بســم اللّـه الرّحمـن الرّحيــم

السّـلام عليـكم

މިސަރުކާރު ދެމިއޮންނަނީ ހަމަ އެންމެ ސަބަބަކަށްޓަކައި. އެންމެ ބޭނުމަކަށްޓަކައި. އަޅުގަނޑުމެންގެ ބޭނުމަކީ، ރައްޔިތުންނަށް އަޅުގަނޑުމެން ވެދީފައިވާ ވަޢުދުތައް، އަޅުގަނޑުމެން ފުއްދައިދިނުން. އަޅުގަނޑު ތިޔަބޭފުޅުންނަށް ޔަޤީންކޮށް އަރުވަން ބޭނުން، ރައްޔިތުންނަށް އަޅުގަނޑުމެން ވެފައިވާ ވަޢުދުތަކާ، އަދި ވަމުންދާ ވަޢުދުތައް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ މި ސަރުކާރުގެ 5 އަހަރުދުވަހުގެ ތެރޭގައި ތިޔަބޭފުޅުންނަށް ފުއްދައިދޭނަން.

އަޅުގަނޑުމެންގެ ވަޢުދުތަކުގެ ތެރެއިން، ބޯހިޔާވަހިކަން އަތްފޯރާފަށުގައި ރައްޔިތުންނަށް ފޯރުކޮށްދިނުން އެއީ، ސަރުކާރުން މުހިންމުކަމެއްދީގެން ކުރަމުންގެންދާ ކަމެއް. އެކަމުގައި މިއަދު އަޅުގަނޑަށް ތިޔަބޭފުޅުންނަށް ދަންނަވާލެވެން އެބައޮތް، އިރާދަކުރެއްވިއްޔާ، މިއަހަރުގެ މެދެއްހާތަނުގައި، މަދުވެގެން 50 ގޭގެ މަސައްކަތް ގުރައިދޫގައި ފަށައިގަނެވޭނެ، ދިގުމުއްދަތުގައި ފައިސާ ދައްކާ ޚަލާޞްކުރާ އުޞޫލުން، ތިޔަބޭފުޅުންނަށް މިރަށުން 50 ގެ، މި އަންނަ އަހަރުގެ ތެރޭގައި އިރާދަކުރެއްވިއްޔާ ލިބިވަޑައިގަންނަވާނެ.

އަޅުގަނޑުމެންގެ ސަރުކާރު އުފެއްދުމަށްޓަކައި، އަޅުގަނޑުމެންގެ ރާއްޖޭގައި އެކިތަން ތަނުގައި ދަތުރުކުރަމުން ދިޔައިރުގައި ފާހަގަވަމުންއައި އެއްކަމަކީ، ރާއްޖޭގެ ރަށްރަށުގައި ވަރަށްގިނަ އަދަދަކަށް ދޮށީ ޢުމުރުގެ މީހުން މާޔޫސްކަންމަތީގައި ބިކަޙާލުގައި އުޅެމުންދާތަން. ހޮޅުއަށިތަކުގައި އެބޭފުޅުން ތިއްބަވާނެ. އަޅުގަނޑުމެންގެ ބޭނުމަކަށްވީ، ދިރިއުޅުމުގެ ފަހުދުވަސްތަކުގައި ވަރަށްބުރަ މަސައްކަތް، ވަރަށްދިގުކޮށް އެބޭފުޅުން ކުރައްވާފައި، އެމަސައްކަތްނިމި، ޢުމުރުގެ ފަހުދުވަސްތައް އުފާވެރިކަމާއި ހިތްހަމަޖެހުމުގައި އެބޭފުޅުންނަށް އުޅުއްވޭނެގޮތެއް ހޯދައިދިނުން. އެބޭނުމަށްޓަކައި ޢުމުރުން 65 އަހަރުންމަތީގެ ކޮންމެ ފިރިހެނަކަށްވެސް އަންހެނަކަށްވެސް 2000 ރުފިޔާގެ ޕެންޝަނެއް މި ސަރުކާރުން އިރާދަކުރެއްވިއްޔާ އެރުވޭނެ. އެފައިސާ މިއަންނަ ހަފްތާގައި މިރަށުގެ އެ ޢުމުރުގެ ބޭފުޅުންނަށް ލިބިވަޑައިގަންނަވާނެ. އަޅުގަނޑުމެން މިއުންމީދުކުރަނީ އެފައިސާއިން ފައިދާ ލިބިގެންދާނީ ހަމައެކަނި އެ ޢުމުރުގެ ބޭފުޅުންނަކަށެއްނޫން. އަޅުގަނޑަށް ލަފާކުރެވޭގޮތުގައި މިރަށުގައިވެސް އެ ޢުމުރުގެ ތިރީހަކަށް ސާޅީހަކަށް މީހުން ދިރިއުޅެމުންދާނެ. އެހެންވީމާ، އަޅުގަނޑު މިދެކެނީ، އެކަށީގެންވާ އަދަދަކަށް އެމަގުން ފައިސާ ވަންނާނެކަމަށް. ތިރީހަކަށް މީހުންނަށްވުރެ މާގިނަ، މިރަށުގައި އެ ޢުމުރުގެ ސަތޭކައެއްހާ މީހުން އެބައުޅޭ. އެހެންވީމާ، މިރަށަށް އެކަށީގެންވާ އަދަދަކަށް ކޮންމެމަހަކުވެސް ފައިސާ ވަންނާނެ. އެފައިސާ މިރަށުގެ އިޤްތިޞާދުގެ ތެރޭގައި ދައުރުވާންފެށީމާ މިރަށުގެ ވިޔަފާރިއާއި ރަށުގެ ކުރިއެރުމަށް އެތައްތަނެއް ހަލުވިވެގެންދާނެކަން އަޅުގަނޑުމެންނަށް ޔަޤީން.

އެހެންވީމާ، މިފުރްޞަތު އަޅުގަނޑުމެން މިބޭނުންކުރަނީ، މިދުވަސްވަރަކީ ރާއްޖޭގައި ފައިސާގެގޮތުންދަތި، ރައްޔިތުންގެ އަތްމަތި އެހާތަނަވަސް ދުވަސްވަރެއްނޫންކަން އަޅުގަނޑުމެންނަށް ފާހަގަކުރެވޭ. މިފައިސާވެސް ރަށުގެ އިޤްތިޞާދުގެ ތެރެއަށް ވަދެގެންދދިޔައިމާ މިރަށަށް އިތުރުފައިދާ ވެގެންދާނެ.

އަޅުގަނޑުމެންނަށް އަބަދުވެސް ފާހަގަކުރެވިފައިއޮތް އެއްކަމެއް، މިރަށު ރައްޔިތުންނަކީ ވިޔަފާރީގެ ރޮނގުގައި ވަރަށް ކުރިއަރައި ތިބިބައެއް. ޚާއްޞަކޮށް، މަސްވެރިކަމުގައާއި، މަސްކައްކާ ހިއްކުމުގައި މިރަށުމީހުން އަދާކުރަމުންދާ ދައުރަކީ ވަރަށްމުހިންމު ދައުރެއް. އަޅުގަނޑުމެން ބޭނުމީ އެމަސައްކަތް ހަލުވިކަމާއެކީގައި ކުރިއަށް ގެންދެވެނޭގޮތެއް ހޯދަން. އެގޮތުން އަޅުގަނޑުމެންނަށް ފާހަގަވާ މައިގަނޑުދެކަމެއް އަދި ތިޔަބޭފުޅުން އަބަދުވެސް ފާހަގަކުރައްވާ ދެކަމެއް އެއީ. ދެކަމެއް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންނަށް ކޮށްދެވެން އެބައޮތް. ސަރުކާރަށް މިދެކަންތައް ހިންގޭނެ. އެއްކަމަކީ، މިރަށުގައި ބޭންކެއްގެ ޚިދްމަތްދިނުން. ބޭންކެއްގެ ޚިދްމަތްދިނުމުގެ މަޝްރޫޢު އަޅުގަނޑުމެން މިގެންދަނީ މިހާރު ކުރިޔަށް. މި ކުރިޔަށްއޮތް ދެމަހެއްހާ ދުވަހުގެ ތެރޭގައި އެބޭންކް އެމީހުންގެ ބްރާންޗް މިރަށުގައި ހުޅުވިގެންދާނެ.

މިހާރު ރާއްޖޭގެ އެކިކަންކޮޅުތަކުގައި ހިންގަމުންގެންދާ ޕޯސްޓް އޮފީހުގެ މައިމަރުކަޒަކަށް މިރަށް ހަދައި، ކުރީގެ ޕޯސްޓް އޮފީސް އަޅުގަނޑުމެން މިބަދަލުކުރަނީ ބޭންކްގެ ޚިދްމަތްދޭ ޕޯސްޓްއޮފީސް ބޭންކަކަށް. އެއީ ދުނިޔޭގެ ވަރަށްގިނަ ތަންތަނުގައި ބޭންކް ތަރައްޤީކޮށް، އަދި ވަރަށް ކާމިޔާބުކަމާއެކީގައި ބޭންކުގެ ޚިދްމަތް ދެމުން އަންނަ ބައެއް. މިހާރު ޕޯސްޓް އޮފީހާ ވާހަކަދައްކައިގެން ސަރުކާރުން މިދަނީ އެކަމުގެ އެންމެފަހުގެ ނިންމުންތަކާއި ހަމަޖެހުންތައް ހަމަޖައްސަމުން. އިރާދަކުރެއްވިއްޔާ އަޅުގަނޑު މިދަންނަވާހެން، ކުރިޔަށްއޮތް ދެމަހެއްހާ ދުވަހުގެތެރޭގައި މިރަށުގައި އެޚިދްމަތް ފަށައިގަނެވޭނޭ. ބޭންކެއް މިރަށުގައި ހުޅުވޭނެ.

ތިޔަބޭފުޅުންގެ ވަރަށްބޮޑު މަސައްކަތުން ތިޔަބޭފުޅުން ތިޔަ ވަޑައިގަންނަވަނީ މިރަށުގައި މަސްމާރުކޭޓެއް ބިނާކުރެއްވުމުގެ މަސައްކަތް ކުރައްވަމުން. އަޅުގަނޑަށް އެނގިފައިއޮތްގޮތުގައި އޭގެ މަސައްކަތުގެ ބޮޑު ބައެއް މިހާރުއޮތީ ނިމިފައި. އެހެންނަމަވެސް، މުޅި މަސައްކަތް ނިންމާލުމަށް އަދި އެކަންކުރައްވަމުން ވަޑައިގަންނަވާ ބޭފުޅުންނަށް، ރައްޔިތުންނަށް އެބަ އެހީތެރިކަމެއް ބޭނުންވޭ. މިއަދު އަޅުގަނޑުމެންނަށް މިވާހަކަވެސް ތިޔަބޭފުޅުންނަށް ދަންނަވާލެވެން އެބައޮތް. އިރާދަކުރެއްވިއްޔާ ސަރުކާރުން އެމަސައްކަތް ނިންމުމަށް ފައިސާގެއެހީއެއް އެފަރާތަށް ވެދޭނެ. އަޅުގަނޑު މިއެދެނީ، އަޅުގަނޑުމެން މިދެކެނީ، މިރަށުގައި ދާދިއަވަހަށް މަސްމާރުކޭޓް ހުޅުވޭނެކަމަށް، އަދި ބޭންކުވެސް މިރަށުގައި ދާދިއަވަހަށް ހުޅުވިގެންދާނެކަމަށް.

ގުރައިދުއަކީ އަޅުގަނޑު ވަރަށްކުރިއްސުރެ ފަށައިގެން ދަންނަ ރަށެއް. އަޅުގަނޑު ވަރަށް ކުޑައިރުއްސުރެފަށައިގެން ދަންނަރަށެއް. އަޅުގަނޑުމެންގެ ވެރިކަމެއްގައި މިރަށަށް ޚާއްޞަކަމެއް ނުބަހައްޓައެއް ނުދެވޭނެ. އެއީ ކިތަންމެ ސަބަބެއް އެބައޮތް. ހަމަ އެންމެބޮޑު އެއްސަބަބަކީ، ކޮޅުމަޑުލުގައި އާބާދީ ބޮޑު ވަރުގަދަ ޞިނާޢަތެއް ހިންގޭނެރަށަކަށް މިރަށް ވާކަން. އެހެންވީމާ، މި ސަރުކާރުން މިރަށާ ދޭތެރޭގައި ބަލަމުން އަބަދުވެސް ގެންދާނަން. މިރަށަށް އަޅުގަނޑުމެންނަށް ދެވެންއޮތް ހުރިހާ ޚިދްމަތެއް ދެމުންދާނަން.

އަޅުގަނޑުމެންގެ ސިޔާސަތަކީ، އަޅުގަނޑުމެން ބަޔަކަށް ކަމެއްކޮށްދެނީ، ޚިދްމަތެއްދެނީ، އޭގެސަބަބުން އަޅުގަނޑުމެންނަށް ބޮޑު ފައިދާތަކެއް ހޯދާކަށެއްނޫން. އަދި އަޅުގަނޑުމެން ހިންގާ ވިޔަފާރިއެއްގެ ސަބަބުން، އަޅުގަނޑުމެންނާ ނުރުހޭބަޔަކަށް ފައިދާއެއް ލިބުން އެއީ، އަޅުގަނޑުމެން ކަންބޮޑުވާނެ ކަމެއްނޫން. އަޅުގަނޑުމެން ނޫޅެން، ބަޔަކަށް އެއްޗެއް ނުލިބޭނެގޮތެއްހަދާކަށް. އަދި އަޅުގަނޑުމެން ނޫޅެން، ބަޔަކަށް ލިބެމުންދާއެއްޗަކަށް ހުރަސްވެސް އަޅާކަށް. އަދި އެހެންބަޔަކަށް ބޮޑު ފައިދާއެއް ހޯދައިދޭކަށްވެސް. އަޅުގަނޑުމެންގެ ހަމައެކަނި އަމާޒަކީ، އަޅުގަނޑުމެން ބަލަން ބޭނުންވަނީ، ތިޔަބޭފުޅުންގެ ޖީބަށް މިއަދު ވަންނަނީ ކިހާވަރެއްތޯ. އަޅުގަނޑުމެންގެ ބޭނުމަކީ އެވަންނަ އެއްޗެއް އިތުރުކޮށްދެވޭތޯ މަސައްކަތް ކުރުން. އެއީ، އިޤްތިޞާދީގޮތުން ހިންގަންޖެހޭ މަޝްރޫޢުތައް ހިންގީމާ ވާނެކަމެއް.

އަޅުގަނޑު މިދަންނަވާވާހަކައަކީ، މި އިތުރުކޮށްދޭ ކޮށްދިނުމުގައި، ނުވަތަ އެމަސައްކަތުގައި އޭގެސަބަބުން ދެން ފައިދާވަނީ ކޮން ވިޔަފާރިވެރިޔަކަށްތޯ އެއީ އަޅުގަނޑުމެން ބަލަން ބޭނުން އެއްޗެއް ނޫން. އަޅުގަނޑުމެން ހަމައެކަނި ބަލަންބޭނުމީ، ތިޔަބޭފުޅުންނަށް، ރައްޔިތުންނަށް އެއިން ލިބެނީ ކޮން ފައިދާއެއްތޯ. ރައްޔިތުންނަށް ފައިދާއެއްއޮތިއްޔާ އޅުގަނޑުމެން އެމަސައްކަތްކުރާނަން.

އަޅުގަނޑުމެންގެ ވިސްނުމަކީ ވަރަށްބޮޑަށް ވިޔަފާރީގެ ވިސްނުމެއް. އަޅުގަނޑުމެންނަށް ވިސްނޭގޮތުގައި، އަޅުގަނޑުމެން ގަބޫލުކުރާގޮތުގައި ރައްޔިތުންނަށް ފައިދާވެގެންދާ އެންމެބޮޑު އެއްގޮތަކީ ވިޔަފާރި ބާރަށް ފުޅާކޮށްގެން، ވިޔަފާރި ބާރަށް ހިންގޭނެގޮތް ހެދުން. އެކަމަށްޓަކައި މަގުފަހިކުރަންޖެހޭ ކަންތައްތަކެއް އެބަހުރޭ، ބަނދަރެއް އޮންނަން ޖެހޭ، ބޭންކެއްގެ ޚިދްމަތް ލިބެންޖެހޭ، މާރުކޭޓެއް ހުންނަންޖެހޭ، މަދަރުސާ ރަނގަޅުވާންޖެހޭ، ޞިއްޙީ ޚިދްމަތް ރަނގަޅުވާންޖެހޭ. އެހެންވީމާ، މިދަންނަވާ މައިގަނޑު އަސާސީ ކަންކަން ރަނގަޅުކޮށްދިނުމަށްޓަކައި، ޚާއްޞަކޮށް ގުރައިދުއަށް ރަނގަޅުކޮށްދިނުމަށްޓަކައި، ގުރައިދުއާ ގުޅޭކަންކަން އަޅުގަނޑުމެން މިހާރުވާނީ ޕްރޮޖެކްޓުތަކެއްގެ ގޮތުގައި ހަދާފައި. މިމަސައްކަތްތައް ދާދި އަވަހަށް ފެށިގެންދާނެ. ތިޔަބޭފުޅުންނަށް މިދިޔަ ހަފްތާގައި ޑޮކްޓަރ ޙުސައިން ރަޝީދު މިރަށުން ދިމާވެފައި އޮންނާނެ. ޙުސައިން ރަޝީދު ވަޑައިގެންނެވީ މަސްވެރިކަމާގުޅޭގޮތުން ކުރިޔަށްގެންދެވެންހުރި ކަންކަމަކީ ކޮބައިތޯބަލައި ހޯދުމަށް.

އަޅުގަނޑުމެނަށް ފާހަގަވި، ސަރުކާރަށް ފާހަގަވި މިރަށުގައި އެބަހުރޭ އައިސް ޕްލާންޓެއް، އެ ހުންނަތާ ވަރަށްގިނަދުވަސްވެއްޖެ. އޭގެބޭނުމެއް ނުކުރެވޭ. އަޅުގަނޑުމެން ބޭނުންވަނީ އޭގެ ބޭނުން މިރަށަށް އެންމެރަނގަޅަށް ކުރެވެނެގޮތަކީ ކޮބައިތޯބަލައި ދެނެގަތުން. އެ ހޯދުމަށްފަހުގައި އެއަށް އަޅުގަނޑުމެންނަށް ހެދެންއޮތްގޮތެއް ހަދައި، އެކަމުގައި އަޅުގަނޑުމެން ކުރިއަށް ދިޔުން. އަޅުގަނޑުމެންނެއް މިރަށުން އެއްޗެއް ބާކީއެއް ނުކުރާނަން. އަދި އަޅުގަނޑުމެންނެއް މިރަށުން އެއްޗެއް އުންޏެއް ނުކުރާނަން. އަޅުގަނޑުމެންގެ ބޭނުމަކީ، ގުރައިދުއަށް ތަރައްޤީ އައުން. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ ފަސްއަހަރު ތެރޭގައި ގުރައިދޫގެ ޙަޔާތުގައި ދުވަހަކުވެސް ނުދެކޭފަދަ ތަރައްޤީއެއް އަޅުގަނޑުމެން ގެނެސްދޭނަން.

މި ސަރުކާރުގެ އަޅުގަނޑުމެންގެ ވަރަށްބޮޑު އުންމީދެއް، އަދި އަޅުގަނޑުމެންގެ ވަރަށްބޮޑު ބޭނުމެއް އެއީ، ތަރައްޤީގެ އިތުރު މަޝްރޫޢުތަކެއް މިސަރަޙައްދުގައިވެސް ހިންގުން. އަޅުގަނޑުމެންދެކެނީ، އެއްތަނުން އަނެއްތަނަށް ފަސޭހަކަމާއެކީގައި ދަތުރުފަތުރުކޮށް އުޅެވުނީމާ ނޫނިއްޔާ ޤައުމެއް ތަރައްޤީ ވެއެއްނުދާނެއޭ. އަޅުގަނޑު މިތާހުންނައިރުގައި އަޅުގަނޑަށްވުރެބޮޑަށް ތިޔަ އެންމެބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ، މިރަށުން ފެށިގެން ތިމަރަފުށްޓާހަމައަށްވެސް ހިނގާފައިދާންވީކަން. މި ސަރުކާރުގެ އަމާޒަކީ، އިރާދަކުރެއްވިއްޔާ މިރަށާ ތިމަރަފުށްޓާ ދެމެދުގައި މަގަކުން ގުޅައިލުން. އަޅުގަނޑުމެން މިއަންނަނީ އެމަސައްކަތްކުރަމުން. އަޅުގަނޑުމެން މިއަންނަނީ އެކަމާގުޅޭ ދިރާސާތައް ހަދަމުން. އަޅުގަނޑުމެންގެ މިފަސްއަހަރުދުވަހުގެ ތެރޭގައި މިދަންނަވާ މަގުގެކަންތައް އަޅުގަނޑުމެން ތިޔަބޭފުޅުންނަށް އިރާދަކުރެއްވިއްޔާ ފޯރުކޮށްދެވޭނެ. އެއީ، މިތަނުން ފެށިގެން ތިމަރަފުށްޓާ ހަމައަށް ފުށްޓަރުފަރާތުގައި ހަމަރީތި މަގެއް އަޅާފައި ބޭއްވުން. އަޅުގަނޑު މިދައްކަނީކީއެއް ހިއްކާ ވާހަކައެއްނޫން. އެހެންނަމަވެސް މަގެއް ހަދާވާހަކަ. ލޮރީއާ އަދި މުދާއުފުލޭވަރުގެ މަގެއް ހެދޭވާހަކަ.

އަޅުގަނޑުމެން އަމާޒުކޮށްގެން މިތިބެނީ މިރަށާ ގާދިއްފުށްޓާދެމެދުގައި މިހިރަ ސޯޅަވަރަކަށް ރަށް އަޅުގަނޑު ހަނދާންވާގޮތުގައި އެރަށްރަށް އެއީ ޓޫރިޒަމްގެ އެކިބޭނުންތަކަށް ބޭނުންކުރެވިދާނެ ރަށްތަކެއް. އެހެންވީމާ، އެރަށްތައްވެސް ބޭނުންކުރުމަށްޓަކައި މަގެއް އެބަ އެޅެންޖެހޭ. އެމަގުގެ ބޭނުން މިރަށްތަކާއެކީގައި އަޅުގަނޑުމެންނަށް ކުރެވޭނެ.

އަޅުގަނޑުމެންގެ އަމާޒަކީ، ތިމަރަފުށްޓާއި ގުރައިދުއާއި ގާދިއްފުށްޓާ ތިންރަށަށް އެއް އިންޖީނުގެއިން ކަރަންޓުވެސް ދިނުން. ބަލާބެލުމުގައި އެއީ މާބޮޑަށް ފައިދާހުރިކަމަކަށްވޭ. އަދި މާ ފަސޭހައިން ކުރެވެންއޮތް ކަމަކަށްވެސްވޭ. ރައްޔިތުންނަށް، ކަރަންޓުގެއަގު، ކަރަންޓަށް ދައްކަންޖެހޭ މިންވަރު އެތައްތަނަކުން ކުޑަވެގެން ދާކަމަކަށްވޭ.

މިއެންމެހާ ކަންކަން ކުރުމަށް ބައިނަލްއަޤްވާމީ ފަރާތްތަކާއި އެކިއެކި ވިޔަފާރިކުންފުނިތައް ތިބެނީ ވަރަށް ތައްޔާރަށް. އަޅުގަނޑުމެންގެ ހިތްތަކުގައި މިއަދާހަމައަށްވެސް އަބަދުވެސް ތަކުރާރުކޮށްކޮށް ބިންވަޅު ނެގިފައި މިއޮންނަނީ، މިރާއްޖެއަކީ، ޤުދްރަތީ ވަސީލަތްތައް މަދު، މިރާއްޖެއަކީ ނިކަމެތި ޤައުމެކޭ، އަޅުގަނޑުމެންނަކަށް މިރާއްޖެ ތަރައްޤީއެއް ނުކުރެވޭނެއޭ، މިއީ ބިކަޙާލުގައި ރައްޔިތުން އުޅެންއޮތް ޤައުމެކޭ. އެހެނެއްނޫން އެކަންއޮތީކީއެއް. އަޅުގަނޑުމެން ހީކުރީ މިހިރަ ގޮނޑުދޮށްތަކަކީ ވައްލަބިސްއަޅާ ގޮނޑުދޮށްތަކެއްކަމަށް. އެތަންތަން ރަނގަޅީ ހަމައެކަނި އެކަމަށްކަމަށް. އެހެންނަމަވެސް، މިއަދު އަޅުގަނޑުމެންނަށް އެނގެނީ މިގޮނޑުދޮށްތަކާ ޔޫރަޕްގެ މާރުކޭޓުތައް ވައިގެދަތުރުފަތުރުން ގުޅައިލެވުނީމާ އެއީ ރަންބިސް އަޅާ ކުކުޅުކަން. އަޅުގަނޑުމެންނަށް އަޅުގަނޑުމެންގެ ޤުދްރަތީ މުއްސަނދިކަމާއި ކަނޑުގެ ރޯދި ހޯދޭނެ. އޭގެ ފައިދައާއި ނަފާ އަޅުގަނޑުމެންގެ ރައްޔިތުންނަށް ފޯރުކޮށްދެވޭނެ. މި ސަރުކާރުގެ އަމާޒަކީ އެއީ. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން އެކަންކަން ކުރުމުގައި ދެމިތިބޭނަން.

އަޅުގަނޑުމެން އަބަދުވަސް ގަބޫލުކޮށް ތިބެނީ، އަޅުގަނޑުމެންގެ ސަރުކާރަށް ލިބޭ ކޮންމެ ފައިސާ ފޮއްޗަކީވެސް އަދި ސަރުކާރުގައިވާ ކޮންމެ މުއްސަނދިކަމަކީވެސް ހަމަސީދާ ތިޔަބޭފުޅުންގެ ފައިސާ. އެފައިސާއަށް އަޅުގަނޑުމެން ކަމޭހިތަން ޖެހޭނެ. އެފައިސާއަށް ޚިޔާނާތްތެރިވެގެންނުވާނެ. އަޅުގަނޑުމެންގެ ހިތްތަކުގައި އަބަދުވެސް މިކަން މިވަނީ ބިންވަޅުނަގާފައި. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ތިޔަބޭފުޅުންގެ ފައިސާއަކަށް ޚިޔާނާތެއް ނުވާނަން. އަދި އިންސާފުވެރިގޮތުގައި އެފައިސާ ބޭނުންކުރަމުންގެންދާނަން. އަޅުގަނޑު ތިޔަބޭފުޅުންނަށް ޔަޤީންކޮށް އަރުވަން ބޭނުންވަނީ، އަޅުގަނޑުމެންގެ މިމަޝްރޫޢުތައް ހިންގުމުގައި އަޅުގަނޑުމެން ދެމި ތިބޭނަމޭ.

އަދި އިތުރަށް އަޅުގަނޑު ވާހަކައެއް ދަންނަވާލަން ބޭނުން. މި ސަރުކާރަކީ އެންމެ ފިޔަވަޅެއްވެސް ފަހަތަށް އަޅާނެ ސަރުކާރެއްނޫން. އަގަނޑުމެންނެއް ޖެހިލުމެއްނުވާނެ. އަޅުގަނޑުމެންނެއް ބިރެއް ނުގަންނާނެ. އަޅުގަނޑުމެން އަޅުގަނޑުމެންގެ ޢަޒުމުގައި ކުރިއަށްދާނަން. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ ކަންކަން އަޅުގަނޑުމެން ކާމިޔާބުކުރާނަން. އަޅުގަނޑުމެންނަށް މިފިޔަވަޅަށް އައިސް ހުއްޓި މިތިބެވެނީ، ތިޔަބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ، އެކަންނުވާނެއޭ މިރާއްޖޭގައި ބަޔަކު ހިތަށްއެރި ހުރިހާކަމެއް އަޅުގަނޑުމެންނަށް ކުރެވުމަށްފަހުގައި. ދެން މިއޮތީ ޙަޤީޤަތުގައި އަޅުގަނޑުމެންނަށް އަދި ފަސޭހަބައެއް. މިއަދު ކުރިޔަށްވުރެ އަޅުގަނޑުމެންނަށް މާޔަޤީން. މާ އިތުބާރުބޮޑު އަޅުގަނޑުމެންގެ މަސައްކަތް އަޅުގަނޑުމެންނަށް ކުރިޔަށްގެންދެވޭނެކަން.

އަޅުގަނޑު ބައެއްފަހަރަށް ހިނި އާދޭ، އަޅުގަނޑުމެންގެ ސަރުކާރު ވައްޓާލެވިދާނެ ކަމަށް، ބަދަލުކުރެވިދާނެކަމަށް ބޭފުޅުންގެ ހިތްޕުޅަށް އަރާތީވެ. ތިޔަބޭފުޅުންނަށް އެނގިވަޑައިގަންނަވާތޯ، އަޅުގަނޑުމެންނަކާ ކުޅިވަރުކުޅޭކަށް، އަދި ޚާއްޞަކޮށް ސިޔާސީ ރޮނގުގައި، ސިޔާސީ މައިދާނުގައި އަޅުގަނޑުމެންނާ ފައިހަމަކުރަން މިރާއްޖޭގައި ބަޔަކަށް އާދެވޭނީ އަދި އެތައް އަހަރެއްފަހުން. މިހާރަކު މިރާއްޖެއަކުނެތް އިދިކޮޅު ވާދަވެރި ސިޔާސީ ޕާޓީއެއް، މިޕާޓީއާ ގާތްކުރެވޭނެ. އަޅުގަނޑުމެންނަށް އަޅުގަނޑުމެން މިބޭނުން މަސައްކަތްތައް، ބަރާބަރަށް ހަމަޖެހުމުގައިތިބެ ކުރަމުންގެންގޮސް ކޮޅުގައި ޖެއްސޭނެ.

އަޅުގަނޑުމެން އަބަދުވެސް ބޭނުންވެގެންއުޅެނީ ވާދަވެރި ސިޔާސީ ނިޒާމު. އަޅުގަނޑުމެން ބޭނުންވަނީ ޞުލްޙަވެރި ސިޔާސީ ޙަރަކާތް. އަޅުގަނޑުމެންނެއް ރައްޔިތުން ގެންގޮސް ހިފާ ހައްޔަރެއް ނުކުރާނަން. އަޅުގަނޑުމެންނެއް ރައްޔިތުންނަކަށް އަނިޔާއެއް ނުކުރާނަން. އަޅުގަނޑުމެންނެއް ޚިޔާލުފާޅުކުރުމުގެ މިނިވަންކަން ނަގައެއްނުލާނަން. އަޅުގަނޑުމެންނެއް އެއްވެއުޅުމުގެ މިނިވަންކަން ނަގައެއްނުލާނަން. އަޅުގަނޑުމެން އެކަންކަމަށް ތަރުޙީބުދޭނަން. އަޅުގަނޑުމެން ގަބޫލުކުރާ ޑިމޮކްރެސީގެ ހަމަތައް އެއީ.

ތިޔަ އެންމެ ބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ މިއުޞޫލުތައް މިރާއްޖެއަށް ތަޢާރަފުކުރުމަށް އަޅުގަނޑުމެން ކުރި މަސައްކަތް. މިއަދު އަޅުގަނޑުމެންނަށް މިވަނީ އެމަސައްކަތް އިރާދަކުރައްވައިގެން ކާމިޔާބުވެފައި. އަޅުގަނޑު ގުރައިދުއަށްއައިސް މިއަދު އެންމެ އުފާވި އެއް ސަބަބަކީ އެއީ. ޚިޔާލުފާޅުކުރުމުގެ މިނިވަންކަމާ އިދިކޮޅުހެދި ފަރާތްތަކުން މިއަދު އިދިކޮޅު ޚިޔާލު ފާޅުކުރަމުން ގެންދާތީ. އެއީ، އަޅުގަނޑުގެ ނަޒަރުގައި، އަޅުގަނޑުގެ ޙަޔާތުގައި މިއަށްވުރެބޮޑު ކާމިޔާބެއް ޑިމޮކްރަސީއަކަށް ނުލިބޭނެ.

އަޅުގަނޑު ހަމަ ވަރަށް އިޚްލާޞްތެރިކަމާއެކީގައި އެންމެ ބޭފުޅުންގެ އަރިހުން އެދެން، އެއްވެސް ޙާލެއްގައި އެއީކީއެއް އަޅުގަނޑުމެން ރުޅިވެރިވާންވީ ކަމެއްނޫނޭ. އެކަކު އަނެކަކުދެކެ ރުޅިއަންނަންވީ ސަބަބެއްނޫނޭ. އަޅުގަނޑުމެންގެ ޚިޔާލު ތަފާތުވެދާނެ. އަދި ތަފާތުވާ ޚިޔާލުގެ ޝުޢޫރުތައް އަޅުގަނޑުމެން ފާޅުކުރަމުން ގެންދަންވެސް ޖެހޭނެ. އޭގެސަބަބުން ނުކުންނާނެ އެއްވެސް ގޯހެއް ނޯންނާނެ. ހައްތަހާވެސްވާނީ ރަނގަޅު. އިދިކޮޅު ޚިޔާލު، ވާދަވެރި ސިޔާސަތެއް ގެންގުޅެވުނީމާ ވެރިކަމުގައިތިބޭ މީހުންނަށް ފުރިހަމަގޮތުގައި ރަނގަޅުގޮތުގައި ވެރިކަންކުރަމުން ގެންދެވޭނީ. އަބަދުވެސް ބަޔަކުތިބެންޖެހޭނެ ފާރަލާ ބަލަން.

އަޅުގަނޑުމެންނަށް މިއަދު ދިމާވެގެން މިއުޅޭކަމަކީ، ވާދަވެރި ޕާޓީއެއްނެތުން. ޑީ.އާރު.ޕީ އަކީ ޕާޓީއެއް ނޫން. އަޅުގަނޑުމެންނަށް އަބަދުވެސް ދިމާވެ، މިވާ އެއް އުނދަގުލަކީ، ޕާޓީގެ ނިޒާމު މިރާއްޖޭގައި ޤާއިމުކުރަން ފުރަތަމަ އަޅުގަނޑުމެން ފަށައިގަތްއިރުގައިވެސް ތަކުރާރުކޮށް އަޅުގަނޑުމެން އެދެމުން އައިން ރަނގަޅު ސިޔާސީ ނިޒާމެއްގެ ތެރޭގައި ރަނގަޅު ސިޔާސީ ޕާޓީއެއް އުފެއްދުމަށް. މި ސިޔާސީ ޕާޓީ އުފެއްދުމަށްޓަކައި އަޅުގަނޑުމެން އެއިރުގައިވެސް އެބޭފުޅުންގެ އަރިހުގައި އަބަދުވެސް އެދެމުން ދިޔައިން އެބޭފުޅުންގެ އެތެރޭގެ ޑިމޮކްރަސީ ވަރުގަދަކުރައްވާށޭ. އެބޭފުޅުންގެ މެދުގައި ވޯޓުލުން ކުރިޔަށް ގެންދަވާށޭ. މިހާރު ބައްލަވާ، އެބޭފުޅުންގެ ލީޑަރެއް ނެތިގެން އެބޭފުޅުންނަކަށެއްނެތް މިޒަމާނުގެ ވިސްނުމާއި މިޒަމާނުގެ ފިކުރާއެކީގައި، އެޕާޓީއާއެކު ނުކުމެ، ރައްޔިތުންނަށް އެހީތެރިވެދެވޭނެ، ނުވަތަ ރައްޔިތުންނަށް ޚިދްމަތްކޮށްދެއްވޭކަށް. އެހެން އޮންނަ ތަނެއްގައި އަޅުގަނޑުމެން ކަންބޮޑުވޭ. އަޅުގަނޑުމެން ބޭނުން ރަނގަޅު ވާދަވެރި ސިޔާސީ ޕާޓީއެއް. އެހެންވީމާ، އަޅުގަނޑު ވަރަށްބޮޑަށް އެދެން، އެޕާޓީ އުފެދުމަށް ތިޔަބޭފުޅުން ޖާގަ ދެއްވަންޖެހޭނެ.

އަޅުގަނޑަށް އެނގޭ، ގުރައިދޫގެ ވަރަށްގިނަ ރައްޔިތުންނަކީ އަޅުގަނޑުމެންނަށް ތާއީދުކުރާ ބައެއްކަން. އަދި ހަމަ އަޅުގަނޑަށް އެނގޭ، ގުރައިދޫގައި މަދުންނަމަވެސް އަޅުގަނޑުމެނަށް ތާއީދުނުކުރައްވާ ބޭފުޅުން ތިއްބަވާފާނެ. އެހެންނަމަވެސް، އަޅުގަނޑު ތިޔަބޭފުޅުންގެ ކިބައިން މިއެދެނީ، އެބޭފުޅުން އަޅުގަނޑުމެންނަށް ތާއީދު ނުކުރައްވާ ބޭފުޅުންނަށް ޖާގަދެއްވާށޭ. ފުރްޞަތުދެއްވާށޭ. އިންކާރުކުރުމަށް އަބަދުވެސް ޖާގަ އޮންނަން ޖެހޭނެއޭ. އެއީކީއެއް އަޅުގަނޑުމެން އެކަމާ ރުޅިއަންނަށްވީ ކަމެއްނޫނޭ، ޙަސަދަވެރިވާންވީ ކަމެއްނޫނޭ، އެއީ، ހަމަ އަޅުގަނޑުމެން ތަރްޙީބުދީ، މަރްޙަބާ ކިޔަންވީ ކަމެކޭ.

އަޅުގަނޑުމެން ސަރުކާރު ހިންގުމާ ޙަވާލުވެ، މިހާރު ތިންމަސްވަމުންދާއިރުގައި ފެންނަ އަނެއް މަންޒަރަކީ، ސިވިލް ސަރވިސްގެ ބައެއް ބޭފުޅުންނަށް އަދިވެސް މުޅިން ހަޖަމެއް ނުކުރެއްވޭ، ސަރުކާރު މިހާރުވަނީ ބަދަލުވެފައިކަމަކަށް. އެބޭފުޅުންނަށް ވަރަށް ރަނގަޅަށް، ވަރަށް ސާފުކޮށް އެނގިވަޑައިގަންނަވަންވީ ސިވިލް ސަރވިސްގެ މުވައްޒަފުންނަކީ، ހަމައެކަނި ސިޔާސީ ކަންކަމުގެ ތަންފީޒީ މަރްޙަލާގައި ތިއްބަވާ ބައެއްކަން. އަޅުގަނޑުމެންގެ އެއްވެސް ކަމަކަށް ހުރަސް އަޅާކަށް އަޅުގަނޑު ޖާގައެއް ނުދޭނަން. އަޅުގަނޑެއް ޖާގައެއްނުދޭނަން. އަޅުގަނޑުމެން ހިންގާ ޕްރޮގްރާމެއް ހިންގުމަށްޓަކައި އަޅުގަނޑުމެންނަށް ރައްޔިތުން މިވަނީ، ތާއީދުދެއްވާފައި. ރައްޔިތުން އަޅުގަނޑުމެން އިންތިޚާބުކޮށްފައި މިވަނީ އަޅުގަނޑުމެންގެ މެނިފެސްޓޯ ހިންގުމަށްޓަކައި. އަޅުގަނޑުމެންގެ ސިޔާސަތު ހިންގުމަށްޓަކައި. އަޅުގަނޑުމެން މިތަނުގައި މާރުކޭޓެއް އެޅުމަށް އެހީވުމަށްޓަކައި، އަޅުގަނޑުމެން މިތަނުގައި ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށްޓަކައި، ރައްޔިތުން އަޅުގަނޑުމެންނަށް މިތާއީދު ދީފައި މިވަނީ. ދެން އަޅުގަނޑުމެން އެމަސައްކަތްތައް ކުރަމުންދާއިރުގައި އެކަންކަން އަޅުގަނޑުމެންނަށް ކޮށްދޭން ތިބި ބަޔަކީ، ކޮށްދޭންޖެހޭ ބަޔަކީ، ސިވިލްސަރވިސް މުވައްޒަފުން.

ތިޔަބޭފުޅުންނަށްވެސް ވަރަށް ރަނގަޅަށް އެނގިވަޑައިގަންނަވާނެ، މިރާއްޖެއަށް އާމްދަނީގެ ގޮތުގައި ލިބެނީ 7 ބިލިއަން ރުފިޔާ. އޭގެތެރެއިން 4 ބިލިއަން ރުފިޔާ އަޅުގަނޑުމެން މިޚަރަދުކުރަނީ، ސިވިލް ސަރވިސް މުވައްޒަފުންނަށް. މިދިޔަ ހަފްތާގައި އަޅުގަނޑުމެން އެބޭފުޅުންނަށް އަނެއްކާ އެއް ބިލިއަން ރުފިޔާ އިތުރުކޮށްދީފިން. އަޅުގަނޑު ބައެއްފަހަރަށް ހިތަށްއަރާ ކޮބާ ބާވައޭ މީގެ އިންޞާފަކީވެސް. 7 ބިލިއަންރުފިޔާ ލިބޭއިރުގައިވެސް އޭގެތެރެއިން ބޮޑުބައެއް ރާއްޖޭގެ މިހާ މަދު މީސްކޮޅަކަށް މުސާރައިގެގޮތުގައި އަޅުގަނޑުމެން ބަހާލަންޖެހޭތީ. ތަރައްޤީގެ އެހެން މަޝްރޫޢުތަކަށް ހޯދަންޖެހޭ ލާރި، ފައިސާ، އަޅުގަނޑުމެން މިޖެހެނީ ދަރަންޏަށް ނަގަން. ދަރަންޏަށް ނެގީމާ އަނެއްކާވެސް ހަމަ ތިޔަބޭފުޅުންގެ ބޮލުގައި އެދަރަނި އެޅިގެންދަނީ. ރާއްޖެ ދަރަނިވެރިވެފައިއޮތް މިންވަރުން، މިއަދަކު އަޅުގަނޑުމެންނަކަށެއް ބުއްދިވެރިއެއްނޫން، ބޭރުޤައުމުތަކުން، ނުވަތަ މާލީ އިދާރާތަކުން ދަރަންޏަށް ފައިސާ ނެގުން. ދަރަނީގެ މިންވަރު އެހާބޮޑުވެފައި މިވަނީ.

އަޅުގަނޑުމެންގެ އުފެއްދުންތެރިކަމާ އަޅާބަލާއިރު އަޅުގަނޑުމެންނަކަށް އެމް.އެމް.އޭ އިން ދަރަންޏަށް ފައިސާ ނެގޭކަށެއްނެތް. އެއީ، ފައިސާ ޗާޕު ކުރީމާ ފައިސާގެއަގު ވެއްޓިގެންދާނެ. އަޅުގަނޑު ދަންނަވާނީ، މިއަށްވުރެވަކި އުނދަގޫކޮށް، ސަރުކާރެއް ހިންގަން ފެށުމަކަށް ބަޔަކަށް ހަވާލެއް ނުވެވޭނެއޭ. އެހެންނަމަވެސް، އަޅުގަނޑުމެން އަބަދުވެސް ބުނަމުންއައި ވާހަކައެއް އެއީ، އެމް.ޑީ.ޕީ.އޭ ޙިކްމަތްތެރިބަޔަކީ، އެމް.ޑީ.ޕީ.އޭ ވިސްނުންތެރިބަޔަކަށްވާނީ. އެމް.ޑީ.ޕީ ގެ ތެރޭގައޭ، ޤާބިލްމީހުން ތިބޭނީ. އެމް.ޑީ.ޕީ.އަށޭ ކަންކަމާ ގުޅޭގޮތުން ސިޔާސީ ނަޒަރިއްޔާތުގައި ވިސްނޭނީ.

އަޅުގަނޑުމެންނަށް ރާއްޖޭގެ އިޤްތިޞާދު މުޅިން އެހެން މަގަކަށް އަނބުރާލެވިއްޖެ. އަދި އެގޮތުގައި އަޅުގަނޑުމެންނަށް ތަރުތީބު ކުރެވިއްޖެ. ގަބޫލުފުޅު ކުރައްވާ 65 އަހަރުން މަތީގެ ބޭފުޅުންނަށް އަޅުގަނޑުމެން މިއަރުވާ ޕެންޝަނާއި، އަދި ހެލްތު އިންޝުއަރެންސްގެ ގޮތުގައި އަޅުގަނޑުމެން މިކޮށްދޭ، ހިލޭ ބޭސްފަރުވާ، އެއީކީއެއް އިތުރަށް އަޅުގަނޑުމެން ހޯދި ފައިސާއެއް ނޫން. ހަމަ މީގެކުރީގައިވެސް އިސްރާފު ކުރަމުން ގެންދިޔަ ފައިސާ، އަޅުގަނޑުމެން އިސްރާފުކުރުން ހުއްޓާލީ. ވެލްފެއަރގެ ގޮތުގައި ވަރަށްގިނަ ޢަދަދެއްގެ ފައިސާ މިހުންނަނީ މީގެކުރީގައި، ތީމުގޭގައާއި ރިޔާސީގަނޑުވަރުގައި. އަޅުގަނޑުމެން ހީކުރަނީ އެއީ، އާންމު ރައްޔިތުންނަށް ބޭސްފަރުވާ ކޮށްދިނުމަށް ހުރި ފައިސާކަމަށް. އެކަމަކު ހިސާބު ބަލާލީމާ އެބަ އެނގޭ، މިފައިސާ ޚަރަދުވެފައިހުރީ ބޭބެއިންނަށާއި، ޅިޔަނުންނަށާއި، ކޮއްކޯއިންނަށާއި، ގާތްތިމާގެ މީހުންނަށް. ސިންގަޕޫރުގައި އެތައް ޒަމާނެއްވަންދެން ކޮންމެވެސް ބޭބޭފުޅެއް، ކޮއްކޯފުޅެއް، ގާތްތިމާގެ ބޭފުޅެއް ހުންނަވައިގެން ބޭސްކުރައްވަނީ، ކުރައްވަނީ، ކުރައްވަނީ. ކޮންމެ މަހެއްގެމައްޗަށް ވިހިހާސް، ތިރީސްހާސް، ސާޅީސް ހާހުން ޑޮލަރުދަނީ. ކޮންބައެއްގެ ފައިސާއެއްތޯ، ހަމަ ތިޔަބޭފުޅުންގެ ފައިސާ. އަޅުގަނޑުމެންގެ ކުރިމަތީގައި އޮތް ސުވާލަކީ، ކިހިނެއްހޭ މިފައިސާ ޚަރަދުކުރާނީ. ކޮބައިތޯއޭ މިފައިސާ ޚަރަދު ކުރުމުގެ އެނމެރަނގަޅުގޮތަކީ.

ރަނގަޅަށް އެނގިވަޑައިގަންނަވާނެ، އަޅުގަނޑުމެން ސަރުކާރު ހިންގުމާ ޙަވާލުވިއިރުގައި ތީމުގޭ ބަޖެޓް 400 މިލިއަން ރުފިޔާއަށްވުރެ މަތި. އަޅުގަނޑުމެން މިހާރު އެބަޖެޓު މިހިންގަނީ، 40 މިލިއަން ރުފިޔާއިން. އަޅުގަނޑުމެން ހަވާލުވީއިރުގައި ރައީސް އޮފީހުގެ ބަޖެޓަކީ، އަނެއް 400 މިލިއަން ރުފިޔާއިން މައްޗަށް ގޮސްފައި އޮތް ބަޖެޓެއް. އަޅުގަނޑުމެން މިއަދު އެމަސައްކަތް މިކުރަނީ، 40 މިލިއަން ރުފިޔާއިން.

އަޅުގަނޑުމެންނަށް އެބައޮތޭ ހަމަގޮތުގައި ފައިސާ ބޭނުންކޮށްގެން ރައްޔިތުންނަށް ރަނގަޅު ޚިދްމަތް ކޮށްދެވެން. އަޅުގަނޑު ތިޔަބޭފުޅުންނަށް ޔަޤީންކަން އަރުވަނީ، އަޅުގަނޑުގެ ގާތްތިމާގެ މީހަކަށް ތިޔަބޭފުޅުންގެ ފައިސާއެއް އަޅުގަނޑެއް ޚަރަދެއް ނުކުރާނަމޭ. އަޅުގަނޑުގެ ޅިޔަނުންނަށް، ފަހަރިންނަށް، އަޅުގަނޑުގެ ބޭބެއިންނަށް ކޮއްކޮއިންނަށް، އަޅުގަނޑަކީވެސް ޢާއިލާ ކުޑަ މީހެއްނޫން، އެމީހުންނަކަށް ތިޔަބޭފުޅުންގެ ފައިސާއެއް ނާޖާއިޒުގޮތުގައި އަޅުގަނޑު ޚަރަދުކުރަމުންނެއް ނުގެންދާނަން.

މިދިޔަ ސަރުކާރު ބަދަލުކުރުމަށް ތިޔަބޭފުޅުން ބޭނުންފުޅުވި އެންމެބޮޑު އެއްބޭނުމަކީ މިއީ. ތިޔަބޭފުޅުންނަށް ރާއްޖޭގެ މުއްސަނދިކަމުގެ ފައިދާ ލިބުން. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން އެފައިދާ ތިޔަބޭފުޅުންނަށް ފުރޮޅާލަދޭނަން. އަޅުގަނޑު ހަމަ ތަކުރާރުކޮށް ދަންނަވަން ބޭނުންވަނީ ދެނުކުތާ. 1- ތިޔަބޭފުޅުން ބޭނުންވާ ކަންކަން މި ސަރުކާރުންވާނެ. އެކަންވުމަށްޓަކައި ތިޔަބޭފުޅުން މިސަރުކާރަށް ތާއީދުކުރައްވާކަށް ޖެހިވަޑައެއްނުގަންނަވާނެ. އެކަން މިއޮތީ ނިމިފައި. ރައްޔިތުން މި ސަރުކާރަށް ތާއީދުކޮށް ނިންމައި، މި ސަރުކާރު މިއޮތީ ޤާއިމުކޮށްފައި. ދެނެއް މިފަސްއަހަރު ދުވަހުގެ ތެރޭގައި އަޅުގަނޑުމެންނެއް މިމަގާމަކުން އިރާދަކުރެއްވިއްޔާ ވަތްކެއް ނުކުރެވޭނެ. ދުވަސް ގުނުއްވާނެކަމެއްވެސް ނެތް. މާޔޫސްވެ އުޅުއްވާނެ ކަމެއްވެސްނެތް. ހަމަ މިހާރު ދެން ހިތް ހަލާލުކޮށްގެން އަޅުގަނޑުމެންނާއެކީގައި، ރަށާއި، އަތޮޅާއި، ރާއްޖޭގެ ތަރައްޤީގެ މަސައްކަތުގައި ނުކުންނެވުން ނޫން ގޮތެއް ނެތް.

އަޅުގަނޑުމެނެއް ނޫޅެން އެއްވެސްމީހަކު ބާކީކުރާކަށް. އެހެންނަމަވެސް، ގަބޫލުފުޅު ކުރައްވާތި އަޅުގަނޑުމެންނަށް އުނދަގޫވަންޏާ، އޮންނާނެ ކޮންމެބައެއްގެވެސް މިންގަނޑެއް. އަޅުގަނޑުމެންނަކީ ސިޔާސީ ޙިކުމަތް ހުރި ބައެއް. އަޅުގަނޑުމެން ނުޖެހޭނެ ބަޔަކު ހިފާހައްޔަރުކުރާކަށް. އެމީހަކު ދުރުކުރާކަށް. އަޅުގަނޑުމެން ހަދާނެ އެއްތިރީސް ގޮތް، އެކަމުން އަޅުގަނޑުމެން އަރައިގަންނަން. އަޅުގަނޑުމެންނަކީ އަބަދުވެސް ހަކުޅި ކުރިޔަށް ވިސްނައިގެން މިކަން ކުރަމުން އަންނަ ބައެއް. އަޅުގަނޑުމެން އަރާނެ ގެ ހުހެއްނުވާނެ. އަޅުގަނޑުމެން ބަލަބަލާތިއްބާ 30 އަހަރުގެ ސަރުކާރެއް އަރާނެ ގެ ހުސްވެގެން ދިޔައީ. އިރާދަކުރެއްވިއްޔާ މިމަސައްކަތް އަޅުގަނޑުމެން ތިޔަބޭފުޅުންނަށް ކޮށްދޭނަން. އަޅުގަނޑު ސާބިތުކަންމަތީގައި މިކަމުގައި ހުންނާނަން. އަދި އަޅުގަނޑު ޔަޤީންކޮށް އަރުވަން، ކޮންމެދުވަހަކު މަދުވެގެން 14 ގަޑިއިރު އަޅުގަނޑު މަސައްކަތުގައި އުޅޭނަން. އުޅެ މިރާއްޖެ އަޅުގަނޑުމެނަށް ތަރައްޤީ ވެވޭނެ. މި ގުރައިދޫއަކީ، މިރާއްޖޭގެ ރައްޔިތުން ފަޚުރުވެރިވާ ރަށަކަށް އަޅުގަނޑުމެންނަށް އިރާދަކުރެއްވިއްޔާ ހަދާލެވޭނެ.

އަޅުގަނޑު އެންމެފުރަތަމައިނުން ރާއްޖޭގެ އަތޮޅުތަކުގެ ރަށަކަށް އައި ރަށަކީވެސް މީއީ. އަޅުގަނޑު އެންމެ ކުޑައިރުއްސުރެ ފަށައިގެން އައިސްއުޅޭ ރަށަކީވެސް މީއީ. އަޅުގަނޑު ދަންނަވާނީ، އަޅުގަނޑުމެން އެންމެންގެ އުންމީދެކޭ އެއީ، މާދަމައަކީ މިއަދަށްވުރެ ފާގަތި ދުވަހަކަށް ވެގެންދާނެކަމަށް. މިގުރައިދޫއަކީ އަޅުގަނޑުމެންގެ އެންމެންގެ އުންމީދަކަށް ވެގެންދާނެކަމަށް. الحمد للّـهوالســّلام عليــكم.

ވަރަށްބޮޑަށް ޝުކުރިއްޔާ!