މާލެ ސަރަޙައްދުގައި ކުރިމަތިވެދާނެ ނުރައްކާތެރި އަލިފާނުގެ ހާދިސާތައް މަދުކުރުމަށް ސަލާމަތީ މިންގަނޑެއް ހިފެހެއްޓުމާ ގުޅޭގޮތުން ކަމާބެހޭ ފަރާތްތަކާއެކު ރައީސުލްޖުމްހޫރިއްޔާގެ ނައިބް ފައިޞަލް ނަސީމު، މަޝްވަރާ ކުރައްވައިފިއެވެ. މި ބައްދަލުވުން އޮތީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

މިބައްދަލުވުމުގައި ކެމިކަލާ ތެޔޮ ފަދަ އަލިފާން ހިފާ ޒާތުގެ ތަކެތި މާލެ ސަރަޙައްދުގައި ރައްކާ ކުރުމާއި ގެންގުޅުމުގެ އިތުރުން އެއްތަނުން އަނެއް ތަނަށް އެތަކެތި އުފުލުމުގައި ސަލާމަތީ މިންގަނޑެއް ހިފެހެއްޓުމާ ގުޅޭގޮތުން މަޝްވަރާކުރެވިފައިވެއެވެ.

މި ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ރައްޔިތުންގެ ސަލާމަތާ ރައްކާތެރިކަން ކަށަވަރުކުރުމަށް އެޅެންހުރި ފިޔަވަޅުތައް މިހާރުން މިހާރަށް އެޅުއްވުމަށް ކަމާބެހޭ ފަރާތްތަކަށް އިރުޝާދު ދެއްވާފައެވެ. އަދި އަލިފާނުގެ ހާދިސާއެއް ހިނގާނެ ފަދަ އެންމެހާ ކަންކަމުގައި އެމްއެންޑީއެފްގެ ފަޔަރ އެންޑް ރެސްކިއުގެ ފަރާތުން އެކަށައަޅާފައިވާ މިންގަނޑަށް އެންމެހާ ފަރާތްތަކުން ތަބާވުމަށްވެސް އިރުޝާދު ދެއްވާފައިވެއެވެ.

މިބައްދަލުކުރެއްވުމުގައި މަޝްވަރާކުރެވުނު ބައެއް ކަންކަމުގެ ތެރޭގައި އާއްމުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި، މާލޭ ސަރަޙައްދުގައި ތެޔޮ ބައުޒަރުތައް ދުއްވުން ވީހާވެސް މަދުކުރުމަށާ، ކަނޑައަޅާ ސަރަޙައްދުތަކެއް ތެޔޮ އެޅުމަށް ޚާއްޞަކުރުމާ، އާންމުން ދިރިއުޅޭ ސަރަޙައްދުތަކުގައި ތެލާއި ކެމިކަލް ފަދަ ތަކެތި ގެންގުޅުމާއި ރައްކާކުރުން ހުއްޓުވުމަށް މިހާރުން މިހާރަށް ފިޔަވަޅު އެޅުމާއިމެދު މި ބައްދަލުވުމުގައި މަޝްވަރާ ކުރެވުނެވެ.

މާލޭ ސަރަޙައްދުގެ ސަލާމަތާ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ހުރި ގޮންޖެހުންތައް ގިރާކުރުމަށް އަމާޒުކޮށް ސަރުކާރުގެ އެކި ވުޒާރާތަކުގެ އިތުރުން ހަކަތައިގެ ދާއިރާއާ ގުޅުންހުރި ސަރުކާރު ޙިއްޞާވާ ކުންފުނިތަކުގެ ވެރިންނާއެކު ބޭއްވެވި މިބައްދަލުކުރެއްވުމުގައި ތެލުގެ ޚިދުމަތްދިނުމުގައި މިހާރުން މިހާރަށް އަޅަމުންދާ ފިޔަވަޅުތަކުގެ މަޢުލޫމާތު ރައީސުލްޖުމްހޫރިއްޔާގެ ނައިބާ ޙިއްޞާކުރައްވާފައިވެއެވެ. އަދި މި ޚިދުމަތްދިނުމުގައި ހުރި ގޮންޖެހުންތައް ހައްލުކުރުމަށް އެޅިދާނެ ފިޔަވަޅުތަކާމެދު ވެސް މަޝްވަރާ ކުރައްވާފައިވެއެވެ.

މިބައްދަލުކުރެއްވުމުގައި، މިނިސްޓްރީ އޮފް ޑިފެންސް، މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރ، މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަން، ސްޓޭޓް އިލެކްޓްރިކް ކޮންޕެނީ ލިމިޓެޑް، ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން، ފިއުލް ސަޕްލައިސް މޯލްޑިވްސް، މާލެ ސިޓީ ކައުންސިލް، މޯލްޑިވްސް ޕޮލިސް ސަރވިސްގެ އިތުރުން މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސްގެ އިސް ބޭފުޅުން ބައިވެރިވެ ވަޑައިގެންނެވިއެވެ.