މިނިސްޓްރީ އޮފް ހިއުމަން ރިސޯސަސް، ޔޫތު އެންޑް ސްޕޯޓްސްގެ ފަރާތުން ފާދިއްޕޮޅު ނައިފަރުގައި ޤާއިމު ކުރެއްވި ޖޮބް ސެންޓަރ، ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު މިއަދު ހެނދުނު ހުޅުއްވައިދެއްވައިފިއެވެ. މި ސެންޓަރު ހުޅުއްވައިދެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ދެއްކެވި ވާހަކަފުޅުގައި، މިސެންޓަރު ހުޅުވިގެން ދިޔުމާއެކު، ސަރުކާރުގެ އާ ސިޔާސަތެއް މިއަދު ތަންފީޒު ކުރަން މިފެށުނީ ކަމުގައި ވިދާޅުވިއެވެ. އަދި ވަޒީފާގެ ފުރްޞަތުތައް ރައްޔިތުންނަށް ލިބިދިނުމުގައި މިފަދަ ސެންޓަރުތަކުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން، މިނިސްޓަރ އޮފް ހިއުމަން ރިސޯސަސް، ޔޫތު އެންޑް ސްޕޯޓްސް އަލްއުސްތާޛު ޙަސަން ލަޠީފް ވިދާޅުވީ، މިފަދަ ސެންޓަރުތަކެއް ޤާއިމު ކުރުމުގެ އެންމެބޮޑު އެއްބޭނުމަކީ، ރައްޔިތުންނަށް ވަޒީފާގެ ފުރްޞަތުތައް ހުރި މިންވަރު ވީހާވެސް ކައިރިން އެނގޭނެ ގޮތް ހައްދަވައި ދެއްވުން ކަމުގައެވެ.

މިރަސްމިއްޔާތުގައި ބައެއް ވަޒީރުންނާއި ސަރުކާރުގެ އިސް ބައެއް ބޭފުޅުންނާއި، ފާދިއްޕޮޅު ނައިފަރުގެ ވެރިންނާއި ރައްޔިތުން ބައިވެރިވެވަޑައިގެންނެވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ނައިފަރަށް މިކުރެއްވި ދަތުރުފުޅުގައި، އެރަށުގައި ހުރި ސަރުކާރުގެ މުހިންމު ބައެއް ތަންތަނަށް މިއަދު ހެނދުނު ޒިޔާރަތް ކުރައްވައި، އެތަންތާނގެ މުވައްޒަފުންނާ ބައްދަލުކޮށްލައްވައި ސަލާން ކުރެއްވިއެވެ.