ދިވެހިރާއްޖެއާއި މެލޭޝިއާއާ ދެމެދު މުހިންމު ދާއިރާތަކުން އެއްބާރުލުން ދިނުމުގެ ދެ ފަހުމުނާމާއެއްގައި ސޮއިކުރެއްވުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި މެލޭޝިއާގެ ބޮޑުވަޒީރު އޮނަރަބަލް އަންވަރު އިބްރާހީމް ބައިވެރިވެވަޑައިގަންނަވައިފިއެވެ.
މެލޭޝިއާގެ ބޮޑުވަޒީރު ދިވެހިރާއްޖެއަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރޭގައި ހިމެނިގެން ކުރިއަށް ގެންދެވި މި ރަސްމިއްޔާތުގައި އެންމެ ފުރަތަމަ ސޮއިކުރައްވާފައިވަނީ ދިފާޢީ ދާއިރާއިން އެއްބާރުލުން ދިނުމުގެ އެއްބަސްވުމެއްގައެވެ. މި އެއްބަސްވުމުގެ ދަށުން، ދިފާޢީ ދާއިރާގެ އެކި އެކި ކަންކަމުގައި މުޢާމަލާތްކުރުމަށާއި ދެ ޤައުމުގެ ގުޅުން އިތުރަށް ހަރުދަނާކުރުމަށްޓަކައި އޮނިގަނޑެއް އެކުލަވާލެވޭނެއެވެ.
މިއަދު ސޮއިކުރެއްވި ދެވަނަ އެއްބަސްވުމަކީ އިސްލާމްދީނުގެ ކަންކަމުގައި ދެޤައުމުން އެއްބާރުލުން އިތުރުކުރުމަށް ސޮއިކުރެވުނު އެއްބަސްވުމެކެވެ. މި އެއްބަސްވުމުގެ ސަބަބުން ދެ ޤައުމުގެ ދެމެދުގައި އިސްލާމް ދީނުގެ ކަންކަމުގައި އެކުގައި މަސައްކަތް ކުރުމަށް ފަސޭހަވެގެންދާނެއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ދަޢުވަތަކަށް މެލޭޝިއާގެ ބޮޑުވަޒީރު ކުރައްވާ މި ދަތުރުފުޅުގެ ސަބަބުން ދެޤައުމުގެ މެދުގައި އޮތް ޒަމާންވީ ގާތްގުޅުން އިތުރަށް ހަރުދަނާވެ، މުހިންމު ދާއިރާތަކުން ގުޅުން ބަދަހިކުރުމަށް އިތުރު ފުރުސަތުތައް ފަހިވެގެންދާނެއެވެ.