރާދަކުރެއްވިއްޔާ މަދުވެގެން 150 ފްލެޓް މިރަށުގައި އަޅުގަނޑުމެންނަށް ބިނާކުރެވޭނެ.

އެކަން އަޅުގަނޑުމެން ކުރާ އުސޫލަކީ، އެކަންކުރާ ގޮތަކީ، މި ފްލެޓް ޢިމާރާތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ފަރާތްތައް ހާމަވުމަށް ނުވަތަ ދިވެހި ސަރުކާރުގެ ޝައުޤުވެރިކަން ހާމަކުރުމަށް ސަރުކާރުން އިޢްލާނު ކުރަނީ. އެ ކުރި އިޢްލާނަށް އިޖާބަދީ، 8 ފަރާތެއް 9 ފަރާތެއް އެބައޮތް ސަރުކާރަށް ހުށަހަޅާފައި. ދެން ސަރުކާރުން އެބޭފުޅުންނަށް ފޮނުވާނީ، މިތަންތަން އެޅުމަށް ސަރުކާރުން ގަސްދުކުރާ ރަށްރަށާއި އަދި އެތަންތަން ހުންނާނެގޮތާއި، އޭގެ ފައިސާ ސަރުކާރުން ދިނުމަށް ގަސްދުކުރާ އުސޫލުތައް.

ސަރުކާރުން އޭގެ ފައިސާ ދިނުމަށް ނިންމާފައި މިވަނީ، އެކަމާގުޅޭ، މިސާލަކަށް، މި ޕްރޮވިންސްގައި، 1,000 ފްލެޓް، 1,000 ގެދޮރު ބިނާ ކުރެވޭއިރުގައި، ގެއާ ގުޅޭގޮތުން އެބަހުރި، ސަތޭކަ އިތުރު ބޮޑު ގެ، ވަރަށް ތަނަވަސްކޮށް ހެދި ޢިމާރާތް ކުރެވިފައި މަތީ އާމްދަނީލިބޭ ރާއްޖެއިން ބޭރުގެ ފަރާތްތަކަށް ގިނަދުވަހު ޗުއްޓީ ނުވަތަ އަރާމު ނުވަތަ ދެވަނަ ގެއެއްގެ ގޮތުގައި ހޭދަކުރެވޭ އުސޫލުން ތަރައްޤީ ކުރެވޭ ގެތަކެއްވެސް އަޅުގަނޑުމެން މިވަނީ، އިޢްލާނު ކޮށްފައި. އެހެންވީމާ، އޭގެ ކޮންމެ އެއްހާސް ފްލެޓަކާ މި ގުޅެނީ، މިދަންނަވާ ސަތޭކަ ތަނަވަސް ގެ އާ. މި ސަތޭކަ ތަނަވަސް ގެއަކީ، އަގުހުރި އެއްޗެއް. ރާއްޖޭގެ ގޮނޑުދޮށްތަކަކީ، އަޅުގަނޑުމެންނަށް މިހާރު އެނގޭ ހަމައެކަނި ވައްލަ ބިސްއަޅަން އޮތް ތަންތަން ނޫންކަން. މިއީ، އަގުހުރި އެއްޗެއްކަން. އެހެންވީމާ، އަޅުގަނޑުމެންނަށް އެބަ އެނގޭ، މިދަންނަވާހެން ތަނަވަސް ސަތޭކަ ގެ އެޅުމުގެ ފުރުސަތު ބަޔަކަށް ހުޅުވާލީމާ، އެއާ ގުޅިގެން، އެއްހާސް ގެދޮރު އެޅެން އެބަ އޮތްކަން. އެ އުސޫލުން އަޅުގަނޑުމެން މިކަން މި ކުރަނީ. އެ އުސޫލުން މިކަން ކުރަމުން ގެންގޮސް، އިރާދަކުރެއްވިއްޔާ މި އަހަރުދުވަހުގެ ތެރޭގައި އަޅުގަނޑުމެންނަށް، މިއަންނަ ޖޫން މަހުގެ ތެރޭގައި އަޅުގަނޑުމެންނަށް މިރަށުގައި ގެ އެޅުމުގެ ކޮންޓްރެކްޓްގައި ސޮއިކުރެވޭނެ. ޖޫންމަސްކަމަށް މިވަނީ.

ކޮންމެ ކަމެއްވެސް މި ސަރުކާރުން ކުރާއިރުގައި އަޅުގަނޑުމެން ދޭނަން ތަރުތީބެއް. ދެފުށް ފެންނާންޖެހޭނެ. ސާފުވާންޖެހޭނެ. ނާޖާއިޒު ފައިދާޔާ ޚިޔާނަތާއި މަކަރާއި ކޮރަޕްޝަނާއި ވައްކަން، ސަރުކާރުގެ މަސައްކަތްތަކުގެ ތެރެއަށް ވަދެގެން ނުވާނެ. އެކަންކުރުމަށްޓަކައި، އެބަ ބައިނަލްއަޤްވާމީ އުސޫލުތަކެއް ހިފަހައްޓާންޖެހޭ. އެއީ، އަޅުގަނޑުމެން މިބުނާ ސާފު ސީދާ ޓެންޑަރު އެއްޗަކީ. އެހެންވީމާ، އެ ޓެންޑަރަށް ދޭންޖެހޭ ވަގުތު ދޭންޖެހޭ. އަޅުގަނޑުމެންނަށް މިއަދުވެސް އެބައޮތް މިއަތޮޅަށް ޝައުޤުވެރިވާ ފަރާތްތައް އެއްކޮށްލާފައި އެމީހުންނާއެކީގައި އެގްރީމަންޓެއް ހަދާފައި، ހަމަ މާދަމާ އެމީހުން އެތިބީ އަވަސްވެގަނެގެން އެކަން ކުރިޔަށް ގެންދަން. އެގޮތަކަށެއް އެކަމެއް ކުރާކަށް ބުއްދިވެރިއެއްނޫން. އެހެންވީމާ، އަބަދުވެސް އެއަށްވުރެ ރަނގަޅު އެހެން ބައެއް އަޅުގަނޑުމެންނަށް އޮވެދާނެކަމުގެ ހިތި ހިތާމަ އޮންނާނެ. މިއަށްވުރެ ރަނގަޅު ގޮތެއް ފެނިދާނެކަމުގެ އަދި އެންމެ ފުރިހަމަގޮތް އެއީ، ހުރިހާ އެންމެންނަށް ހުޅުވާލެވިގެންދާގޮތަކަށް ވާންޖެހޭނެ.

ހަމަ އޭގެއިތުރުން، އަޅުގަނޑު ވަކި ފަރާތަކާއެކީގައި އެކަނި މިކަން ކޮށްފިނަމަ އަޅުގަނޑަށް ހަމަ ޔަޤީން އަޅުގަނޑުމެންނާ ދިމާއަށް އިނގިލި ދިއްވާނެ. އަދި ދިއްކުރުމުގެ ފުރުސަތުވެސް ލިބިފައި އޮންނާނެ. ބުނާނެ އަޅުގަނޑު ނުވަތަ ޢާދިލް ނުވަތަ ކޮންމެވެސް އެހެން ބޭފުޅަކު ނުވަތަ ކޮންމެވެސް އެހެން ބޭފުޅަކު، މިވެނި ބަޔަކަށް އެކަން ދީގެން ވަކިން ނިންމާލީއޭ. އެހެނެއް އަޅުގަނޑުމެން ހަދާކަށް ގަސްދެއް ނުކުރަން. އަދި ދަންނަވަންތޯ، މި ފްލެޓް އެޅުން، އިންތިޚާބާ ގުޅުވާކަށްވެސް ގަސްދެއް ނުކުރަން. މިއީ، އަޅުގަނޑުމެން މިރަށުގައި ކުރަން ބޭނުންވާ ކަމެއް.

ހަމައެހެންމެ، އަޅުގަނޑުމެން މިރަށުން މިގޮނޑި ކާމިޔާބުކުރުމަށް މި ސަރުކާރު ވަރަށް އެދެން. އެއީ، އަޅުގަނޑުމެންގެ އެހެން މަސައްކަތެއް. އަޅުގަނޑުމެން މި ފްލެޓް އެޅުމުގައި އަދި ފްލެޓް ބެހުމުގައި، ހަމަހަމަ އުސޫލު ގެންގުޅޭނީ، އިންސާފު އެކުވެގެން. އިންސާފުވެރި ސަރުކާރަކަށް ވަކާލާތު ކުރުމަށް ރައްޔިތުންގެ މަޖީލީހުގައި ތިޔަބޭފުޅުން ބަހައްޓަވާ ބޭފުޅަކު ބެހެއްޓެވުމަށް އަޅުގަނޑުމެންނަށް އެހީތެރިވެދިނުމަށް އަޅުގަނޑުމެން އަބަދުވެސް އެދޭނަން.

ފްލެޓް އެޅުމުގެ އިތުރުން، އަޅުގަނޑުމެންގެ ސިޔާސަތެއް އެއީ، ރާއްޖޭގެ ރަށްތައް، ދަތުރުފަތުރު ކުރުމުގެ ނިޒާމަކުން ގުޅާލުން. މިހާރު މިކަމަށްވެސް މިވަނީ، ޝައުޤުވެރި ފަރާތްތައް ހޯދުމަށް އިޢްލާނު ކުރެވިފައި. އެތައްބައެއްގެ ޝައުޤު މިހާރު މިވަނީ، ހާމަކުރެވިފައި. މިކަންވެސް، އެއޮތް ތަރުތީބުން ބާރަށް ހިނގަމުން އެބަދޭ. އިރާދަކުރައްވައިގެން އަޅުގަނޑުމެންނަށް ޔަޤީން، މިއަހަރުގެ ތެރޭގައި މިކަމުގެ މަސައްކަތްވެސް މިއަތޮޅުގައި ކުރަން ފެށޭނެކަން. އިރާދަކުރެއްވިއްޔާ ހަމަ ކޮންމެ ދުވަހަކު އެއްފަހަރު ތިޔަބޭފުޅުންނަށް އަތޮޅުގެ ހުރިހާ ރަށަކަށް ވަޑައިގެންނެވޭނެ. އަދި މަދުވެގެން ހަފްތާއަކު ދެތިންފަހަރު، މާލެ ގޮސް އައިސް އިރާދަކުރެއްވިއްޔާ ތަނަވަސް ދިރިއުޅުމެއް އުޅެވޭނެ.

މިކަންތައް ހިންގުމަށްޓަކައި އަދި ތިޔަބޭފުޅުންގެ ބޭނުންތަކަކީ ކޮބައިތޯ އަޅުގަނޑުމެން އެބަ ހޯދާންޖެހޭ، ބަލާންޖެހޭ. މިވަގުތުން މިވަގުތަށް ތިޔަބޭފުޅުންނަށް މިރަށަށް އެންމެ ބޭނުންވެވަޑައިގަންނަވާ ބައެއް ކަންކަމަކީ ކޮބައިތޯ އަޅުގަނޑުމެން ބަލައިލިއިރުގައި، ތިޔަބޭފުޅުންނަށް ބޭންކެއްގެ ޚިދްމަތް މިރަށުގައި ބޭނުންވޭ. އަޅުގަނޑަށް މިއަދު ވަރަށް އުފަލާއެކީގައި ދެންނެވެން އެބައޮތް، އިރާދަކުރެއްވިއްޔާ ތިޔަބޭފުޅުންނަށް ކުރިޔަށްއޮތް ދެމަހެއްހާ ދުވަހުގެ ތެރޭގައި މިރަށުގައި ބޭންކުގެ ޚިދްމަތް ސަރުކާރުން ފޯރުކޮށްދޭނަމޭ.

އަޅުގަނޑަށްވެސް އެނގޭ، މިހާރު ބޭންކް އޮފް މޯލްޑިވްސްގެ ހާލަތުހުރީ އެންމެ އެދެވޭ ގޮތެއްގައެއްނޫން. އެ ބޭންކުން މިވަނީ މިހާރު ފައިސާ ދޫކުރުންވެސް ވަރަށް ބޮޑުތަން މަދުވެފައި. އަޅުގަނޑުމެން ހަމަ އެކަމާއެކުގައި އަދި އޭގެއިތުރުންވެސް އެހެން ކިތަންމެ ސަބަބެއް ހުރުމާއެކު ސަރުކާރުން ގަސްދުކުރަނީ، ޕޯސްޓް އޮފީސް ބޭންކް، އިތުރު ބޭންކެއްގެ ގޮތުގައި ތަރައްޤީކުރަން. އެއީ، ހަމަ ބޭންކް އޮފް މޯލްޑިވްސްއެކޭ އެއް އުސޫލުން ލޯނުދޭނެ، ބޭންކް އޮފް މޯލްޑިވްސްއެކޭ އެއް އުސޫލުން ލާރި ޖަމާކުރެވޭނެ، ލާރި ނެގޭނެ ބޭންކެއް. މި ބޭންކުގެ ޚިދްމަތް ދިނުމަށްޓަކައި މިހާރު އެބޭފުޅުންވަނީ، ބޭންކިންގ ހުއްދައަށް އެދި މަނިޓަރީ އޮތޯރިޓީގައި، އެމް،އެމް.އޭ.ގައި އެދިފައި. ސަރުކާރުންވަނީ، އެކަމަށް ބޭނުންވާ ފައިސާ، އެ މުއައްސަސާއަށް ކަނޑައެޅިފައި. އަދި އެބޭފުޅުންގެ އަމިއްލަ ރިޒަރވުންވެސް އެބޭފުޅުންވަނީ، އެކަމަށް ޚަރަދުކުރައްވަން ނިންމަވާފައި. އަދި އޭގެއިތުރުން، ސަރުކާރަށް މިހާރުވަނީ، ބައިނަލްއަޤްވާމީ ބައެއް ފަރާތްތަކާ ގުޅިގެން މިކަން ކުރިއަށް ގެންދެވޭނެގޮތް މަގު ތަނަވަސްވެފައި. އެހެންވީމާ، ހަމަ ވަރަށް އުފަލާއެކީ އިރާދަކުރެއްވިއްޔާ މިރަށުގައި ބޭންކިންގ ޚިދްމަތް ފެށިދާނެކަމުގެ ފުރިހަމަ ޔަޤީންކަން އަޅުގަނޑަށް އޮތްވާހަކަ ތިޔަބޭފުޅުންނާ މިއަދު ޙިއްޞާކޮށްލަން ބޭނުން.

އަޅުގަނޑަށް އެނގޭ، ތިޔަބޭފުޅުންގެ ބަނދަރު ނުވަތަ ތިޔަބޭފުޅުންގެ ރަށް އަޅުގަނޑުމެންގެ މެނިފެސްޓޯގައި އަޅުގަނޑުމެންގެ ސިޔާސަތުގައި އަޅުގަނޑުމެން ހިމަނާފައި އޮންނާނެ. އަޅުގަނޑުމެން، ރަށްރަށް ތަރައްޤީކުރާއިރުގައި އެރަށްރަށުގެ ޤުދްރަތީ މަސައްކަތްތަކާއި ފިޠުރަތުގެ އުސޫލުތަކާ އެއްގޮތަށް ކަންކަން ކުރިޔަށް ގެންދިޔުމަށް އަޅުގަނޑުމެން ބާރުއަޅާނަމޭ، ކުރިޔަށް ގެންދާނަމޭ. އަޅުގަނޑު އަބަދުވެސް ކޮށްފައި އޮތް ފިކުރެއް އެއީ، ކުރަމުންއަންނަ ފިކުރެއް އެއީ، މިރަށުގައި މަސް ބަނދަރެއް އުފެއްދުމުގެ ޚިޔާލު. އެހެންވީމާ، އެކަމަށް ބޭނުންވާ ޕްރޮޖެކްޓް އެކުލަވާލުމުގެ މަސައްކަތް، ދާދި އަވަހަށް އިރާދަކުރެއްވިއްޔާ ނިމޭނެ. އޭގެތެރޭގައި، މިތަނުން އިރާދަކުރެއްވިއްޔާ އައިސް ލިބުމާއި އަދި ކޮންމެވެސް ވަރަކަށް އެކި ގޮތްގޮތަށް ތިޔަބޭފުޅުންނަށް މަސްވެރިކަމުގައި ފައިދާތައް މަގުފަހިވާނެ އުސޫލުތަކެއް އިރާދަކުރެއްވިއްޔާ ގާއިމުކޮށްދެވޭނެ، މާރުކޭޓާ ގުޅުވައިގެން.

އެހެންވީމާ، އަޅުގަނޑު މި ދެކެނީ، ބޭންކާއި މާރުކޭޓާއި މަސްވެރިކަމާ އެކުވީމާ މިރަށް އަދި މި އަތޮޅު ތަރައްޤީ ވާނެއޭ. އެއާއެކުގައި، މިރާއްޖެވެސް ތަރައްޤީވާނެއޭ. އަޅުގަނޑުމެން ޖެހޭނީ، އެކަމަށް ބޭނުންވާ ކަންކަން ތިޔަބޭފުޅުންނަށް ފަހިކޮށްދެމުން ގެންދަން. އެހެންވީމާ، އިރާދަކުރެއްވިއްޔާ މި ބަނދަރުގެ މަސައްކަތްތައްވެސް ދާދި އަވަހަށް އަޅުގަނޑުމެންނަށް، ތިޔަބޭފުޅުންނަށް އޭގެ ޢަމަލީގޮތުގައި ކަންކަން ކުރެވޭތަން ފެނިވަޑައިގަންނަވަމުންދާނެ. މިހާރު އެ މަސައްކަތްތައް މިއަންނަނީ، ތަރުތީބުވަމުން.

އަޅުގަނޑަށްވެސް އެނގޭ، އަޅުގަނޑު ހަމަ ގައިމުވެސް އެދޭ އަވަސްމިނެއްގައެއްނޫން ކަންކަން މިދަނީކީއެއް. އެހެންނަމަވެސް، ސަރުކާރާ އަޅުގަނޑުމެން ހަވާލުވީއިރުގައި، ހަމަ ރަނގަޅު ދެބޮޅު ކަންވާރަށްވުރެ ބޮޑުކޮށް، މި ސަރުކާރުގެ ހުރިހާކަމެއް އޮތީ އޮޅިފައި. ދެން މި ތިބެންޖެހެނީ، ފައިވަށްކޮށްގެން، އެ އޮޅުން ފިލުވަން. އަޅުގަނޑުމެން އޮޅުންފިލުވާ ވަރަކަށް، ކޮޅެއް ކިރިޔާ ފެންނައިރަށް އަނެއްކާ ހަތްގޮށް އަށްގޮށް އެހެންތަނަކުން ފެނޭ. އެހެންވީމާ، މި އޮޅުންފިލުވަން އަޅުގަނޑުމެންނަށް ނަގައިފި ރަނގަޅު ދެމަސް ތިންމަސް. މި ބޮޅުއެކީގައި އަލުން އަނބުރާ، ވާން ކަންވާރެއްގެ ގޮތުގައި ދަމާލަން. މިހާރު އަޅުގަނޑުމެންނަށް ސާފު ވަރަށްގިނަ ކަންތައް. އަދި އަޅުގަނޑު އުންމީދުކުރަން، މިހާރު ބައެއް ބޭފުޅުންނަށްވެސް، ސަރުކާރުގައި ހަރަކާތްތެރި ވެވަޑައިގަންނަވާ ބައެއް ބޭފުޅުންނަށްވެސް، އަދި މިދިޔަ ސަރުކާރުގައި އުޅުއްވި ބައެއް އިސް ވެރިންނަށްވެސް ކުޅިދުވާ މަގު އެނގިވަޑައިގަންނަވާނެ.

އަޅުގަނޑަށް ޔަގީން، ތިޔަބޭފުޅުން، ތިޔަބޭފުޅުންގެ ވޯޓު ނުވަތަ ތިޔަބޭފުޅުންގެ ގޮނޑި ބޭކާރުކޮށްނުލައްވާނެކަން. ޚާއްޞަކޮށް، މިދިޔަ 30 އަހަރުގެ ހުރިހާ ހަނދާނެއް، ތިޔަބޭފުޅުންނަށް އަންނާނެކަމަށް އަޅުގަނޑުމެންގެ މި މަސައްކަތުގައި ބައިވެރިވެވަޑައިގެން ތިޔަބޭފުޅުންނަށް ރަނގަޅު ވަކީލަކު މެދުވެރިކޮށްގެން އަޅުގަނޑުމެންނާއެކީގައި މަސައްކަތް ކުރިޔަށް ގެންދަވާނެކަމަށް. އިތުރު އޮޅުންބޮޅުމަށް މި ރާއްޖެ އަދި މި ސަރުކާރު އަދި އަޅުގަނޑުމެންގެ އެންމެހާ ކަންކަން ތިޔަބޭފުޅުން ނުގެންދަވާނެކަމަށް.

މި ލަސްވުމާ އެކުގައިވެސް އަޅުގަނޑުމެންނަށް އެބަހުރި ކަންތައްތަކެއް ފަހިކޮށްދެވެން. އިރާދަ ކުރެއްވިއްޔާ އަޅުގަނޑުމެން މިދަނީ، އެކަންކަން ފަހިކުރަމުން. މިދަންނަވާހެން، އަޅުގަނޑުމެންނަށް ގެދޮރުގެ ކަންތަކާ އަދި މިތަނުގެ ބަނދަރުގެ ކަންތައް މިދަނީ އެމަގުން ކުރިއަށްދިޔުމަށް. ފެނާއި ނަރުދަމާ، އެއީ އަޅުގަނޑުމެން އަބަދުވެސް މިރަށުގައި ކުރަން އެދޭ، ކުރަން ނިންމާފައިވާ ކަންކަން. މިރަށުގައި ނަރުދަމާއެއް އެޅުން އަދި މިރަށަށް ފެނުގެ ޚިދްމަތް ދިނުން އެއީ، އަޅުގަނޑުމެންނަށް ނުކޮށް ދޫކޮށްލެވެންއޮތް ކަމެއްނޫން. އަދި ދޫކޮށްލާނެ ކަމެއްވެސްނޫން. އިރާދަކުރެއްވިއްޔާ އަޅުގަނޑު ދަންނަވާނީ، މިއަހަރު ނިމުމުގެ ކުރީގައި، މިރަށުގައި ނަރުދަމާގެ މަސައްކަތްވެސް ފަށައިގަނެވޭނެއޭ. އެކަން އެގޮތަށް ކުރުމަށް ސަރުކާރުން ގެންގުޅޭ ހަރުދަނާ ސިޔާސަތެއް އެބައޮތް. އެއީ، އަޅުގަނޑުމެން ސަރުކާރުގެ ސީދާ ބަޖެޓުން އެކަން ކުރުމުގެ ބަދަލުގައި، ވިޔަފާރީގެ އުސޫލުން އެކަން އަޅުގަނޑުމެން ކުރުމަށް މި ދޫކޮށްލަނީ. ދޫކޮށްލުމަށްފަހުގައި، ފެންބިލް ނުދެއްކޭ ފަރާތްތަކަށް އަޅުގަނޑުމެން ސީދާ މީހާއަށް އެހީތެރިވާނީ. އެމީހާއަށް ފެންބިލް ދެއްކުމަށް އެހީތެރިވެދޭނީ. މިހާރު ދެ އުސޫލެއް މިއޮތީ. އެއްގޮތަކީ، ކުންފުންޏަށް އެހީތެރިވުން. ފެންކުންފުންޏަށް، ނުވަތަ އިންޖީނުގެއަށް ނުވަތަ ސްޓެލްކޯއަށް އެހީތެރިވުން. އެއީ، އެއްގޮތް. އަނެއްގޮތަކީ، މުޅި ސަރުކާރު ހުރިހާކަމެއް ނަގައިގެން ހިންގުން. ތިން ގޮތެއް އެބައޮތް އިނގޭތޯ. މުޅި ސަރުކާރުން ހުރިހާކަމެއް ނަގައިގެން ހިންގުން. ނަރުދަމާވެސް، ސަރުކާރުން އެޅުން، ހުރިހާކަމެއްވެސް ސަރުކާރުން ކުރުން. ހުރިހާ ވިޔަފާރިއެއްވެސް ސަރުކާރުން ކުރުން. އޭރުން އެއްވެސް ބޭފުޅަކަށް، އަމިއްލަ ފަރާތަކަށް ވިޔަފާރިއެއްވެސް ނުކުރެވޭނެ. ވިޔަފާރީގެ ފައިދާވެސް ސަރުކާރަށް ލިބޭނެ. ލިބިގެން ސަރުކާރުން ރައްޔިތުންނަށް ޚިދްމަތްތައް ދެމުން ގެންދެވޭނެކަމަށް ދެކުން މިދެންނެވި ފަލްސަފާ އެއީ، ހިނގާ، މަސައްކަތްކުރާ އުސޫލެއްނޫންކަން، އިންސާނީ ތަޖުރިބާ ވަރަށް ސާފުކޮށް އަޅުގަނޑުމެންނަށްވަނީ ދައްކާފައި. އެހެންވީމާ، އެ މަރުފައްޔެއް އިރާދަކުރެއްވިއްޔާ މި ސަރުކާރެއް ޖަހާކަށް ނޫޅޭނެ.

އަޅުގަނޑުމެން ބޭނުމީ، ކަންކަން ހިނގާނެ ރިވެތި އުސޫލެއް ހޯދަން. އަޅުގަނޑުމެންނަށް އެ އުސޫލުތައް އެބަ ފެނޭ. އެ ހަމަތައް އަޅުގަނޑުމެންނަށް އެބަ ސާފުވޭ. މި ހަމަތަކުގެ ތެރޭގައި، މިރަށުގެ ފެނާއި ނަރުދަމާގެ މަސައްކަތްވެސް ކުރާނެ ފަރާތްތައް، ކުންފުނިތައް، ދުނިޔޭގެ ބޮޑެތި ކުންފުނިތައް އެބަތިބި ތައްޔާރަށް. ސަރުކާރުން މިދަނީ، އެފަރާތްތަކާ ވާހަކަ ދައްކަމުން. އެ އުސޫލުން މިތަނުގައި ނަރުދަމާއާއި ފެނާ މި ޚިދްމަތްތައް ދެވެން ފެށުނީމާ، އެ ނަގާ އަގު ނެގުމާއި އަދި ފެނުގެ ފެންވަރާއި އަދި ނަރުދަމާ ހުންނަންވީ ގޮތާ މިހެންގޮސް މިބާވަތުގެ ކިތަންމެ ކަންތައްތަކަކީ، ސަރުކާރުން ކަނޑައަޅަންޖެހޭ ކަންކަން. ބަލަހައްޓަންޖެހޭ ކަންކަން. އޭގެ ވިޔަފާރިއެއްނޫން ސަރުކާރުން ބަލަހައްޓަން ޖެހޭނީ. އޭގެ ވިޔަފާރިކުރާ ގޮތާ އެއިން ރައްޔިތުންނަށް ޚިދްމަތްދޭގޮތް ސަރުކާރުން ބަލަހައްޓަންޖެހޭނީ. އެ ޚިދްމަތަށް ރައްޔިތުން އަތުން ނަގަން ކަނޑައަޅާ އަގުވެސް ސަރުކާރުން ބަލަހައްޓަންޖެހޭނީ.

އޭގެ އިތުރުން، ސަރުކާރުން ދެން ހިންގާންޖެހޭނީ، އެއަގު ނެގީމާ އެމީހެއްގެ އާމްދަނީއާ އަޅާބަލާއިރު އެމީހަކީ ނުދެއްކޭ މީހެއްނަމަ، އެމީހަކަށް ސަރުކާރުން އެހީތެރިވެދިނުން. އަޅުގަނޑުމެންގެ ސިޔާސަތަކީ، ސީދާ ރައްޔިތު މީހާއަށް އެހީތެރިވެދިނުން. ކުންފުންޏަށް އެހީވުމެއްނޫން. އަދި ސަރުކާރު ބޮޑުކޮށްގެން، ސަރުކާރުން ހުރިހާކަމެއް ހިންގުމެއްވެސްނޫން. މި ސަރުކާރުން ސްޓެލްކޯއަށް، އަޅުގަނޑުމެން އަބަދުވެސް ދައްކާ މިސާލެއް، މި ސަރުކާރުން މާލޭގައި އިންޖީނުގެ އެ ހުރި ސްޓެލްކޯއަށް، ކޮންމެ ރައްޔިތެއްގެ ކަރަންޓު ބިލުގެ ދެބައިކުޅަ އެއްބައި، ޙަޤީޤަތުގައި ސަރުކާރުން ދޭންޖެހިފައިވޭ. އެ ކުންފުންޏަށް ސަރުކާރުން ދަނީ ލާރި ދެމުން. އެހެން ދިޔައިމާ، އަޅުގަނޑުގެ ބިލުގެ ދެބައިކުޅަ އެއްބައިވެސް ސަރުކާރުން އެހީތެރިވެދެނީ. އަދި އެންމެ ނިކަމެތި މީހާގެ ބިލުގެ ދެބައިކުޅަ އެއްބައިވެސް ހަމަ ސަރުކާރުން އެއްމިންވަރަކަށް އެހީވެދެނީ. މީގެ ޙަޤީޤަތަކީ، އަޅުގަނޑުގެ ބިލަށް ނުވަތަ މި ސްޓޭޖްމަތީގައި މި ތިއްބެވި އެއްވެސް ބޭފުޅެއްގެ ބިލަކަށްވެސް އަދި މާލޭގައި ދިރިއުޅޭ 80 ޕަސެންޓް މީހުންގެ ބިލަށް ސަރުކާރަކުން ނުޖެހޭ އެހީތެރިވެދޭކަށް. މަދުވެގެން 70 ޕަސެންޓް މީހުންގެ ބިލަށް އެހީތެރިވެދޭކަށް ނުޖެހޭ. އޭގެތެރެއިން، ވަރަށްބޮޑަށް ބެލެންޖެހޭ އެބަ 30 ޕަސެންޓް 440 ޕަސެންޓް މީހުންގެ ބިލަށް. އެއީ، މިހާރު މިވާ މިންވަރަށްވުރެ ބޮޑަށް އެހީތެރިވެދޭންޖެހޭ. އެކަން އެހެން ކުރުމަށްޓަކައި އަޅުގަނޑުމެން ކުންފުންޏަށް ފައިސާދީފައި، އެއްހަމައެއްގައި އެކަން ކުރީމާ، ނިކަމެތި މީހާއާއި އެންމެ ތަނަވަސް މީހާއާ އެ ދެމީހުންނަށްވެސް ސަރުކާރަށް އެހީތެރިވެވެނީ، އެއް މިންވަރަކަށް، އެއް ދަރަޖައަކަށް. އަޅުގަނޑުމެން ނުދެކެން، އެއީ ހަމައުސޫލެއް ކަމަކަށް.މިއިން ރަށެއްގައި އާމްދަނީ ލިބުމުގެ ފުރުސަތު، ކިތަންމެ ތަނަކުން ކުޑަ މާލެއަށްވުރެ. އެހީވާއިރުގައި މާލެއަށްވެސް މިތަނާ އެއްދަރަޖައަކަށް، އެއް މިންވަރަކަށް އެހީވާ އުސޫލެއް އޮތުން އެއީކީއެއް އަޅުގަނޑުގެ ނަޒަރުގައި، އިންސާފުވެރި އުސޫލެއްނޫން. އަދީ ޤައުމެއް ތަރައްޤީވާނެ ގޮތެއްވެސް ނޫން.

އެހެންވީމާ، އަޅުގަނޑަށް އެބައޮތް ތިޔަބޭފުޅުންނަށް ދެންނެވެން. އަޅުގަނޑުމެން މި ތަރުތީބުކުރާ އުސޫލުގެތެރެއިން، ތިޔަބޭފުޅުންގެ ނަރުދަމާ، އިރާދަކުރެއްވިއްޔާ އޭގެ މަސައްކަތްވެސް މިއަހަރުދުވަހުގެ ތެރޭގައި މިރަށުގައި ފެށިގެންދާނެއޭ. މަދަރުސާއާއި، ޞިއްޙީ މަރުކަޒުވެސް. ޚާއްޞަކޮށް، ތިޔަބޭފުޅުން އެބަ ބޭނުންފުޅުވޭ ޞިއްޙީ މަރުކަޒު، 24 ގަޑިއިރު ހިނގަހިނގާ ހުންނާނެ ގޮތެއް، ޚިދްމަތް ލިބޭނެ އުސޫލެއް އިންތިޒާމު ކުރަން. އަޅުގަނޑު މާލެގޮސް، ޑޮކްޓަރ އާމިނަތު ޖަމީލާ މިވާހަކަ މަޝްވަރާ ކުރާނަން.

އަޅުގަނޑު ތިޔަބޭފުޅުންނާ ބައްދަލުކޮށް، ތިޔަބޭފުޅުން އެކަން އެދޭ މިންވަރުވެސް އަޅުގަނޑު އެބަޖެހޭ ކޮންމެވެސް ވަރަކަށް ތަޞައްވުރު ކުރަން. އޭގެ ވިސްނުމެއް ގެންނަން. މިއިން ކޮންމެ ކަމަކީ، އިތުރު ޚަރަދު. އަޅުގަނޑު އެބަޖެހޭ ބަލަން. އަޅުގަނޑުމެންނަށް ލިބޭ ކޮންމެ ފައިސާފޮއްޗަކީ، ރައްޔިތުންގެ ފައިސާ. އަޅުގަނޑުމެން އެ ޖެހެނީ، އަމާނާތްތެރިކަމާއެކީގައި ބަލަހައްޓަން. އަންނާންއޮތް ޖީލުތަކަށް މިރާއްޖެ ރައްދުކޮށްދިނުމަށްޓަކައި އެ ފައިސާ އަޅުގަނޑުމެން ޖެހޭނީ ޚަރަދުކުރަން. އަޅުގަނޑުމެންނަކަށް، އެއަކަށް ޚިޔާނާތްތެރިއެއް ނުވެވޭނެ. އަބަދުވެސް، ކޮންމެ ސިކުންތެއްގައިވެސް އަޅުގަނޑުމެން ހަނދާން ބަހައްޓަންޖެހޭނެ، މިއިން ކޮންމެ ފައިސާފޮއްޗަކީ، ޙަޤީޤަތުގައި ތިޔަބޭފުޅުންގެ ފައިސާއޭ. އަޅުގަނޑުމެންނަކަށް މިއަކަށް އަރައެއް ނުގަނެވޭނެއޭ. އެހެންވީމާ، މިރަށަށް، 24 ގަޑިއިރަށް، ހެލްތް ސެންޓަރަށް މީހަކު ބަހައްޓާއިރުގައި ހަމަ އެއާގުޅިގެން އެކަން އެތައް ރަށެއްގައި ބަދަލުވެގެންދާނެކަމާއި، މުޅި ސަރުކާރުގެ ނިޒާމު ހެލްތުގެ ނިޒާމަށް އެކަން އަންނާނެ ބަދަލު އަޅުގަނޑުމެން ދެނެގަންނާންޖެހޭނެ. އަޅުގަނޑު މިދަންނަވަނީ، އެކަން ނުކުރާ ސަބަބެއްނޫން. އަދި ނުކުރާނެ ސަބަބެއްވެސްނޫން. އިރާދަކުރެއްވިއްޔާ އަޅުގަނޑު އެކަން ތިޔަބޭފުޅުންނަށް ކޮށްދޭނަން. ކޮށްދޭއިރުގައި އަޅުގަނޑު މިދަންނަވަނީ، ކޮން އިރަކުންހޭ ތިޔަބޭފުޅުން އެއްސެވީމާ އެއީ، މިހާރުއޭ މާދަމައޭ އަޅުގަނޑަށް ދެންނެވެން ނޯންނަނީ. މިދަންނަވާ މަޝްވަރާތައް އަޅުގަނޑުމެން އެބަ ބޭނުންވޭ ކުރަން.

އުސޫލެއްގެގޮތުން އަޅުގަނޑެއް ބޭނުމެއްނޫން އަދި ކުރާނެކަމެއްވެސްނޫން އެއީކީއެއް، ތިޔަބޭފުޅުންނަށް ދޮގުހެދުން. އަޅުގަނޑު ހަމަ އެއްވެސް މީހަކަށް، ކިތަންމެ މުއްސަނދި ސައުދާގަރަކަށްވިޔަސްވެސް، ކިތަންމެ ވަރުގަދަ މީހަކަށްވިޔަސްވެސް، އެއްވެސް ޤައުމެއްގެ ރައްޔިތުންގެ ކަންކަން ފުރިހަމަކޮށެއް ނުދެވޭނެއޭ، މީހެއްގެ ދީލަތި ހެޔޮކަމަކުންނެއް. އަދި މީހަކު ބަހާ އެއްޗަކުން. ވަގުތީ ފައިދާއެއް ލިބިދާނެ. ދަމުންދަމުން ޖީބަށް 500 ރުފިޔާ ލެވިދާނެ. ހާހެއްހާ ރުފިޔާ ލެވިދާނެ. އޭގެސަބަބުން، އެ ގެއްލެނީ، ޙަޤީޤަތުގައި އެތައްހާސް ރުފިޔާއެއް. އެއީ، ތަރުތީބުން ރިވެތި ގޮތުގައި ކަންކަން ނިންމޭނެ އުސޫލު ކަނޑަނޭޅުނީމާ.

އަޅުގަނޑު ދަންނަވާނީ، ތިޔަބޭފުޅުން ވިސްނަވާށޭ. ތިމަންނާއަށް އޮންނަ ފަޅުރަށެއް މިތާނގައި އެބައޮތޭ، އެ ފަޅުރަށުން ހައެއްކަ ފަންވަތާ ހަތަރު ކާއްޓާ ދަރުބޮނޑިއަކާ ދޭނަމޭ، އަބަދުވެސް ލިބޭނެއޭ، އެހެންވީމާ އެގޮތަށޭ ތިމަންނާ ބޯލަނބާނީ. އެހާ ވިސްނުން ހަނި ނުކުރައްވާ. އެހާ އާދައިގެ ބަޔަކަށް ތިޔަބޭފުޅުން ވެވަޑައިނުގަންނަވާށޭ. އަޅުގަނޑުމެންނަށް ތިޔަބޭފުޅުންގެ ޖީބަށް މާގިނަ ރުފިޔާ ލެވިދާނެ. ތަރުތީބަކުންގޮސް ކަމެއް ރަނގަޅަށް ހިފެހެއްޓި، އިންތިޒާމު ކުރެވުނީމާ، ޖީބަށް ވަންނަ ރުފިޔާ މާ ގިނަވާނެ. ދެބޮނޑި ދަރާއި، ފަންވަތަކާއި ހައެއްކަ ކާއްޓަކާއެއްނޫން.

އެހެންވީމާ، އަޅުގަނޑު ހަމަ އުންމީދުކުރަން، ތިޔަބޭފުޅުންގެ ކަންކަމާގުޅޭގޮތުން ތިޔަބޭފުޅުން ވިސްނަވާއިރުގައި މި އަނެއް ދިވެހިރާއްޖެ ހޯއްދެވުމަށް ތިޔަބޭފުޅުންވެސް ވިސްނަވާނެކަމަށް. އަޅުގަނޑަށް މިއަދު ކުރިއެއްނޫން އިއްޔެއަށްވުރެ މާބޮޑަށް ޔަޤީން، އަޅުގަނޑުމެން މި އުންމީދުކުރާ އަނެއް ދިވެހިރާއްޖެ ޙަޤީޤަތަކަށް ވެގެންދާނެކަން. އަޅުގަނޑުމެން އެންމެ ފުރަތަމަ ތިޔަބޭފުޅުންނަށްވީ ވަޢުދަކީ، 11 ނޮވެމްބަރ 2008 ވާ އަންގާރަ ދުވަހު ދެން މިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާކަމުގެ ހުވާކުރާނީ އަޅުގަނޑޭ. މާތްރަސްކަލާނގެ އިރާދަފުޅުން، ތިޔަބޭފުޅުންގެ މަސައްކަތާއެކު އަޅުގަނޑުމެންނަށް މިވަނީ، އެކަން ކުރެވިފައި. ދެންއޮތީ، ކުޑަކުޑަ މަސައްކަތެއް. މިކަމުގައިވެސް، ތިޔަބޭފުޅުން އަޅުގަނޑުމެންނާ ބައިވެރިވެވަޑައިގަންނަވާނެކަމުގެ ފުރިހަމަ ޔަޤީންކަން އަޅުގަނޑަށް އެބައޮތް. އަދި ހަމަ މިނޭވާގައި، މިއަތޮޅުގެ ކައުންސިލަރ ޢާދިލް ރަޝީދު ކުރައްވާ މަސައްކަތަށް ސަރުކާރުން ނިހާޔަތަށް ޝުކުރުވެރިވަން. ޚާއްޞަކޮށް، މިރަށުގައިވެސް މިކުރައްވާ މަސައްކަތްތަކަށާއި އަދި ސަރުކާރާ ގުޅިގެން އެބޭފުޅާގެ އެ ހިންގުންތެރިކަމާއި އެބޭފުޅާގެ ވިސްނުންތެރިކަމާއި ޙިކްމަތްތެރިކަން، އަޅުގަނޑަށް ހަމަ ގައިމުވެސް ފާހަގަވޭ. ފެށުނީއްސުރެ ފަށައިގެން، ޢާދިލް އަޅުގަނޑުމެންގެ ޕާޓީއާ ގުޅުނީއްސުރެ ފަށައިގެން އަޅުގަނޑަށް އޭނާ ފާހަގަވޭ، ރަނގަޅު މީހެއްގެ ގޮތުގައި. ހަރުދަނާ މީހެއްގެގޮތުގައި. ކަންކަން ކުރެވޭ މީހެއްގެ ގޮތުގައި. ވިސްނުންތެރި މީހެއްގެ ގޮތުގައި. ޙިކްމަތްތެރި މީހެއްގެ ގޮތުގައި. ހާސްނުވާ މީހެއްގެ ގޮތުގައި. އެންމެ މުހިންމު ކަމަކީ. ހާސްނުވާ މީހެއްގެ ގޮތުގައި، ތެޅިނުގަންނަ މީހެއްގެ ގޮތުގައި، އެފަރާތަށް މިފަރާތަށް ނުދާ މީހެއްގެ ގޮތުގައި، އެހުންނަ ގޮތެއްގައި އަޅުގަނޑު ހަމަ ވަރަށްބޮޑަށް ޢާދިލަށްވެސް ޝުކުރުވެރިވަން، މި މަސައްކަތުގައި ބައިވެރިވެވަޑައިގެން އުޅުއްވާތީ. އަޅުގަނޑު އުންމީދުކުރަން، ތިޔަބޭފުޅުން، އެބޭފުޅާގެ އަތް، އެބޭފުޅާ ބޭނުންފުޅުވާ ވަރަކަށް ގަދަކޮށްދެއްވާނެކަމަށް. އަޅުގަނޑަކަށް ތިޔައިން ހުރިހާ ބޭފުޅުންނަށް ކޮންމެދުވަހަކު ފޯނުން ގުޅައި ވާހަކައެއް ނުދެއްކޭނެ. އަޅުގަނޑު އެދެން އެކަން ނުކުރަން. އަދި އަޅުގަނޑަކަށެއްނެތް، ނުދައްކާ ކޮންމެ ދުވަހަކު ހުރެގެން ރާއްޖޭގައި ވެރިކަން ކުރެވޭކަށްވެސް. އެވެސް އަޅުގަނޑު އެދޭގޮތެއްނޫން. އެހެންވީމާ، އޭގެ ބަދަލުގައި، އަޅުގަނޑުގެ ފަރާތުން ސަރުކާރުގައި ހުންނަވާ ބޭފުޅެއް، އެބޭފުޅާއަކީ.

ނިންމާލުމުގެ ކުރީގައިވެސް އަޅުގަނޑު، ތިޔަބޭފުޅުންނަށް މަރުޙަބާ ދަންނަވަން ބޭނުން، ފަށްފަށުން ޝުކުރު ދަންނަވަން ބޭނުން. ތިޔަބޭފުޅުން ތިޔަކުރެއްވި މަސައްކަތާ އަދި ހަމަ މިހާރުވެސް އެމަސައްކަތް ޚަތިމު ކުރައްވަންވެގެން، މިޞްރާބު ތިޔަ ގެންގުޅުއްވާ ގޮތަށް ނިހާޔަތަށް އަޅުގަނޑު ޝުކުރު ދަންނަވަން. އަދި ތިޔަބޭފުޅުންނަށް މަރްޙަބާވެސް ދަންނަވަން.

الحمد للّـه. ވަރަށްބޮޑަށް ޝުކުރިއްޔާ.