بســم اللّـه الرّحمـن الرّحيــم

السّـلام عليـكم

ތެދުފުޅެއް، އަޅުގަނޑު ދެންނެވީމު، 11 ނޮވެމްބަރ 2008ވާ އަންގާރަ ދުވަހު މިރާއްޖޭގައި ދެން އުފެދޭނީ، ދިވެހި ރައްޔިތުންގެ ވެރިކަމެކޭ. އެ ވެރިކަން ރައްޔިތުންނަށް ކޮށްދިނުމުގައި، އަޅުގަނޑު ސާބިތުކަންމަތީގައި ހުންނާނެ ކަމުގެ ޔަޤީންކަން އެދުވަހު ތިޔަބޭފުޅުންނަށް އަޅުގަނޑު އެރުވީމު. އޭގެ ދެތިންމަހެއްފަހުން މިއަދު ތަޤްދީރު މިއޮތީ އަޅުގަނޑުމެންނަށް މިކަން މިހެން ދިމާކުރުވާފައި. އަޅުގަނޑު ދަންނަވާނީ، އަޅުގަނޑުމެން މި ވެރިކަން ކުރުމާ ޙަވާލުވި ސަބަބުތައް އަޅުގަނޑުމެންނަށް ޙާޞިލުކުރެވޭނެކަމާމެދު ކުރިއަށްވުރެ މާބޮޑު ޔަޤީންކަމެއް އަޅުގަނޑުމެންނަށް މިއަދު އެބައޮތޭ. އަޅުގަނޑުމެންގެ ސަރުކާރު ދެމިއޮންނަނީ ހަމައެކަނި އެންމެ ބޭނުމަކަށްޓަކައި. އެއީ އަޅުގަނޑުމެން ވެފައިވާ ވަޢުދުތައް ފުއްދައިދިނުމަށްޓަކައި، ތިޔަބޭފުޅުންނަށް ޚިދްމަތް ކޮށްދިނުމަށްޓަކައި. އިރާދަކުރެއްވިއްޔާ، އަޅުގަނޑު ހަމަ ތަކުރާރު ކުރާނަން، އަޅުގަނޑުމެން ވެފައިވާ ވަޢުދުތައް އަޅުގަނޑުމެން އެ ވެފައިވާ ގޮތަށް، އަޅުގަނޑުމެންގެ ދައުރުގައި އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ރައްޔިތުންނަށް ފުއްދައިދޭނަމޭ.

އޭގެތެރެއިން މިހާރުން މިހާރަށް ހިރިލަންދުއަށް ކޮށްދެވެންހުރި ކަންކަން އަޅުގަނޑުމެންނަށް ފާހަގަވޭ. މި ހިރިލަންދުއަށާއި، ތ. އަތޮޅަށް އަޅުގަނޑު މިކުރާ ދަތުރަކީ، ޚާއްޞަ ގޮތެއްގައި އަޅުގަނޑުމެންގެ ސަރުކާރުގެ ސިޔާސަތު ބިނާވެގެން އަންނައިރުގައި، ނުވަތަ ތަންފީޒުވަމުންމިދާ ދިޔުމުގައި، އެކަމާ ގުޅިގެން ވަކިވަކި ރަށްރަށަށް ކުރާނޭ އަސަރަކީ، ނުވަތަ ލިބޭނޭ މަންފާއަކީ ފައިދާއަކީ ކޮބައިތޯ މިހާރު އަޅުގަނޑުމެންނަށް ކޮންމެވެސްވަރަކަށް ސިފަކުރެވޭތީވެ، އެވާހަކަ ތިޔަބޭފުޅުންނާ އެކީގައި ޙިއްޞާކޮށްލުމަކީ އަޅުގަނޑު ހިތުން މުހިންމު ކަމަކަށްވާތީވެ، އަޅުގަނޑު މިދަތުރު މިކުރަނީ.

އަޅުގަނޑުމެންނަށްވެސް އަބަދުވެސް ވަރަށް ބޮޑަށް ގަބޫލުކުރެވިފައި އޮތީ، ހިރިލަންދުއަކީ މިއަތޮޅުގައި ވަކިން ޚާއްޞަކޮށް، މަސައްކަތްތެރިކަމުގެ ރޮނގުގައި އަރާހުރި ރަށެއްކަން. މަސްވެރިކަމުން ރައްޔިތުންނަށް ލިބޭ އާމްދަނީ އިތުރުކުރުމަށް އެޅެންހުރި ފިޔަވަޅުތައް އެޅުން އެއީ، އަޅުގަނޑުމެންގެ ވަރަށްބޮޑު އަމާޒެއް. އެހެންވީމާ، އަޅުގަނޑު ތިޔަބޭފުޅުންނަށް ފުރިހަމައަށް ޔަޤީންކަން އަރުވަން، ތިޔަބޭފުޅުން އެކަން ކުރައްވަމުން ތިޔަ ގެންދަވާ ގޮތްތައް ތަރައްޤީ ކުރުމަށްޓަކައި ސަރުކާރުން ދެވެން އޮތް ކޮންމެ އެހީއެއް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންދާނީ ވަމުންނޭ. މިއަދާ ހަމައަށް އަޅުގަނޑުމެންނަށް މިތަނުގައި، މިކަން ތަރައްޤީ ކުރުމަށް އެޅިފައި އޮތް ހުރަހެއްވާނަމަ، އަޅުގަނޑުމެންނަށް އެނގިއޮތް ހުރަހެއްވާނަމަ، އަޅުގަނޑުމެންވާނީ އެކަމަކުން މިރަށު ރައްޔިތުންނަށް އަރައިގަނެވޭނޭ ގޮތްތަކެއް ހޯދައިދިނުމުގެ މަސައްކަތް ފަށާފައި.

ތިޔަބޭފުޅުން އަޅުގަނޑަށް މިއަދު ތިޔަ އެރުވީ މިހާރުން މިހާރަށް މިރަށަށް ބޭނުންވާ ކަމަށް ތިޔަބޭފުޅުން ވިދާޅުވާ ކަންކަން. އެކަންކަން ކޮށްދިނުމުގައި ސަރުކާރަށް ވެވެން އޮތް ހުރިހާ ކަމެއް ކޮށްދޭނެ ކަމުގެ ފުރިހަމަ ޔަޤީންކަން އަޅުގަނޑު ތިޔަބޭފުޅުންނަށް އަރުވަން. މިއަދު އުފަލާއެކީގައި އަޅުގަނޑަށް ދެންނެވެން އެބައޮތް، މިހާރުން މިހާރަށް ހިރިލަންދުއަށް ކޮށްދެވެންހުރީ ކޮންކަމެއްތޯ ބަލާއިރުގައި، މިތަނުގެ ބަނދަރު މަރާމާތު ކުރުން އެއީ، އިރާދަކުރެއްވިއްޔާ ކުރިއަށް މިއޮތް ތިންމަހެއްހާ ދުވަހުގެ ތެރޭގައި ސަރުކާރުން ތިޔަބޭފުޅުންނަށް އެމަސައްކަތް ފަށްޓައިދޭނަމޭ. އަދި އަޅުގަނޑުމެންގެ މި ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ ޕްރޮގްރާމްގެ ތެރެއިން، އިރާދަކުރެއްވިއްޔާ މިރަށުގައި، ދިގު މުއްދަތުގައި ފައިސާ ދައްކައި ޚަލާޞްކުރާ އުޞޫލުން ލިބޭ ގެ، ނުވަތަ ފްލެޓް، އޭގެ ތިރީހަކަށް ފްލެޓް މިރަށުގައި މިއަހަރުގެ ތެރޭގައި ބިނާކުރަން ފެށޭނެ. އަދި ހަމަ މިދަންނަވާހެން ތިޔަބޭފުޅުންގެ ތަރައްޤީއަށް، މަސްވެރިކަމަށް، ވިޔަފާރިއަށް، ޚާއްޞަކޮށް މަސް ކެއްކުމަށް ބޭނުންވާ ކަންކަން ހޯދައިގަތުމަށް، ދެނެގަތުމަށް، އަޅުގަނޑުމެން މިދަނީ މިހާރު މަސައްކަތް ކުރަމުން. ސަރުކާރުގެ ވިސްނުންތަކެއް ހުރޭ. މަސް ބަދިގެ ހުންނަންވީގޮތާއި މަސް ކައްކާ ދިލަޖައްސާނޭ އުޞޫލުތަކާއި އޭގެ ފެންވަރާއި އެ މަސް، މާކެޓް ކުރުމާއި، އެއަށް ހެޔޮ އަގު ލިބުމާއި އަދި މަސްވެރިންގެ މަސް ފަސޭހައިން ގަނެވުމާ، މިކަންކަމާ ގުޅޭގޮތުން ސަރުކާރު ގެންގުޅޭ ވިސްނުންތަކެއް މިހާރު އެބަހުރި. އެހެންނަމަވެސް، އަޅުގަނޑުމެންނަށް ފެންނަހާ ކަމެއް ފެންނަ ގޮތަކަށް ކުރަމުން ގެންދިޔުމަށްވުރެ، އަޅުގަނޑުމެން ގަބޫލުކުރަނީ، ތިޔަބޭފުޅުންނާ މަޝްވަރާ ކޮށްގެން ވާހަކަ ދައްކައިގެންނޭ ތިޔަބޭފުޅުންގެ ސީދާ އިޙްސާސްތަކާއި ބޭނުންތައް އަޅުގަނޑުމެންނަށް ފިލަމުންދާނީ.

ވަރަށް ބޮޑަށް ޝުކުރިއްޔާ! ތިޔަބޭފުޅުން އަޅުގަނޑަށް ތިޔަދެއްވި ރިޕޯޓަށްޓަކައި. އަޅުގަނޑު މި އުންމީދު ކުރަނީ، އެރިޕޯޓުގައި ހުރިހާ ވާހަކައެއް ތަފްޞީލުކޮށް އޮންނާނެ ކަމަށް. އަޅުގަނޑެއް ހަނދާން ނައްތައެއް ނުލާނަން، މިމަސައްކަތުގައި އުޅުއްވާ ވަޒީރުންނާއި އެހެން ބޭފުޅުންނަށް އެކަމުގައި ބާރަށް އުޅުއްވޭނެގޮތް އިރާދަކުރެއްވިއްޔާ އަޅުގަނޑު ހަމަ މާލެ ދެވުމާއެކީގައި އަޅުގަނޑު ހަދައިދޭނަން. ތިޔަބޭފުޅުން ތިޔަބޭނުންފުޅު ކަންކަން، ޚާއްޞަކޮށް، ވިޔަފާރިއާ ގުޅޭގޮތުން ބޭނުންފުޅު ކަންކަން މިރަށަށް ހަލުވިކަންމަތީގައި ކޮށްދެވޭނެގޮތެއް އަޅުގަނޑުމެން ހަދައިދޭނަން.

އަޅުގަނޑުމެންގެ ސަރުކާރުގެ ވަރަށްބޮޑު އަމާޒެއް އެއީ، ޚަރަދު ކުޑަކުރުމާއި، އާމްދަނީ އިތުރުކުރުން. މި ދެކަމަކީ މުޅިން ގުޅޭ ދެކަމަށްވެސް ނުވެދާނެ. އެހެންނަމަވެސް، ރިކަރެންޓް ޚަރަދު ނުވަތަ ތަރައްޤީއަށް ފަހިނުވާފަދަ ޚަރަދު ކުޑަކުރުމާއި އަދި އާމްދަނީ އިތުރުކުރުން އެއީ، އަޅުގަނޑުމެން ވަރަށް ބޭނުން އަދި މަސައްކަތްކުރާ ކަމެއް. އެގޮތުން މަސްވެރިކަމުން ލިބޭ އެއްޗެއް މިހާރަށްވުރެ އިތުރުކުރުމަށް މިއަށްވުރެ ވަކި ރަނގަޅު އެހެން ރަށެއް މިރާއްޖޭގައި މިހާރު މަދުވާ ހިސާބަށް މިދަނީ. އަޅުގަނޑު މިދަންނަވަނީ، ކޮލަމާފުށްޓާއި، އިހަވަންދުއާ، ނުވަތަ މަސްވެރިކަމުގެ ބައެއް ބޮޑެތި ރަށްރަށާ މިރަށާވެސް ވަރަށް ބޮޑަށް ވާދަކުރާ ދަރަޖައަކަށް މަސް ކެއްކުމާއި، ހިއްކުމުގެ މަސައްކަތް މިހާރު އެބަ ކުރިޔަށް ގެންދެއޭ. އެހެން ނަމަވެސް، މިރަށުގައި އެކަން އާދަޔާ ޚިލާފު ގޮތެއްގައި ތަރައްޤީވަމުން އެބައާދޭ. އެއަށް ބޭނުންވާ ދަރާއި ނުވަތަ މަސް ކައްކަން ބޭނުންވާ އިތުރު ގޮތްގޮތާއި، މިކަންކަން ފަހިކޮށްދިނުމަށްޓަކައި ސަރުކާރުން އިރާދަކުރެއްވިއްޔާ މިއަހަރުގެ ތެރޭގައި، ކުރިއަށް މިއޮތް ދެމަހެއްހާ ދުވަހުގެ ތެރޭގައި އަޅުގަނޑުމެންނަށް ޕްރޮގްރާމްތަކެއް ހިންގަން ފެށޭނެ. އެ ހިންގަން ފެށުމުގެ ކުރީގައި ތިޔަބޭފުޅުން ހުށަހަޅުއްވާފައި މިވާ ކަންކަން އަޅުގަނޑުމެން ފުންކޮށް ބަލާނަން. ދިރާސާކޮށް ހަދާނަން.

އަޅުގަނޑުމެން މި މަސައްކަތްތައް ކުރަމުން އަންނައިރުގައި، އަޅުގަނޑުމެންނަށް ކިތަންމެ ދައްޗަކާ އެބަދިމާވޭ. ޚާއްޞަކޮށް، ފުރަތަމަ މަހެއްހާ ދުވަހުގެ ތެރޭގައި، ބައެއް ކަންކަމަށް ހުއްޓުންއަރާ ބާވަތުގެ ދަތި އަޅުގަނޑުމެންނަށް ދިމާވި. އެހެން ނަމަވެސް، އެނގިވަޑައިގަންނަވާނެ، އަޅުގަނޑުމެން މިކަމަށް ނުކުމެ މިތިބީ ފަހަށްޖެހޭކަށެއް ނޫން. އިރާދަކުރެއްވިއްޔާ އެންމެ ފިޔަވަޅެއްވެސް އަޅުގަނޑުމެން ފަހަތަކަށް ނާޅާނަން. އަޅުގަނޑުމެންނަށް ހުއްޓުން ގެނައުމަށްވެސް ވަކިބަޔަކު އަދި ކިތަންމެ ގޮތަކަށް އެމަސައްކަތުގައި އުޅުއްވި ނަމަވެސް، އަޅުގަނޑުމެންނަށް އެ ހުރަސްތަކުން އިރާދަކުރެއްވިއްޔާ އަރައިގަނެވޭނެ. މިހާރުވެސް މިތިބީ އަޅުގަނޑުމެންނަށް ވަރަށްބޮޑު ދަރަޖައަކަށް އަރައިގަނެވިފައި. އަޅުގަނޑުމެންގެ އަމާޒަށް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ވާސިލުވާނެ. އަޅުގަނޑުމެން މިދެކޭ އަނެއް ދިވެހިރާއްޖެ، އަޅުގަނޑުމެން މި އުންމީދުކުރާ ގުލްޒާރު، އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންނަށް ލިބޭނެ.

ހިރިލަންދުއަކީ ޒަމާނުއްސުރެ ފަށައިގެން، ހަމައެކަނި މަސައްކަތްތެރި ރަށެއް ނޫން. ވަރަށް އުފާވެރިވެސް ރަށެއް. ރާއްޖޭގެ ރަށްތަކުގެ ތެރެއިން، މުނިފޫހިފިލުވުމުގައިވެސް އެތައް ދަރަޖައެއް ކުރިއަށް އަރާހުރި ރަށެއް. ހިރިލަންދޫގެ އުފާވެރިކަމާއި ހިރިލަންދޫގެ ޖޯޝް ގެއްލިދާކަން ސަރުކާރަކުން ނޭދޭނެ. މަސައްކަތާ އެކީގައި އުފާވެސް ކުރަންޖެހޭނެ. މި މުޖްތަމަޢު ޒަމާނުއްސުރެ ފަށައިގެން ބިނާވެގެން އައިގޮތް އަޅުގަނޑުމެންނަށް އޮޅިފައެއްވެސް ނުވޭ. ތިޔަބޭފުޅުންނަށް، ތިޔަބޭފުޅުން ބޭނުންފުޅުވާ ކަންކަމުގައި ކުރިއަށް ވަޑައިގަތުމުގެ މަގު އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ފަހިކޮށްދޭނަން.

މި ސަރުކާރުން ހިންގަނީ ޙަޤީޤަތުގައި މައިގަނޑު ދެބާވަތެއްގެ މަސައްކަތް. އެއްބާވަތެއްގެ މަސައްކަތަކީ، މާލޭގައި ހިފެހެއްޓިފައި ހުރި ވެރިކަމުގެ އެންމެހާ ބާރުތައް، މާލެއިން ވީއްލުން. ރާއްޖޭގެ އަތޮޅުތަކަށް ވެރިކަމުގެ ބާރު ބަހާލުން. އެމަސައްކަތަށް އަޅުގަނޑުމެން މި ކިޔަނީ، ލާމަރްކަޒީ އުޞޫލުން ވެރިކަން ހިންގުން ނުވަތަ އިދާރީ ހިންގުމުގެ މަސައްކަތޭ. މިއަންނަ ހަފްތާގެ ތެރޭގައި އިރާދަކުރެއްވިއްޔާ ސަރުކާރުން ލ.އަތޮޅަށާއި ތ. އަތޮޅު ހިމެނޭ ޕްރޮވިންސަށް ސްޓޭޓް މިނިސްޓަރެއް ޢައްޔަން ކުރާނަން. މީގެކުރީގައި، އެޓޮލްސް އެޑްމިނިސްޓްރޭޝަނުން ހިނގަމުން ގެންދިޔަ ހުރިހާ ކަމެއް ހިނގަމުންދާނީ، އެ މިނިސްޓަރުގެ ބެލުމުގެ ދަށުން މި ސަރަޙައްދުގައި.

އެހެންވީމާ، އަޅުގަނޑުމެންގެ އެންމެބޮޑު އެއް އަމާޒަކީ، ޒަމާނުއްސުރެ ފަށައިގެން މާލޭގައި ހިންގަމުން އައި، ފާށަނާ ބިލްޑިންގ ނުވަތަ އެޓޮލްސް އެޑްމިނިސްޓްރޭޝަން ހިނގަމުން އައި ބިލްޑިންގ މިހާރު ހުއްޓާލައި، އެތަނުގެ ހުރިހާ މަސައްކަތެއް އަތޮޅުތަކަށް ބަދަލުކުރުން. އަދި ހަމަ އެހެންމެ، މި ޕްރޮވިންސް ހިންގާ މަރްކަޒެއްގައި މާލޭގައި މިނިސްޓްރީތަކުން ލިބެން ހުރި ހުރިހާ ޚިދްމަތެއް ލިބޭނެ އިންތިޒާމެއް ގާއިމު ކުރުމަކީ، އަޅުގަނޑުމެންގެ އަމާޒު. އިރާދަކުރެއްވިއްޔާ ހަމަ ފަށައިގަންނައިރުގައިވެސް ތަޢްލީމާއި ޞިއްޙަތުގެ ކަންކަން އެތަނުން ހަމަޖެހިގެންދާނެ ގޮތެއް އަޅުގަނޑުމެން މިދަނީ ރާވަމުން.

ހަމައެހެންމެ، ހަމަ ފަށައިގަންނައިރުގައިވެސް މީގެކުރީގައި، އ.ދ. އިންނާއި ބައިނަލްއަޤްވާމީ އެކިއެކި އެހީދޭ ޖަމްޢިއްޔާތަކުން ރާއްޖޭގައި ހިންގަމުން އައި މަޝްރޫޢުތައް، މާލޭގައި ހުންނަ މިނިސްޓްރީތަކުގެ ބަދަލުގައި ސަރަޙައްދުގައި ހުންނަ ސްޓޭޓް މިނިސްޓަރު ހިންގަވާ ގޮތަށް އަޅުގަނޑުމެން މިގެންދަނީ ބަދަލުކުރަމުން. އިދާރީ ހިންގުން، ވެރިކަމުގެ ބާރުތައް މާލެއިން މިއަތޮޅުތަކަށް ބަހާލުމަކީ ސަރުކާރުގެ ވަރަށްބޮޑު އަމާޒެއް. އަޅުގަނޑުމެންގެ ނަޒަރުގައި، ރާއްޖޭގެ ތަރައްޤީއަށް އެޅިފައި އޮތް އެންމެބޮޑު އެއް ހުރަހަކީ، ހުރިހާ ބާރެއް މަދު މީސްކޮޅެއްގެ އަތްމައްޗަށް މާލެއަށް ޖަމާވަމުން އައިކަން. އެހެންވީމާ، މިމަސައްކަތް ލާމަރްކަޒީ އުޞޫލުން ރާއްޖޭގެ އަތޮޅުތައް ހިންގުމުގެ މަސައްކަތް އަޅުގަނޑުމެން މިގެންދަނީ ކުރިޔަށް. އިރާދަކުރެއްވިއްޔާ އެމަސައްކަތް އަޅުގަނޑުމެން މިއެދޭ އަމާޒަށް ކުރިޔަށް ގެންގޮސް މިއަހަރުގެ ތެރޭގައި ނިންމަމުން ގެންދެވޭނެ.

ސަރުކާރުގައި ހުރި ވިޔަފާރީގެ އުޞޫލުން ހިނގާ ކަންތައްތަކެއް އެބަހުރޭ. އޭގެތެރޭގައި ވެދާނެ ކަރަންޓު ދިނުން ކަމަށްވެސް. އޭގެތެރޭގައި ވެދާނެ ފެރީއެއް ދުއްވުން ކަމަށްވެސް. އެހެން ނޫނިއްޔާ މަތިންދާބޯޓެއް ދުއްވުން ކަމަށްވެސް. ނުވަތަ އެއަރޕޯޓެއް ހިންގުން ނުވަތަ ބަނދަރެއް ހިންގުން. ސަރުކާރުން ހިންގާ ދެވަނަ ބާވަތުގެ މަސައްކަތަކީ، ސަރުކާރުގެ ތެރޭގައި ހިނގަމުން އަންނަ މިބާވަތުގެ ވިޔަފާރީގެ ކަންކަން، ވިޔަފާރީގެ އުޞޫލުން ހިންގޭނޭ ގޮތެއް ހޯދުން. އެއީ، ސަރުކާރުން އެކަންކަން ހިންގުން ހުއްޓާލައި، އަމިއްލަ ވިޔަފާރިވެރިންނަށް ނުވަތަ ވިޔަފާރީގެ އުޞޫލުން އެކަންކަން ހިންގޭނޭ އިންތިޒާމެއް އަޅުގަނޑުމެން ހޯދުން. ދުނިޔޭގައި މި އިންތިޒާމަށް ކިޔަމުން މިއަންނަނީ، ޕްރައިވެޓައިޒޭޝަނޭ ނުވަތަ އަމިއްލަ ވިޔަފާރިވެރިން ހިންގާ ހިންގުމޭ.

އަޅުގަނޑުމެން މިދަނީ ސަރުކާރުގެ މިބާވަތުގެ އެކިއެކި ކަންކަން ފާހަގަކުރަމުން. އެގޮތުން މިސާލަކަށް، އަޅުގަނޑުމެންނަށް މިފެންނަނީ ސްޓެލްކޯ، އެއީ ކަރަންޓްދޭ ކުންފުނި. ސަތޭކަ ޕަސެންޓް ސަރުކާރު ޙިއްޞާވާ ކުންފުންޏެއް. އެ ކުންފުންޏަށް އަބަދުވެސްވަނީ ގެއްލުން. އެ ގެއްލުންވަމުންދާއިރުގައި، އަދި އިތުރަށް ސަރުކާރުން އެބަޖެހޭ އެކުންފުންޏަށް އެތައް ފައިސާއެއް ޚަރަދު ކުރަމުންގެންދަން. ޙަޤީޤަތުގައި، މާލޭގައިވެސް ކަރަންޓް ޔުނިޓެއްގެ އަގަކީ ފަސްރުފިޔާ. އެހެން ނަމަވެސް، ސްޓެލްކޯއިން ވިއްކަމުންދަނީ ދެރުފިޔާ ބަޔަށް. އަނެއް ދެރުފިޔާބައި އެކީގައި، މާލޭގެ ރައްޔިތުންގެ ކަރަންޓުގެ ދެބައިކުޅަ އެއްބައަށް ސަރުކާރުން މިދަނީ ފައިސާ ދެމުން. އަޅުގަނޑުމެން ނުދެކެން އެއީ އިންޞާފުވެރި ގޮތެއް ކަމަކަށް. ރާއްޖޭގައި ކަރަންޓު އަގުބޮޑު އެތައް ތަނެއް އެބަހުރި. ކަރަންޓުގެ ޚިދްމަތް ރަނގަޅަށް ނުލިބިފައިވެސް ކިތަންމެ ބަޔެއް އެބަވޭ.

އެހެންވީމާ، އަޅުގަނޑުމެން މި އެދެނީ، ސްޓެލްކޯވެސް އަދި ކަރަންޓުދޭ ފަރާތްތައް، ޚާއްޞަކޮށް، މިބާވަތުގެ އަސާސީ ޚިދްމަތްތައް ފޯރުކޮށްދޭ ފަރާތްތަކުން، އެމީހުންގެ ވިޔަފާރި، ވިޔަފާރީގެ އުޞޫލުން ކުރިއަށް ގެންދާށޭ. އޭރުން ސްޓެލްކޯއިންވެސް ނުވަތަ ކަރަންޓުދޭ ކުންފުންޏަކުންވެސް، އެމީހުންނަށް ވިޔަފާރީގެ ހަމައިގައި ކިޔެން އޮތް އަގެއްކީމާ، ބިލް ނުދެއްކޭ ނިކަމެތި ޢާއިލާތަކަށް، ސީދާ ރައްޔިތު މީހާއަށް ސަރުކާރުން އެހީތެރިވެވިދާނެ. މުޅި ކުންފުންޏަކަށް އެހީވާކަށް އަޅުގަނޑުމެން ތައްޔާރަކަށް ނެތީމޭ.

ދަންނަވަން މިއުޅޭ ވާހަކައަކީ، މިހާރު މިއޮތް ގޮތުން ވެއްޖިއްޔާ، ރާއްޖޭގައި ތިބި އެންމެ ބޮޑެތި މަހުޖަނުންގެ ކަރަންޓު ބިލުގެވެސް ދެބައިކުޅަ އެއްބައި ފައިސާ އަޅުގަނޑުމެން މިދަނީ ދެމުން. ހަމައެހެންމެ، އެންމެ ނިކަމެތި މީހާގެވެސް ކަރަންޓު ބިލުގެ ފައިސާވެސް މާލޭގައި އަޅުގަނޑުމެން މިދަނީ ދެމުން. އެންމެ ނިކަމެތި މީހާގެ ކަރަންޓް ބިލުގެ ފައިސާ އަޅުގަނޑުމެން އެއްގޮތަކަށްވެސް ނުދެން. އެއީ ރާއްޖޭގެ ރަށްތަކުގެ ތެރެއިން ފަސްރުފިޔާ، ހަރުފިޔާ، ހަތްރުފިޔާއަށް ކަރަންޓު ޔުނިޓެއް ދޭ ރަށްރަށުގައި ދިރިއުޅެމުން އަންނަ ރައްޔިތުންގެ ކަރަންޓު ބިލުތައް. އަޅުގަނޑުމެންގެ ބޭނުމަކީ، ސްޓެލްކޯއަށް ސަރުކާރުން ޚަރަދު ކުރުން ހުއްޓާލާފައި، ރައްޔިތު މީހާއަށް ޚަރަދު ކުރެވޭނެ ގޮތެއް އުސޫލެއް ހޯދުން.

ސަރުކާރުން މިއައި ވިޔަފާރި ކުރުމުގެ ގޮތްތައް ކޮންމެހެންވެސް އަޅުގަނޑުމެން އެބަޖެހޭ ބަދަލުކުރަން. ރައްޔިތުންނަށް އިންޞާފުވެރި ގޮތުގައި، އަދި ފައިސާވެސް ބޭކާރުވެ ނުދާނެ، އިސްރާފު ނުވާނެ ގޮތެއްގައި މިކަން ކުރުމަށްޓަކައި. މިދެމަސައްކަތް މިއަންނަނީ ވަރަށް ބާރަށް އަޅުގަނޑުމެން ހިންގަމުން. އެނގިވަޑައިގަންނަވާނެ، ޔުޓިލިޓީޒް ކުންފުނީގެ ނަމުގައި ކޮންމެ ޕްރޮވިންސަކަށް ސަރުކާރުން ދެތިން ކުންފުންޏެއް އުފައްދަމުން އަޅުގަނޑުމެން މިދަނީ. އެކުންފުނީގެ ފަރާތުން ކަރަންޓާއި ފެނާއި ނަރުދަމާއާއި ގޭހާ މިކަންކަން ހިންގަމުންގެންދާނެ. އެހެންވީމާ، އެކުންފުނިތައް ހިންގަން ފެށުނީމާ، އެ ކުންފުނިތަކަށް މިރަށްރަށުގެ ކަރަންޓްގެ އެންމެހާ ކަންކަން ބަދަލުވެގެންދާނެ. އެ ހިންގުން ބަދަލުވެގެން ދިޔައީމާ، އަޅުގަނޑުމެން މިދެކެނީ މިހާރަށްވުރެ ރަނގަޅަށް އިންތިޒާމުވެގެން މިހާރަށްވުރެ ބޮޑެތި އިންވެސްޓްމަންޓް އެކަންކަމަށް ކުރެވިގެން، ފައިސާ ޚަރަދުކުރެވިގެން އެކަންކަން ހިނގަމުންދާނެޔޭ.

އަބަދުވެސް އަޅުގަނޑު ހަމަ ތަކުރާރުކޮށް ދަންނަވާނެ ވާހަކައަކީ، މި ރާއްޖޭގައި މިނޫން ދުވަހެއް ގެނައުމަށް އަޅުގަނޑުމެންނަށް މި ކުރެވެމުން އަންނަ މަސައްކަތުގައި އިރާދަކުރެއްވިއްޔާ ކާމިޔާބު ލިބޭނެ ކަމުގެ ޔަޤީންކަން ކުރިއަށްވުރެ މިހާރު އަޅުގަނޑުމެންނަށް މާބޮޑޭ. އެހެންވީމާ، އަޅުގަނޑުމެންގެ މަސައްކަތް އަޅުގަނޑުމެން ކުރިއަށް ގެންދާނަމޭ. ހަމަ ގައިމުވެސް މަސައްކަތަށް ނުނުކުމެ، އަޅުގަނޑުމެން އެންމެ ދުވަހެއްވެސް ދުލެއް ނުކުރާނަމޭ. އަދި އަޅުގަނޑު ދުވާލަކު މަސައްކަތްކުރާ ވަގުތު 14 ގަޑިއިރަށްވުރެ މަދުވާނެ ދުވަހެއްވެސް އިރާދަކުރެއްވިއްޔާ ނުބާއްވާނަމޭ. އަޅުގަނޑު މި ފަސް އަހަރު ދުވަހު މިމަސައްކަތް ކުރާނަމޭ.

އަޅުގަނޑުމެންނަށް އެނގޭ، އަޅުގަނޑުމެންގެ ރާއްޖެއަކީ މުއްސަނދި ޤައުމެއްކަން. ތަނަވަސް ޤައުމެއްކަން. ޤުދުރަތީ ވަސީލަތްތައް ގިނަ ޤައުމެއްކަން. އެ ޤުދްރަތީ ވަސީލަތްތަކުން ފައިދާއާއި ރޯދި ހޯދުމަކީ އަޅުގަނޑުމެން އިންސާނުންގެ މަސައްކަތުން ކުރާ ކަމެއް. އަޅުގަނޑުމެން އަތް ނަގައިގެން ތިއްބައެއް އަޅުގަނޑުމެން ލައިގެންކާ އެއްޗެއްސެއް އަޅުގަނޑުމެންގެ އުނގަކަށް ނުފައިބާނެ. އަޅުގަނޑުމެން ޖެހޭނީ އަޅުގަނޑުމެންގެ އަމިއްލަ މަސައްކަތުން އަޅުގަނޑުމެންގެ ޚަރަދުތައް ހޯދަން. އަޅުގަނޑުމެންގެ އަނބިދަރިން ބަލަހައްޓަން. އަޅުގަނޑުމެންގެ ކުދިންނަށް ކިޔަވައިދެވޭނެ މަގުތައް އަޅުގަނޑުމެން ހޯދަން. އެކަމުގައި ތިޔަބޭފުޅުންނަށް ސަރުކާރުން މަސައްކަތް ކޮށްދޭނެ، ތިޔަބޭފުޅުން ނުކުމެވަޑައިގެން، މަސައްކަތް ކުރައްވައިގެން ފައިސާ ހޯއްދަވައިގެން އަމިއްލަ ފައިމައްޗަށް ތެދުވެވަޑައިގެންނެވޭނެ ރައްޔިތަކަށްވުމަށް. އަޅުގަނޑުމެންގެ އަމާޒަކީ، ކޮންމެ ދިވެއްސަކީވެސް ތިމަންނާއަކީ ޙައްޤުތަކެއް ލިބިގެންވާ އަމިއްލަ މީހެކޭ ބުނެވޭނެ ދުވަހެއް ހޯދައިދިނުން. އެއްގޮތަކަށްވެސް އެވެނި މީހަކު މިވެނި މީހަކުދޭ އެހީގައި ދިރިއުޅޭ ބަޔެއްގެ ގޮތުގައި ނުތިބެ އަމިއްލަ ވަކި ފަރުދުންގެ ގޮތުގައި ފަރުދުންތަކެއްގެ ގޮތުގައި ތެދުވެ ކޮޅަށް ތިބެވޭނެ ބަޔަކަށްވުން.

އިރާދަކުރެއްވިއްޔާ އަޅުގަނޑު ދަންނަވާނީ، މިއަދަށްވުރެ އަދި މާ އުފާވެރި ދުވަހަކަށް މާދަމާ ވެގެންދާނެއޭ. އަޅުގަނޑުމެން މި އެދޭ ކަންކަން އަޅުގަނޑުމެން ފުރިހަމަވެގެންދާނެކަމާއި ހުރިހާވެސް ބާރެއް ހުރިހާވެސް މަސައްކަތެއް ކުރެވެން އޮތީ އަޅުގަނޑުމެންނަށޭ، އަޅުގަނޑުމެން ރައްޔިތުންނަށޭ. އަޅުގަނޑުމެން ކުރި މަސައްކަތެއްގެ ޙައްޤު އަޅުގަނޑުމެންނަށް ލިބޭނެއޭ. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ ރާއްޖެއަކީ ތިޔާގި ރާއްޖެއަކަށް ވެގެންދާނެއޭ.

والحمد للّـه. ވަރަށްބޮޑަށް ޝުކުރިއްޔާ!