ނަފްސާނީ ބަލިތަކަށް ފަރުވާދިނުމާއި، އެފަދަ ބަލިތައް ތަޙައްމުލު ކުރަމުންދާ މީހުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް، ދެމެހެއްޓެނިވި ގޮތެއްގައި އިންތިޒާމުކޮށް، ޚިދުމަތްތަކުގެ ފެންވަރު ރަނގަޅު ކުރުމަށް އިސްކަންދިނުމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު ގޮވާލައްވައިފިއެވެ. އެކަމަނާ މިކަމަށް ގޮވާލެއްވީ، ނަފްސާނީ ދުޅަހެޔޮ ކަމަށް ހޭލުންތެރިކަން އިތުރު ކުރުމުގެ މަޤްޞަދުގައި "މަގޭ ސިކުނޑީ ތެރޭ" ގެ ނަމުގައި ބާއްވާ އެގްޒިބިޝަނާއި، ނަފްސާނީ ބަލިތައް ތަޙައްމުލު ކުރަމުންދާ މީހުންނަށް އެހީތެރިވުމަށް ހިތްވަރުދޭ "ބީ ކައިންޑް" މޫވްމަންޓް އިފްތިތާޙު ކުރުމަށް ނެޝަނަލް އާޓް ގެލެރީގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ނަފްސާނީ ބަލިތަކަށް ޚާއްޞަ، މެންޓަލް ހެލްތު ސެންޓަރ ޤާއިމްކުރުމާއިއެކު، އެފަދަ ބަލިތަކަށް ފަރުވާ ހޯދާ މީހުންގެ އަދަދު އިތުރުވެފައިވާކަން ފާހަގަކުރައްވާ، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވިދާޅުވީ، ކުރިއަށް އޮތް މަސައްކަތަކީ، އެ މަރުކަޒުން ފޯރުކޮށްދޭ ޚިދުމަތްތަކުގެ ފެންވަރު މަތިކުރުމާއި، ޚިދުމަތް ފޯރުކޮށްދޭ ތެރަޕިސްޓުންގެ އަދަދު އިތުރުކުރުން ކަމަށެވެ. އަދި، ނަފްސާނީ ބަލިތައް ތަޙައްމުލު ކުރަމުންދާ މީހުންނަށް ވަގުތުން އެހީތެރިކަން ފޯރުކޮށްދެވޭނެ ފަދަ ހެލްޕް ލައިނެއް ޤާއިމްކުރުމަކީ ޒުވާނުންގެ ވަރަށް ބޮޑު އުންމީދެއް ކަމަށްވެސް އެކަމަނާ ވިދާޅުވިއެވެ.

ފުރިހަމަ ޞިއްޙަތެއްގައި ހުރުމަށް ކޮންމެ މީހަކުވެސް ފަރުދީ ގޮތުން މަސައްކަތް ކުރަން ޖެހޭކަން ފާހަގަކުރައްވާ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންވަނީ، ޖިސްމާނީ، ނަފްސާނީ، ޖަޒްބާތީ، ރޫހާނީ އަދި އިޖްތިމާޢީ ދުޅަހެޔޮކަމަކީ ގުޅި ލާމެހިފައިވާ ކަންތައްތަކެއް ކަމަށް ވިދާޅުވެ، މި ހުރިހާ ގޮތަކުން ވެސް ދުޅަހެޔޮކަން ކަށަވަރު ކުރުމަށް އެންމެންވެސް މަސައްކަތް ކުރުމަށް ގޮވާލައްވާފައެވެ. މީގެ އިތުރުންވެސް، ފައިދާހުރި ކާނާއާއި، ނިދި ފުރިހަމަ ކުރުމުގެ އިތުރުން ހަށިގަނޑަށް ގެއްލުންލިބޭ ހުރިހާ ކަމަކުން އެއްކިބާވާން މަސައްކަތް ކުރުމަށްވެސް އެކަމަނާ ގޮވާލެއްވިއެވެ.

ނަފްސާނީ ބަލިތައް ތަޙައްމުލު ކުރަމުންދާ މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މުހިއްމު ކަމުގެ މައްޗަށް އަލިއަޅުއްވާލައްވާ ވާހަކަފުޅު ދައްކަވަމުން އެކަމަނާ ވަނީ، އެފަދަ ބައްޔެއް ތަޙައްމުލު ކުރަމުންދާ މީހަކު ގޮވާލައިފިނަމަ ނުވަތަ އެހީއަކަށް އެދިއްޖެ ޙާލަތެއްގައި، ވަގުތުން އިޖާބަދީ، އެފަދަ މީހަކު ޚިޔާލު ބަދަލުކޮށްލަން ބޭނުންވާނަމަ ވަގުތު ވީ މިންވަރަކުން ފުރުޞަތުދިނުމަށް އެދިވަޑައިގެންފައެވެ. އަދި އެފަދަ މީހުންނަށް ވަގުތު ދިނުމަކީ ކޮންމެ މީހެއްގެވެސް ފަރުދީ ޒިންމާއެއް ކަމުގައި ދެކިގެން އެކަން ކޮށްދިނުމަށް އެކަމަނާ އެދިވަޑައިގެންނެވިއެވެ.

"މަގޭ ސިކުނޑީ ތެރޭ" އަކީ އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލުގެ މެންޓަލް ހެލްތު ސެންޓަރާއި މިނިސްޓްރީ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖާއި، ނެޝަނަލް ސެންޓަރ ފޮރ ދި އާޓްސްއާއި، ރޮޓަރީ ކްލަބް އޮފް މާލެ ގުޅިގެން އިންތިޒާމްކޮށްފައިވާ ފަންނުވެރިކަމުގެ މައުރަޒެކެވެ. ދެ ދުވަހުގެ މުއްދަތަށް ކުރިއަށްދާ މި މައުރަޒު ހުޅުއްވައިދެއްވުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންވަނީ "ބީ ކައިންޑް" މޫވްމަންޓް އިފްތިތާޙު ކޮށްދެއްވުމުގެ ގޮތުން ޚާއްޞަ ވަޢުދެއް ލިޔުއްވާ، އެ ލިޔުންކޮޅު އެ މޫވްމަންޓަށް ޚާއްޞަކޮށްފައިވާ ކެންވަސްގައި ހަރުކޮށްދެއްވާފައެވެ.