بســم اللّـه الرّحمـن الرّحيــم

السّـلام عليـكم

މިއަދަކީ، އަޅުގަނޑުވެސް ވަރަށް އުފާވާ ދުވަހެއް. އަޅުގަނޑުމެންގެ ވަރަށްބޮޑު އުންމީދެއް މިއީ، ރާއްޖޭގެ ސަރުކާރުން މަޑިފުށްޓަށް އަޅާލަންވާ ޙަޤީޤީ މިންވަރަށް އަޅާލެވެނޭ ގޮތެއް އަޅުގަނޑުމެންނަށް އުފެއްދޭތޯ، މެދުވެރިކުރެވޭތޯ، މަސައްކަތްކުރުން. އެ މަސައްކަތުގައި މަޑިފުށީގެ ވަރަށް ގިނަ ރައްޔިތުން ބައިވެރިވި. ޚާއްޞަކޮށް، ދެންމެ މިތަނުން އިވިގެން އެ ދިޔައީ ޙިލްމީގެ އަޑު. މަޑިފުށިގައި އަޅުގަނޑުމެން މިކުރަމުން އައި ދިގުމަސައްކަތުގައި ޙިލްމީއާއެކުގައި ބައިވެރިވެވަޑައިގެންނެވި ބޭފުޅުން ވަރަށް ގިނަ.

މިއަދު މި ރާއްޖޭގައި އުފެދިފައި މި އޮތީ ސީދާ ތިޔަބޭފުޅުންގެ ސަރުކާރެއް ކަމަށް ކިތަންމެގޮތަކުން ދެންނެވިދާނެ. އަދި އަޅުގަނޑުމެން މި އުންމީދު ކުރަނީވެސް، އަޅުގަނޑުމެން ބިނާކުރަމުން މި އަންނަނީވެސް، ރައްޔިތުންގެ ސަރުކާރެއް. އޭގެއިތުރުން، މި ސަރުކާރަކީ ކޮޅުމަޑުލުގެ ސަރުކާރެއް. ވަރަށްބޮޑު ދަރަޖައަކަށް ތ. އަތޮޅުގެ ސަރުކާރެއް. އަދި ޚާއްޞަކޮށް، މިރަށަކީ މި މަސައްކަތުގައި އަޅުގަނޑުމެންނަށް ވަރަށްބޮޑު ތަރުޙީބެއް ލިބިގެންދިޔަ ރަށެއް. ޙަސަން ޢަފީފަކީ މި ސަރުކާރު ނުވަތަ މި ރާއްޖޭގައި ހިނގައިމިދިޔަ ބޯދާވެރިކަން އަދި ގިނަދުވަސްވީ ވެރިކަމުގެ ނިޒާމު ބަދަލުކުރުމުގައި އަޅުގަނޑަށް އެހެން އެއްވެސް ބޭފުޅަކު ހިތްވަރުނުދޭ މިންވަރަށް، އެހީތެރިވެދެއްވަމުން ވަޑައިގެންނެވި ބޭފުޅެއް. ޙަސަން ޢަފީފަކީ އަޅުގަނޑު ވަރަށް ކުޑައިރުއްސުރެ ފަށައިގެން، އަޅުގަނޑު ދަންނަވާނީ ހަމަ އެއްނަޒަރަކުން ދެކޭއިރުގައި، އަޅުގަނޑުގެ އިނގިލިކުރީގައި ހިފައިގެން، އަޅުގަނޑު މިކަމުގެ ތެރެއަށް ނެރެ އަޅުގަނޑަށް އެންމެބޮޑަށް ހިތްވަރު ދިން އެއްބޭފުޅެކޭ. އަޅުގަނޑު މިއަދު މިރަށުގައި ހުރެގެން ޙަސަން ޢަފީފަށް އެކަމަށް ޝުކުރު ދަންނަވަން.

އަޅުގަނޑުމެން މިކުރާ ދަތުރުތަކަކީ، އަޅުގަނޑުމެން ސަރުކާރު ހިންގުމާ ހަވާލުވުމަށްފަހުގައި އަޅުގަނޑުމެންގެ ސިޔާސަތު ތަންފީޒު ކުރަމުން ގެންދާއިރުގައި، ވަކިވަކި ރަށްރަށަށް އަޅުގަނޑުމެންނަށް ދެން ފޯރުކޮށްދެވެން އޮތީ ކޮންކޮން ކަންތައްތަކެއްތޯ މިހާރު އިހުނަށްވުރެ ބޮޑަށް އަޅުގަނޑުމެންނަށް ސާފުވެފައިވާތީވެ، އެ މަޢުލޫމާތު ތިޔަބޭފުޅުންނާ އެކީގައި ޙިއްސާ ކޮށްލުމަށް ކުރެވޭ ދަތުރުތަކެއް. އެހެންވީމާ، މިދަތުރުތަކުގައި ގިނައިން އަޅުގަނޑުމެންނަށް ކިޔައިދެވެނީ، އަޅުގަނޑުމެން ކޮށްދޭނެ ކަންތައްތައް، ކޮށްދިނުމަށް ރޭވިފައިހުރި މަޝްރޫޢުތައް، ކަންކަން ހިނގަމުންދާ ގޮތުގެ ޚުލާޞާތައް. އެކަން އިރާދަކުރެއްވިއްޔާ އަޅުގަނޑު ކުރަމުން މިގެންދަނީ ވަރަށް އުފަލާއެކީގައި. އެހެން މީހަކަށް ކަމެއްކޮށްދެވޭއިރުގައި އެކަމުގެ ހިތްހަމަޖެހުން އެމީހަކަށް ލިބޭނެ.

އަޅުގަނޑުމެން މިދިޔަ ހަތަރު އަހަރު ދުވަހުގެ ތެރޭގައި ރަށްރަށަށް ދަތުރުކުރަމުން އައިއިރުގައި އަޅުގަނޑުމެންނަށް އަބަދުވެސް ފެންނަމުންދިޔަ އެއް މަންޒަރަކީ އަދި ޚާއްޞަކޮށް ސުނާމީއަށްފަހުގައި ރާއްޖޭގައި ޢުމުރުން ދުވަސްވީ ވަރަށް ގިނަބަޔަކު ވަރަށް ނިކަމެތި ބިކަ ހާލުގައި ހޮޅުއަށިތަކުގައި ރަށްރަށުގެ ގޮނޑުދޮށުގައި މާޔޫސްވެ، ހަމަ ގެއްލިދާކަހަލަގޮތަކަށް، ވަރަށް ނިކަމެތިގޮތެއްގައި އެހެން ތިއްބަވާ ތަން. އަޅުގަނޑުމެންނަށް ވިސްނުނީ އަޅުގަނޑުމެން ސިޔާސަތެއް އެކުލަވާލާއިރުގައި ވަރަށްބޮޑު އަހަންމިއްޔަތުކަމެއް ދޭން އެބަޖެހެއޭ ދޮށީޢުމުރުގެ ބޭފުޅުންނަށް. އަޅުގަނޑުމެން މި ތިބެނީ އަޅުގަނޑުމެންގެ ޒުވާންކަމުގެ ޖޯޝުގައި. އަޅުގަނޑުމެން އޭރުގައިވެސް ދުށީ އަޅުގަނޑުމެންނަށް ކުރީގެ ސަރުކާރު ބަލިކުރެވޭނެކަމަށް. އިރާދަކުރައްވައިގެން އަޅުގަނޑުމެންނަށް މިއަދު މިވަނީ އެކަންކުރެވިފައި. މިހާރު އަދި އަމުދުން އަޅުގަނޑުމެން މިތިބެނީ މާބޮޑު ޔަޤީންކަމެއްގައި. އަޅުގަނޑުމެން ހިނި އާދޭ، އަޅުގަނޑުމެންގެ ވެރިކަން މިދައުރުތެރޭގައި ބަދަލުވެދާނެކަމަށް ބައެއްބޭފުޅުން ވިދާޅުވާތީވެ. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންނަކާ ނުކުޅެވޭނެ.

އަޅުގަނޑުމެން ނުކުމެ މިތިބީ ހަމަ އެންމެ ބޭނުމަކަށް. މި ސަރުކާރު ދެމިއޮންނަނީ މިދަންނަވާ އެންމެ ބޭނުމަކަށް. އެއީ، އަޅުގަނޑުމެން ތިޔަބޭފުޅުންނަށް ވެފައިވާ ވަޢުދުތައް ފުއްދައިދިނުމަށްޓަކައި. އަޅުގަނޑުމެން މި ތިބެނީ ހަމައެކަނި ތިޔަބޭފުޅުންގެ ކަންތައްތައް ކޮށްދިނުމަށްޓަކައި. އެނޫން އެހެން ބޭނުމެއް މި ސަރުކާރު ދެމިއޮތުމުގައެއް ނެތް. އަޅުގަނޑުމެންގެ ހިތުގައި، ހަނދާނުގައި އަބަދުވެސް ބަހައްޓާ އެއްނުކުތާއަކީ، މި ރާއްޖޭގެ ހުރިހާ ފައިސާއަކީވެސް ދިވެހިރައްޔިތުންގެ ފައިސާއޭ. ސަރުކާރަކު ނުހުންނާނެ ތިޔަބޭފުޅުންގެ ފައިސާނޫން ފައިސާއެއް. ސަރުކާރަކު ނުހުންނާނެ ތިޔަބޭފުޅުންގެ މުއްސަނދިކަންނޫން މުއްސަނދިކަމެއް. އެހެންވީމާ، އަޅުގަނޑުމެން އަބަދުވެސް އެކަން ހިތުގައި ބިންވަޅުނަގާފައި ބާއްވަންޖެހޭ. އެ ޙަޤީޤަތުގެ މައްޗަށް ބިނާވެތިބެ، އަޅުގަނޑުމެންގެ މަސައްކަތް އަޅުގަނޑުމެން ކުރަމުން މިއަންނަނީ.

ތިޔަބޭފުޅުން ބޭނުންފުޅުވާ ކަންތައްތަކުގެ ތެރެއިން ފުރަތަމަ ކަމަކަށް އަޅުގަނޑު ދަންނަވާނަން ސުނާމީގައި ގެއްލުން ލިބުނު ގެދޮރު ނެތިދިޔަ މީހުންގެ ގެދޮރު ޢިމާރާތް ކުރުން. ސުނާމީއާ ގުޅިގެން ޢިމާރާތްކުރަންޖެހޭ ގެތައް އަދިވެސް މިތަނުގައި އެބަހުރި. އަޅުގަނޑުމެން ސަރުކާރު ހިންގުމާ ހަވާލުވިއިރުގައި އެކަމުގެ ފައިސާ ނެތި އޮތީ އެކަމުގެ ޓެންޑަރެއް އިޢްލާންކޮށްފައި. ދެން މިއީ އަޅުގަނޑުމެންނަށް ވަރަށްދަތިކަމަކަށް ވެގެންދިޔަ. އެހެންވީމާ، މިދިޔަ ދެމަހެއްހާ ދުވަހުގެ ތެރޭގައި އަޅުގަނޑުމެން މީގެ އޮޅުމާއި ބޮޅުން ފިލުވައިފިން. އިރާދަކުރެއްވިއްޔާ އެމަސައްކަތް މިރަށުގައި ދާދި އަވަހަށް ފެށިގެންދާނެ.

މިދެންނެވި ސުނާމީ ވަޢުދު އެއީ، އަޅުގަނޑުމެންގެ އެއްވަޢުދު. ސުނާމީ ގޭގެ އިތުރުން، ރާއްޖޭގެ ރައްޔިތުންނަށް އަޅުގަނޑުމެން ވެފައިވާ ވަޢުދުތަކާ އެއްގޮތްވާގޮތުގެމަތިން، އަޅުގަނޑުމެން އެބަ ހިންގަން ބޯހިޔާވަހިކަމުގެ ވަޢުދެއް. އެއީ، އަތްފޯރާފަށުގައި ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް އަޅުގަނޑުމެން ވެފައިވާ ވަޢުދު. އެވަޢުދު ފުއްދައިދިނުމަށްޓަކައި ކުރިޔަށް މިއޮތް ދެތިން މަހެއްގެ ތެރޭގައި ތިޔަބޭފުޅުންނަށް ފެނިވަޑައިގަންނަވާނެ، މިރަށުގައި އިރާދަކުރެއްވިއްޔާ 50 ގެ އަދި އިތުރަށް މި އަޅާދެނީ. އެއީ، އެބޭފުޅުންނަށް މިހާރުން މިހާރުން މިހާރަށް ބޭނުންވާ ކަމެއްގެގޮތުގައި އަޅުގަނޑުމެން މިދެކެނީ.

ސުނާމީގެފަހުން، އެއިރުއްސުރެ، އަޅުގަނޑުމެންނަށް އިވެމުން އަންނަ އެއްވާހަކައަކީ، ސުނާމީއާ ގުޅިގެން ބަދަލުދިނުމާއި ސާރވޭކުރުމާއި މިކަންކަން ހިނގައިގޮސްފައިވާ ގޮތާބެހޭގޮތުން ވަރަށްގިނަ ރައްޔިތުން ހިތްހަމަނުޖެހިގެން އުޅޭ ވާހަކަ. އަޅުގަނޑު ތިޔަބޭފުޅުންނަށް ޔަޤީންކަން އަރުވަން ބޭނުންވަނީ، މިކަންކަން ހިނގާގޮސްފައިވާގޮތް، މި ސަރުކާރުން އަލުން އަނބުރާ އަޅުގަނޑުމެން ބަލާނަމޭ. އިންޞާފު ލިބިވަޑައިނުގަންނަވާ ބޭފުޅަކަށް އިންޞާފު ހޯދައިދޭނަމޭ.

އަޅުގަނޑު މިދަންނަވަނީ މިވަގުތު ހަމަ ރެއާއެކީގައި އަޅުގަނޑު ޔަޤީންކޮށް އަރުވަން ބޭނުން، ކުރީގެ ސަރުކާރުން އެއްޗެއް ލިބިވަޑައިގެންފައިވާ ބޭފުޅަކަށް ނުވަތަ އެއްޗެއް ލިބޭނެކަމަށް ސަރުކާރުން ވެފައިވާ ވަޢުދަކަށް އަޅުގަނޑުމެން ހުރަހެއް ނާޅާނަން. އަޅުގަނޑުމެން އަލުން އަނބުރާ އެކަންކަން ބަލަމުން ގެންދިޔަސްވެސް، ކުރީ ސަރުކާރުން ރައްޔިތަކަށް ދޭނެކަމަށް ބުނެފައި އޮތް އެއްޗެއް ނޫނީ ކޮށްދޭން ބުނެފައި އޮތް ކަމެއް، އެކަމެއް އެ އޮތްގޮތަކަށް ކުރިޔަށް ގެންދެވޭތޯ އަޅުގަނޑުމެން ވަރަށްބޮޑަށް ބަލާނަން.

އަޅުގަނޑުމެންގެ ނަޒަރުގައި ސަރުކާރަކީ ސަރުކާރު. އެކިއިރު އެ ސަރުކާރު ހިންގުމަށް އެކި މީސްމީހުން އެކި ޕާޓީތައް ޙަވާލުވެ ތިބޭނެ. އެހެންނަމަވެސް، ސަރުކާރަކުންވާ ވަޢުދެއް ނުވަތަ ކުރާ އެގްރީމެންޓެއް، ވެވޭ އެއްބަސްވުމެއް އަނެއް ސަރުކާރަކާ ހަމައަށް ދިޔައިމާ އެ ފަހަނަޅައި އަޅުގަނޑުމެންނަކަށެއް ނުދެވޭނެ. އެހެންވީމާ، މި ސުނާމީގެ ސާރވޭއަށް އަޅުގަނޑުމެން އަލުން އަނބުރާ އެތަނަށް ދާއިރުގައިވެސް އަޅުގަނޑު ޔަޤީންކަން އަރުވަން ބޭނުންވަނީ، އެ ސަރވޭ ކުރެވިފައި އޮތްގޮތުގެ ސަބަބުން، އެއްޗެއް ލިބި ނުވަތަ ލިބޭނެކަމަށް ބޭފުޅަކު ކުރައްވާ އުންމީދަކަށެއްނޫނޭ އަޅުގަނޑުމެން މިހުރަސްއަޅަނީ. އަޅުގަނޑުމެން މަސައްކަތް މިކުރަނީ ބޭއިންސާފުން ނުލިބި ގޮސްފައިވާ މީހާއަށް ގޮތެއް ހޯދާދެވޭތޯއޭ. އެހެންވީމާ، އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން އެމަސައްކަތް ގެންގޮސް އިންސާފުވެރިގޮތެއްގައި މިކަން މިއަހަރު ދުވަހުގެ ތެރޭގައި އަޅުގަނޑުމެން ނިންމައިދޭނަން.

މިއަދު އަޅުގަނޑު ވަރަށްބޮޑަށް އުފަލާއެކީގައި ހަމަ އަނެއްކާވެސް ދަންނަވަންއޮތް ވާހަކައަކީ، ސަރުކާރުން އެބައޮތޭ 85 ފޫޓުގެ މަސްދޯންޏެއް މިރަށު ރައްޔިތުންނަށް ދެވެން. އަޅުގަނޑުމެން އެދެނީ، ތިޔަބޭފުޅުން ޖަމްޢިއްޔާއަކުން ކޯޕަރޭޓިވް އުޞޫލަކުން މިކަން ހިންގެވިއްޔާ. ބޮޑަށް ރަނގަޅީ އަންހެންބޭފުޅުން މިކަމުގައި ބޮޑަށް ބައިވެރިވެވަޑައިގަތިއްޔާ. ބައިވެރިވެވަޑައިގަންނަވައިގެން ސަރުކާރުން ތިޔަބޭފުޅުންނަށް އަރުވާ މަސްދޯނި، ކޯޕަރޭޓިވްގޮތަށް، ގުޅިގެން ހިންގާ އުޞޫލަކުން ހިންގައި އަދި އެއިން ފައިދާ ހޯދުމުގައި ހުރިހާ ރައްޔިތުންވެސް ބައިވެރިވެވަޑައިގެން އެކަން ކުރިޔަށްގެންގޮސްދެއްވައި ތިޔަބޭފުޅުންގެ ރަށު އެކައުންޓެއް ނުވަތަ އެ އެދޭ އެކައުންޓެއް ކުރިއަރުވައި، ކުރިޔަށް ގެންގޮސްދެއްވާނެކަމަށް. އެހެންވީމާ، އަޅުގަނޑު ސަރުކާރުން އެދޭނަން، ޢަފީފު އަރިހުން ނަމަވެސް، ކޮންމެވެސް ބޭފުޅެއްގެ އަރިހުން، ކުރިޔަށް މިއޮތް ދެތިންހަފްތާއެއްގެ ތެރޭގައި އެ ދޯނި ތިޔަބޭފުޅުންނާ ޙަވާލުކޮށްދެއްވާތޯ. އަޅުގަނޑު ޔަޤީންކުރަން ތިޔަބޭފުޅުންނަށް އެއިން ރަނގަޅު ފައިދާއެއް، ނަފާއެއް ލިބިވަޑައިގަންނަވާނެކަމަށް.

އަޅުނޑަށް އެނގޭ މަޑިފުށީ މަދަރުސާގެ ކަންތައް އެއީ، އަޅުގަނޑު މީގެދެތިންހަތަރު މަހެއް ކުރީގައިވެސް ހަމަވަރަށް ސާފުކޮށް އަޑުއަހަމުން އައި މައްސަލައެއް. އަޅުގަނޑަށް އެނގޭ މަޑިފުށީ މަދަރުސާގައި މިވަގުތަށް، މީހުން، ޓީޗަރުން މަދުކަން. އަޅުގަނޑުމެން މިބަލަނީ މަޑިފުށްޓަށް ހަތަރު ފަސް ޓީޗަރުން އިތުރަށް ހޯދައިދިނުމަށް. އެހެންނަމަވެސް އަޅުގަނޑު ގެންނަން ބޭނުންވަނީ ރަނގަޅު ޓީޗަރުން. ބޭރުން ގެންނައިރުގައި ރަނގަޅު ޔުނިވަރސިޓީތަކުން، އޮސްޓްރޭލިޔާ، ކެނެޑާ، އިނގިރޭސިވިލާތް، ނިއުޒީލެންޑް މިއިން ޤައުމަކުން ޓީޗަރުންކޮޅެއް ލިބޭތޯ އަޅުގަނޑުމެން މިދަނީ މަސައްކަތްކުރަމުން. އަޅުގަނޑުމެންނަށް މިހާރު އޭގެ ކަންގޮސްފައިއޮތް ހިސާބުން، މިދެންނެވި ޤައުމުތަކުން އިރާދަކުރެއްވިއްޔާ ޓީޗަރުންކޮޅެއް މި ރާއްޖެއަށް ލިބޭނެ. ހަމަ ލިބޭހާ އަވަހަކަށް އިރާދަކުރެއްވިއްޔާ، މަޑިފުށްޓަށް އަޅުގަނޑުމެން ޓީޗަރުން ފޮނުވައިދޭނަން.

އަޅުގަނޑަށް އެނގޭ މަޑިފުށި ގިރަމުންދާކަން. އެ ގިރާސަރަޙައްދަށް ކޮންމެވެސް ގޮތެއް ހަދަންޖެހިފައިވާކަން. އަޅުގަނޑަކަށެއް ހިލާ ނޭނގެ، އެ ގިރާ ސަރަޙައްދަށް ހަދާނީ ކިހިނެއްކަމެއް. ތިޔަބޭފުޅުން ބޭނުންވެވަޑައިގެންފާނެ، މިތުނޑި އެއްވަރުވާވަރަށް ވެލިއަޅާލަން. އެކަމަކު އެއީ، އެކަމުގެ ޙައްލެއްކަމެއް ނުވަތަ ނޫންކަމެއް އަޅުގަނޑަކަށެއް ސާފެއްނުވޭ. އެހެންވީމާ، އެކަމާބެހޭ މިނިސްޓްރީގައި، އަސްލަމް އަރިހު އަޅުގަނޑު އެދޭނަން، ދެން މިކަން ހިނގާގޮތެއް ބައްލަވައި އެކަމަށް ގެނެވެންއޮތް ދާއިމީ ޙައްލަކީ ކޮބައިތޯ ބައްލަވާދެއްވުމަށް. އަދީ އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން މިއަހަރުގެ ތެރޭގައި ތިޔަބޭފުޅުންނަށް އެ ޙައްލެއް ހޯދައިދޭނަން.

ތިޔަބޭފުޅުންނަށް ވަގުތުން ވަގުތަށް ކޮށްދެވެންހުރި ބައެއްކަންކަމުގެ ވާހަކަތައް އަޅުގަނޑު ހަމަ ދަންނަވަމުންދާއިރުގައި، އަޅުގަނޑުމެންގެ ތަންކޮޅެއް ދިގުމުއްދަތުގެ އުންމީދެއް، ތަޞައްވުރެއް، ކުރެހުމެއް، މަންޒަރެއްގެ ވާހަކަ ދަންނަވާލާނަން. އެހެންނަމަވެސް، އިރާދަކުރެއްވިއްޔާ މިފަސްއަހަރުގެ ތެރޭގައި މިކަން ކުރާނަން. އަޅުގަނޑުމެންގެ ބޭނުމަކި، ދިޔަމިގިލިން ވިލުފުށްޓަށް މަގެއް އެޅުން. ކުރީގައި އަޅުގަނޑުމެންގެ މެނިފެސްޓޯ ނެރެގެން އައިއިރުގައި އަޅުގަނޑުމެން ބުރިޖުގެ ވާހަކަ ނުދައްކަނީ. މާލޭގައި ބުރިޖެއް އަޅާ ވާހަކަ އަޅުގަނޑުމެންނެއް ނުދައްކަމު. އެހެންނަމަވެސް، މާލޭގައި ބުރިޖެއް އަޅާ ޚަރަދުގައި ރާއްޖޭގެ ދިހަތަނުގައި މިދަންނަވާ ބާވަތުގެ ދިހަ މަގު އެޅޭނެ. އަޅުގަނޑުމެންގެ ނަޒަރުގައި، މި މަގުތައް ރާއްޖޭގެ އެކި ތަންތަނުގައި އެޅުން އެއީ، މާ މުހިންމު ކަމެއް. ތަރައްޤީއަށް އެއަށްވުރެ ވަކިން ބޮޑަށް މަގުފަހިވެގެންދާނެ ކަމެއް ނޯންނާނެ.

ތިޔަބޭފުޅުންނަށްވެސް އެނގިވަޑައިގަންނަވާނެ، ދިޔަމިގިއްޔާ، މަޑިފުށްޓާ، ވިލުފުށްޓާ މިސަރަޙައްދު އެކީގައި ގުޅާލެވިއްޖިއްޔާ، އަޅުގަނޑު މިދަންނަވަނީ މުޅިތަން ހިއްކާ ވާހަކައެއްނޫން، ހަމައެކަނި މަގެއް އަޅާ ވާހަކަ. އެމަގުގެ މަސައްކަތް އަޅުގަނޑުމެން މިހާރު މިދަނީ ކުރެހުމާ އޭގެ އަގާ އެކަން ސަރުކާރުން ކުރާނެ ގޮތާ މިކަންކަން ބަލަމުން. އެހެންނަމަވެސް، އަޅުގަނޑު މިވާހަކަ މިހެން މިދަންނަވަނީ އެއީ އަޅުގަނޑުމެން ކުރާނެކަމެއްގެ ގޮތުގައި އަޅުގަނޑުމެން މަސައްކަތްކުރާނެ ކަމެއްގެ ގޮތުގައި އަޅުގަނޑުމެން ހިންގާނެ ކަމެއްގެ ގޮތުގައި މިހާރުވެސް ނިންމާފައިވާތީ. އެކަންކުރުން އަޅުގަނޑުމެންނަށް ދެން އޮތީ. ނުކުރުމެއް ނޫން. އެކަން ކުރުން އޮތީ. އެހެންވީމާ، އެކަންކުރުމަށް ކުރެވެންހުރިކަންކަން ކޮށް، އަޅުގަނޑުމެން އެކަމުގައި އުޅޭނެ.

އަޅުގަނޑުމެންގެ ސަރުކާރަކީ ފަހަތަށްޖެހޭނެ ސަރުކާރެއްނޫން. އަޅުގަނޑުމެންގެ ހިތްވަރެއްވެސް ކުޑައެއް ނުވާނެ. ޢަޒުމެއްވެސް ކުޑައެއްނުވާނެ. އަދި އަޅުގަނޑުމެންނަކީ ސިހޭނެ ބައެއްވެސް ނޫން. ބިރެއްވެސްގަންނާނެ ބައެއްވެސް ނޫން. އަޅުގަނޑުމެންނާ ވާދަކުރަން ނުކުމެވަޑައިގަންނަވާ ބޭފުޅުން ވާދަކުރައްވަން ނުކުމެވަޑައިގަންނަވަންވެސް ޖެހޭނީ ސިޔާސީ މައިދާނުގައި، ސިޔާސީ ވާދައިގައި. އަޅުގަނޑުމެންނަކީ ހިފާ ހައްޔަރުކުރާ ބައެއްނޫން. އަޅުގަނޑުމެންނަކީ މީހުންނަށް އަނިޔާދޭނެ ބައެއްނޫން. އަޅުގަނޑުމެންނަކީ މީހުންގެ މުދަލަށް އަރައިގަންނާނެ ބައެއްނޫން. އަޅުގަނޑުމެންނެއް ނުބަލާނަން ތަރައްޤީގެ މަޝްރޫޢުތައް ހިންގާއިރުގައި އޭގެ ސަބަބުން ކާކަށްތޯ ކޮންވިޔަފާރިވެރިޔަކަށްތޯ ފައިދާވަނީ ނުވަތަ ނުވަނީ. އަޅުގަނޑުމެން ބަލާނީ ތަރައްޤީގެ މަޝްރޫޢެއްގެ ސަބަބުން ރައްޔިތުންނަށް ކިހާ ފައިދާއެއްވޭތޯ. އޭގައި ރައްޔިތުންނަށް ރަނގަޅެއް ހުރިއްޔާ ދެން ވިޔަފާރީގެގޮތުން ކޮންމެ ބޭފުޅަކު ބައިވެރިވެވަޑައިގަތަސް އަޅުގަނޑުމެންނަށް ހެޔޮ. ރައްޔިތުންނަށް މިފައިދާ ލިބެންޏާ އިރާދަކުރެއްވިއްޔާ އެމަސައްކަތަކައިގެން އަޅުގަނޑުމެން ކުރިޔަށް ނުކުންނާނަން.

އަޅުގަނޑުމެންނަށް އެބަފެނޭ ރާއްޖޭގެ ރަށްތަކާއި ރާއްޖޭގެ މުއްސަނދިކަން. އަދި މަޑިފުށީގެ މުއްސަނދިކަންވެސް އަޅުގަނޑުމެންނަށް ވަރަށް ސާފު. މަޑިފުށީގެ ރައްޔިތުންނަކީ، މިރަށުގެ އެންމެ ބޮޑު އެއް ރައުސްމާލު. ތިޔަބޭފުޅުންނަށް ތިޔަބޭފުޅުންގެ ރަށައިގެން ތަރައްޤީގެ މަގުގައި ކުރިޔަށް ނުކުމެވަޑައިގެންނެވޭނެ ފިޔަވަޅުތަކެއް އެޅެން އެބައޮތް.

އެއްގޮތަކަށްވެސް އަޅުގަނޑެއް ނުދަންނަވާނަން، ތަންކޮޅެއް ކުރީގައި ވެރިން ބުނަމުން އައިފަދައިން، މި ރާއްޖެއަކީ ޤުދްރަތީ ވަސީލަތްތައް މަދު ފަޤީރު ނިކަމެތި ޤައުމެކޭ. އެހެނެއްނޫން، އަޅުގަނޑުމެން ހީކުރީ ރާއްޖޭގެ ރަށްތަކަކީ ވައްލަ ބިސް އަޅާ ރަށްތަކެއްކަމަށް. އެރަށްތައް ރަނގަޅީ ހަމައެކަނި އެކަންކުރަން ކަމަށް. މިއަދު އަޅުގަނޑުމެންނަށް އެނގެނީ، އެގޮނޑުދޮށްތަކާ ޔޫރަޕުގެ މާރުކޭޓުތަކާ ވައިގެމަގުން ގުޅާލެވުނީމާ އެއީ، ރަންބިސްއަޅާ ކުކުޅުކަން. އަޅުގަނޑުމެންގެ ރާއްޖޭގެ ސީދާ މުއްސަނދިކަން އަޅުގަނޑުމެންނަށް އަދި ދެނެނުގަނެވޭ. އަދީ އަޅުގަނޑުމެންނަކީ ނިކަމެތި ބައެކޭ ފަޤީރު ބައެކޭ ވެރިން ކިޔާހާ ހިނދަކު އަޅުގަނޑުމެންނަކަށެއް ނިކަމެތިކަމަކުން އަރައެއްވެސް ނުގަނެވޭނެ.

އަޅުގަނޑުމެންނަކީ މުއްސަނދިބައެއް. އެހެންވީމާ، އެ މުއްސަނދިކަން ހޯދުމަށްޓަކައި، އެ މުއްސަނދިކަން ލިބިގަތުމަށްޓަކައި އަޅުގަނޑުމެން އެންމެން މަސައްކަތްކުރަންޖެހޭނެ. އަޅުގަނޑު ތިޔަބޭފުޅުންނަށް ޔަޤީންކަން އަރުވަން ބޭނުން، އިރާދަކުރެއްވިއްޔާ މަދުވެގެން ދުވާލަކު 14ގަޑިއިރު އަޅުގަނޑު މަސައްކަތް ކުރާނަން. އެމަސައްކަތްކޮށް އިރާދަކުރެއްވިއްޔާ ރާއްޖޭގެ މިރަށްތަކަށް ތަރައްޤީ ގެނެވޭނެ. އަޅުގަނޑުމެންގެ ފަސްއަހަރުދުވަހުގެ ތެރޭގައި އޭގެ ފުރިހަމަ ބިންގަލުގައި އަޅުގަނޑުމެންނަށް އެޅޭނެ.

މިރަށްރަށުގެ ފެނާއި، ނަރުދަމާއާއި، ކަރަންޓާ، އަދި ބައެއް އަސާސީ ޚިދްމަތްތައް ފޯރުކޮށްދިނުން މިއޮންނަނީ ވަރަށް ދަތިވެފައި. އަޅުގަނޑުމެންނެއް، މި ސަރުކާރެއް ގަބޫލެއް ނުކުރަން އެއީ، ރ.ކ. ކޮމިޓީއަކުން ނުވަތަ ރަށުގެ ޖަމްޢިއްޔާއަކުން އޭގެ އެންމެ އެދެވޭ ގޮތުގައި ހިންގެން އޮތް ކަމެއް ކަމަކަށް. މިދިޔަ އަހަރުތަކުގެ ތެރޭގައި ވަރަށް ގިނަ ޖަމްޢިއްޔާތަކުން ރާއްޖޭގެ ރަށްތަކަށް ކަރަންޓުދީފި. އެޖަމްޢިއްޔާތަކަށް ސަރުކާރުން ވަރަށްބޮޑަށް ޝުކުރުވެރިވަން. އެހެންނަމަވެސް، ރައްޔިތުންނަށް އަތްނުފޯރާ އަގެއްގައި ކަރަންޓު ވިއްކުމުގެ މާނައެއްނެތް. ކަރަންޓު ވިއްކަންޏާ އަޅުގަނޑުމެންނަށް ކަރަންޓު ވިއްކަން ޖެހޭނީ، ކަރަންޓް ވިއްކޭނީ ރައްޔިތުންނަށް އޭގައި އަތްފޯރާ ގޮތަކަށް.

މިއަދު އަޅުގަނޑުމެން އެކަންކުރަމުން މިއަންނަ ގޮތަކީ ސްޓެލްކޯއަށް ސަރުކާރުން ވަރަށްގިނަ އަދަދެއްގެ ފައިސާ ދެނީ. ދިނީމާ ސްޓެލްކޯއިން ހެޔޮއަގުގައި މާލެއަށް ކަރަންޓު ވިއްކަނީ. އަޅުގަނޑުގެ ކަރަންޓު ބިލުގެވެސް ދެބައިކުޅައެއްބައި މިދައްކަނީ ސަރުކާރުން. މާލޭގައި ޙަޤީޤަތުގައި ކަރަންޓު ޔުނިޓެއްގެ އަގަކީ 5 ރުފިޔާ. އެހެންނަމަވެސް، އަޅުގަނޑުމެން ސަރުކާރުން އަނެއްބައި ސަބްސިޑައިޒްކޮށްގެން ދެރުފިޔާ ބަޔަށް ޔުނިޓެއް ދައްކަމުން މިގެންދަނި. އަޅުގަނޑުމެން ނުދެކެން އެއީ، އިންސާފެއް ކަމަކަށް. ރާއްޖޭގެ އެންމެ ނިކަމެތި މީހުންގެ ކަރަންޓު ބިލަށް އެއްވެސް ކަހަލަ އެހީތެރިކަމެއްނުދެވި، ރާއްޖޭގެ އެންމެ ތަނަވަސް މީހުންގެ ކަރަންޓް ބިލްތަކަށް ސަރުކާރުން ފައިސާދެމުން ގެންދިޔުން އެއީކީއެއް ބުއްދިހަމަޖެހޭނެގޮތެއްނޫން. އަދި އަޅުގަނޑުމެންނަށް އެކަން އެހެން ކުރިޔަށް ގެންދެވޭނެ ގޮތެއްވެސް ނޫން.

އަޅުގަނޑުމެން މިދެކެނީ، ކަރަންޓުގެ މި މަޝްރޫޢުތައް ކުރިޔަށް ދިޔައިމާ އިރާދަކުރެއްވިއްޔާ، ދިޔަމިގިއްޔާއި މަޑިފުށްޓާއި ވިލުފުށި އެއީ، އެއް އިންޖީނުގެއަކުން ކަރަންޓުދޭނެ ސަރަޙައްދެއްކަމަށް. އަދި އަޅުގަނޑުމެން އެކުންފުނީގައި އެދޭނީ ވިޔަފާރީގެ އުސޫލުން ކަރަންޓް ދިނުމަށް. އެކުންފުނިން ވިޔަފާރީގެ އުޞޫލުން ކަރަންޓު ދިނީމާ ދެން އެބިލު ދެއްކުމަށް އުނދަގޫވާ ނިކަމެތި ޢާއިލާތަކަށް، އާމްދަނީ އެވަރަށް ނުލިބޭ ޢާއިލާތަކަށް، ސަރުކާރުން އެހީތެރިވެދޭނެއޭ. ކުންފުންޏަށް އެހީތެރިވީމާ، ހުރިހާ ކަރަންޓް ބިލަކަށް މި އެހީތެރިވެވެނީ. އެއީ، އެންމެ ތަނަވަސް މީހާގެ ކަރަންޓު ބިލަށްވެސް ލާރި ދެއްކެނީ. އެންމެ ނިކަމެތިމީހާގެ ކަރަންޓްބިލަށްވެސް ލާރި ދެއްކެނީ. އޭގެ ބަދަލުގައި އަޅުގަނޑުމެން ބޭނުމީ ސީދާ ރައްޔިތުމީހާއަށް، ބޭނުންވާ މީހާއަށް އެފައިސާ ދެވޭތޯ ބެލުން. އެއީ 65 އަހަރުން މަތީގެ ރައްޔިތުންނަށް ހަމަ މިދޭ އުޞޫލުން އެމީހާ ހޯދާފައި އިރާދަކުރެއްވިއްޔާ އެމީހާ އެދައްޗަކުން ސަލާމަތްކޮށްދެވޭތޯ އަޅުގަނޑުމެން ބަލާނަން.

އަޅުގަނޑު ތިޔަބޭފުޅުންނަށް ދަންނަވަންއޮތް ވާހަކައަކީ ރައީސުލްޖުމްހޫރިއްޔާ އަތަކު ނުހުރެއޭ ހަމަ އެއްވެސް އެއްޗެއް. ޖަނަރޭޓަރެއްވެސް ނުހުރޭ. ބޭސްވެސް ނުހުރޭ. މަތިންދާބޯޓު ޓިކެޓެއްވެސް ނުހުރޭ. ފައިސާއެއްވެސް ނުހުރޭ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މީގެކުރީގައިއޮތް ވެލްފެއަރގެ ފައިސާ މިހާރު އެވަނީ ވެލްފެއަރ މިނިސްޓްރީއަށް ބަދަލުކޮށްފައި. އޭގެކުރީގައި ރައީސުލްޖުމްހޫރިއްޔާ އަތުގައި އެފައިސާ ހުންނާތީވެ، ހަމަ ތިޔައިން ބޭފުޅަކަށްވެސް ކޮންމެވެސްގޮތަކުން ރައީސުލްޖުމްހޫރިއްޔާގެ ގާތް ބޭފުޅަކާ ގުޅައިލެވުނީމާ ދެން އެނިމުނީ. އެމީހަކަށް އެފައިސާތައް ދޭންވީ. އެންމެފަހުން އައިސް ބަލައިލާއިރުގައި އަޅުގަނޑުގެ ގާތްތިމާގެ މީހުން ސިންގަޕޫރުގައި ބޭސްކުރަން ބޭތިއްބުން އެއީ، ރައީސުލްޖުމްހޫރިއްޔާގެ އެކައުންޓުން ކުރެވޭނެކަމެއްނޫން. އަޅުގަނޑުއަތަށްވެސް ތިޔަބޭފުޅުން އެހާ ފައިސާ ދެއްވާފައި ބަހައްޓަވަން އެއްބަސްވެވަޑައިގަންނަވާކަމަށްވާނަމަ، އާޚިރުގައި އެންމެފަހުން އަޅުގަނޑުވެސް އަޅުގަނޑުގެ ގާތްތިމާގެ މީހުން ސިންގަޕޫރުގައި ބައިތިއްބައިގެން ބޭސްކޮށްދޭނެ. އެއީކީއެއް އަޅުގަނޑު ނުދެކެން ރަނގަޅު ގޮތެއްކަމަކަށް. ރަނގަޅުގޮތަކަށްވާނީ ބޭސްފަރުވާ ބޭނުންވާ ހުރިހާ އެންމެންނަށް ހަމަޖެހޭ ހަމަހަމަ އުޞޫލަކުން ބޭސްފަރުވާ ކޮށްދެވޭނެގޮތެއް ހޯދުން. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައާއި އަދި ރިޔާސީގަނޑުވަރުގައި އެހުރި ފައިސާއާއި ދެންވެސް ވެލްފެއަރ ފައިސާ އެއްކުރީމާ އަޅުގަނޑުމެންނަށް އެބައޮތް އެއްލައްކަ މީހުންނަށްވުރެ ގިނަ މީހުންނަށް ހެލްތް އިންޝުއަރެންސްގެ އުޞޫލުން ބޭސްފަރުވާ ރީތިކޮށް ކޮށްދެވެން. އެހެންވީމާ، އެމަގަށް އަޅުގަނޑުމެންގެ މިމަސައްކަތްތައް މިދަނީ. ހަމަހަމަގޮތުގައި ހުރިހާ ރައްޔިތުންނަށްވެސް އެއްއުޞޫލަކުން ކަންތައްކުރެވޭތޯ އަޅުގަނޑުމެން މިބަލަނި. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންނަށް މިމަގުގައި މަޑުމައިތިރިކަމާއެކީގައި އަދި ވިސްނުންތެރިކަމާއި ޙިކްމަތްތެރިކަމާއެކީގައި ކުރިޔަށްދެވޭނެ. މަޑުމައިތިރިކަމަކީ، އެއީ ހަމަ ވިސްނުންތެރި ކަމާއެކީގައި ކުރިޔަށްދިއުން. އަޅުގަނޑުމެންކުރާ ކޮންމެ ކަމެއް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ކުރާނީ ކަމުގެ ދެކޮޅަށް ބަލާފައި. އޭގައި ކުރަންހުރި ދިރާސާއެއްކޮށްފައި. އޭގެ މާނައަކީ ކަންކަން ލަސްވުމެއްނޫން. އެހެންނަމަވެސް އެ ބަލައިގެން ކުރުން.

އަޅުގަނޑުމެންގެ ސަރުކާރުގެ ވަރަށްބޮޑު މަޝްރޫޢެއް އެއީ، ލާމަރުކަޒީ އުޞޫލުން ރާއްޖޭގެ އަތޮޅުތައް ހިންގުން. ދާދި މިދާކަށް ދުވަހަކު ތިޔަބޭފުޅުންގެ މި މަޑިފުށީގެ ބޭފުޅުންކޮޅަކާ ލ. އަތޮޅުން އަޅުގަނޑާ ދިމާވި. ލާމަރުކަޒީ އުޞޫލުން ކަންކަން ކުރަމުން ގެންދާ ވާކްޝޮޕެއްގައި އެބޭފުޅުން ބައިވެރިވެވަޑައިގެންނެވި. އެބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ. އަޅުގަނޑުމެންގެ އަޞްލު އަމާޒަކީ މި ސަރަޙައްދުގައި، މި ލ.އަތޮޅާ ތ.އަތޮޅާ މިދެއަތޮޅު ހިމެނޭ ޕްރޮވިންސްގައި ސްޓޭޓް މިނިސްޓަރެއް ހުންނަވައިގެން އެ މިނިސްޓަރެއްގެ ބެލުމުގެ ދަށުން މިދެއަތޮޅުގެ ތަރައްޤީގެ މަޝްރޫޢުތައް ކުރިޔަށް ގެންދިޔުން. އެމަގުން މަސައްކަތްކުރުމުގެ އެންމެހާކަންކަން އަޅުގަނޑުމެން މިދަނީ ކުރަމުން. މި ދެ އަތޮޅަށް ނިސްބަތްވާ މިނިސްޓަރު އިރާދަކުރެއްވިއްޔާ މިއަންނަ ހަފްތާގެ ތެރޭގައި އަޅުގަނޑުމެން ހަމަޖައްސާނަން.

އަޅުގަނޑު ދެކެނީ، އަޅުގަނޑު ކުރިޔަށްވުރެ މާބޮޑަށް އުންމީދު ކޮށްގެން މިއަދު މިހުރީ އަޅުގަނޑުމެންގެ މާދަމާ އެއީ، މިއަދަށްވުރެ މާފާގަތި ދުވަހަކަށް ވެގެންދާނެއޭ. އަޅުގަނޑުމެންނަށް މިއަދާ ހަމަޔަށް މިއާދެވުނީ ވަރަށް ދަތީގައި. އެހެންނަމަވެސް އަބަދުވެސް އަޅުގަނޑު ހަމަ ހިތަށްއަރާ، މިތުރުންގެ ހިތަށް ދަތިކަން ގެނައި ކޮންމެ ކަޅުރެއެއް އަމްދަކުން ނިމިދަނީ ފަތިހަކަށޭ. އަޅުގަނޑު ހަމަ އަބަދުވެސް ދެކެން އަޅުގަނޑުމެންނަށް މިއަދަށްވުރެ މާ ފާގަތި މާދަމައެއް ލިބޭނެއޭ. އިރާދަކުރެއްވިއްޔާ އެ އުންމީދުގައި އަޅުގަނޑު ތިޔަބޭފުޅުންނާ އަނެއްކާވެސް ލަސްތަކެއްނުވެ ބައްދަލުކުރާނަން.

والحمد للّـه. ވަރަށްބޮޑަށް ޝުކުރިއްޔާ!