މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކުގެ ގެއްލުން ކުޑަކޮށް، އެކަމުން ރައްކާތެރިވުމަށް ހަރުދަނާ ނިޒާމެއް ޤާއިމްކުރުމަކީ ސަރުކާރުގެ ޚާއްޞަ އަމާޒެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ އެމެރިކާގެ ނިއުޔޯކްގައި މިއަދު ކުރިއަށްދިޔަ "ބްލޫ ލީޑަރސް ކޯލް ޓު އެކްޝަން އޮން އޯޝަން އެންޑް ކްލައިމެޓް ސަމިޓް" ގައި ބައިވެރިވެވަޑައިގެން ދެއްކެވި ވާހަކަފުޅުގައެވެ.

މި ބައްދަލުވުމުގައި، "އޯޝަން އެންޑް ކްރަޔޯސްފިއަރ އިން އަ ޗޭންޖިންގ ކްލައިމެޓް" (އެސް.އާރް.އޯ.ސީ.ސީ.) ގެ ޚާއްޞަ ރިޕޯޓުގެ ހޯދުންތަކުގެ މަޢުލޫމާތު، ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ޤައުމުތަކުގެ އިސްވެރިންނާއި ޙިއްޞާކޮށްފައިވެއެވެ. މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކުގެ ގެއްލުން ކުޑަކޮށް، އެކަމުން ރައްކާތެރިވުމާއި އެކަމުގެ އަސަރުތަކުން އަރައިގަނެވޭނެ ހަރުދަނާ ނިޒާމެއް ޤާއިމްކުރުމަށް ރާއްޖެއިން ކުރަމުންދާ މަސައްކަތްތަކުގެ މަޢުލޫމާތު ބައްދަލުވުމުގެ ބައިވެރިންނާއި ޙިއްޞާކުރައްވަމުން ރައީސުލްޖުމްހޫރިއްޔާވަނީ ޕެރިސް އެއްބަސްވުމާއި އެއްގޮތަށް ޖައްވަށް ވިހަ ގޭސްތައް ދޫކުރާ މިންވަރު މަދުކުރުމަށް ރާއްޖެއިން ހަރުދަނާ ފިޔަވަޅުތަކެއް އަޅަމުންދާކަމަށް ވިދާޅުވެފައެވެ.
އަދި އިޔާދަކުރަނިވި އީޖާދުތައް ބޭނުންކުރުމަށް ބާރުއެޅުމާއި، ދަތުރުފަތުރުގެ ނިޒާމުގެ ތެރެއިން ތިމާވެއްޓަށް ކުރާ އަސަރު ކުޑަކުރުމަށް ބާރުއަޅާ މިންގަނޑުތަކެއް ތަންފީޒު ކުރުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ. މި މައުޟޫޢުގައި އިތުރަށް ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ، ރާއްޖޭގެ އިތުރު ދެ އަތޮޅެއް ޔުނެސްކޯ ބަޔޯސްފިޔަރ ރިޒަރވްގެ ގޮތުގައި ރައްކާތެރިކޮށްފައިވާ ތަންތަނުގެ ގޮތުގައި ކަނޑައެޅުމަށް ސަރުކާރުން ނިންމާފައިވާކަމުގެ މަޢުލޫމާތު ބައްދަލުވުމުގެ ބައިވެރިންނާއި ޙިއްޞާ ކުރައްވާފައެވެ.

ކަނޑުތަކުގެ ނާޒުކުކަމުގެ މައްޗަށް އަލިއަޅުއްވާލައްވައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި ޕްލާސްޓިކްގެ ސަބަބުން ތިމާވެއްޓަށް ކުރިމަތިވެފައިވާ ނުރައްކަލާއި، ކަނޑަށް އުކާލެވޭ ޕްލާސްޓިކް ކުނީގެ ސަބަބުން ކަނޑުތަކުގެ ދިރުންތައް މަރުވެ، ފަރުތައް ހަލާކުވެ، ރާއްޖޭގެ ޤުދުރަތީ ރީތިކަން ގެއްލެމުންދާކަމުގައި ވިދާޅުވިއެވެ. އަދި، މި މައްސަލަތައް ޙައްލު ކުރުމުގައި ބައިނަލްއަޤްވާމީ މުޖުތަމަޢުގެ ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަމަށް އެދިވަޑައިގެން ރައީސުލްޖުމްހޫރިއްޔާ ވަނީ، އެއް ފަހަރު ބޭނުންކޮށްފައި އުކާލެވޭ ޕްލާސްޓިކް ބޭނުންކުރުން ހުއްޓާލުމަށް ގޮވާލައްވާފައެވެ.

ކަނޑާއި ކަނޑުގެ ދިރުންތަކަކީ ރާއްޖެ ފަދަ ޤައުމުތަކުގެ ދެމިއޮތުމާއި ރައްޔިތުންގެ ދިރިއުޅުމާއި ގުޅިފައިވާ އެއްޗެހިކަން ފާހަގަކުރައްވައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ރާއްޖެ ފަދަ ޤައުމުތަކަކީ މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކާއި، ކަނޑުގެ ލޮނުގަނޑު އުފުލުމުގެ ނުރައްކާ އެންމެ ބޮޑަށް ކުރިމަތިވެފައިވާ އެއް ޤައުމު ކަމުގައެވެ. މިގޮތުން މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކުގެ އަސަރު ކުޑަކުރުމަށް މަސައްކަތް ކޮށްދިނުމަށް އެދިވަޑައިގެން ބައިނަލްއަޤްވާމީ މުޖުތަމަޢަށް ގޮވާލައްވާ ރައީސުލްޖުމްހޫރިއްޔާވަނީ ދެމެހެއްޓެނިވި އަދި ކަނޑުތަކުގެ ދެމިއޮތުމަށް ބާރުއަޅާ އިޤްތިޞާދުތަކެއް ބިނާކުރުމަކީ އަޅުގަނޑުމެންގެ ކޮނޑުގައި އެޅިފައިވާ ޒިންމާއެއްކަން ފާހަގަކުރައްވާފައެވެ. ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ދުނިޔޭގެ ކަނޑުތަކުގެ 30 އިންސައްތަ ހިމާޔަތްކުރެވޭނެ ގޮތަކަށް ކަންކަން ބައްޓަން ކުރުމަށް ބައިނަލްއަޤްވާމީ ލީޑަރުން އެއްބަސްވެވަޑައިގެންނެވުމަށާ އަދި ކަނޑުތަކުގެ ބާކީ 70 އިންސައްތަ އާއިމެދު 2020ގައި ކުންމިންގްގައި ބާއްވާ އ.ދ. ގެ ބަޔޯޑައިވާރސިޓީ ކޮންފަރެންސްގައި ޤައުމުތަކުން އެއްބަސްވުމެއް އެކުލަވާލުމުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ.