بســم اللّـه الرّحمـن الرّحيــم

السّـلام عليـكم

ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ ގޮތުގައި އަޅުގަނޑު ދިޔަމިގިއްޔަށް އައިސް، ތިޔަބޭފުޅުންނާ ބައްދަލުކުރާއިރުގައި، އަޅުގަނޑަށް އަބަދުވެސް އިޙްސާސްވޭ، ވަގުތުގެ އަޖަލުގައި އަޅުގަނޑުމެން ޖެހިތިބޭއިރު، އަޅުގަނޑުމެން, އިންސާނުންގެ ކުޑަކަމާއި، ނިކަމެތިކަމާއި، މާޔޫސްކަން.

އަޅުގަނޑުމެން މިއަދު މިތިބީ، މި ރާއްޖޭގެ ވަރަށްފަޚުރުވެރި ތާރީޚެއްގެ ވެރި ރަށެއްގައި. ދިޔަމިގިލީ ރަސްކަމަކީ، ރާއްޖޭގެ ރަސްކަމުގެ ޚާންދާންތަކުގެ ތެރެއިން ފަވާލެވިގެންދިޔަ ޚާންދާނެއް. ހުރާގެ ދަރިކޮޅު ރާއްޖޭގެ ރަސްކަން ކުރަން ފެށުމުގެކުރީގައި، ރާއްޖޭގައި ރެނދަލި ކުރަމުން ދިޔައީ، ހަމަސީދާ މިރަށުން އުފަން މިރަށު ދަރީންގެ ރަސްކަމެއް. ޙަޤީޤަތުގައި އަޅުގަނޑުމެން މިހާރު މިދަންނަ މާލެ، އެގޮތަށް އުފެދުމުގައި، އެ ދަރިކޮޅުތަކާއި، އެ މާލޭގެ ރައްޔިތުން މިހާރު ބެހިފައި އެވާ އަވަށްތަކާ، މިކަންކަމުގެ އެންމެބޮޑު މޭސްތިރިއަކީވެސް އަދި މިކަންކަން ފަށައިގަތުމުގައި އެންމެއިސްވެ ޙަރަކާތްތެރިވެވަޑައިގެންނެވި ރަދުންނަކީވެސް ދިޔަމިގިލީ ދަރިކޮޅުގެ ރަސްރަސްކަލުން.

އަޅުގަނޑުމެން ހަނދާނަން އާދޭ، ރަދުންގެ ފަތްކޮޅު، ރަދުން ވިދާޅުވި ބަސްފުޅު، މިރަށު ރައްޔިތުންނަށް ނިކަމެތިކޮށް ހިތައިފިނަމަ، ދެން ދިމާވާންހުރިގޮތް. ހަމަގައިމުވެސް މިވެރިކަމެއް ނޭދޭނެ މިރަށު ރައްޔިތުންނަށް ދެރަގޮތެއްވާކަށް. އަޅުގަނޑަކީ އެއްވެސް ޙާލެއްގައި ރަސްމަތި ދަރިކޮޅެއްގެ މީހެއްނޫން. އެހެންނަމަވެސް، އަޅުގަނޑަކީ ދިވެހިވެރިކަމަށް ވަރަށް ލޯބިކުރާ، ވެރިކަމުގެ ތާރީޚު ދެނެގަތުމަށް އަބަދުވެސް ވަރަށް އެދޭ މީހެއް. އަޅުގަނޑުގެ ނަޒަރުގައި، މިރަށުގެ ޝަހެންޝާހު، މިރަށުގެ ޤަދަރާއި ޢިއްޒަތް، މިރަށުގެ ކަރާމާތްތެރިކަމާއި ރޫޙް، އަލުން އަނބުރާ މިރާއްޖެއަށް ނެރެވެން އެބަޖެހޭ. އަޅުގަނޑު ތިޔަބޭފުޅުންނަށް ޔަޤީންކޮށް އަރުވަން، މިވެރިކަމުން އެކަން އިރާދަކުރެއްވިއްޔާ ތިޔަބޭފުޅުންނަށް ކޮށްދޭނަން.

ތިޔަބޭފުޅުންގެ ގަނޑުވަރާއި ތިޔަބޭފުޅުންގެ ދަރިކޮޅުތައް މިވެރިކަމަކުން ހަނދާން ނައްތައެއް ނުލާނަން. އިރާދަކުރެއްވިއްޔާ، ތިޔަބޭފުޅުންގެ ގަނޑުވަރު ހަމަ އިހުހުރި ޖަރީކަމުގައި، އިހުހުރި އުޖާލާކަމުގައި އަލުން އަނބުރާ ދިވެހިންނަށް ފެނިގެންދާނެ. އަޅުގަނޑު މިތަނަށްއައުމުގެ ކުރީގައި، ބަހާއި ތާޜީޚަށް ޚިދްމަތްކުރާ ޤައުމީމަރްކަޒުގެ ވެރިންގެ އަރިހުގައި ދަންނަވާފައިވާނެ، ދިޔަމިގިލީ ގަނޑުވަރު އަލުން އަނބުރާ އާރާސްތުކުރުމަށް މަޝްރޫޢެއް އެކުލަވާލެއްވުމަށް. އަދި އެގަނޑުވަރު އިހުހުރިގޮތަށް އަލުން އަނބުރާ ރައްޔިތުންނަށް ފެންނާނެގޮތެއް ހައްދަވައިދެއްވުމަށް. އަޅުގަނޑުމެން ބޭނުން، އެ ގަނޑުވަރާއި ގަނޑުވަރުގެ ކުރިމަތީގައިވާ ކޯއްޓޭއާއި އަދި މިރަށުގެ މޫނުމަތި، ރިވެތިގޮތުގައި ދުނިޔޭގެ އެކިކަންކޮޅުތަކުގެ މީހުންނަށް، ޓޫރިސްޓުންނަށް ބެލޭނެގޮތަކަށް އުފައްދައި، ތައްޔާރުކުރަން.

މިއަތޮޅުގައި ޓޫރިޒަމްގެ އެތައްމަސައްކަތެއް މިހާރު މިދަނީ ތަރައްޤީވަމުން. މި ސަރުކާރު ޙަވާލުވިއިރުގައި އެމަސައްކަތްތައް ހުއްޓިފައިހުރިކަމުގައިވިޔަސްވެސް، އަޅުގަނޑުމެން އަލުން އަނބުރާ އިރާދަކުރެއްވިއްޔާ އެމަސައްކަތްތައް އާ ރޫޙަކާއެކީގައި ފަށާނަން. ނުހެދި ހުރި ރިޒޯޓުތައް ހަދާމީހުންނާ، ސަރުކާރުން ވާހަކަދައްކައި، ކުރިމަތިވެފައިއޮތް ދައްޗަކީ ކޮބައިތޯ ބަލައި، އޮޅުންފިލުވައި، އެ ރިޒޯޓުތައް އިރާދަކުރެއްވިއްޔާ މިއަތޮޅުގައި ހުޅުވި، ހިނގަން ފަށާނެ. އޭގެފައިދާ ލިބި އަދި އެ ޓޫރިސްޓުން މިރަށަށް ގިނަގިނައިން ޒިޔާރަތްކުރާނެކަމީ، އަޅުގަނޑު ޝައްކުކުރާ ކަމެއްނޫން.

މިރަށުގެ ތާރީޚާއި ޘަޤާފަތާއި މުއްސަނދިކަމާއި ތަނަވަސްކަން، ދިވެހިންނަށާއި ދުނިޔޭގެ އެންމެންނަށް އަޅުގަނޑުމެންނަށް ކިޔައިދެވެން އެބައޮތް. މިރަށަކީ، މިރަށުގެ ސަބަބުން ހަމައެކަނި ތިޔަބޭފުޅުން ފަޚުރުވެރިވެވަޑައިގަންނަވާ ރަށެއް ނޫން. މިރަށަކީ، މިރަށުގެ ސަބަބުން އަޅުގަނޑުމެން ހުރިހާ ދިވެހިން، އެކަމާ ފަޚުރުވެރިވާވަރު ރަށެއް. ހަމަގައިމުވެސް ދިޔަމިގިލީގެ ރަސްކަމާ ގުޅިގެން، އަޅުގަނޑު މިރަސްދަރިކޮޅަށް ވަރަށްބޮޑަށް އިޙްތިރާމް ކުރަން. އަޅުގަނޑު އެދެނީ، މިރަށަށް ތަރައްޤީއާއި ކުރިއެރުން.

އަޅުގަނޑުމެންގެ ސަރުކާރު ދެމި މިއޮންނަނީ ހަމަ އެންމެ ބޭނުމަކަށްޓަކައި. އެންމެ ސަބަބަކަށްޓަކައި. އެއީ،ތިޔަބޭފުޅުންނަށް ޚިދްމަތްކޮށްދިނުމަށްޓަކައި. އަޅުގަނޑުމެން ތިޔަބޭފުޅުންނަށް ވެފައިވާ ވަޢުދުތައް ފުއްދައިދިނުމަށްޓަކައި. އަޅުނޑު ތިޔަބޭފުޅުންނަށް ޔަޤީންކޮށްއަރުވަން، އެ ވަޢުދުތައް ފުއްދައި ދިނުމުގައި އަޅުގަނޑުމެން އެންމެ ހިނދުކޮޅެއްވެސް މަޑުނުޖައްސާނަންކަން. އަޅުގަނޑުމެން އެންމެ ފިޔަވަޅެއްވެސް ފަހަތަކަށްނާޅާނަން. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ތިޔަބޭފުޅުންނަށް ވެފައިވާ ވަޢުދުތައް ފުރިހަމައަށް ފުއްދައިދެވޭނެ.

އަޅުގަނޑުމެންގެ ބޯހިޔާވަހިކަން ފޯރުކޮށްދޭ މަޝްރޫޢުގެ ދަށުން، މިރަށު ރައްޔިތުންނަށް މަދުވެގެން 50 ފްލެޓް، ބޯހިޔާވަހިކަން، ދިގުމުއްދަތުގައި ފައިސާ ދައްކައި ޚަލާޞްކުރާ އުޞޫލުން އަޅުގަނޑުމެންނަށް ފޯރުކޮށްދެވެން އެބައޮތް، އިރާދަކުރެއްވިއްޔާ، މިއަހަރުގެ މެދެއްހާތަނުގައި އެމަސައްކަތް މިރަށުގައި ފެށިގެންދާނެ. މިރަށުގެ ބޯފެނާއި، މިރަށުގެ ނަރުދަމާއާއި، މިރަށުގެ ކަރަންޓާއި، މިރަށުގެ އެހެންވެސް އަސާސީ ޚިދްމަތްތަކުގެ މަތިން އަޅުގަނޑެއް ހަނދާނެއް ނުނެތޭ. އަޅުގަނޑުމެނެއް ދުވަހަކުވެސް އެ ހަނދާނެއް ނުނެތޭނެ. ސަރުކާރުން މިހާރު ހިންގަމުން މިގެންދާ އަސާސީ ޚިދްމަތްތައް ރަށްރަށަށް ފޯރުކޮށްދިނުމުގެ މަޝްރޫޢުގެ ތެރެއިން، އެއީ ޔުޓިލިޓީޒް ކުންފުނިތައް އުފައްދައި، އެ ކުންފުނިތަކުން އެ މަސައްކަތްތައް ހިންގާ ހިންގުމުގައި މިރަށުގެ މިދެންނެވިކަންކަން މި ޒަމާނީ ފެންވަރަށް އިރާދަކުރެއްވިއްޔާ ބަދަލުވެގެންދާނެ. އަޅުގަނޑުމެން މިދެކެނީ، ލަސްވެގެން މިއަހަރު މެދުޖެހުމުގެކުރީގައި މިމަސައްކަތްތަކުގެ، މިކަންކަމުގެ ޢަމަލީ މަސައްކަތް ތިޔަބޭފުޅުންނަށް ފެނިވަޑައިގަންނަވާނެ ކަމަށް.

އަޅުގަނޑަށް އެނގޭ، މިރަށުގެ ބަނދަރު މިވަނީ މަރާމާތުކުރަން ޖެހިފައިކަން. އަޅުގަނޑުމެން ސަރުކާރާ ހަވާލުވިއިރު އެކަންއޮތީ ވަރަށްބޮޑަށް ފަސްޖެހި ވަޅުޖެހިފައި. އަޅުގަނޑުމެންބަލައި ހޯދައިފީމު، ދިޔަމިގިލީ ބަނދަރަށް ދެން ހެދެންހުރިގޮތްތަކަކީ ކޮބައިތޯ. އަޅުގަނޑަށް އުފަލާއެކީގައި ތިޔަބޭފުޅުންނަށް ޔަޤީންކަން އެރުވެން އެބައޮތް، އެ ބަނދަރު ހެދުމުގެ ޓެންޑަރުގެ މަސައްކަތް މިހާރުދަނީ ކުރިޔަށޭ. އެ ޓެންޑަރުހެދި، އެ މަސައްކަތްކުރާނެ ފަރާތެއް ގަވާއިދުން ހޯދުނީމާ، އެ މަސައްކަތް އަވަސް ކަންމަތީގައި ފެށިގެންދާނެއޭ.

އަޅުގަނޑުމެންގެ ސަރުކާރު ހިނގަމުންދާއިރުގައި، އަޅުގަނޑުމެން އަބަދުވެސް ބޭނުންވޭ، ތިޔަބޭފުޅުންގެ ތަޢްލީމަށް ޚާއްޞަ އަހަންމިއްޔަތުކަމެއްދޭން. ފަހަރެއްގައި މިކަމުގައި ތިޔަބޭފުޅުން ޚިޔާލުތަފާތުވެދާނެ. އެހެންނަމަވެސް، ދިޔަމިގިއްޔާގުޅޭގޮތުން އަޅުގަނޑުގެވެސް ނިކަމެތި އެދުމެއް އެބައޮތް. އަޅުގަނޑު އެދެނީ، މިރަށަކީ ގްރޭޑް11 އާއި 12އަށް ކިޔަވައިދޭ ރަށަކަށްވެފައި، އަދި އެއީ، ޚާއްޞަގޮތެއްގައި އާޓްސްގެ ދާއިރާއިން މިރާއްޖޭގައި ތަޢްލީމުދޭ ރަށެއްގެ ގޮތުގައި މިރަށުގެ ތަޢްލީމީ ނިޒާމު ކުރިއަރުވަމުން ގެންދިޔުން. އެއީ އަޅުގަނޑު، އާޓްސް އޭ މިދަންނަވަނީ، ތާރީޚާއި، ސިޔާސަތާއި، ޤާނޫނާއި، މިބާވަތުގެ ޢިލްމު ޚާއްޞަގޮތެއްގައި ދޭ ރަށެއްގެ ގޮތުގައި މިރަށް ތަރައްޤީ ކުރުމަކީ ސަރުކާރުގެ ވިސްނުމެއް، ސަރުކާރުގެ ސިޔާސަތެއް.

އަޅުގަނޑު މިއަދު މިތަނަށްއައިއިރުގައި، ތިޔަބޭފުޅުންގެ އަޚެއް، މުޙަންމައިދީ އަޅުގަނޑު ގާތުގައި އެވާހަކަ ދައްކަވަމުން ގެންދެވި. އަޅުގަނޑު އެއްވެސްއެއްޗެއް ނުބުނެ، ކޮންމެފަހަރަކުވެސް އެނބުރިލަނީ. އެއީ، މީގެ ދެތިންހަފްތާއެއް ކުރީގައި އަޅުގަނޑުމެން އެކަމާ ވަރަށްބޮޑަށް މަޝްވަރާކޮށް، އަޅުގަނޑުމެން އެކަން އެގޮތަށް ކުރިޔަށް ގެންދަންވެގެން، ފިކުރުކޮށްތިބިކަމެއް. މުޙަންމައިދީ ޚާއްޞަކޮށް އަނެއްކާ ވަރަށްބޮޑަށް އެދިވަޑައިގަންނަވަނީ، މިތަނުގައި 10 އަކާއި 11 ކިޔަވައިދެވޭއިރުގައި، އަދި އެކިޔަވައިދޭ މާއްދާތަކުގެ ތެރޭގައި ތާރީޚާއި، މިޔުޒިކާއި، ޡަޤާފަތާ، މިބާވަތުގެ މާއްދާތައް ހިމަނައިދިނުމަށް. އެބޭފުޅާގެ އެދުމާއި، އަދި އަޅުގަނޑުމެންގެ ސަރުކާރުގެ ސިޔާސަތާ އެކުވެގެން، އިރާދަކުރެއްވިއްޔާ މިދަންނަވާ މާއްދާތައް ކިޔަވައިދީ، އަދި މިދަންނަވާ ފެންވަރަށް މިރަށުގައި ތަޢްލީމު ދެވެމުންދާނެ. މަޖުބޫރުކަމާ ލައިގެންކަމުގައި ނުވިޔަސްވެސް، ދިޔަމިގިލީ ދަރިންނަށް ރަނގަޅު ތަޢްލީމެއް ލިބިފައިއޮތިއްޔާ ދިޔަމިގިލީ ރައްޔިތަކު ރާއްޖޭގެ ރަށަކަށް އެރީމާ އިޙްތިރާމު ކުރަންޖެހޭ މިންވަރަށް، އިޙްތިރާމް ކުރާނެ، ޔަޤީން.

އަޅުގަނޑުމެންގެ އަމާޒަކީ، މަޖުބޫރުން މީހުންލައްވައި، ތިޔަބޭފުޅުންނަށް އިޙްތިރާމު އަދާކުރުވުމެއްނޫން. ތިޔަބޭފުޅުންގެހިތްވަރާއި، ޤާބިލްކަމާއި، ތިޔަބޭފުޅުންގެ މަސައްކަތުން ތިޔައިން ކޮންމެ ބޭފުޅަކީވެސް، ތިމަންނާއަކީ ޙައްޤުތަކެއްލިބިގެންވާ ދިވެހިދަރިޔެކޭ، ތިމަންނާއަކީ އަމިއްލަ މަސައްކަތުން ދިރިއުޅޭ، އަމިއްލަފައިމައްޗަށް ތެދުވެ ހުރި ދިވެހިރައްޔިތެކޭ ބުނުން. ފަޚުރުވެރި ދިޔަމިގިލީ ދަރިޔަކަށް ތިޔަބޭފުޅުން ހަދައިދިނުމުގައި އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން މަސައްކަތްކުރާނަން.

އަޅުގަނޑަށް ޔަޤީން، އަޅުގަނޑު މިރަށުގައި ދައްކަންޖެހޭނެ ވާހަކައެއްނޫން މިއީ، މި ސަރުކާރެއް މި ފަސްއަހަރު ދުވަހުގެ ތެރޭގައި ބަދަލެއްނުވާނެ. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ސާބިތުކަންމަތީގައި މިކަމުގައި ދެމިތިބޭނެ. ތިޔަބޭފުޅުންނަށް ތިޔަބޭފުޅުން ބޭނުންވާ ޚިދްމަތްތަކާ، ތިޔަބޭފުޅުން ބޭނުންވާ ކަންކަން އަޅުގަނޑުމެން ފޯރުކޮށްދޭނަން. އަޅުގަނޑުމެންނަށް ތިޔަބޭފުޅުންގެ ކިބައިންވެސް ބައެއްފަހަރަށް ކަންކަމަށް އެދެންޖެހޭނެ. މިއަދު އަނެއްކާވެސް އަޅުގަނޑު އެދޭނަން، ރައްޔިތުންގެ މަޖިލީހުގެ އަޣްލަބިއްޔަތު މިޕާޓީއަށް، އެމް.ޑީ.ޕީ.އަށް ލިބިފައި އޮތުމަކީ، އަޅުގަނޑުމެންގެ އުންމީދުތައް، އަޅުގަނޑުމެންގެ ބޭނުންތައް، އަޅުގަނޑުމެންގެ މަޝްރޫޢުތައް، އޮމާންކަމާއެކީގައި ފުރިހަމަވެގެންދާނެ އެއްގޮތް، އެއްމަގު. އެހެންވީމާ، އަޅުގަނޑުމެން އެދޭނަން، މަޖިލީހުގެ އަޣްލަބިއްޔަތު އަޅުގަނޑުމެންގެ ޕާޓިއަށް ތިޔަބޭފުޅުން ދެއްވުމަށް.

އަޅުގަނޑު ހިތުން މަޣްރިބު ވަގުތުވެސްވަނީ. އަދި އެހާގިނައިރު މިތަނުގައި ވާހަކަ ދައްކާކަށް ކޮންމެހެން ތިޔަބޭފުޅުންނެއް އެދިވަޑައެއްނުގަންނަވާނެ. ދެންމެ ތިޔަބޭފުޅުން ވިދާޅުވިލަވަ އަޅުގަނޑަށް ހަމަވަރަށް ރީތި. އަޅުގަނޑު އަޑުއަހާލަން އެ ލަވަ ބޭނުން. އަޅުގަނޑު ބޭނުންވަނީ ގަނޑެއްގައި ލިޔެފައެއް ނޫން، ސީ.ޑީ.އެއްގައި. އަޅުގަނޑަށް އަޑުއެހޭގޮތަށް ލަވަލިބޭގޮތްވުން. ވަރަށްބޮޑަށް ޝުކުރިއްޔާ! ހަމައެކަނި މިއަދަކަށްނޫން. އިއްޔެއަކަށްވެސްނޫން. މިދިޔަ ދިގު ދުވަސްތަކުގައި ތިޔަބޭފުޅުން، ދިޔަމިގިލީ ވަރަށްގިނަ ބޭފުޅުން، ސާބިތުކަންމަތީގައި ތިއްބަވައި އަޅުގަނޑުމެން ދައްކަމުންއައި ވާހަކަތައް ގަބޫލުކުރައްވައި، އެއީ ޙަޤީޤަތަކަށް ހެދިދާނެކަމަށް، ސާބިތުކަންމަތީގައި ޢަޒުމަށް ގުޑުމެއް ނުގެންނަވައި ތިއްބެވިކަން. ސީދާމަގުންގޮސް އަޅުގަނޑުމެންނަށް އިރާދަކުރެއްވިއްޔާ މިއޮތީ މިރާއްޖެ ހެޔޮވެރިކަމުގެ މަގަށް ފާލަށް އެޅުވިފައި. އިރާދަކުރެއްވިއްޔަކާ އެ ނައްޓައިގެނެއް ދެނެއްނުދާނެ. އަޅުގަނޑުމެންގެ އަތްމަތީގައިއޮތީ، ހެޔޮގޮތުގައި، އޯގާތެރިގޮތުގައި މި ވެރިކަންކުރުން. ނާޖާއިޒު ފައިދާއާއި ގާތްތިމާގެ މީހުންނަށް ހެޔޮގޮތާއި ތަފާތުކުރުމުގަޔާއި، ނިކަމެތިންނާ އަޅާނުލުމާ، މިބާވަތުގެ ނޭދެވޭކަންކަން މިވެރިކަމުގެތެރެއަށް އިރާދަކުރެއްވިއްޔަކާއެއް ފޯރައިގެނެއް ނުދާނެ.

އަޅުގަނޑު ޔަޤީންކުރަނީ ހެޔޮރަޙްމަތްތެރިންނަކީ، ތިމާ ގޯސްހަދަންފެށީމާ އެއީ ގޯހެކޭ ބުނާމީހުން. ދިޔަމިގިލީ ރައްޔިތުންނަކީ އަޅުގަނޑުމެންގެ ރަޙްމަތްތެރިން. އަޅުގަނޑުދެކޭނީ، ތިޔަބޭފުޅުން އަބަދުވެސް އަޅުގަނޑުމެން ހެޔޮމަގުގައި ބައިތިއްބަވާދެއްވާނެކަމަށް. الحمد للّـه. 

ވަރަށްބޮޑަށް ޝުކުރިއްޔާ! الســّلام عليــكم.