ޓީ ޖެޓީ ސަރަޙައްދުގައި މިއަދު ހަވީރު އަލިފާނުގެ ހާދިސާ ހިނގި ސަރަޙައްދަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ޒިޔާރަތްކުރައްވައިފިއެވެ.
މި ހާދިސާ ހިނގާފައި ވަނީ ޓީޖެޓީ ސަރަޙައްދުގައި އޮތް ލޯންޗަކާއި ތެޔޮ ބައުޒަރުތަކެއްގައި ރޯވެގެންނެވެ. ހާދިސާ ހިނގި ސަރަޙައްދަށް ރައީސުލްޖުމްހޫރިއްޔާ ހަވީރު ކުރެއްވި މި ޒިޔާރަތުގައި ވަނީ އަލިފާން ނިއްވުމުގެ މަސައްކަތް ކުރައްވަމުން ގެންދެވި ފަރާތްތަކާ ބައްދަލުކުރައްވައި އެފަރާތްތަކުގެ މަސައްކަތްތަކަށް ޝުކުރު އަދާކުރައްވާފައެވެ.
އެސަރަޙައްދަށް ކުރެއްވި މި ޒިޔާރަތުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި މިފަދަ ހާދިސާތައް ކުރިމަތިވިޔަ ނުދިނުމަށްޓަކާ މިހާރުން މިހާރަށް އަޅަންޖެހޭ ފިޔަވަޅުތައް ސަރުކާރުން އަޅުއްވަމުން ގެންދަވާކަމަށާ ނަމަވެސް މިފަދަ ހާދިސާތައް ކުރިމަތިވިޔަ ނުދިނުމަށްޓަކައި ހުރިހާ ފަރާތްތަކެއްގެ އެއްބާރުލުން ބޭނުންވާކަން ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާ މިއަދު ހަވީރު ވަނީ، މި ހާދިސާގައި އަނިޔާވެގެން އައިޖީއެމްއެޗްގައި ފަރުވާދެމުން އަންނަ ފަރާތްތަކުގެ ހާލު ބައްލަވާލެއްވުމަށް އެ ހޮސްޕިޓަލަށް ވެސް ޒިޔާރަތްކުރައްވާފައެވެ.