بســم اللّـه الرّحمـن الرّحيــم

السّـلام عليـكم

އެނގިވަޑައިގަންނަވާނެ، ވިލުފުށީ ރައްޔިތުންނަށް ސުނާމީގައި ދިމާވި ހިތާމަވެރި ހާދިސާއާ ގުޅިގެން، ވިލުފުށީ ރައްޔިތުންނަށް ބުރުނީ ރައްޔިތުން މިދިޔަ ހަތަރު އަހަރު ދުވަހު ވެދެއްވި ބޮޑު އެހީއަށްފަހު އަދި ވިލުފުށީ ރައްޔިތުން މިރަށުގައި މިދިޔަ ހަތަރު އަހަރު ދުވަސް ހޭދަކުރުމަށްފަހު، މިހާރު މާތްރަސްކަލާނގެ އިރާދަފުޅުން އެރައްޔިތުންނަށް މިވަނީ ވިލުފުށްޓަށް ބަދަލުވެވޭނެ ގޮތް ތަނަވަސްވެފައި. ސަރުކާރުން އުންމީދު ކުރަނީ، އިރާދަކުރެއްވިއްޔާ އޭޕްރިލް މަހު ނުވަތަ އެންމެ ލަސްވެގެންވެސް މެއިމަހު ވިލުފުށީ ރައްޔިތުންނަށް ވިލުފުށްޓަށް ބަދަލުވެވޭނެ ކަމަށް.

ވިލުފުށީ ރައްޔިތުން ވިލުފުށްޓަށް ބަދަލުވާއިރުގައި، ހަމަ ކުރީގައިވެސް އޮތް ބުރުނި، އެ އޮތްގޮތުގައި އޮންނާނެ. އަދި ހަމަ ކުރިއެކޭ އެއްފަދައިން، އެ ބުރުނި ތަރައްޤީވަމުން ދިޔުމަކީ، ސަރުކާރުގެ ސިޔާސަތު، ސަރުކާރު އެދޭގޮތް. ބުރުނީ ރައްޔިތުންގެ ނުރުހުމުގައި، މިރައްޔިތުން މިރަށުން އެހެން ތަނަކަށް ބަދަލުކުރާކަށް އަޅުގަނޑުމެންނެއް ފިކުރެއް ނުކުރާނަން. ސިޔާސަތެއް ނުރާވާނަން. އަޅުގަނޑުމެން ކުރާ ކަމެއް ކުރާނީ، ބުރުނީ ރައްޔިތުން މިކަންކަމުގައި އެދޭގޮތްތަކަކީ ކޮބައިތޯ ބަލާފައި. ސަރުކާރުގެ ސިޔާސަތު ބިނާވެފައި އޮންނާނީ، އެ ރައްޔިތުން އެދޭ ގޮތަށް ކަންކަން ކުރުމަށް މަސައްކަތް ކުރުމުގައި.

އަޅުގަނޑަށްވެސް އެނގިފައި އޮތީ، މިދިޔަ އަހަރުގެ ނިމުމަކަށް އައިއިރުގައި، މިރަށުގެ ހެލްތް ޕޯސްޓްގެ ނަންބޯޑުވަނީ ހެލްތް ސެންޓަރެއްގެ ގޮތުގައި ނަން ބޯޑު ބަދަލުކޮށްފައި. އެހެން ނަމަވެސް، ނަންބޯޑު ބަދަލުކުރުން ފިޔަވައި، އިތުރު އެއްވެސް ބަދަލެއް ސަރުކާރުގެ އެއްވެސް ތަނަކުން އަޅުގަނޑަކަށެއް ނުފެނުނު. އެހެންވީމާ، ދިމާވެއްޖެ ހިތާމަވެރި ގޮތްތަކެއް. އެއީ، އެފަހު ވަގުތުކޮޅުގެ ތެރޭގައި، ސަރުކާރުން އޮތީ އެތައް ބަޔަކަށް ވަޒީފާދޭނެ ކަމުގެ އިޢްލާނުތަކެއް ކުރައްވާފައި. އެހެން ނަމަވެސް، ސިވިލް ސަރވިސްއަކު ނެތް އެ ވަޒީފާ ދިނުމަށް ދެން އިތުރަށް ކުރައްވާފައި އޮތް އެއްވެސް ކަމެއް. މި މައްސަލަ މިގޮތަށް ހިނގާކަން އަޅުގަނޑުމެންނަށް ވަނީ ފާހަގަވެފައި. އަޅުގަނޑުމެންނެއް ނޭދެން، ބުރުނީ ރައްޔިތުންނަށް ޞިއްޙީ ޚިދްމަތް އެކަށީގެންވާ ގޮތެއްގައި ނުލިބި އޮންނާކަށް. ބުރުނީގައި މިހާރުވެސް ހިނގާ ހެލްތް ޕޯސްޓް، ހެލްތް ސެންޓަރަކަށް ބަދަލުކޮށްދިނުމަށް ސަރުކާރުން މިދަނީ ވިސްނަމުން. މަސައްކަތް ކުރަމުން. އިރާދަކުރެއްވިއްޔާ، މިއަހަރުގެ ތެރޭގައި ބުރުނީ ރައްޔިތުންނަށް އެކަން އަޅުގަނޑުމެންނަށް ކޮށްދެވޭނެ.

ހަމަ އެއާއެކުގައި، އަޅުގަނޑަށް މިއަދު އުފަލާއެކުގައި ބުރުނީ ރައްޔިތުންނަށް ދެންނެވެން އެބައޮތް، މިރަށުގައި ގެދޮރު އަޅައިދީފައި، މިރަށުގައި ގެދޮރު ބޭނުންވާ ފަރާތްތަކުން ދިގު މުއްދަތުގައި ކުޑަ އެއްޗެއް ދައްކައި، އެ ޚަރަދު ޚަލާޞްކުރާ އުޞޫލުން ބުރުނީ ރައްޔިތުންނަށް މިއަހަރު ބޯހިޔާވަހިކަން ފޯރުކޮށްދެވޭނެއޭ. މިއަހަރުގެ ތެރޭގައި ފަންސަވީހަކަށް ބޯހިޔާވަހިކަން މިރަށުގައި އަޅުގަނޑުމެންނަށް ޢިމާރާތް ކޮށްދެވެން އެބައޮތް. އެހެންވީމާ، އިރާދަކުރެއްވިއްޔާ އެމަސައްކަތްވެސް މިއަހަރުގެ ތެރޭގައި ފަށައިގަނެވޭނެ.

ހަމަ އެއާއެކީގައި، ބުރުންޏަކީ ދަނޑުވެރިކަމުގެ ގޮތުން ތަރައްޤީ ކުރެވިދާނެ ރަށެއްގެ ގޮތުގައި ސަރުކާރަށް ފާހަގަވޭ. އެހެންވީމާ، މި ފެބްރުއަރީ މަހުގެ ތެރޭގައި ދަނޑުވެރިކަމުގެ މަޝްރޫޢުތަކެއް ސަރުކާރުން ފަށްޓަވާނެ. އަޅުގަނޑު މިއަދު މިރަށަށް އައިއިރުގައި، އެކަންކަން އަޅުގަނޑުމެންނަށް ކުރިއަށް ގެންދެވެން އޮތީ ކޮންގޮތަކަށްތޯ އަޅުގަނޑު އޮންނާނީ ބަލާފައި. ސަރުކާރަށް ފާހަގަވަނީ،އ.ދ.ގެ އަދި ބައިނަލްއަޤްވާމީ އެހެންވެސް އެކިއެކި ފަރާތްތަކާއި އޭޖެންސީތައް މެދުވެރިކޮށްގެން މިކަންކަން ކުރިއަށް ގެންދެވިދާނެ ކަމަށް. އެހެންވީމާ، އިރާދަކުރެއްވިއްޔާ އެންމެ ލަސްވެގެން ފެބްރުއަރީ މަސް ނިމޭހާ ތަނުގައި އަޅުގަނޑުމެންނަށް އެމަޝްރޫޢު ފަށައިގަނެވޭނެ. މިރަށުގައި ދަނޑުވެރިކަމުގެ މަސައްކަތް އަޅުގަނޑުމެންނަށް ކުރިއަށް ގެންދެވޭނެ.

ހަމަ އެއާއެކީގައި، ރާއްޖޭގެ ހުރިހާ ރައްޔިތުންގެ ތެރެއިން 65 އަހަރުން މަތީގެ ކޮންމެ ރައްޔިތަކަށް، އަންހެނަކަސް ފިރިހެނަކަސް، މި މަސް ނިމޭއިރު، 2000 ރުފިޔާ ލިބިގެންދާނެ. އަޅުގަނޑަށް އެނގިފައި އޮތީ، 65 އަހަރުން މަތީގެ 31 މީހުން ބުރުނީގައި ދިރިއުޅޭ ކަމަށް. ދޮށީ ޢުމުރުގެ މީހުންނަށް، އެފައިސާ، ޕެންޝަނެއްގެ ގޮތުގައި މި ފޯރުކޮށްދެނީ އެމީހުންގެ ޙަޔާތުގެ ފަހު ދުވަސްތައް މިހާރަށްވުރެ ޤަދަރުވެރި އިޙްތިރާމްވެރި ގޮތެއްގައި ހޭދަކުރެވޭނެ ގޮތެއް ހޯދައިދިނުމަށްޓަކައި. އަޅުގަނޑުމެން އެފައިސާ ފޯރުކޮށްދިނީމާ، އަޅުގަނޑުމެން މި އުންމީދު ކުރަނީ، އޭގެ ސަބަބުން އެބޭފުޅުންގެ އެރައްޔިތުންގެ ދަރިންނާއި ކާފަ ދަރިންނަށް، މިހާރު އޮތް ކޮންމެވެސް ވަރެއްގެ މާލީ ބުރަކަން ފިލައިގެންދާނެ ކަމަށް. ހަމަ އެއާއެކީގައި، ކޮންމެ މަހަކު ބުރުންޏަށް ސަރުކާރުން ފަސްދޮޅަސް ދެހާސް ރުފިޔާ ދެވުނީމާ، އެ ރުފިޔާގެ ސަބަބުން ރަށުގައި ވިޔަފާރި ހިނގައިގަންނާނެ. ކުރިއަށްވުރެ ރަނގަޅުވާނެ. އެހެންވީމާ، ވިޔަފާރިވެސް ރަށުގައި ކުޑަކޮށް ރަނގަޅުވެގެންދާނެ ކަމުގެ އުންމީދުގައި އަޅުގަނޑުމެން މިކަން މިކުރަނީ.

އަޅުގަނޑަށް ހަމަ މީގެއިތުރަށްވެސް އެބަ އެނގޭ މިރަށުގައި ގޮއި ނަގާފައި އޮތް ތަނުން މިދިޔަ ދެތިންމަހެއްގެ ތެރޭގައި ކޮންމެވެސް ވަރަކަށް ރުއްގަހަށް ގެއްލުން ލިބިއްޖެކަން. ދަންނަވަންތޯ އެއީ، ހުރިހާ ރަށެއްގައިވެސް މަދުމަދުން އެކިފަހަރުފަހަރު އެކި ދުވަސްވަރު ހިނގާ އުޅޭ ބާވަތުގެ ކަންކަން. އަޅުގަނޑު ވަރަށް ބޮޑަށް އެދެން، އެ ޒުވާނުން އެމީހުންގެ ވަގުތުތައް ރުއްކުރި ކެއުމުގައި އަދި ރުއް އެޅުމުގައި ނޫޅެ، އެހެން ގޮތްގޮތަށްވެސް އެ ވަގުތުތައް ހޭދަކުރެވޭނެ ގޮތެއް ހޯދުމަށް. އެ ގޮޔަކީ އެ ރުއްތަކަކީ ބައެއްގެ މުދަލެއް. އެ މުދަލަށް އަރައިގަތުން އެއީކީއެއް ބުއްދިވެރި ކަމެއް ނޫން. އަދި ރަނގަޅުވެސް ކަމެއް ނޫން. ޒުވާނުންގެ ކިބައިން އަޅުގަނޑު ވަރަށް ބޮޑަށް އެދެން އެކަން އެހެން ނުކޮށް ހުއްޓާލުމަށް. ޚާއްޞަކޮށް، ދަނޑުވެރިކަމަށް އަޅުގަނޑުމެން މިރަށް ފާހަގަކުރަމުންދާއިރުގައި، މި ރުއްގަހަށް ގެއްލުން ލިބޭ ކަމަށްވަނީވިއްޔާ، އެ މަސައްކަތް ފުޅާކުރަން ވަރަށް އުނދަގޫވާނެ. އަދި ރުއްގަހަށް ގެއްލުން ލިބޭ ކަމަށް ފާހަގަވެފައި އޮންނަ ރަށެއްގެ ގޮތުގައި މި ރަށް "ބުރުނި" ބިންވަޅު ނެގިއްޖިއްޔާ، ދެން އަޅުގަނޑުމެންނަށް ވަރަށް އުނދަގޫވާނެ، ބޭރުން ފައިސާއާއި މިބާވަތުގެ ކަންކަންވެސް މިތަނަށް ގެންނަން. އެހެންވީމާ، އަޅުގަނޑު ވަރަށް ބޮޑަށް އެދެން އެކަން ކުރުން ހުއްޓާލުމަށް. މިތަނަށް ފުލުހުންނާއި ސިފައިންނާއި އެކިބާވަތް ބާވަތުގެ މީހުން އެހާ ގިނައިން އަރައި، ކޮންމެހެންނެއް މާބޮޑު މަސައްކަތްތަކެއް އެކަމުގައި ނުކުރިޔަސްވެސް، ރ.ކ. ކޮމިޓީއާއި، މަދަރުސާއާއި، އޮފީހާއި، ރަށުގައި މައްޗަށް ތިއްބެވި ބޭފުޅުންނާއި، ޒުވާނުންނާ އެކީގައި މިކަންކަން ޙައްލު ކުރެވޭނެ ކަމަށް އަޅުގަނޑު އުންމީދު ކުރަން. އަޅުގަނޑު ދެކެން. އަޅުގަނޑު ވަރަށް ބޮޑަށް އެދޭނަން، ޒުވާނުންގެ ކިބައިން މިކަން މިހެން ކޮށްދިނުމަށް.

އަޅުގަނޑުމެން ސަރުކާރުން ތިޔަބޭފުޅުންނަށް، ޒުވާނުންނަށް ކުޅިވަރު ކުޅުމަށް ކޮންމެވެސް ބާވަތެއްގެ އެހީތެރިކަމެއް ވެދެވޭނެ. އެއެހީތެރިކަން ވެދެވެން އަޅުގަނޑުމެންނަށް އެބައޮތް. އެއީ ކޮންކަމެއްތޯ ބުރުނީ ޒުވާނުންގެ ގާތުގައި މިއަދު އަޅުގަނޑު ނުބުނެ މިހުރީ، އެއީ ތިޔަބޭފުޅުންނާ ވާހަކަ ދައްކާފައި، ތިޔަބޭފުޅުން ބޭނުންވާ ކަންތައްތަކަކީ ކޮބައިތޯ ކުޑަކޮށް އޮޅުންފިލުވުމަށްފަހު، އަޅުގަނޑުމެންނަށް ސަރުކާރަށް މިވަގުތު ކޮށްދެވެން ހުރި ކަމެއް ބުރުންޏަށް ކޮށްދިނުމަށްޓަކައި. މުނިފޫހިފިލުވުމަށާއި ކުޅިވަރަށް އަޅުގަނޑުމެން މި ސަރުކާރުން ޒުވާނުންނަށް އެހީތެރިވެދޭނެ. އެކަމަށް ބޭނުންވާ ކަންކަން އަޅުގަނޑުމެން ފުރިހަމަކޮށްދޭނަން.

މިއަދު އަޅުގަނޑު މިއައީ ވިލުފުށްޓަށް ގޮސްފައި. ވިލުފުށީ ރައްޔިތުން ވިލުފުށްޓަށް ބަދަލުވާއިރުގައި ދިމާވެދާނެ ކިތަންމެ އުނދަގޫތަކެއް މިހާރުވެސް އަޅުގަނޑަށް ފެނޭ. އަޅުގަނޑަށް ޔަޤީން، ތިޔަބޭފުޅުންގެ މެދުގައިވެސް މިކަންކަމުގެ ވާހަކަތައް އެކިގޮތަށް ދެކެވެމުން އަންނާނެކަން. ޢިމާރާތްކޮށްފައި ހުރި ގޭގެ ޢަދަދުވެސް ވިލުފުށީ ހުރިހާ ރައްޔިތުން މިއަދު އެދޭ މިންވަރަށް ނެތިދާނެ. އެހެން ދަތިތައްވެސް އެބަހުރި. އަޅުގަނޑުމެން މި އުންމީދު ކުރަނީ، ވިލުފުށްޓަކީ އަޅުގަނޑުމެންނަށް ނަމޫނާ ރަށެއްގެ ގޮތުގައި ތަރައްޤީ ކުރެވެން އޮތް ރަށެކޭ. އެހެންވީމާ، އެކަން ކުރުން އަޅުގަނޑުމެން ހުއްޓައެއް ނުލާނަމޭ.

ވިލުފުށީގައި އެބަ ބޭނުންވޭ މިހާރުން މިހާރަށްވެސް ތެޔޮ ރައްކާކުރެވޭނެ ގޮތެއް ހޯދަން. އަދި މިހާރު ބާކީ އޮތް 50 ގެޔަށް ކަރަންޓް ދެވޭނެގޮތެއް ހޯދަން. އަދި އެ ގެތަކަށް ނަރުދަމާގެ ޚިދްމަތްވެސް ފޯރުކޮށްދެވޭނެ ގޮތެއް ހޯދަން. ވިލުފުށީގައި އޮޑިދޯނިފަހަރު އެހެލެވޭނެ ގޮތެއް ހޯދަން. ވިލުފުށީގައި މަސް ކެއްކޭނެ ގޮތެއް ހޯދަން. މިކަންކަން ސަރުކާރުން އެބަޖެހޭ ވިލުފުށީގައި ވީހާވެސް އަވަހަކަށް ފުރިހަމަކޮށްދެވޭތޯ ބަލަން. އަދި ހަމަ ވިލުފުށީގެ މަގުތަކުގެ ބޮކިތައްވެސް ހަރުކުރެވޭތޯ ސަރުކާރުން ވީހާވެސް އަވަހަކަށް އެބަ ބަލަންޖެހޭ. މިކަންކަމުގެ ބޮޑު ލިސްޓެއްވާއިރުގައި، ވިލުފުށީ ރައްޔިތުންގެ ކިބައިން އަޅުގަނޑުމެން، ސަރުކާރުން އެދޭނަން އެންމެ މުހިންމު ކަންތައްތަކަކީ ކޮބައިތޯ އަޅުގަނޑުމެންނަށް ސާފުކޮށްދެއްވުމަށް. މިއަހަރުގެ ތެރޭގައި އަޅުގަނޑުމެންނަށް ކޮށްދެވެން ހުރި ކަންތައްތަކުގެ ތެރެއިން މިހާރުން މިހާރަށް ތިޔަބޭފުޅުންނަށް ކޮށްދެވެން އޮތީ ކޮން ކަންތައްތަކެއްތޯ އަޅުގަނޑުމެންނަށް އޭރުން ސާފުކޮށްދެވޭނެ. އަދި އެކަންކަން ކޮށްދިނުމުގައި އަވަސްވެގަނެވޭނެ.

ވިލުފުށީ ރައްޔިތުން، ވިލުފުށްޓަށް ބަދަލުވާއިރުގައި މިދަންނަވާހެން ހުރިހާ ކަމެއް ފުރިހަމަވެފައި ނެތިދާނެ. ޚާއްޞަކޮށް، ގެތައް ބެހުމުގައި ދަތިތަކެއް ދިމާވެދާނެ ކަމަށް ނުވަތަ ނުރުހުމާއި ރުހުން އޭގައި ހިމެނޭނެ ކަމަށް އަޅުގަނޑަށް މިހާރުވެސް ލަފާކުރެވޭ. އަޅުގަނޑުގެ ވިސްނުމުގައި، ސުނާމީގައި ގޭގެ ރަޖިސްޓްރީ އޮތް ކޮންމެ މީހަކަށް ގެއެއް ލިބެންޖެހޭނެ. އަދި އޭގެއިތުރުން ދެންހުރި ގެތައް، އެންމެ ބޮޑަށް ގެދޮރު ބޭނުންވާ ބަޔަކަށް ލިބޭނެ އުޞޫލަކުން އެކަން ހަމަޖެހިގެންދާން ޖެހޭނެ. އޭގެއިތުރުން، ސަރުކާރުން ވިލުފުށީގައި އަނެއްކާ އިތުރު 50 ގެ ޢިމާރާތް ކުރުމުގެ ޕްރޮގްރާމެއްވެސް އެބަ ހިންގަން. އެއީ މިދަންނަވާ 59 ގޭގެ އިތުރުން ކިނބިދޫގައި. މިރަށުގައި ބުރުނީގައި އަޅުގަނޑުމެން މިއަޅާ 25ގެ އަޅާއިރު، އަދި ހަމަ ވިލުފުށީގައިވެސް އަޅުގަނޑުމެން އެބަ ގެ އަޅަން. ތ. އަތޮޅުގައި މުޅި ޖުމްލަ 500 ގެ އެޅުމަށް އަޅުގަނޑުމެން ނިންމާފައިވޭ. އެހެންވީމާ، އަޅުގަނޑުމެން މިދެކެނީ، މިއަހަރުގެ ތެރޭގައި މިމަސައްކަތް ފަށައިގަނެވޭނެ ކަމަށް.

އެމަސައްކަތާ ހަމަ އެކުއެކުހެން މިއަތޮޅުގެ ރަށްތައް ދަތުރުފަތުރު ކުރުމުގެ ނިޒާމުން ގުޅާލުމަކީ އަޅުގަނޑުމެން ވަރަށް މުހިންމު ކަމެއްދޭ ކަމެއް. އެހެންވީމާ، އިރާދަކުރެއްވިއްޔާ އެ މަސައްކަތްވެސް ހަމަ މިއަހަރުގެ ތެރޭގައި ފެށިގެންދާނެ.

އަޅުގަނޑުމެންގެ ސަރުކާރު ދެމިއޮންނާނީ ހަމަ އެންމެ ބޭނުމަކަށްޓަކައި. އެއީ އަޅުގަނޑުމެން ރައްޔިތުންނަށް ވެފައިވާ ވަޢުދުތައް ފުއްދުމަށްޓަކައި. މި ސަރުކާރު މި ދެމިއޮންނަނީ ހަމައެކަނި ތިޔަބޭފުޅުންނަށް ޚިދްމަތް ކުރުމަށްޓަކައި. މި ސަރުކާރުގައިވާ ހުރިހާ މުއްސަނދިކަމަކީ، ހުރިހާ މުދަލަކީ ރައްޔިތުންގެ މުދާ. ރައްޔިތުންގެ މުއްސަނދިކަން. އެފައިސާ ޚަރަދު ކުރުމުގައި އެންމެ އެކަށީގެންވާ އެންމެ ރަނގަޅު ގޮތަކަށް މިކަންކަން ކުރުން ސަރުކާރަށް މަޖުބޫރު. ރާއްޖެއަށް ލިބެނީ އަހަރެއްގެ މައްޗަށް ހަތް ބިލިޔަން ރުފިޔާ. އަޅުގަނޑުމެންނަށް މިހާރުވެސް ލިބޭ އެއްޗެއްގެ އެންމެބޮޑު ބައެއް، އޭގެތެރެއިން ހަތަރު ބިލިޔަން ރުފިޔާ ސަރުކާރުން ޚަރަދު ކުރަނީ ސަރުކާރު މުވައްޒަފުންގެ މުސާރައަށް. އެވަރު ޚަރަދުކޮށްފައި ތަރައްޤީގެ މަސައްކަތްތައް ކުރިއަށް ގެންދަން މިއޮންނަނީ ވަރަށް މަދު ފައިސާކޮޅެއް. ދެން ތަރައްޤީގެ އެ މަސައްކަތްތައް ކުރިއަށް ގެންދިޔުމަށްޓަކައި ސަރުކާރުން ދަރަންޏަށް ފައިސާ ނަގަނީ. ދިވެހިރާއްޖެއަކަށް ނެތް ބައިނަލްއަޤްވާމީ ޖަމާޢަތްތަކުން ދަރަންޏަށް ފަސޭހައިން ފައިސާ ނެގޭކަށް. އަޅުގަނޑުމެންގެ އިޤްތިޞާދީ ޙާލަތު، މާލީ ޙާލަތު މިހާރުހުރި މިންވަރަކީ އެއީ. އަޅުގަނޑުމެންގެ އުފެއްދުންތެރިކަމާއި މުޅި ޖުމްލަ ދަރަނި އަޅުވާ ބަލާފައި އެހުންނަ މިންގަނޑުތަކުން އަޅުގަނޑުމެންގެ ރާއްޖޭގެ ދަރަނި ނައްޓައިގެންދާ ވަރަށް އެއޮތީ ބޮޑުވެފައި. އެހެންވީމާ، އަޅުގަނޑުމެން އެބަޖެހޭ މި ދަރަންޏަށް ފައިސާވެސް ނުނަގަން. އަދި ރައްޔިތުންގެ އަތުން އިތުރު އެއްޗެއް ނެގެން އޮތްކަމަކަށްވެސް އަޅުގަނޑުމެންނަކަށް ނުބެލެވޭ.

އެހެންވީމާ، ދަރަންޏަށް ފައިސާ ނުނަގައި، އަދި ރައްޔިތުން ބޭނުންވާ އަސާސީ ޚިދްމަތްތައް ރައްޔިތުންނަށް ފޯރުކޮށްދެވޭނެ އުޞޫލުތަކެއް، ގޮތްތަކެއް ތަޢާރުފު ކުރަން އެބަޖެހޭ. މިއީ ސަރުކާރުގެ ވިސްނުމަކީ. އަޅުގަނޑުމެންގެ ސިޔާސަތަކީ، ކޯޕަރޭޓް އުޞޫލުން ނުވަތަ ވިޔަފާރީގެ އުޞޫލުން ކަންކަން ރާވައިގެން ހިންގޭނެ އިންތިޒާމެއް ހަމަޖައްސައި ކުރިއަށް ގެންދިޔުން. އެކަން އެހެން ކުރިއަށް ގެންދާއިރުގައި، ރައްޔިތުންނަށް އަތްފޯރާފަށުގައި އަގުތައް ހުންނަން ޖެހޭނެ. ލިބޭ އެއްޗަކުން ރައްޔިތުންނަށް ދެކޮޅުޖެހޭ މިންވަރެއްގައި ހުރިހާ ކަމެއްގެވެސް ޚަރަދު ބަރަދު ހިފެހެއްޓިފައި ހުންނަން ޖެހޭނެ. އަޅުގަނޑުމެން މަސައްކަތް މިކުރަނީ އިރާދަކުރެއްވިއްޔާ އެކަންކަން އެގޮތަށް ބެހެއްޓުމަށް. އަޅުގަނޑު މިއަދު މިހުރީ ކުރިއަށްވުރެ އަދި މާބޮޑު އުންމީދެއްގައި. މާބޮޑު ޔަޤީން ކަމެއްގައި. އަޅުގަނޑަށް ޔަޤީން، އަޅުގަނޑުމެންގެ ރާއްޖޭގައި މިހުރިހާ ކަންކަން މިހެން ކުރެވޭނެކަން. އަދިވެސް އަޅުގަނޑު ހަމަ ތަކުރާރުކޮށް ދަންނަވާނަން މިއީ ވަރަށް މުއްސަނދި ޤައުމެއް. ޤުދްރަތީ ވަސީލަތްތައް ގިނަ ޤައުމެއް. މި ތ. އަތޮޅަކީ އެކަމުގައި އަދި އަރާ އޮތް އަތޮޅެއް ކަމަށް އަޅުގަނޑަށް ލަފާކުރެވޭ. އަދި އެތައް ބަޔަކު އެހެން ބުނަމުންވެސް އާދޭ. މިއަތޮޅުގެ ކުދިކުދި ރަށްތަކާއި ޖަޒީރާތަކާއި، ފަޅުތަކާއި ފަރުތަކާ އެއީ އެކިބާވަތް ބާވަތުގެ މަސައްކަތަށް ދުނިޔޭގެ އެކިކަންކޮޅުތަކުގައިވާ މީހުން ބޭނުންކުރަން ތައްޔާރަށް އޮތް ބިން. ލިބިފައި އޮތް މުއްސަނދިކަން. އޭގެ ފައިދާ އަޅުގަނޑުމެން ރާއްޖޭގެ ރައްޔިތުންނަށް ހޯދޭނެ. ތިޔަބޭފުޅުންނަށް މީގެ ނަފާ ލިބޭނެ.

އަޅުގަނޑުގެ އުންމީދަކީ، އަދި އަޅުގަނޑު ޔަޤީން ކުރަނީ، މާދަން ވެގެންދާނީ މިއަދަށްވުރެ އަދި މާ އުފާވެރި ފާގަތި ދުވަހަކަށޭ. އަޅުގަނޑުމެން މި ވެރިކަމާ ޙަވާލުވެ މިތިބީ ހަމައެކަނި ވެރިކަމުގައި ތިބުމުގެ ނިޔަތުގައެއް ނޫނޭ. ހަމަގައިމުވެސް އަޅުގަނޑެއް އެންމެ ދުވަހެއްވެސް ދުލެއް ނުކުރާނަން، މަދުވެގެން 14 ގަޑިއިރު، 15 ގަޑިއިރު މަސައްކަތް ނުކޮށެއް. އަޅުގަނޑަށް އެނގޭ، އަޅުގަނޑުމެން ސަރުކާރުގެ، ޚާއްޞަކޮށް ސިޔާސީ މުވައްޒަފުން ވަރަށް ގިނައިރު ވަރަށް ބުރަ މަސައްކަތް ކުރޭ. ބުރުނީ އަދި ވިލުފުށީ ރައްޔިތުންގެ ކިބައިން އަޅުގަނޑު އެދެން. ސިވިލް ސަރވިސް މުވައްޒަފުންވެސް ރަނގަޅަށް މަސައްކަތް ކުރުމަށް ރައްޔިތުން ބާރުއަޅާށޭ. ހައްތަހާ މުސާރަ ބޮޑުކުރުމަށް އެކަނި ސިވިލް ސަރވިސް މުވައްޒަފުން ވާހަކަ ނުދެއްކެވުމަށް. މިހާރު މިއަހަރު ސަރުކާރުގެ މުވައްޒަފުންގެ މުސާރަ އަޅުގަނޑުމެން އަނެއްކާ އެއްބިލިޔަން ރުފިޔާއިން ބޮޑުކޮށްދީފިން. އެއީ، މި ސަރުކާރަށް މިވަގުތު ވާން އޮތް އެންމެބޮޑު މިންވަރު. އެއީ ވަރަށްބޮޑު ޢަދަދެއް. ޙަޤީޤަތުގައި އަޅުގަނޑުގެ ހިތަށް އަބަދުވެސް އަރާ، ކިހިނެއްބާވައޭ ޙަލާލު ގޮތެއް ހޯދާނީ، ރާއްޖޭގެ ރައްޔިތުންގެ ތެރެއިން ތިރީހަކަށްހާސް މީހުންނަށް މިހާ ބައިވަރު ރުފިޔާދީފައި، ދެން ސަރުކާރުގައި ނޫޅޭ މީހުންނަށް ގޮތެއް ހޯދައިނުދީ. ސަރުކާރު މުވައްޒަފުންނަށް ވަރަށް ސާފުކޮށް މިކަން އެނގިވަޑައިގަންނަވާނެ.

އަޅުގަނޑުމެން މިތިބީކީއެއް މީހުން މަސައްކަތް ނުކުރީމާ، ނުވަތަ އަޅުގަނޑުމެންގެ މަސައްކަތަށް ދަތިކުރީމާ އެކަންކަން ހުއްޓާލާ ގޮތަކަށެއް ނޫން. މި ސަރުކާރަކުންނެއް ދުލެއް ނުކުރާނެ. ގޮތެއްވެސް ދުލެއް ނުކުރާނެ. ހިތްވަރެއްވެސް ދުލެއް ނުކުރާނެ. ޢަޒުމެއްވެސް ކުޑައެއް ނުވާނެ. އަޅުގަނޑުމެންގެ އަމާޒަށް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ވާސިލުވާނަން. އެ މަސައްކަތްތަކަށް ހުރަސް އަޅާކަށް އަދި އެޅޭކަށްވެސް އޮތް ކަމަކަށް އިރާދަކުރެއްވިއްޔާ އަޅުގަނޑު ނުދެކެން. އެހެންވީމާ، އެއީ، ބޭކާރު ކަމެއް. އަޅުގަނޑުމެންގެ މަޝްރޫޢުތައް އަޅުގަނޑުމެން އޮމާންކަމާ އެކީގައި ކުރިއަށް ގެންދާނަން.

އަޅުގަނޑު މިހެން މިދަންނަވަނީ ހަމަ ސަރުކާރުން ކުރިއަށް ގެންދަން ބޭނުންވާ އެތައް އެތައް މަޝްރޫޢެއް ސިވިލް ސަރވިސްއާ ހިސާބުގައި ހުއްޓިފައި ހުންނަތަން މިހާރު އަޅުގަނޑަށް ހާމަވާން ފަށައިފި. ފުރަތަމަ ދެމަހެއްހާ ދުވަހު އަޅުގަނޑު ހީކުރީ ދެން އެބޭފުޅުން ފަރިތަވެލަން ދުވަސްކޮޅެއް ނަގާނެއޭ. މިހާރު އެދުވަސް ނިމުނީ. އަޅުގަނޑުމެން ސަރުކާރު ހިންގާތާ ތިންމަސްދުވަސް ވެއްޖެ. ނުވަންޏާ ދުރަށް ޖެހިވަޑައިގަންނަވަންވީ. އަޅުގަނޑުމެންނަށްވާނެ. އަދި އެކަންތައް ކުރެވޭނެ މީހުންވެސް މި ރާއްޖޭގައި އެބަތިބި. އަޅުގަނޑަށް ޔަޤީން، މިތަނުން އަޅުގަނޑު ބަލާލާއިރުވެސް ހަމަ ގިނަ ރައްޔިތުންނަކީ ސިވިލް ސަރވިސް މުވައްޒަފުންނެއް ނޫން. ހަމަ ގިނަ ރައްޔިތުންނަކީ ބާރަށް މަސައްކަތްކޮށް، އެމީހުންގެ ދަރިންނާއި ދަރިންގެ ދަރިންނަށް ހެޔޮގޮތެއް ހޯދައިދިނުމަށް ތައްޔާރަށް ތިބި މީހުން.

އެނގިވަޑައިގަންނަވާނެ، އަޅުގަނޑު ވަރަށް ސާފުކޮށް އަބަދުވެސް އަދި އިތުރަށް ދައްކާ ވާހަކައެއް މިއީ. އަޅުގަނޑުމެން މިހާރު މިދަނީ ގިނަ ޕާޓީ އެކުލެވޭ ސިޔާސީ ނިޒާމެއްގައި ވެރިކަން ހިންގަމުން. ރައްޔިތުން މިވަނީ އެމް.ޑީ.ޕީ.ގެ ރިޔާސީ ކެންޑިޑޭޓާ އަދި އެމް.ޑީ.ޕީ އާ ވެރިކަން ޙަވާލުކޮށްފައި. ރައްޔިތުން މި އެދެނީ އެމް.ޑީ.ޕީ އިން ރައްޔިތުންނަށް އޯގާތެރި ރަނގަޅު ވެރިކަމެއް ކޮށްދިނުމަށް. އެހެންވީމާ، މި ސިޔާސީ ޕާޓީގެ ދައުރުގައި ސިޔާސީ ޕާޓީއަކުން ހިންގާ ވެރިކަމެއް މުޅި ރައްޔިތުންނަށް ކޮށްދެވޭކަށް ނެތް. މި ވެރިކަމަކީ ވަކި ޕާޓީއެއްގެ ވަކި ބަޔަކަށް އަޅުގަނޑުމެން ކޮށްދޭ ވެރިކަމެއް ނޫން. މުޅި ރައްޔިތުންނަށް ކޮށްދޭ ވެރިކަމެއް. އެހެން ނަމަވެސް، ބައެއް ބޭފުޅުންނަށް އެބަ ހީފުޅުވޭ ނުސީދާ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ސިޔާސީ ކަންކަމާ ބެހެނީއޭ. ނޫން ނޫން ސީދާ ގޮތުގައި އަޅުގަނޑު ބެހެނީއޭ. ނުސީދާ ގޮތަކުން ނޫން. މިއީ ގިނަ ޕާޓީ އެކުލެވޭ ސިޔާސީ ނިޒާމެއް. ވަރަށް ފާޅުގައި އަޅުގަނޑު ބެހެނީ. ޤާނޫނާއި ގަވާއިދާއި ޤާނޫނުއަސާސީއާ މި އެންމެހާ ކަންކަމުން ސަރުކާރަށް ލިބިދީފައިވާ އިޚްތިޔާރާއި ބާރުގެ ތެރޭގައި. މިއީކީއެއް އެއްޕާޓީގެ ވެރިކަމުގެ ނިޒާމެއް ނޫން.

އެހެންވީމާ، އަޅުގަނޑުމެންނަށް ފާޑު ވިދާޅުވާ ބައެއް ބޭފުޅުންނަށް މިނިޒާމު އެބަ ތަންކޮޅެއް ބޮޑަށް އެނގިވަޑައިގަންނަވަންޖެހޭ. ސާފުވާންޖެހޭ. އަޅުގަނޑަށް އެނގޭ ކަންވަނިކޮށް ތިޔަބޭފުޅުންނަށް ނިމުނީކަން. އަޅުގަނޑު މި މަސައްކަތް ކުރަނީ ކަން ކޮށްދެވޭތޯ. އަޅުގަނޑު ހަމަ އަނެއްކާވެސް ތަކުރާރުކޮށް ދަންނަވާނީ، އެކަން ފުރިހަމައަށް ކުރުމަށްޓަކައި ރައްޔިތުންގެ މަޖިލީހުގެ އަޣްލަބިއްޔަތު މި ޕާޓީ ބޭނުމޭ. އަޅުގަނޑުމެންނަށް އެމަސައްކަތް ބާރަށް ކުރިއަށް ގެންދެވޭނީ، މަޖިލީހުގެ ތެރެއިން ބޭނުންވާ ގަވާއިދުތަކާއި ޤާނޫނުތައް ސަރުކާރު ހިންގަންވީ އޮނިގަނޑު ސަރުކާރަށް ފާސްކޮށްދީގެން. މިހާރު މިއޮތީ ބޯދާ މަޖިލީހެއް. އެއީ ކުރީގެ ޤާނޫނުއަސާސީގައި ކުރީގެ ސަރުކާރުން ނުވަތަ ކުރީގެ ވެރިން އެކުލަވާލާފައިވާ މަޖިލީހެއް. މި މަޖިލީހަކުން އަޅުގަނޑުމެންގެ ވިސްނުން އަދި މި ރާއްޖޭގެ މިއަދުގެ ވިސްނުން އެއްގޮތަކަށްވެސް ސާފެއްނުވޭ. ތިޔަބޭފުޅުންނަށް ޓީ.ވީ އިން ވަރަށް ރަނގަޅަށް ފެނިވަޑައިގަންނަވާނެ، އިއްޔެގައި އެތައް ކަމެއް އެކިގޮތްގޮތަށް ކުރައްވަން އުޅުއްވި ބޭފުޅުން މިއަދު އެ ތެދުވެވަޑައިގެން އެހެރަ ވިދާޅުވާ ބަސްފުޅުތައް. އަޅުގަނޑަށް ޔަޤީން. އެކަމުގައި ހުރި ދެއުޅިއެއްނުވާ މިންވަރު ތިޔަބޭފުޅުންނަށްވެސް ސާފުވެވަޑައިގަންނަވަމުންދާނެކަން.

އަޅުގަނޑު ހަމަ ނިންމާލުމުގެ ކުރިންވެސް ތިޔަބޭފުޅުންނަށް ޔަޤީންކޮށް އަރުވަން ބޭނުންވަނީ، އަޅުގަނޑުމެންގެ ވަޢުދުތައް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ފުއްދައިދޭނަމޭ. މި ބުރުނީ ރައްޔިތުންނަކީ މިރަށުގައި ބަންދުވެފައި ތިބި ބަޔަކަށް އިރާދަކުރެއްވިއްޔަކާ ނުވާނެއޭ. އެއްތަނުން އަނެއްތަނަށް ފަސޭހަކަމާ އެކީގައި ދަތުރު ފަތުރުކޮށް އުޅެވޭނެއޭ. އަތްފޯރާފަށުގައި ތިޔަބޭފުޅުންނަށް ބޯހިޔާވަހިކަން ލިބިވަޑައިގަންނަވާނެއޭ. ތަކެތީގެ އަގު ބޮޑުވެގެން ހާސްކަންމަތީގައި ދެކޮޅުނުޖެހިގެން އުޅެންޖެހޭ ރައްޔިތަކަށް ތިޔަބޭފުޅުންނެއް ވެގެނެއްނުދާނެއޭ. ދުވަސްވީ ބޭފުޅުންނަށް، ރައްޔިތުންނަށް އަޅުގަނޑުމެންނަށް ގޮތެއް ހޯދައިދެވޭނެއޭ. އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެން މިހާރު މިދަނީ އެކަން ކުރަމުން. މިމަސް ނިމޭއިރުގައި 65 އަހަރުން މަތީގެ ހުރިހާ ރައްޔިތުންނަށް އަޅުގަނޑުމެން އެ ޕެންޝަން ރައްދުކޮށްދޭނަން. އަދި ރައްޔިތުންނަކީ ބޭސްފަރުވާއަށް ސަލާންޖަހާ ބަޔަކަށްވެސް އަޅުގަނޑުމެންގެ ވެރިކަމުގެ ފަސްއަހަރު ނިމިގެންދާއިރުގައި ނުވާނެ ކަމުގެ ޔަޤީންކަންވެސް އަޅުގަނޑަށް ހަމަ އެބައޮތް. މިއަހަރު އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން މިދަނީ މިދަންނަވާ ބޭސްފަރުވާގެ ޕެންޝަން އެއްލައްކަ މީހުންނަށް ހޯދައިދިނުމަށް މަސައްކަތް ކުރަމުން. މިހާރު އަޅުގަނޑުމެންނަށް މިވަނީ ފަންސަވީހަކަށް ހާސް މީހުންނަށް އެ ޕެންޝަން ރައްދުކޮށްދެވިފައި. ސަރުކާރުން، ހެލްތް މިނިސްޓްރީން އެ ގެންދަވަނީ އެ ޢަދަދު ބޮޑުކުރެއްވުމުގެ މަސައްކަތް ކޮންމެ ދުވަހަކުވެސް ކުރައްވަމުން.

ނިންމާލުމުގެ ކުރީގައި އަނެއްކާވެސް ހަމަ އަޅުގަނޑު ދަންނަވާނީ، އިރާދަކުރެއްވިއްޔާ މާދަމާ ވެގެންދާނީ މިއަދަށްވުރެ އަދި މާ ފާގަތި އުފާވެރި ދުވަހަކަށޭ.

والحمد للّـه. ވަރަށްބޮޑަށް ޝުކުރިއްޔާ!