ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމު، ނެޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީއަށް ޒިޔާރަތްކުރައްވައި އެތަނުގެ އިސްވެރިންނާ މަޝްވަރާ ކުރައްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ނައިބު އެ އޮތޯރިޓީއަށް މިއަދު މެންދުރުފަހު ކުރެއްވި ޒިޔާރަތުގައި ހުކުރުދުވަހުގެ ރޭ މާލޭގައި ހިނގި އަލިފާނުގެ ހާދިސާއާ އަދި އެރޭ ހިނގި ފެންބޮޑުވުމުގެ ހާދިސާއާ ގުޅިގެން އެހީތެރިކަން ފޯރުކޮށްދިނުމުގެ ކަންކަން ކުރިޔަށްދާ ގޮތުގެ މަޢުލޫމާތު އޮޅުންފިލުއްވިއެވެ. އެގޮތުން އަލިފާނުގެ ހާދިސާއާ ގުޅިގެން އެހީތެރިކަން ބޭނުންވެގެން 500 އަށްވުރެ ގިނަ މީހުން ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީގައި ރެޖިސްޓަރ ކޮށްފައިވާކަމަށް އެ އޮތޯރިޓީގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާގެ ނައިބާ މަޢުލޫމާތު ޙިއްޞާކުރެއްވިއެވެ. އެގޮތުން އަލިފާނުގެ ހާދިސާ ހިނގި ސަރަހައްދުން މީހުން ހުސްކުރެވުނު ގެތަކުގެ ހާލަތު ބެލުމުގެ މަސައްކަތް ކުރަމުންދާކަމަށާއި އެމަސައްކަތް ފުރިހަމަ ކުރެވުމުން އޭގެ ތެރެއިން ރައްކާތެރި ތަންތަން ކަމަށް ކަނޑައެޅޭ އިމާރާތްތަކަށް އަލުން މީހުން ވަނުމުގެ ހުއްދަ ދެވޭނެކަމަށް ޑިޒާސްޓަރ މެނޭޖްމަންޓުން ރައީސުލްޖުމްހޫރިއްޔާގެ ނައިބަށް މަޢުލޫމާތު ދެއްވިއެވެ.
މީގެ އިތުރުން ހަމަ އެރޭ ފެންބޮޑުވި ހާދިސާއާ ގުޅިގެން ގެއްލުން ލިބުނު ގެތަކުގެ އެސެސްމެންޓްތައް މިއަދު ކުރިޔަށްދާކަމަށާއި އަލިފާނުގެ ހާދިސާއާ ގުޅިގެން އެހީއަށް ބޭނުންވެފައިވާ ފަރާތްތަކަށް ބޭނުންވާ ތަކެތި ފޯރުކޮށްދިނުމުގެ މަސައްކަތް ކުރިއަށްދާ ގޮތުގެ އެންމެ ފަހުގެ މަޢުލޫމާތު ވެސް އެ އޮތޯރިޓީން ރައީސުލްޖުމްހޫރިއްޔާގެ ނައިބާ ޙިއްޞާކުރެއްވިއެވެ. މި ބައްދަލުވުމުގައި ފުލުހުންގެ ފަރާތުން ވަނީ މި ހާދިސާއާ ގުޅިގެން ކަންކަން ކުރިޔަށް ގެންދެވިގޮތާ އަދި މީހުން ހުސްކޮށްފައިވާ ގެތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމާއި ހާދިސާ ހިނގި ސަރަހައްދަކީ ރައްކާތެރިތަނަކަށް ބަދަލުކުރުމަށް އެސަރަހައްދުން ކުނިބުނި ނަގާ ސާފުކުރުމުގެ މަސައްކަތް ކަމާބެހޭ ހުރިހާ ފަރާތްތައް ގުޅިގެން ކުރިޔަށްގެންދެވޭ ގޮތުގެ ތަފްޞީލުތައް ރައީސުލްޖުމްހޫރިއްޔާގެ ނައިބާ ޙިއްޞާކުރައްވާފައެވެ.
މިބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ދެއްކެވި ވާހަކަފުޅުގައި ހުކުރު ދުވަހުގެ ރޭ ހިނގި އަލިފާނުގެ ހަދިސާއާ ގުޅިގެން އެހީތެރިކަމަށް ބޭނުންވި ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި ކަމާބެހޭ ފަރާތްތަކާ ޢާންމުން އަދާކުރި ދައުރު ފާހަގަކުރައްވައި އެ ފަރާތްތަކަށް ޝުކުރު އަދާކުރެއްވިއެވެ. ނެޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީއަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ކުރެއްވި މި ޒިޔާރަތުގައި އެހީގެ ތަކެތި ފޯރުކޮށްދިނުމުގެ މަސައްކަތް ކުރިޔަށްދާގޮތް ވެސް ބައްލަވާލެއްވިއެވެ.