ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އއ. ބޮޑުފޮޅުދޫ ކައުންސިލަރުންނާ ބައްދަލުކުރައްވައި މަޝްވަރާކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން އޮތީ މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

މި ބައްދަލުކުރެއްވުމުގައި، ބޮޑުފޮޅުދޫ ކައުންސިލަރުން ރައީސުލްޖުމްހޫރިއްޔާއަށް ހުށަހެޅުއްވި ކަންކަމުގެ ތެރޭގައި ރަށުގެ ތަރައްޤީއަށް ބޭނުންވާ އެންމެ މުހިންމު ޕްރޮޖެކްޓްތަކާއި ބައެއް ޚިދުމަތްތައް ރަނގަޅުކުރުމާއި ރައްޔިތުންގެ ކަންބޮޑުވުންތައް ހިމެނެއެވެ.

ކައުންސިލަރުން ފާހަގަކުރެއްވި ކަންތައްތަކުގެ ތެރޭގައި ރަށުގެ ފެނާ ނަރުދަމާގެ މަޝްރޫޢުގެ މަސައްކަތް އަވަސްކުރުމަށާއި ބިންހިއްކުމާއި، ބަނދަރުގެ އެއްގަމު ތޮށީގެ މަރާމާތުގެ މަސައްކަތާއި، ޞިއްޙީދާއިރާ ތަރައްޤީކުރުމަށް ބޭނުންވާ ކަންކަން ހިމެނެއެވެ. މީގެއިތުރުން ޒުވާނުންނަށް ބޭނުންވާ ބައެއް ޚިދުމަތްތަކާއި ވަޞީލަތްތައް ޤާއިމުކުރުމަށް ސަރުކާރުން މަޝްރޫޢުތައް ހިންގައިދިނުމަށް ވެސް ކައުންސިލަރުން ރައީސުލްޖުމްހޫރިއްޔާއަށް ހުށަހެޅުއްވިއެވެ.

މި ބައްދަލުކޮށްލެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ބޮޑުފޮޅުދޫ ކައުންސިލަރުން ފާހަގަ ކުރެއްވި ކަންކަމުގެ ތެރެއިން ބަޖެޓުގައި ހިމެނިފައިވާ މަޝްރޫޢުތަކާ ބެހޭ އެންމެފަހުގެ މަޢުލޫމާތު ކައުންސިލަރުންނާ ޙިއްޞާކުރެއްވިއެވެ. މީގެ އިތުރުން އަންނަ އަހަރުގެ ބަޖެޓުގައި ހިމެނުއްވިދާނެ މަޝްރޫޢުތަކާއި ބެހޭ މަޝްވަރާކުރެއްވުމުގެ އިތުރުން ބައެއް މަޝްރޫޢުތަކުގެ މަސައްކަތް ފެށޭނެކަމަށް ލަފާކުރެވޭ ތާރީޚްތައް ރައީސުލްޖުމްހޫރިއްޔާ ބޮޑުފޮޅުދޫ ކައުންސިލަރުންނާ ޙިއްޞާކުރެއްވިއެވެ. ރައީސުލްޖުމްހޫރިއްޔާ ވަނީ ކައުންސިލަރުން ފާހަގަކުރެއްވި އިތުރުކަންކަމަށްވެސް ސަރުކާރުގެ ކަމާގުޅޭ އިދާރާތަކާ މަޝްވަރާކުރައްވައިގެން ޙައްލު ހޯއްދަވައިދެއްވަން މަސައްކަތްޕުޅު ކޮށްދެއްވާނެ ކަމުގައި ވިދާޅުވެފައެވެ.