ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކުން ދެމެހެއްޓެނިވި، އުޖާލާ މުސްތަޤުބަލެއް ކަށަވަރު ކުރުމަށް 2025 ވަނަ އަހަރުގެ ކުރިން ޙާޞިލު ކުރުމަށް ކަނޑައަޅާފައިވާ ލަނޑުދަނޑިތައް ޙާޞިލު ކުރަން އެޤައުމުތަކުން މަސައްކަތް ކުރާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، އެމެރިކާގެ ނިއު ޔޯކްގައި ކުރިއަށްދިޔަ ސިޑްސް އެކްސެލެރޭޓެޑް މޮޑެލިޓީސް އޮފް އެކްޝަން، (ސެމޯއާ) ޕާތްވޭގެ ހައި-ލެވެލް ރިވިއު ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތައް ނުވަތަ ސްމޯލް އައިލެންޑް ޑިވެލޮޕިންގް ސްޓޭޓްސް (ސިޑްސް) އިން 2014 ވަނަ އަހަރު އެކުލަވާލާފައިވާ ސެމޯއާ ޕާތްވޭގައި ކަނޑައަޅާފައިވާ ކަންކަން ޙާޞިލުވެފައިވާ މިންވަރު ބެލުމަށް މިހާރު ކުރިއަށްދަނީ އެ މުއާހަދާގެ މިޑް-ޓަރމް ރިވިއުކަން ފާހަގަ ކުރައްވައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މި މުއާހަދާގެ އަމާޒަކީ ތަރައްޤީ ވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކުގެ ކުރިމަގު އުޖާލާކޮށް، ދެމެހެއްޓެނިވި ގޮތަކަށް ކުރިމަގު ބައްޓަން ކުރުން ކަމުގައެވެ. އަދި ކުދި ޖަޒީރާ ޤައުމުތައް އުފެދިފައިވާ ގޮތުން މި މަސައްކަތުގައި ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ، މިއަދުގެ ބައްދަލުވުމުގެ ބޭނުމަކީ، ސެމޯއާ ޕާތްވޭގައި ހިމެނޭ ކަންކަން ޤައުމުތަކަށް ޙާޞިލް ކުރެވިފައިވާ މިންވަރު ދެނެގަތުމާއި، އެކަމުގައި ކުރަންޖެހޭ މަސައްކަތްތައް އިތުރަށް ހަލުވިކޮށް ހަރުދަނާ ކުރެވޭނެ ގޮތްތަކެއް އެކަށައެޅުން ކަމުގައެވެ. އަދި ކުރެވިފައިވާ މަސައްކަތްތަކަށް ބަލާއިރު ސެމޯއާ ޕާތްވޭގައި ހިމެނޭ ކަންތައްތައް ޙާޞިލުކުރެވޭނެ ކަމުގެ އުންމީދު އާލާވެފައިވާ ކަމަށާއި، ނަމަވެސް މިކަމުގައި ކުރަންޖެހޭ މަސައްކަތްތަކުގެ ދުވެލި ހަލުވި ކުރަންޖެހޭ ކަމުގައި އެކަމަނިކުފާނު ވިދާޅުވިއެވެ.

ދެމެހެއްޓެނިވި ތަރައްޤީ ކަށަވަރު ކުރަން ސިޑްސްގެ ޤައުމުތަކަށް އޮތް ހުރަސްތަކުގެ މައްޗަށް އަލިއަޅުއްވާލައްވައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ސިޑްސްގެ ޤައުމުތަކަކީ ވަރަށް ގިނަ ގޮތްގޮތުން އެހެނިހެން ޤައުމުތަކާއި ތަފާތު ޤައުމުތަކެއް ކަމުގައެވެ. މީގެ ތެރޭގައި އެ ޤައުމުތަކުގެ ޖުޣުރާފިޔާގެ ސިފަތަކާއި، ޤުދުރަތީ ވެށީގެ ނާޒުކު ކަމާއި، ދުނިޔޭގެ އިޤްތިޞާދަށް އަންނަ ބަދަލުތަކުގެ އަސަރު ކުރާ މިންވަރު ބޮޑުވުން ހިމެނޭ ކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ އިތުރަށް ވިދާޅުވީ، ސެމޯއާ ޕާތްވޭގައިވާ އަމާޒުތައް ހާޞިލްކުރުމަށް ޤަދަރުވެރި، ޞުލްޙަވެރި، ތިޔާގި އަދި ތިމާވެއްޓާއި ރަޙުމަތްތެރި ދިރިއުޅުމެއް ބިނާ ކުރުމުގެ މަސައްކަތް މިއަދު ފަށަން ޖެހޭ ކަމަށެވެ. ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ސިޑްސްގެ ޤައުމުތަކުގެ ތަރައްޤީއަށް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދޭ ފަރާތްތަކުގެ ފުރިހަމަ އެއްބާރުލުން މިކަމުގައި ބޭނުންވާނެ ކަމުގައި ވިދާޅުވެ، އެ ފަރާތްތަކުން އެ ގޮތުގައި ދެމިތިބުމަށް ރައީސުލްޖުމްހޫރިއްޔާ ގޮވާލެއްވިއެވެ.

ސިޑްސްގެ ޤައުމުތަކަށް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދޭ ފަރާތްތަކުގެ ދައުރާއިމެދު ވާހަކަފުޅު ދައްކަވަމުން، ރައީސުލްޖުމްހޫރިއްޔާ އިތުރަށް ވިދާޅުވީ، މިކަމުން ލިބޭ މަންފާތަކަކީ ދުރު ރާސްތާއެއްގައި ޙާޞިލުވާނެ ކަންތައްތަކެއް ކަމަށެވެ. އަދި، މީގެ ނަތީޖާއަކަށް ވާނީ، ޞުލްޙައާއި، ހަމަޖެހުމާއި، ތިޔާގިކަން ކަމުގައިވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. ސިޑްސްގެ ޤައުމުތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމާއި ބެހޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ޤައުމުތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގައި މާލީ ފައިދާއަށް ވިސްނުމުގެ ބަދަލުގައި އަނބުރާ އަދާކުރުމުގެ ޤާބިލުކަން ހުރި މިންވަރަށް އިސްކަންދިނުމަށް މާލީ އިދާރާތަކަށް ގޮވާލައްވާފައެވެ.