މިއަހަރުގެ ފަތުރުވެރިކަމުގެ ދުވަސް ފާހަގަކުރުމަށް ކުރިއަށް ގެންދާ ޕްރޮގްރާމް ތަކުގެ ތެރޭގައި ހިމެނިގެން މިނިސްޓްރީ އޮފް ޓޫރިޒަމުން އިންތިޒާމް ކޮށްގެން "ނޭވާ" ގެ ނަމުގައި މިއަދު ރާއްޖޭގައި ބޭއްވި ފްރީޑައިވިންގް ވަރލްޑް ރެކޯޑް ޤާއިމުކުރުމުގައި ޢަމަލީގޮތުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ބައިވެރިވެ ވަޑައިގެންފިއެވެ. ފްރީޑައިވިންގް ރެކޯޑް ޤާއިމު ކުރުމަށް ބޭއްވި މި ޙަރަކާތް ބާއްވާފައިވަނީ މިއަދު ހަވީރު ބަރޮސް މޯލްޑިވްސްގެ ފަޅުގައެވެ.

ރާއްޖެއިން ފްރީޑައިވިންގް ރެކޯޑް ހެދުމުގައި ރައީސުލްޖުމްހޫރިއްޔާއާއެކު ޖުމްލަ 521 ޑައިވަރުން މިއަދު ފީނާފައި ވެއެވެ. ޑައިވަރުން މި ރެކޯޑް ހެދުމަށް 30 ސިކުންތު ވަންދެން 3 މީޓަރު އަޑިއަށް ފީނާފައިވެއެވެ. މި ޙަރަކާތުގައި ދުނިޔޭގެ ވަރލްޑް ރިކޯޑް ދެފަހަރަށް ހާސިލުކޮށް، ވަރލްޑް ޗެންޕިއަން ފްރީޑައިވަރގެ މަޤާމު ހާސިލުކޮށްފައިވާ ނިއުޒީލެންޑްގެ ރައްޔިތެއްކަމަށްވާ ވިލިއަމް ޓްރޫބްރިޖް ވެސް ވަނީ ބައިވެރިވެފައެވެ.

މި ފްރީޑައިވިންގް ޙަރަކާތް ކާމިޔާބުކަމާއެކު ނިންމާލުމުން ގިނިސް ވަރލްޑް ރިކޯޑުގެ އޮފިޝަލުން ވަނީ "ނޭވާ" ފްރީޑައިވިންގް ޙަރަކާތަކީ ދުނިޔޭގެ އާ ވަރލްޑް ރިކޯޑެއްކަމުގައި ކަނޑައަޅައި ރައީސުލްޖުމްހޫރިއްޔާއަށް އެކަމުގެ ހަނދާނީ ލިޔުން ޙަވާލުކޮށްފައެވެ.

"ނޭވާ" ގެ ނަމުގައި ހިންގި މި ފްރީޑައިވިންގް ޙަރަކާތަކީ 2009 ވަނަ އަހަރު 280 މީހުންނާއެކު އިޓަލީގެ ވެރޯނާގައި ޤާއިމުކޮށްފައިވާ ވަރލްޑް ރިކޯޑް މުގުރާލުމަށް ރާއްޖެއިން ހެދި އާ ފްރީ ޑައިވިންގް ރެކޯޑެކެވެ.