ސަޢޫދީ ޢަރަބިއްޔާގެ ޚާރިޖީ ވަޒީރު ޑޮކްޓަރ އިބްރާހީމް ބިން ޢަބްދުލްޢަޒީޒް އާލް-އައްސާފާއި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިއަދު ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން ބާއްވަވާފައި ވަނީ އެމެރިކާގެ ނިއު ޔޯކްގައި މިހާރު ކުރިއަށްދާ އ.ދ. ގެ 74 ވަނަ ޢާންމު މަޖިލީހުގެ ހަވާސާގައެވެ.

ރައީސުލްޖުމްހޫރިއްޔާއާއި ސަޢޫދީ ޢަރަބިއްޔާގެ ޚާރިޖީ ވަޒީރުގެ މިބައްދަލުކޮށްލެއްވުމުގައި ވަނީ ދިވެހިރާއްޖެއާއި ސަޢޫދީ ޢަރަބިއްޔާއާ ދެޤައުމުން ގުޅިގެން ކުރިޔަށް އޮތް ދުވަސްތަކުގައި ކުރުމަށް ހަމަޖެހިފައިވާ މަސައްކަތްތަކުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. މިގޮތުން ދެބޭފުޅުން ވަނީ ރާއްޖޭގެ ޢުމްރާނީ، އިޤްތިޞާދީ ތަރައްޤީގެ މަޝްރޫޢުތަކާއި، ސަރަޙައްދީ އަދި ބައިނަލްއަޤްވާމީ ވިޔަފާރިޔާ ބެހޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވާފައެވެ.

މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާވަނީ ރިޔާދާއި ޖިއްދާއާއި މާލެއާއި ދެމެދު ޤާއިމްކޮށްފައިވާ ސީދާ ވައިގެ ގުޅުންތަކަށް އަލިއަޅުއްވާލައްވައި، މިއީ ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުން، އަދި ޚާއްޞަކޮށް، ދެ ޤައުމުގެ ރައްޔިތުންގެ މެދުގައި އޮތް ގުޅުން، އިތުރަށް ބަދަހިވެގެންދާނެ ކަމެއްކަން ފާހަގަކުރައްވާފައެވެ. މީގެ އިތުރުން، ޖިއްދާގައި ރާއްޖޭގެ ކޮންސިއުލޭޓެއް ހުޅުވުމާއި، ސަޢޫދީ ޢަރަބިއްޔާއަށް ދަތުރުކުރާ ދިވެހީންނަށް ވިސާގެ ކަންތައްތައް ލުއިފަސޭހަ ކޮށްދިނުމާއި ބެހޭގޮތުންވެސް ދެ ބޭފުޅުން މަޝްވަރާ ކުރައްވާފައިވެއެވެ.

މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅުދައްކަވަމުން ސަޢޫދީ ޢަރަބިއްޔާގެ ޚާރިޖީ ވަޒީރު ވަނީ ދެޤައުމުގެ ދެމެދުގައިވާ އެކުވެރި ގުޅުން ފާހަގަކުރައްވައި ކުރިޔަށް އޮތް ދުވަސްތަކުގައި އެކި ދާއިރާތަކުން މިގުޅުން ބަދަހިވާނެކަމަށް އުންމީދު ކުރައްވާކަމުގައި ވިދާޅުވެފައެވެ.

މީގެ އިތުރުންވެސް ރައީސުލްޖުމްހޫރިއްޔާއާއި، ސަޢޫދީ ޢަރަބިއްޔާގެ ޚާރިޖީ ވަޒީރު ވަނީ ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރެވޭނެ ދާއިރާތަކާއި ބެހޭގޮތުން މަޝްވަރާކުރައްވާފައެވެ.