'ކުރޮސް ރޯޑް މޯލްޑިވްސް' ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް މިއަދު ހުޅުވައިދެއްވައިފިއެވެ. މިރަސްމިއްޔާތު ބާއްވަވާފައި ވަނީ މިއަދު މެންދުރުފަހު ކްރޮސްރޯޑް މޯލްޑިވްސްގައެވެ.

ކުރޮސް ރޯޑް މޯލްޑިވްސް އަކީ ގިނަ ރަށްތަކެއްގެ މައްޗަށް އެކުލެވޭގޮތަށް އެނބޫދޫ ފަޅުގައި ތަރައްޤީކޮށްފައިވާ މަތީ ފެންވަރުގެ ޚިދުމަތްތައް ފޯރުކޮށްދޭ ތަނެކެވެ.

މި ރިޒޯޓް ހުޅުއްވައިދެއްވައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވީ ފަތުރުވެރިކަމުގެ ދާއިރާގެ އެއްވެސް ބިޔަ މަޝްރޫޢަކީ ނުވަތަ ތަސައްވުރަކީ ރާއްޖޭގައި ހާޞިލުނުކުރެވޭ ވަރުގެ ކަންކަން ނޫކަމަށެވެ. ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅުގައި މިސަރުކާރުން ދުނިޔޭގެ އެކި ޤައުމުތަކުގެ އިންވެސްޓަރުންނަށް ރާއްޖޭގައި އިންވެސްޓުކުރުމަށް ފުރުޞަތު ފަހިކޮށްދީފައިވާ ކަމަށާއި އޭގެ ސަބަބުން ރާއްޖޭގެ ރައްޔިތުންގެ މުސްތަޤްބަލު އުޖާލާކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ އިތުރުބާރަކަށް ވެގެންދާނެކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅުގައި ކުރޮސްޜޯޑަކީ ހަމައެކަނި ފަތުރުވެރި ރިޒޯޓެއްގެ ޚިދުމަތްތަކަށްވުރެ ފުޅާދާއިރާއެއްގައި ޚިދުމަތްދޭ ތަނެއްކަން ފާހަގަކުރެއްވިއެވެ. އެގޮތުން ރާއްޖޭގެ ތާރީޚާއި ޘަޤާފަތް ދައްކުވައިދޭ އެތައް ކަމެއް އޭގެތެރޭގައި ހިމެނޭކަން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފާހަގަކުރެއްވިއެވެ. މީގެ އިތުރުން ކުރޮސްރޯޑްގައި ހުންނަ ޑިސްކަވަރީ ސެންޓަރަކީ ރާއްޖޭގެ ތިމާވެއްޓާބެހޭ ގިނަ މަޢުލޫމާތުތަކެއް ލިބިދޭނެ ތަނެއްކަމަށާއި ކުރޮސް ރޯޑުގެ ސަބަބުން އެތައް ޒުވާނުންނަކަށް ވަޒީފާގެ ފުރުޞަތު ތަނަވަސް ވެގެންދާނެކަން ވެސް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފާހަގަކުރެއްވިއެވެ.

ކުރޮސްރޯޑް ހުޅުއްވައިދެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ އެތަނުގައި ޤާއިމުކޮށްފައިވާ އެކިއެކި ޚިދުމަތްތައް ބައްލަވާލައްވާފައެވެ.