އ.ދ. އުފެދިފައި ވަނީ ފަނާކުރަނިވި ދެ ހަނގުރާމައެއްގެ ސަބަބުން އަނދާއަޅިއަށް ވެގެންދިޔަ އެތައް މިލިއަން އިންސާނުންގެ ނެތިދިއުމުގެ ތެރެއިން ކަމަށާއި، އ.ދ. ގެ އަސްލު ބިނާވެފައި ވަނީ އިންސާނީ މިނިވަންކަމުގެ މަތިވެރިކަމާއި އަމިއްލަ ޤައުމިއްޔަތެއް ބިނާކުރުމުގެ ފުރުސަތު ކަށަވަރުކޮށްދޭ އަސާސް ތަކެއްގެ މައްޗަށް ކަމަށްވާތީ ބައިނަލްއަޤްވާމީ މައިދާނުގައި ކުދި ޤައުމުތަކަށްވެސް ބަސްބުނުގެ އިޚްތިޔާރު ލިބިދޭކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ނިއުޔޯކުގައި ކުރިޔަށްދާ އ.ދ. ގެ ޢާންމު މަޖިލީހުގައި ތަޤްރީރު ކުރައްވަމުންނެވެ.
އ.ދ. ގެ 74 ވަނަ ޢާންމު މަޖިލީހުގައި ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިފަހަރު މި ތަޤުރީރު ކުރައްވަނީ އެ މަޖުލީހުގައި ރާއްޖޭގެ ރައީސަކު ތަޤުރީރު ނުކުރައްވާތާ ހަތް އަހަރަށް ފަހުގައެވެ. ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިފަހަރު ތަޤުރީރުކުރެއްވީ ޢާންމު މަޖިލީހުގައި ޤައުމުތަކުގެ ލީޑަރުން ތަޤުރީރުކުރައްވާ ތަރުތީބުގެ 6 ވަނައަށެވެ. މިއީ ދުނިޔޭގެ ބޮޑެތި ޤައުމުތަކާ އެއްހަމައެއްގައި އ.ދ.ގެ އާންމު މަޖިލީހުގެ ޖަލްސާއެއްގެ އެންމެ ކުރީކޮޅުގައި ބަސްބުނުމަށް ރާއްޖެއަށް ލިބުނު ވަރަށް މުހިންމު ފުރުޞަތެކެވެ.
ރައީސުލްޖުމްހޫރިއްޔާ ކުރެއްވި ތަޤުރީރުގައި ރާއްޖެ ދުނިޔެއާ އެކަހެރިވެގެން އޮތް އޮތުން ނިމުމަކަށް ގެންނަވައި ރާއްޖޭގައި އަލުން ޑިމޮކްރަސީ އިޔާދަވުމުގެ މަގަށް ދަތުރުފެށިފައިވާތީ އެކަމާ އުފާފުޅު ކުރައްވާކަމުގައި ވިދާޅުވިއެވެ. އަދި ރާއްޖެއިން މިހާރު މަސައްކަތްކުރަމުން އަންނަނީ ޚުދުމުޚްތާރު ވިސްނުންތަކާ ދެކޮޅަށްކަން ރައީސްގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި މައުނަވީ ޑިމޮކްރަސީއެއްގައި އޮންނަ ކަމަކީ ހަމައެކަނި އިންތިޚާބުތައް ބޭއްވުން ނޫންކަމަށާއި އޭގެ އިތުރުން ރައްޔިތުންނާ ގުޅޭ މުހިންމު ނިންމުންތައް ނިންމުމުގައި ރައްޔިތުންގެ ބައިވެރިވުން އިތުރުކުރަން ޖެހޭ ކަމަށްވެސް ވިދާޅުވިއެވެ. އަދި ރާއްޖޭގައި އެންމެފަހުން ބޭއްވި ރިޔާސީ އިންތިޚާބުގައި ސަރުކާރަށް ލިބުނު ކާމިޔާބީއާއެކު އެމަނިކުފާނުގެ ކޮނޑުފުޅުގައި އެޅިފައިވާ މި ޒިންމާއަކީ ކުޑަ ޒިންމާއެއްގެ ގޮތުގައި ނުނަންގަވާނެކަމަށާއި ޑިމޮކްރަސީ ހަރުދަނާކުރުމަށް އަދިވެސް ގިނަ މަސައްކަތްތަކެއް ކުރަން ހުރިކަން ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި އެމަނިކުފާނުގެ ސަރުކާރުން ރާއްޖޭގެ ރައްޔިތުންގެ ލާބައާ މަންފާއަށްޓަކައި ކުރަމުން ގެންދާ ބައެއް މަސައްކަތްތަކުގެ ތަފްޞީލުތައް ޙިއްޞާކުރެއްވިއެވެ. އެގޮތުން މުއައްސަސާތައް ވަރުގަދަކުރުމާއި، ލާމަރުކަޒުކުރުމާއި، ވެށި ހިމާޔަތްކުރުމާއި ޢަދުލު އިންސާފު ކަށަވަރުކުރުމަށް ޤާނޫނީ އޮނިގަނޑުތައް ވަރުގަދަކުރުމަށް ކުރެވޭ މަސައްކަތްތަކުގެ ތަފްޞީލުތައް ރައީސުލްޖުމްހޫރިއްޔާ ޙިއްޞާކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ފަލަސްތީނާއި އިޒްރޭލުގެ މައްސަލަ ޙައްލުކުރުމަށް އ.ދ. ގެ މެންބަރު ޤައުމުތައް ނުކުޅެދިފައިވާކަން ހިތާމައާއެކު ފާހަގަ ކުރައްވައި، ފަލަސްތީނުގެ ރައްޔިތުންނާއެކު ރާއްޖެއިން އަބަދުވެސް ދެމިތިބޭނެކަމުގައި ވިދާޅުވިއެވެ. މީގެ އިތުރުން އެމަނިކުފާނު ވަނީ އިޒްރޭލުން ފަލަސްތީނުގެ ރައްޔިތުންގެ ވަޒަނަށް ޤަވާއިދާ ޚިލާފަށް އަރައިގަނެ ފަލަސްތީނު ރައްޔިތުންގެ ޙައްޤުތަކަށް އިޒްރޭލުން އަރައިގެންފައިވާތީ އެކަން ހަރުކަށި އިބާރާތުން ކުށްވެރިކުރައްވާފައެވެ.
ރާއްޖެއިން އެންމެ އިސްކަންދޭ ކަންކަމުގެ މައްޗަށް އަލިއަޅުއްވާލައްވަމުން، 21 ވަނަ ޤަރުނުގައި ދުނިޔެއަށް ކުރިމަތިވެފައިވާ ބޮޑެތި މައްސަލަތައް ޙައްލުކުރުމުގައި އެހެން ޤައުމުތަކާ ގުޅިގެން މަސައްކަތް ކުރައްވާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މިހާރު ޢާންމުވަމުންދާ ހައްދުފަހަނައެޅުމާއި ނިރުބަވެރި ޢަމަލުތައް ހުއްޓުވުމުގައާއި ދީނުގެ ނަމުގައި ކުރެވޭ މިފަދަ ޢަމަލުތަކާއި ޒުވާނުންގެ ސިކުނޑިތައް މިފަދަ ކަންކަމަށް ލެންބުމަށް ކުރެވޭ މަސައްކަތްތައް ހުއްޓުވުމަށް މަސައްކަތް ކޮށްދިނުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ބައިނަލްއަޤްވާމީ މުޖްތަމަޢުގެ ކިބައިން އެދިވަޑައިގެންފައެވެ. މިގޮތުން އިންޓެލިޖެންސް މަޢުލޫމާތު ޙިއްޞާކުރުމާއި، ކައުންޓަރ ޓެރަރިޒަމްގެ ދާއިރާއިން ތަމްރީނު ދިނުމާއި ތަޖުރިބާ ޙިއްޞާކުރުމާއި، ނިރުބަވެރި ވިއުގަތަކަށް ޚަރަދުކުރުން ހުއްޓުވުމަށް މާލީ ނިޒާމު އިޞްލާޙުކޮށް ހަރުދަނާކުރުން ފަދަ ކަންކަމަކީ މިކަމަށް އެޅިދާނެ ފިޔަޅުތަކެއްކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރިމަތިވާ ނުރައްކާތަކުން ސަލާމަތްވުމަށް ބައިނަލްއަޤްވާމީ ފެންވަރުގައި އެކަށީގެންވާ ފިޔަވަޅުތަކެއް މިހާތަނަށް ވެސް ނޭޅިވުމުން އެކަމުގެ ކަންބޮޑުވުން ފާޅުކުރެއްވިއެވެ. އަދި، މޫސުމަށް އަންނަ ބަދަލުތަކުގެ ނުރައްކާ ކުޑަކުރުމަށް ފާއިތުވި 30 އަހަރު ރާއްޖެއިން ވަކާލާތުކޮށްފައި ވަނީ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ރާއްޖެ ފަދަ ކުދި ޤައުމުތައް ނެތިދިއުމުގެ ބިރު އޮތް މިންވަރު ބޮޑުކަމުން ކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މިމޭރުމުން ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވަނީ، އ.ދ. ގެ ކްލައިމެޓް އެކްޝަން ސަމިޓްގައި ހުށައަޅުއްވާފައިވާ ރާއްޖޭގެ "މޯލްޑިވްސް ސްމާޓް ރެސިލިއެންޓް އައިލެންޑްސް އިނިޝިއޭޓިވް" މޮޑެލަކީ މޫސުމީ ބަދަލުތަކުން ދުނިޔެއަށް ކުރިމަތިވެފައިވާ ނުރައްކާތެރި ކާރިސާއިން އަރައިގަތުމަށް ރާއްޖެއިން އިސްނަގައިގެން ކުރާ ވަރަށް މުހިންމު އަދި އެހާމެ ބޭނުންތެރި މަސައްކަތެއްކަން ހާމަކުރައްވާފައެވެ.
އަދި، ދިވެހިރާއްޖޭގެ މި މޮޑެލަކީ މޫސުމަށް އަންނަ ބަދަލުތަކާއި ކުރިމަތިލުމަށް ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކަށް ޙާސިލުކުރެވޭނެ ފަދަ ވަށާޖެހޭ ފިޔަވަޅުތަކެއްގެ މައްޗަށް ބިނާވެފައިވާ މޮޑެލެއްކަމަށާއި، މި މޮޑެލަކީ ޤުދުރަތީ ޙައްލުތަކަށް ބާރުއަޅައި، ޒަމާނީ ޓެކްނޮލޮޖީ ބޭނުންކޮށްގެން އީޖާދީ ކަންތައްތަކެއްގެ މައްޗަށް ބިނާވެފައިވާ މޮޑެލެއްކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. މިގޮތުން، އެއްފަހަރު ބޭނުންކޮށްފައި އުކާލެވޭ ޕްލާސްޓިކް ބޭނުންކުރުން 2023 ގެ ކުރިން މުޅިން ހުއްޓާލުމުގެ މަސައްކަތް ދިވެހިރާއްޖެއިން މިހާރު ފަށާފައިވާކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ސަރަޙައްދީ ގުޅުންތައް ބަދަހިވެ ވިޔަފާރިތައް ކުރިއަރައި ދިއުމަށް މަގުފަހިވާގޮތަށް ޤަވާޢިދުތަކުގެ އޮނިގަނޑު ހަރުދަނާ ކުރުމަށް މަސައްކަތް ކުރުމަށް އ.ދ.ގެ މެންބަރު ޤައުމުތަކަށް ގޮވާލެއްވިއެވެ.
މި ތަޤްރީރު ނިންމަވާލައްވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ، ބައިނަލްއަޤްވާމީ މައްސަލަތަކަށް ޙައްލު ހޯދޭނީ އެންމެން ގުޅިގެން މަސައްކަތް ކޮށްގެންކަން ޤަބޫލުފުޅުކުރައްވާކަމުގައި ވިދާޅުވެފައެވެ. މިގޮތުން އ.ދ. އަކީ ހުރިހާ ޤައުމުތަކަށްވެސް ބޭނުންތެރި ޖަމާޢަތެއްކަމަށާއި، އ.ދ. ގެ މަސައްކަތް އެންމެ ބޮޑަށް ބޭނުންވަނީވެސް މިއަދު ދިމާވަމުންދާ އާދަޔާޚިލާފު މައްސަލަތައް އެންމެން ގުޅިގެން މަޝްވަރާކޮށްގެން ޙައްލު ކުރުމަށް ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.